Gadhdhoo Online: ތައުލީމަށްޓަކައި ގައްދޫ ރައްޔިތުންވި ގުރުބާނީ ތައުލީމަށްޓަކައި ގައްދޫ ރައްޔިތުންވި ގުރުބާނީ ================================================================================ fanditha on 05 April, 2009 04:03:00 ގދ. އަތޮޅުމަދަރުސާ އަކީ ގައްދޫ ރައްޔިތުން 1983 ވަނަ އަހަރު ތައުލީމަށްޓަކައިވެ ވަޑައިގެންނެވި މަތިވެރި ގުރުބާނީއެއްގެ ސަބަބުން ހަގީގަތަކަށް ވެފައިވާ އިމާރާތެކެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އިމާރާތް ކުރެއްވުމަށް ހަމަޖެހިފައިވާ މި އިމާރާތް އެޅުމަށްޓަކައި ބިމެއް ހޯދުމުގެ ގޮތުން މުހައްމަދު ލުތުފީ ކިޔާ ބޭފުޅަކު އެއަހަރު ގައްދުއަށް ވަޑައިގެންނެވިއެވެ. އެބޭފުޅާ ވަޑައިގެން ސްކޫލް އިމާރާތް ކުރެއްވުމަށްޓަކައބިމެއް ހަމަޖައްސައިދެއްވުމަށް އެދުމުން އެންމެ ފުރަތަމަ ރަށުއޮފީހާއި ރަށްކުރިއަރުވާ ކޮމިޓީގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ޚިޔާލު ކުރެއްވީ ގައްދޫ ބޯޅަދަނޑުގައި މި އިމާރާތް އެޅުމަށެވެ. ނަމަވެސް ބޯޅަ ދަނޑުގައި މި އިމާރާތް ކޮށްފިނަމަ ދަނޑުގައި ބާކީ އޮންނާނެ ބޮޑުމިނަކީ ގާތްގަނޑަކަށް 100 ފޫޓާއި 200 ފޫޓްގެ ބިމެއް ކަމުން މިއީ އެންމެ ރަނގަޅުތަނެއް ކަމަކަށް އެބޭފުޅާއަށް ފެނިނުލެއްވިއެވެ. އެހެން ކަމުން އެފަހަރު ސްކޫލް އެޅުމަށްޓަކައި ބިން ނުދެއްކި ލުތުފީ ފުރައިގެން ދިޔައެވެ. އޭގެ ފަހުން ރަށު އޮފީހާއި ކޮމިޓީގެ މަޝްވަރާއަށް ފަހު އަނެއްކާވެސް ނިންމީ ސްކޫލު ހުރި ހިސާބުގައި އޮތް 3 ގޯތި އެތަނުން ހުސްކޮށް އެފަރާތްތަކަށް އެހެން ދިމާލަކުން ގޯތި ދިނުމަށްފަހު އެތަނުގައި ސްކޫލް އެޅުމަށެވެ. އަދި މިގޮތަށް މިކަން ނިންމާފައިވާ ކަމަށް އަތޮޅު އޮފީހަށާއި ބިމުގެ ކަންތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ދެވަނަ ފަހަރަށް ގައްދުއަށް ވަޑައިގެންނެވި ވަފުދަށް ދެންނެވުނެވެ. ކޮންމެ އަކަސް މިގޮތަށް މިކަން ކޮއްގެންވެސް ސަރުކާރުން މި އިމާރާތް ކުރުމަށް ބޭނުންވާ ޖާގައެއް އެތަނުން ލިބޭ ގޮތެއް ނުވިއެވެ. އެހެންކަމުން މަދަރުސާގެ އިމާރާތް ދެބުރިއަށް ނަންގަވައިގެން އިމާރާތް ކޮށްދެއްވުމަށް ރަށުއޮފީހުން ހުށަހެޅުމުން އެގޮތަކީވެސް އެބޭފުޅުން އެހާ ހިތްޕުޅު ހަމަޖެހޭ ގޮތަކަށް ނުވިއެވެ. މިގޮތަށް މިކަން ވެފައި ހުއްޓާ ގައްދޫގައި ބިން ނެތުމުގެ ސަބަބުން ގދ އަތޮޅު މަދަރުސާ ގދ. ފަރެހަށް ބަދަލުކުރައްވަން އުޅޭކަމުގެ މައުލޫމާތު ގައްދޫ އޮފީހަށް ލިބިވަޑައިގެންނެވިއެވެ. މިމައުލޫމާތު ލިބުމުން ރަށުއޮފީހާއި ކޮމިޓީ އަދި ރައްޔިތުންނާއި މަޝްވަރާކުރެއްވުމަށްފަހު މިކަމަކީ ރައްޔިތުންނަށް ކިހާމުހިއްމު ކަމެއްކަން ވިސްނުވައި ދެއްވުމަށްޓަކައި ރަށު އޮފީހުގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމަށްފަހު ރައްޔިތުންނިންމީ ސަރުކާރުން ބޭނުންވާ ބިން ރައްޔިތުން އަމިއްލަ އަށް ހިއްކުމަށެވެ. އެއަށްފަހު އެކަން ސަރުކާރަށް އެންގެވުމުން އަނެއްކާވެސް ސަރުކާރުގެ ވަފުދެއް ގައްދުއަށް