ގދ.އަތޮޅު މަދަރުސާގެ ގާރލް ގައިޑާއި އަލަށް ގުޅުނު ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތާއި ގައިޑުންގެ 2008 ވަނަ އަހަރުގެ އަހަރީ ކޭމްޕް ބާއްވައިފި
މިރަސްމިއްޔާތު ބޭއްވުނީ ގދ.އަތޮޅުމަދަރުސާގެ ހޯލުގައި
މިދިޔަ ހުކުރު ދުވަހު ހަވީރު 16:30 ގައި ގދ. އަތޮޅު މަދަރުސާގެ ހޯލްގައި މިމަދަރުސާގެ ގާރލް ގައިޑާއި އަލަށް ގުޅުނު ދަރިވަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަވައިފިއެވެ.
މިރަސްމިއްޔާތު ޤުރުއާންގެ ބަރަކާތުން ފައްޓަވައިދެއްވީ ގާރލްގައިޑް ލީޑަރ ޠަލްޙަތު ޖައުފަރުއެވެ. އެޖެންޑާ ހުށަހަޅައި ދެއްވީ ގައިޑް ލީޑަރ ޝިފާޒާ އަލީ އެވެ. ގައިޑް ދަރިވަރުންނަށް ހުވާލައިދެއްވީ ގައިޑް ލީޑަރ އާއިޝަތު ޛިދުނާއެވެ. މިރަސްމިއްޔާތުގެ ޝަރފްވެރި މެޙްމާނަކީ ގދ. ގައްދޫ ޞިއްޙީ މަރުކަޒުގެ މެޑިކަލް އޮފިސަރ ޑރ ދިލާނީ ޖަޔަރ ކުމަރަން އެވެ. ޝަރަފްވެރި މެޙްމާނުގެ ވާހަކަފުޅުގައި އަލަށް ހުވާ ކުރި ދަރިވަރުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ހުރިހާ ގައިޑް ދަރިވަރުންނަށް ނަސޭހަތުގެ ބަސްކޮޅެއް އިއްވައި ދެއްވިއެވެ.
އަދި މީގެ އިތުރުން ގައިޑް ދަރިވަރުންގެ 2008 ވަނަ އަހަރުގެ އަހަރީ ކޭމްޕް ނިމިއްޖެއެވެ. މިމަހުގެ ހަތެއް އިން ނުވައަކަށް ކުރިއަށް ދިޔަ މި ކޭމްޕް ބާއަވާފައިވަނީ ގދ. އަތޮޅުމަދަރުސާގައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މިކޭމްޕްގެ މަޤްސަދަކީ ޤައިޑުންގެ ފެންވަރު އިތުރަށް ޙަރުދަނާ ކުރުމާއި ދިމާވި ކޮންމެ ކަމެއްގައި އަމިއްލައަށް އުޅޭވޭނެފަދަ ކަންތައް ތަކެއް ދަސްކޮށްދިނުމާއި އަދި އެކަންތައްތަކަށް ސާބިތުކަމާއިއެކު ކުރިމަތިލެވޭނެ ފަދަ ޤާބިލްކަމެއް އެކުދިންގެ ގައިގައި ހަރުލެއްވުމެވެ. އަދި ހަމައެހެންމެ ގައިޑް ކުދިންނަކީ އަބަދުވެސް ގަޑިއަށް ފަރުވާތެރިވާ އިސްލާމް ދީނުގެ އުސޫލްތަކަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭތީ މިފަދަ ކަންތައްތައް ދަރިވަރުން ގައގައި ހަރުލެއްވުމަކީވެސް މިކޭމްޕްގެ އެންމެ މުހިންމު އެއް މަޤްސަދެވެ.
މިކޭމްޕްގައި ކުރިއަށް ގެންދެވުނު ތަފާތު ކަންތައް ތަކުގެ ތެރޭގައި ގަޑިން ގަޑިއަށް ނަމާދުކުރުމާއި، ވަކި ގަޑިތަކެއްގައި ކެއުމުގެ ކަންތައްތައް ހަމަޖައްސައި ތަފާތު ގިނަ ލެސަންތަކެއް ނަގައިދެވުނެވެ. މިގޮތުން ނަގައިދެވުނު ލެސަންތަކުގެ ތެރޭގައި ގދ. ގައްދޫ ޞިއްޙީ މަރުކަޒާއި ގުޅިގެން އާންމު ސާފުތާހިރުކަމާއި ރަނގަޅުކާނާއާއި ޞިއްޙަތާއި ގުޅެ ގޮތުން ސެޝަނެއް ކުރިއަށް ގެންދެވުނެވެ. މިސެޝަނުގައި ޞިއްޙީ މަރުކަޒުގެ ފަރާތުން މަޢުލޫމާތުދެއްވުމަށް ބައިވެރިވެލެއްވީ ޑރ ދިލާނީއާއި، ފެމެލީ ހެލްތު ވޯކަރ މުޙައްމަދު މުޙަތާރު އަދި ފެމެލީ ހެލްތު ވޯކަރ މޫފީނާ ޢަބްދުއް ސަމަދުއެވެ. އަދި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން އެއިޑްސް އާއި ޑްރަގްސް އާއި ބެހޭ ގޮތުން ސެޝަނެއް ނަގައިދެއްވިއެވެ. މި ސެޝަންގައި މަޢުލޫމާތު ދެއްވީ ކޮންސްޓެބަލް އަޙްމަދު އުޝަމް އާއި ކޮންސްޓެބަލް އިބްރާހިމް އާޠިފް އެވެ. މިކޭމްޕްގައި މުޅި ޖުމްލަ 37 ދަރިވަރުންނާއި، 5 ލީޑަރުންނާއި، 3 ޓީޗަރުން ބައިވެރިވެލެއްވިއެވެ.
ގދ. އަތޮޅު މަދަރުސާގެ ޔުނިފޯރމް ޙަރަކާތްތަކުގެ ތެރެއިން އެންމެ ހިންގުންތެރި އެއް ދާއިރާ ކަމުގައިވާ ގާރލްގައިޑުންވަނީ މީގެ ކުރިންވެސް ތަފާތު އެތައް ކޭމްޕްތަކެއް ބާއްވާފައެވެ.



ކޮމެންޓްސް ފުނުއްވާ