Gadhdhoo Online: ގދ. އަތޮޅުމަދަރުސާގެ ކިޔެވުމުގެ ހާލަތު ރަނގަޅުކުރުން ގދ. އަތޮޅުމަދަރުސާގެ ކިޔެވުމުގެ ހާލަތު ރަނގަޅުކުރުން ================================================================================ fanditha on 15 April, 2009 08:37:00 ގދ. އަތޮޅުމަދަރުސާ އަކީ 1985 ވަނަ އަހަރު ވުޖޫދަށް އައި ގައްދޫގެ ގިނަ ދަރިންތަކެއް ތައުލީމް ހާސިލްކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މަދަރުސާއެކެވެ. މަދަރުސާގެ ހާލަތު މަޑުމަޑުން ގޯސްވަމުން އައިސް މިހާރުވަނީ ހީވެސް ނުކުރާހާ ދަށު ދަރަޖައަކަށް ވެއްޓިފައެވެ. މަދަރުސާ އިން އޯލެވެލް ހެދުމަށް ފަހު ނުކުންނަ ގިނަ ދަރިވަރުންނަކީ ތައުލީމީގޮތުން އެކަށީގެންވާ ނަތީޖާއެއް ހާސިލް ނުކުރެވޭ ކުދިންނެވެ. އެހެންކަމުން ސްކޫލަށް ދިމާވެފައިވާ ހާލަތު ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ވެސް ޒިންމާތަކެއް ވާކަން ގަބޫލްކުރަން ޖެހެއެވެ. މިހާލަތު ބަދަލުކުރުމަށް ގައްދުއަށް އުފަން ދަރިން ބޭނުންވެފައިވާ މިންވަރު މި ސައިޓްގެ ލިޔުންތަކަށް ފޮނުއްވަމުންދާ ޚިޔާލުތަކުން ވަރަށް ރަނގަޅަށް ވަޒަންކުރެވެއެވެ. ސްކޫލަށް ލިބޭ ކޮންމެ ރީތި ނަމަކީ ހަމަ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ލިބޭ ރީތި ނަމެކެވެ. ގައްދޫގެ ދަރިން މާލޭ ސްކޫލްތަކުން ފަޚުރުވެރި ނަތީޖާތައް ހާސިލްކުރަމުންގެންދާއިރު ގައްދޫގެ މަދަރުސާއިން ނުކުންނަ ދަރިވަރުންނަކީވެސް އެހާމެ ފަޚުރުވެރި ކާމިޔާބީތައް ހާސިލްކުރާނެ ދަރިވަރުންތަކަކަށް ހެދޭތޯ މަސައްކަތް ކުރަން އެބަޖެހެއެވެ. މަދަރުސާގައި ކިޔަވައިދޭ މުދައްރިސުންނާއި، ބެލެނެވެރިން އަދި މެނޭޖްމެންޓްގެ މައްސަލަތަކެއް ވާކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި އަދި އެކުލަވާލަންޖެހޭ ޕްލޭން ތައްޔާރުކުރުމުގައި ތިޔައިން ކޮންމެބޭފުޅެއްގެ ޚިޔާލަކީވެސް ވަރަށް މުހިއްމު ހިއްސާއެއް ވާނެ ޚިޔާލުތަކަކަށް ވާނެކަން ޔަގީނެވެ. އެހެންކަމުން މި ޓޮޕިކަށް ތިޔަބޭފުޅުންގެ އުފެއްދުންތެރި، އޮއްޓަރުހުރި ޚިޔާލުތައް ފޮނުވުމުގެ ދޮރު މިފޯރަމް މެދުވެރިކޮށް އާންމުކޮށް ހުޅުވާލަމެވެ.