ގދ. އަތޮޅުމަދަރުސާގެ ސްކޫލްބޯޑް އެކުލަވާލައިފި.
މިބޯޑަކީ ގާނޫނީ ބާރުލިބިފައިވާ އަދި ކަންކަން ނިންމުމުގެ އިޚްތިޔާރު ލިބިފައިވާ ބައެއް.
ގދ. އަތޮޅުމަދަރުސާގެ ސްކޫލްބޯޑް އެކުލަވާލައިފިކަމަށް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ. މިބޯޑް އެކުލަވައިލުމުގެ މަގްސަދަކީ ކަމާއިބެހޭ ފަރާތްތައްގުޅިގެން ޒިންމާދާރުގޮތެއްގައި ސްކޫލުގެ ހިންގުމާއި، ތައުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމެވެ. މިބޯޑަކީ ގާނޫނީ ބާރުލިބިގެންވާ ޖަމާއަތެއް ކަމަށާއި ބޯޑު ހިންގުމުގެ އޮނިގަނޑު ކަނޑައަޅާނީ ދިވެހިރާއްޖޭގެ ތައުލީމާއިބެހޭ ގާނޫނު ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކަމަށް އެނގިފައިވެއެވެ. އަދި ބޯޑުގެ މުއްދަތަކީ 3 އަހަރު ކަމަށާއި ބޯޑުގައި ތިއްބަވަނީ ޖުމްލަ 12 މެމްބަރުންކަމަށްވެސް މައުލޫމާތުލިބިފައިވެއެވެ.
މިބޯޑުގެ މަސްއޫލިއްޔަތުގެތެރޭގައި ހިމެނެނީ އަންނަނިވި ކަންތައްތަކެވެ.
1) ސްކޫލުގެ މިސްރާބާއި ތަސައްވަރު އެކަށައެޅުން.
2) ސްކޫލުގައިދެވޭ ތައުލީމާއި ތަރުބިއްޔަތާއި އިތުރު ހަރަކާތްތަކާއި މަސައްކަތުގެ ޕްރޮގްރާމްތައް ހިންގުމުގެ ސިޔާސަތު އެކަށައަޅާ ހިންގުން.
3) ސްކޫލްގެ ސްޓްރެޓެޖިކް ޕްލޭން އެކަށައެޅުން.
4) ދަރިވަރުންގެ ދީނީ، ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް މަސައްކަތް ކުރުން.
5) ސްކޫލްގެ ތައުލީމާއި ތަރުބިއްޔަތުގެ ކަންތައް ރަނގަޅުމަގުން ހިންގައި އެކަންކަމުގެ ފެންވަރު މަތިކުރުން.
6) ސްކޫލަށް ކަނޑައެޅިފައިވާ ބަޖެޓްގެ އިތުރަށް ސްކޫލަށް އިތުރު މާލީ އެހީތައް ހޯދުމަށްޓަކައި ހަރަކާތްތައް ރާވާ ހިންގުން.
7) ސްކޫލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި ސްކޫލަށް ލަފަޔާއި މަޝްވަރާދިނުން އަދި ޚަރަދު ހިނގާނުހިނގާގޮތް ބެލުން.
8) ހިނގާ ހުރިހާ ޚަރަދެއްގެ ތަފްސީލް ބެލެނިވެރިންނަށް ސާފްވާނެހެން އަހަރަކު 2 ފަހަރު ޝާއިއުކުރުން.
9) ސްކޫލަށް ހޯދަންޖެހޭ ވަސީލަތްތައް ހޯދުމުގެ ޚަރަދު ފާސްކުރުން.
10) މުދައްރިސުންނާއި ސްކޫލްމެނޭޖަރުން އައްޔަންކުރުމާއި ވަކިކުރުމަށް ލަފާދިނުން.
11) ބިޑްކުރެވިގެން ސްކޫލުގައި ހިންގާ ކަންކަން ހިންގުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކެއްގެ މަތިން ހަރަކާތްތެރިވުން.
