Gadhdhoo Online: ގދ. އަތޮޅު މަދަރަސާގެ ޔުނިފޯމް ބޮޑީސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި. ގދ. އަތޮޅު މަދަރަސާގެ ޔުނިފޯމް ބޮޑީސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި. ================================================================================ solih ahmed on 27 April, 2008 10:17:00 ގދ. އަތޮޅުމއދަރަސާގެ ޔުނިފޯމް ބޮޑީސްގެ ހަރަކާތްތައް މިއަހަރަށް ރަސްމީ ގޮތުން ހުޅުވުމުގެ ރަސްމިއްޔާތު ރޭ އެ ސްކޫލްގައި ބާއްވައިފިއެވެ. މިހަރަކާތް ޝަރަފުވެރި ކޮށްދެއްވީ މޯލްޑިވްސް ޕޮލިސްސާވިސްގެ ސާޖެންޓް މުހަންމަދު ޝިފާއު އެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން މުހަންމަދު ޝިފާއު ދެއްކެވި ވާހަކަފުޅުގައި ޔުނިފޯމް ބޮޑީސްގެ ތަފާތު ހަރަކާތްތައް ސްކޫލް ތަކުގައި ކުރިޔަށް ދިއުމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. ހަމަ އެހެންމެ ޔުނިފޯމް ބޮޑީސްގެ ތަފާތު ހަރަކާތްތައް ކަމަށްވާ ސްކައުޓް؛ ގައިޑް؛ ލިޓިލްމެއިޑް؛ ކަބްސްކައުޓް؛ އަދި ސްޓާރ ގެ ހަރަކާތްތަކަކީ ކިޔެވުމުގެ އިތުރުން ދަރިވަރުން އަމަލީ މައިދާނަށް ނުކުންނައިރު ވަރަށް ބޮޑެތި ތަޖުރިބާތަކާއި މައުލޫމާތުތަކެއް ލިބިގެންދާ ހަރަކާތެއްކަމުގަ އި ވިދާޅުވިއެވެ. ހަމައެހެންމެ މިފަދަ ހަރަކާތްތަކުގެ ސަބަބުން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ޤާބިލްކަން ލިބިދިނުމުގެ އިތުރުން ކަންތައްތައް ކުރުމުގައި އަމިއްލަ ނަފްސަށް އިތުބާރު ދަރިވަރުންނަށް ލިބުމުގެ މަގު ފަހިވެގެންދާނެ ހަރަކާތެއްކަމަށްވެސް ޝަރަފުވެރި މެހުމާނު ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނުގެ އިތުރުން މިމަދަރަސާގެ ސީނިޔާރ އެސިސްޓެންޓް ޕްރިނސިޕަލް މިސްޓަރ ފްރެޑްރިކް ސޭމް ވެސް ވަނީ ދަރިވަރުންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޕްރިންސިޕަލް ގެ ވާހަކަފުޅުގައި ސްކޫލްގައި ބޭއްވޭ ޔުނިފޯމް ގިނަ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑެތި ފައިދާތައް ކުރަމުންދާ ކަމަށާއި މިފަދަ ހަރަކާތްތަކުގައިވެސް ވަރަށް އިސް ރޯލެއް އަދާކުރަމުންދާ ދަރިވަރުންތަކެއް މިމަދަރަސާގައި ތިބިކަން ފާހަގަ ކުރެއްވިއެވެ. މިރަސްމިއްޔާތައްޓަކައި ސްކައުޓު ކުދީން ތައްޔާރު ކޮށްފައިވާ ސްކައުޓު ކޭމްޕެއްވެސް ހުޅުވައި ދެއްވުން އޮތެވެ. ގދ. އަތޮޅުމަދަރަސާ އަކީ ވޭތުވެދިޔަ ދިގު މާޒީ ގައިވެސް ޔުނިފޯމް ބޮޑީސް ގެ ތަފާތު ހަރަކާތްތަކެއް ހިންގާފައިވާ ސްކޫލެކެވެ. އެގޮތުން ގާލްގައިޑާއި؛ ބޯއި ސްކައުޓުން ވަނީ ތަފާތު އަހަރުތަކުގައި ބޭއްވިފައިވާ ތަފާތު ޖަމްބަރީ އާއި ކޭމްޕް ތަކުގައި ބައިވެރިވެ ތަފާތު ކާމިޔާބީތައް ހޯދާފައެވެ. ގދ. އަތޮޅުމަދަރަސާގެ ޔުނިފޯމް ބޮޑީސްގެ ހަރަކާތްތައް މި އަހަރަށް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްކައުޓު؛ ގައިޑް؛ އަދި ކަބުސްކައުޓުންގެ ފަރާތުން ވަނީ ތަފާތު އައިޓަމްތައް ހުށަހަޅާ ދީފައެވެ. ރޭގެ މިރަސްމިއްޔާތުގައި ގައްދޫގެ ކަތީބު އަދި ގިނަ އިއްޒަތްތެރީންގެ އިތުރުން ސްކޫލުގެ ގިނަ ކުދީންނާއި ބެލެނިވެރިން ބައިވެރިވި މިރަސްމިއްޔާތު ނިމުނީ ޤައުމީސަލާމުން ނެވެ. މިރަސްމިއްޔާތު ނިމުމަށްފަހު ބެލެނިވެރީންގެ ފަރާތުން ތައްޔާރުކޮށްފައިވާ ބިލެތްމީރު ކޮށްލެއްވުމެއް އޮތެވެ. ރޭގެ ވަގުތެއްގައި މިހަރަކާތްތައް ސްކޫލް ގައި ބޭއްވުނު އިރު މިދިޔަ ހަފްތާގައި ވަނީ ސްކޫލްގެ ހައުސްތަކުގެ މެދުގައި އިންޓަރ ސްކޫލް ވޮލީ މުބާރާތެއް ބާއްވާފަ އެވެ. ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިޔަށް ދިޔަ މުބާރާތަކީ ސްކޫލް ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ބޭއްވުނު މުބާރާތެކެވެ. މިމުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިޔަންކަން ޝަނިވިރާޒާ ހައުސް ހޯދި އިރު އަންހެން ޑިވިޝަނުގެ ޗެމްޕިޔަންކަން ހޯދާފައިވަނީ ރަންނަވަލޯކަ ހައުސް އެވެ.