Gadhdhoo Online: ގދ. އަތޮޅު މަދަރުސާއަށް އާ ޕްރިންސިޕަލަކާއި ދިވެހި ޓީޗަރެއް ހަމަޖައްސަވައިފި ގދ. އަތޮޅު މަދަރުސާއަށް އާ ޕްރިންސިޕަލަކާއި ދިވެހި ޓީޗަރެއް ހަމަޖައްސަވައިފި ================================================================================ fanditha on 13 June, 2009 11:03:00 ގދ. އަތޮޅު މަދަރުސާގެ އެސިސްޓެންޓް ޕްރިންސިޕަލް ކަމުގެ މަގާމްގައި ހުންނެވި އަލްފާޟިލާ ފާތިމަތު ސައީދު މަގާމުގައި އިތުރަށް ހުންނަން ބޭނުންނުވުމާއި ގުޅިގެން މިމަގާމަށް އާ ބޭފުޅެއް ހަމަޖައްސަވައިފިއެވެ. މިމަގާމަށް ހަމަޖައްސަވާފައިވަނީ ގއ. ގެމަނަފުށީ ހުސްނުހީނާގެ އަލްފާޟިލް އަސްލަމް ހުސައިންއެވެ. މަދަރުސާގެ އާ ޕްރިންސިޕަލް އަސްލަމް ހުސައިންގެ އިތުރުން ސެކަންޑަރީ ދިވެހި ކިޔަވައިދެއްވުމަށްޓަކައި މިނިސްޓްރީންވަނީ ދިވެހި ޓީޗަރެއްވެސް ސްކޫލަށް ހަމަޖައްސަވައި ދީފައެވެ. މިގޮތުން މިމަގާމަށް ހަމަޖައްސަވާފައިވަނީ ގއ. ކޮލަމާފުށީ ސްކޫލްގެ ޓީޗަރެއް ކަމުގައިވާ ތަގިއްޔުއެވެ. ސްކޫލްގެ އާ ޕްރިންސިޕަލް ބެލެނެވެރިންނަށާއި ޓީޗަރުންނަށް ތައާރަފްކުރުމުގެ ގޮތުން މިއަދު ގދ. އަތޮޅުމަދަރުސާގެ ހޯލްގައި ބޭއްވި ބައްދަލުވުމުގައި އަޕަރސައުތް ޕްރޮވިންސްގެ ކޯޑިނޭޓަރ އަލްފާޟިލް މުހައްމަދު ޝަކީލް ވިދާޅުވިގޮތުގައި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން 5 އަހަރުގެ ތެރޭގައި މަދުވެގެން 60% ކުދިން އޯލެވެލްގެ އިމްތިހާނުން ފާސްވާންޖެހޭނެ ކަމުގައި ކަނޑައަޅުއްވާފައިވާތީ މިނަތީޖާ ހާސިލް ކުރުމަށްޓަކައި ބެލެނެވެރިންނާއި ޓީޗަރުން އަދި ސްކޫލްގެ މެނޭޖްމެންޓް ގުޅިގެން ވަރަށް ބޮޑެތި މަސައްކަތްތައް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެންމެހާ ބެލެނެވެރިން ސްކޫލަށް އެއްބާރުލުން ދެއްވައި މުދައްރިސުންނާއި ގާތްގުޅުމެއް ބޭއްވުމަށް އެދިވަޑައިގެންނެވިއެވެ. ޝަކީލް އިތުރަށް ވިދާޅުވިގޮތުގައި ސްކޫލަށް ލީޑިން ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްޓަކައި ރަށުން ބޭރުގެ ބޭފުޅުން ހަމަޖެއްސަވައިދެއްވުމުގެ އިތުރުން ގައްދޫ ސްކޫލްގެ ގާބިލް ޓީޗަރެއްވެސް މިމަގާމަށް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމުގައި ވިދާޅުވިއެވެ. މަދަރުސާގެ އާޕްރިންސިޕަލް އަސްލަމް ހުސައިންގެ ވާހަކަފުޅުގައިވެސް ބެލެނެވެރިންގެ ފަރާތުން ކުދިންނަށް ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ދިނުމަށް ގޮވާލެއްވިއެވެ. އަދި ދަރިވަރަކު ކުށެއްކުރުމުން އެކުށަކަށް މަދަރުސާގެ އިދާރާއިން އަޅާ ފިޔަވަޅަކީ އެކުއްޖަކު އިސްލާހުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށާއި މިގޮތުން އަޅާފިޔަވަޅެއްގެ ސަބަބުން ބެލެނެވެރިންގެ ހިތްހަމަނުޖެހުން މަދަރުސާއަށް އަމާޒްނުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިމަގާމަށް އޭނާ ކުރިމަތި ލައްވާފައިވަނީ ވަރަށް ސާބިތުކަމާއި އެކުގައި ކަމަށާއި އެންމެންގެ އެއްބާރުލެއްވުމާއި އެކީގައި ސްކޫލްގެ ހާލަތުބަދަލުކުރެއްވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައިވެސް މިބައްދަލުވުމުގައި އަސްލަމް ވިދާޅުވިއެވެ. މިބޭފުޅުންގެ އިތުރުން ތިނަދޫ އަބޫބަކުރު ސްކޫލްގައި ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ ބޭފުޅެއްކަމަށްވާ ޒީމާ މިދަތުރުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ސްކޫލްގެ ބައެއް ގްރޭޑްތަކުގެ ކިޔެވުން މޮނީޓަރ ކުރައްވައި ކިޔަވައިދިނުމަށް ގެންނަން ޖެހޭ ބަދަލްތައް އޭނާ ފާހަގަކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ބެލެނެވެރިންނަށާއި ޓީޗަރުންނަށްއަމާޒުކޮށްގެން ޚާއްސަ ޕްރޮގްރާމެއް ޒީމާ ހިންގަވާގޮތަށްވެސް ހަމަޖެހިފައިވެއެވެ.