ވަޑައިގެންނެވިއެވެ. މިވަފުދުގައި ހިމެނި ވަޑައިގަންނަވަނީ ތޯރިގް ކިޔާ ބޭފުޅަކާއި ޖަޕާން ސަރުކާރުގެ މަންދޫބަކާއި އަދި މަސައްކަތުގެ ކޮންޓްރެކްޓާއި ހަވާލުވެ ހުންނެވި ފަރާތުން ފޮނުއްވި މަންދޫބެކެވެ. މިބޭފުޅުން ވަޑައިގެން ސްކޫލް އިމާރާތް ކުރެއްވުމަށް ބޭނުންވާ ބިންދެއްކުމަށް 1 ހަފްތާގެ މުހުލަތެއް ދެއްވުމަށްފަހު އެދުވަހު 03:00 ގައި ގައްދޫން ފުރާވަޑައިގެންނެވިއެވެ. ސަރުކާރުން ބިންދެއްކުމަށް މުހުލަތެއް ދިނުމުން ރައްޔިތުން ވަރަށް ޖޯޝާއި ފޯރީގައި ބިންހިއްކުމުގެ މަސައްކަތް ހަމަ އެދުވަހު 05:10 ގައި ފަށައިގެންފިއެވެ. މިމަސަކަތް ކުރިއަށްގެންދާގޮތަށް ނިންމެވީ ރަށުގެ އުތުރު ކޮޅާއި ދެކުނުކޮޅުގެ މެދުގައި ވާދަޖައްސައިގެންނެވެ. މިމަސައްކަތް ކުރިން ނިންމި ބައަކަށް އިނާމެއްގެ ގޮތުގައި 250 ރުފިޔާ ދެއްވުމަށް ހަމަޖައްސާފައިވެ އެވެ. އިމާރާތް އެޅުމަށްޓަކައި ހިއްކަން ޖެހޭ ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 54825 އަކަފޫޓެވެ. އެހެންކަމުން މިސަރަހައްދު ދެބަޔަކަށް ބެހުމަށްފަހު ކޮންމެ ކޮޅަކަށް އެއްބައި ހިއްކުމަށް ހަވާލުކުރެވުނެވެ. އެދުވަހަށް ބޭނުންވާ ޖޫހާއި ސަޔާއި އަދި ކެއުމުގެ ކަންތައް ހަމަޖައްސާފައިވަނީ ވެސް ދެކޮޅުގެ އަންހެނުންއިންތިޒާމްކުރާގޮތަށެވެ. އެދުވަހުގެ ރޭ ގައްދޫ އޮފީހުންވަނީ އަނެއްދުވަހުގެ ހެނދުނު 06:00 އާއިހަމައަށް 19 އަހަރުން ދަށުގެ ކުދިންނާއި އަންހެނުން ބޭރަށް ނުކުތުން މަނާކޮށް ކާފިއު ހިންގައިފައެވެ. ސަބަބަކީ ބިންހިއްކުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ރޭގަނޑު ރުއްތައް ކަނޑާއިރު އެއިން ޖެހި މީހަކަށް އަނިޔާވެދާނެތީއެވެ. އަދި ހަމަ އެއާއެކު އެދުވަހު ކުއްލި ހާދިސާއެއް ހިނގާފާނެކަމަށް ބަލައި ގައްދޫ އޮފީސް ވަނީ 24 ގަޑިއިރު ހުޅުވައިފައެވެ. އޮފީހުގެ ޑިއުޓީގައި އެދުވަހު އިންނެވީ ކުޑަކަތީބު އަބްދުލްކަރީމް ޒާހިރެވެ. ބިންހިއްކުމުގެ މަސައްކަތްކޮށްފައި ވަނީ ވަށައިގެން ގާތޮށިގަނޑެއްލުމަށްފަހު އެތެރެއަށް އެކިއެކި ސާމާނުތައް އަޅައިގެންނެވެ. މިގޮތުން ރުއްތަކާއި ގާތައް އަދި އެކިއެކި ކުނިބުނިތައް އެޅުމަށްފަހު މަތިން ފަންއަޅައި އޭގެ މައްޗަށް ވެލިއެޅުމަށްފަހު ފަސްގަނޑު އެއްވަރުކޮށްފައިވެއެވެ. މިމަސައްކަތް އެރޭ 06:00 ގައި ނިންމާލައި ކަނޑައެޅިފައިވާ އިނާމް ހާސިލްކުރީ ގައްދޫ ދެކުނުކޮޅުގެ ރައްޔިތުންނެވެ. އުތުރުކޮޅުގެ ރައްޔިތުންނަށް މަސައްކަތް ނިންމާލެވުނީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ކޮންމެއަކަސް ސަރުކާރުން ބިންބައްލަވާލެއްވުމަށް ގައްދުއަށް ވަޑައިގެންނެވިއިރު ގައްދޫގެ ބިން ވަނީ ހިއްކާނިމިފައެވެ. ޒަމާނީ އެއްވެސް އިކުއިޕްމެންޓެއް ބޭނުންނުކޮށް ކުރި މިމަސައްކަތް އެހާއަވަސްމުއްދަތެއްގެ ތެރޭގައި ކޮށްނިންމުމުން މިބޭފުޅުން ނަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިފައިވެއެވެ. ސަރުކާރުން ދެއްވި މުހުލަތުގައި ބިން ހިއްކާނުނިންމުނުނަމަ މި މަދަރުސާ ހުންނާނީ ގދ. ފަރެހުގައެވެ.