12) ކަނޑައެޅިފައިއޮންނަ އުސޫލެއްގެ މަތިން ބޯޑުގެ ޖަލްސާތައް ބާއްވައި ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާ ފާސްކުރުން.
13) ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އަހަރީ ރިޕޯޓް ތައްޔާރުކޮށް ބެލެނިވެރިންނަށް ހުށަހެޅުން.
ބޯޑަށް މެމަބަރުން ހޮއްވަވާފައިވަނީ ބެލެނެވެރިންގެ ތެރެއިން އިންތިޚާބް ކުރެވިފައިވާ 5 މެމްބަރުންނާއި، ސްކޫލްގެ ޕްރިންސިޕަލް ނުވަތަ ހިންގާ ފަރާތާއި، ސްކޫލުގެ އެޑްމިނިސްޓްރޭޓަރ ނުވަތަ ބަޖެޓް ބަލަހައްޓާފަރާތާއި، އެޑިއުކޭޝަނުން ކަނޑައަޅާ 2 މެމްބަރުންނާއި، މުދައްރިސުންގެ ތެރެއިން އިންތިޚާބްކުރެވޭ 2 މެމްބަރުންނާއި ޕީޓީއޭގެ ނައިބު ރައީސް އަދި ސްކޫލްގެ ކެޕްޓަނެވެ. ބެލެނެވެރިންގެ ތެރެއިން އިންތިޚާބްކޮށްފައިވާ ފަރާތްތަކަކީ މާވަހަރުގެ މުހައްމަދު ޒުހައިރު، އެދުރުގެ އާމިނަތު ފަރުހާނާ، ނޫމާގެ އާއިޝަތު އަލީ، ޝޭޑީވިލާ މުހައްމަދު ޝަރީފް، އަދި ބާޑީހައުސް މުހައްމަދު ނަޒީމްއެވެ. އެޑިއުކޭޝަންގެ ފަރާތުން އައްޔަން ކުރެވިފައިވާ 2 މެމްބަރުންނަކީ މަރިޔަމްމާގެ އަހުމަދު ރަޝީދާއި ސޯސަންގެ އިސްމާއިލް ނަޒީރު އެވެ. ޓީޗަރުންގެ ފަރާތުން އައްޔަންކޮށްފައިވަނީ އިސްމާއީލް އަލީއާއި ޝިފާޒާއެވެ. އެޑްމިނިސްޓްރޭޓަރ ނުވަތަ ބަޖެޓް ބަލަހައްޓާފަރާތުގެ ގޮތުގައި އަހުމަދު ފަހުމީ ނުވަތަ އަހުމަދު ނަޖީބު ހިމެނިފައިވާއިރު ޕީޓީއޭގެ ނައިބު ރައީސްގެ ހައިސިއްޔަތުން އައްޔަން ކުރެވިފައިވަނީ އިލްހާމް ރަޝީދެވެ. މީގެ އިތުރަށް ސްކޫލްގެ ޕްރިންސިޕަލްގެ ހައިސިއްޔަތުން ފާތިމަތު ސައީދު ހޮވިފައިވާއިރު ސްކޫލް ކެޕްޓަންގެ ގޮތުގައި ބޯޑަށް ހޮވިފައިވަނީ ޖުނައިނާ އަލީ އެވެ.
ރޭ ގދ. އަތޮޅު މަދަރުސާގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ބޯޑްގެ ޗެއަރ ޕަރސަންގެ މަގާމާއި ޗެއަރޕަރސަންގެ ނައިބުކަމުގެ މަގާމްވެސް އައްޔަން ކުރެވުނެވެ. މެމްބަރުންގެ މެދުގައި ނެގި ސިއްރުވޯޓަކުން ޗެއަރޕާސަންގެ މަގާމަށް އިލްހާމް ރަޝީދު އައްޔަންވެފައިވާއިރު ޗެއަރޕާސަންގެ ނައިބުކަމުގެ މަގާމަށް އައްޔަން ކުރެވިފައިވަނީ އިސްމާއީލް ނަޒީރެވެ.



ކޮމެންޓްސް ފުނުއްވާ