މަދަރުސާގެ ގައިޑް ހަރަކާތް އިފްތިތާހްކުރުމުގެ ޖަލްސާ ބާއްވައިފި.
އިފްތިތާހީ ޖަލްސާ ބާއްވިފައިވަނީ ރޭ ގދ. އަތޮޅު މަދަރުސާގެ ހޯލްގައި
ދެހާސް ނުވަވަނަ އަހަރަށް ގދ. އަތޮޅުމަދުރަސާގެ ގާލް ގައިޑު އިފްތިތާހު ކުރުމުގެ ޖަލްސާ މިރޭ (27/03/2009 ) ދުވަހުގެ ރޭ 8:30 ގައި ގދ. އަތޮޅުމަދަރުސާގެ ހޯލުގައި ބާއވައިފިއެވެ. މި ހަފްލާ ތައާރަފް ކުރައްވަމުން މަދަރުސާގެ ޓީޗަރ އަލްފާޟިލާ ޝިފާ އަލީ ގާލްގައިޑް އުފެދުނުގޮތާއި އެހަރަކާތް އެންމެފުރަތަމަ އުފެއްދެވި މިސްޓަރ ބޭޑިންގ ޕަވަލްގެ ދެމަފިރި ކަނބަލުންގެ ހަޔާތުގެ މައްޗަށް ބައްލަވައި ލައްވާ، މިހަރަކާތްތަކުގެ ކުރީގައި ދުނިޔޭގެ އަންހެނުން އުޅެމުން އައި ނިކަމެތިކަން ފާހަގަކުރެއްވިއެވެ.
"މީގެކުރީގައި ދުނިޔޭގެ އެކިއެކި ގައުމުތަކުގައި އެބައިމީހުންގެ އަންހެންދަރީން ކަތިލާ، އަދި ދިރިތިއްބާ ވަޅުލާފައި އެބަތިބި. ނަމަވެސް ބޭޑިންގ ޕަވަލްގެ މިހަރަކާތައްފަހު ދުނިޔޭގައި އޮތް އެންމެ ގިނަ އަންހެނުން އާދެ! އެއްމިލިޔަން އަންހެނުން މި އެސޯސިއޭޝަނުގައި ހަރަކާތްތެރިވުމުން ކުރިން މިދެންނެވި އަނިޔާވެރިކަމުން ދުނިޔޭގެ އަންހެނު ސަލާމަތްވެ އެބައިމީހުންގެ ފައިމައްޗަށް ތެދުވެވި ދުނިޔޭގެ އެކިއެކި މައިދާންތަކުގައި ފިރިހެނުންނަކޭ އެއްފަދައިން ފައިތިލަސާބިތު ކުރަމުންދާކަން އުފަލާއެކު ފާހަގަކުރަން." ޝިފާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި 2008 ވަނަ އަހަރު ގާލްގައިޑުގެ ހަރަކާތުގައި ބައިވެރިވެ އެކިއެކި ވަނަތައްހޯދި ކުދިންނަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ މި މަދަރަސާގެ އެކްޓިންގ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ފާތުމަތު ސައީދު އެވެ. އަދިގާލްގައިޑްގެ ޖަމާއަތެއްކަމަށްވާ ސިލްވާރ ކޮމްޕެނީގެ އެކިއެކި މަގާމް ތަކަށް ހޮވުނު ހަތަރު ކުއްޖަކަށް ނޭމްޓެގް ހަވާލުކޮށްދެއްވީ މިޖަލްސާގެ ޝަރަފްވެރި މެހުމާނާ އަލްފާޟިލާ ފާތުމަތު ބަޝާރާ އެވެ. އޭގެފަހުގައި ފާތުމަތު ބަޝާރާގެ ވާހަކަ ދެއްކެވުން އޮތެވެ. ބަޝާރާގެ ވާހަކައިގައި ގާލްގައިޑްގެ ހަރާކާތް ދަސްވެފައި ހުރިކުއްޖަކަށް އެއްވެސް އުދަގޫކަމެއްނެތި ކޮންމެތަނެއްގައި އުޅެންޖެހުނުކަމުގައިވިޔަސް އެއްވެސް އުދަގޫކަމެއްނެތި އުޅެވިދާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން މިސާލު ދައްކަވަމުން އޭނާގެ ތައުލީމީ ހަޔާތުގައި ހޭދަކުރަން ޖެހުނު ދަތި އުދަގޫ ތަކުގެ މައްޗަށް ބައްލަވާ ލެއްވިއެވެ. " އަޅުގަނޑަށްވެސް އެދަތިތަކާއި ހުރަސްތައް ކަނޑައްތު ކުރެވުނީ އަޅުގަނޑަކީވެސް ގައިޑަކަށް ވީތީ. އެކަމާމެދު އަޅުގަނޑު ފަޚުރުވެރިވަން. އަޅުގަނޑު ތިކުދިންނަށް މިގޮވާލަނީ ގާލްގައިޑު ހަރަކާތަކީ ތިކުދިންގެ ހަޔާތުގައި ދިމާވާ ދަތި އުދަގޫ ކަންތައްތަކުން ސަލާމަތްވާން އޮތް "އައްޑަނަ"އެކޭ ތިކުދިން މީގެ ހިފަހައްޓައިގެ ކުރިޔަށް ދާށޭ." ބަޝާރާ ކުދިންނާއި މުޚާތަބްކޮށް ވިދާޅުވިއެވެ.
ޝުކުރު ދެއްނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ މަދަރުސާގެ ޓީޗަރ އަލްފާޟިލާ ނާހިދާ އަބްދުލް ބާރީ އެވެ. މިޖަލްސާ ނިމުނީ ގައުމީސަލާމަށްފަހު ޖަލްސާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ބިލެތްމީރު ކޮށްލެއްވުމަކުންނެވެ.



ކޮމެންޓްސް ފުނުއްވާ