ގދ.އަތޮޅުމަދުރަސާ، އޯލެވެލް ޕަބްލިކް ސެންޓަރއެއްގެ ގޮތުގައި ހަމަޖެހިއްޖެ
މިއީގައްދޫ އާއި ގައްދޫގެ ކައިރި ރަށްރަށުގެ ރައްޔިތުންނަށް އިގުތިސާދީގޮތުންވެސް ލިބުނު ވަރަށް ބޮޑުކުރިއެރުމެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލްކުރޭ.
ގދ. އަތޮޅުމަދުރަސާ، ޖީ. ސީ. އީ އޯލެވެލް ޕަބުލިކް ސެންޓަރ އެއްގެ ގޮތުގައި މިއަހަރުން ފެށިގެން ހަމަޖެހިއްޖެ ކަމުގައި މިސައިޓަށް މިއަދު މަޢުލޫމާތު ލިބިއްޖެއެވެ.
އެހެން ކަމުން މިކަމާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދާލުމަށްޓަކައި މިސައިޓުގެ ފަރާތުން ސްކޫލުގެ އިސްފަރާތަކާއި ގުޅާލުމުން ސްކޫލްގެ އެކްޓިންގ ސްޕަވައިޒަރ އިސްމާއީލް އަލީ ވިދާޅުވީ ގދ އަތޮޅު މަދަރުސާ އަކީ މީގެ ކުރިން ހަމައެކަނި ސްކޫލްގެ ދަރިވަރުންނަށް އޯލެވެލް ހެދޭތަނެއް ކަމަށާއި، އެހެން ނަމަވެސް މިއަހަރުން ފެށިގެން މިތަނަކީ އާއްމުކޮށް ހުރިހާފަރާތްތަކަށް އިމްތިހާނުގައި ބައިވެރިވެވޭ ގޮތަށް ހަމަ ޖެހިފައިވާ ސެންޓަރެއް ކަމަށެވެ. އެހެން ކަމުން މިކަމަކީ ރަށަށް ހުޅުވިގެންދިޔަ ވަރަށް ރަގަނޅު އަދި އެހާމެ ބޭނުންތެރި ފުރުސަތެއްކަމަށާއި މިހާރު ކޮންމެމީހަކަށްވެސް ޖީ.ސީ.އީ ގައި ބައިވެރިވާން ބޭނުންނަމަ މިސެންޓަރުގައި ރަޖިސްޓްރީވެގެން ޖީ.ސީ.އީ ހެދުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމަށެވެ. އަދި ހަމަ އެއާއެކު ޖީ.ސީ.އީ ގެ އެކިއެކި މާއްދާތަކުން ފާސްނުވާކުދިންނަށްވެސް އެފާސްނުވާ މާއްދާއަކުން އަމިއްލަ ރަށުގައި ތިބެގެން ބައިވެރިވެ ޖީ.ސީ.އީ ހެދުމުގެ ފުރުސަތު ހުޅުވިގެން ދިޔުމަކީ ރަށަށްލިބުނު ވަރަށްބޮޑު ކުރިއެރުމަކާއި ފަސޭހަ އެއް ކަމުގައި އޭނާ ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ޓީޗަރުންނަށްވެސް ހުޅުވިގެންދިޔަ ރަގަނޅު ފުރުސަތެއް ކަމަށާއި އެހެންކަމުން މިފުރުސަތުގެ ބޭނުން އެބޭފުޅުން އެކަށީގެންވާ ގޮތުގައި ހިއްޕަވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ޓީޗަރުން ދެކޭގޮތްވެސް ބަލާލުމަށްޓަކައި ގދ. އަތޮޅުމަދަރުސާގެ ސެކެންޑަރީ ދިވެހި ޓީޗަރ އިމްރާން ޖަވްފަރު އާއި ބައްދަލު ކޮށްލުމުން އޭނާ ވިދާޅުވީ " މިލިބުނު ކުރިއެރުމަކީ ސްކޫލްގެ ޓީޗަރުން ނަށާއި ބެލެނިވެރިންނަށް ވެސް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. މިސާލަކަށް ބުނާނަމަ ޓީޗަރުންގެ ތެރޭގައިވެސް މާލީ ހާލަތު ހުރިގޮތުން ރަށުންބޭރަށް ގޮސްގެން ޖީ.ސީ.އީ ހަދަން ނުދެވި ތިބި ޓީޗަރުން އެބަތިބި. އަދިބެލެނިވެރިންގެ މާލީހާލަތު ކިހާދަށްވާނެތޯ. ޓީޗަރުންނަކީވެސް ވަރަށް އުޒުރުވެރި ބައެއް. ބޭނުންކޮންމެ ދުވަހަކު ފުރަފުރައިގެން ތަންތަނަށް ނުދެވޭނެ. ވީމާ ރަށު ސްކޫލްގައި މިފަދަކަމެއް ހަމަޖެހިގެން ދިޔުމަކީ ޚަރަދުގެގޮތުން ބަލާއިރު ވަރަށް ލުއި ގޮތެއް. އަދި ބެލިނިވެރިންނަށް ވެސް އެހާޚަރަރަދު ކުޑަވާނެ ކަމެއް. އަޅުގަނޑު ދެކޭގޮތުގައި ކައިރި ރަށްތަކުން ތިނަދޫ އަށް ދިޔުމަށްވުރެ ޚަރަދު ކުޑަކޮށް ގައްދޫ އަށް އައިސް ޖީ.ސީ. ގައި ބައިވެރި ވެވޭނެ. އެހެންވުމުން މި ދެއަތޮޅަށްވެސް ސްކޫލް އިސްތިހާރު ވުމަށް ލިބުނު މިއީ ރަގަނޅު ފުރުސަތެއް. އަދި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުންވެސް މިއީ ގައްދޫ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް." އޭނާ ވިދާޅުވިއެވެ.
ގދ އަތޮޅު މަދަރުސާ، އޯލެވެލް ޕަބްލިކް ސެންޓަރަކަށް ބަދަލުވުމަކީ ހަގީގަތުގައިވެސް ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމަށް މިސައިޓުން އެކި ފަރާތްތަކުގެ ޚިޔާލު ހޯދާލުމުން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.



ކޮމެންޓްސް ފުނުއްވާ