Gadhdhoo Online: އަންހެނުންގެ ކޮމިޓީގެ ފަރާތުން ހިންގި ކޭކް ޑެކަރޭޝަން ކޯސްނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި އަންހެނުންގެ ކޮމިޓީގެ ފަރާތުން ހިންގި ކޭކް ޑެކަރޭޝަން ކޯސްނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި ================================================================================ Solih Ahmed on 28 July, 2008 11:48:00 ގައްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހިންގި ކޭކު ޑެކަރޭޝަން ކޯސް ނިމި ބައިވެރިންނަށް ސެޓްފިކެޓާއި ހަނދާނީ ލިޔުން ދިނުމުގެ ހަފްލާ ރޭ ގދ. އަތޮޅުމަދުރަސާގެ ހޯލުގައި ބާއްވައިފިއެވެ. ގައްދޫގެ ޒުވާން އަންހެނުންނަށް ދަވްވަތު ދެވުނު މިހަފްލާ ޝަރަފުވެރިކުރެއްވީ ގައްދޫ ކަތީބު އިސްމާއީލް ޝަމީމް އެވެ. މި ކޯހުގެ ބައިވެރިންނާއި މުޚާތަބު ކުރައްވައި ޝަރަފުވެރި މެހުމާން ދެއްކެވި ވާހަކަ މައިގަނޑުގޮތެއްގައި ބިނާކުރެއްވީ ގައްދޫ އިން ނެތިގެންދާ ކުނާ ވިއުމުގެ މައްޗަށެވެ. "މިރޭ މިކޯހުގެ ބައިވެރިން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން. މިއީ ވަރަށްބޭނުންތެރި މަސައްކަތެއް. މިލިބުނު ތަމްރީނުގެ ބޭނުންހިއްޕަވައިގެން އަމަލީ މައިދާނުގައި މަސައްކަތް ކުރެވިދާނެ ކަމުގެ ސާބިތު ހެކި މިސްޓޭޖުގައި މިތިބި ކޭކު ތަކުން ތިޒުވާނުން ވަނީ ދައްކުވައިދީފައި. މިމަސައްކަތުން ތިޒުވާނުންނަށް އިތުރު އާމްދަނީ ލިބޭނެކަމަށް އުއްމީދުކުރަން. ދެން އަޅުގަނޑު ބުނަލަންއޮތީ ގައްދޫއިން އުވިގެންދާ ކުނާވިއުމުގައި ތިޒުވާނުން ހަރަކާތްތެރިވެ އާލާކުރަން ނުއުޅުއްވަނީ ކީއްވެތޯއޭ. މިދިޔަ ހަފްތާގެ ޓީވީ ޚަބަރުންވެސް އެނގުނީ ފުއައްމުލަކު ޒުވާން އަންހެންކުދިން ކުނާވިއުމުގެ މަސައްކަތް ފެށިވާހަކަ. ގައްދޫ އަށްލިބިފައިވާ ރީތިނަން އެހެންފަރާތަކަށް ދިޔަނުދިނުމަށް ތިޔަޒުވާނުން މަސައްކަތްކުރަންއެބަޖެހޭ." ކަތީބު ޝަމީމު ވިދާޅުވިއެވެ. ކޭކު ޑެކަރޭޝަން ކޯހުގައި ޖުމްލަ ބައިވެރިވީ 16 ބައިވެރިންނެވެ. ކޯސްފުރިހަމަކޮށް ސެޓުފިކެޓް ހާސިލް ކުރީވެސް 16 ބައިވެރިންނެވެ. މިޖަލްސާގައި ކޯހުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުން އޮތެވެ. އެގޮތުން އެއްވަނައަށް ހޮވިފައިވަނީ ގައްދޫ ފީރޯޒުގެ ފާތިމަތު ޝަދީނާ ޑެކަރޭޓު ކުރިކޭކެވެ. ދެވަނައަށް ހޮވިފައިވަނީ ގައްދޫ އިރުފުހޭގެ ޔުމްނާ އަހުމަދު ތައްޔާރުކުރިކޭކެވެ. އަދި ތިންވަނައަށް ދެކޭކު ހޮވުނު އިރު މިދެކޭކު ތައްޔާރުކޮށްދީފައިވަނީ ގައްދޫ ނާލީސް ޚަދީޖާ އާއި ގައްދޫ ކާނިގަސްދޮށުގެ ޝިއާޒާ ވަހީދެވެ. ކޭކު ޑެކަރޭޝަން ކޯހުގައި ތައްޔާރު ކޮށްފައިވާ ކޭކު ތަކަށް އިންސާކޮށްދެއްވީ މިކޯހުގައި ކިޔަވައިދެއްވި ގައްދޫ އެކުވެރިންގެ އަށްސޭރި ފާތިމަތު ޝަބާނާއެވެ. ވަނަދިނުމާއިބެހޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަބާނާ ވިދާޅުވީ ކޭކް ތަކަށް މާކްސް ދެވިފައިވަނީ ތިންނުކުތާއަކަށް ބަލައިގެންނެވެ. އެއީ ކޭކު ތައްޔާރު ކުރުމުގައި ކުލަ މިކްސްކުރުމާއި، ކޭކު ތައްޔާރު ކުރަން ކުރެވިފައިވާ މަސައްކަތަށާއި، އަދި ފިނިޝިންގ އަށެވެ. މިތިން ނުކުތާއަށް ބަލާފައި ހޮވުނީ ފަސްކޭކު ކަމަށާއި، އެފަސްކޭކުގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވީކަމަށެވެ. ޝުކުރު ދެންނެވުމުގެ ގޮތުން އަންހެނުން ކޮމެޓީގެ ރައީސާގެ ވާހަކަފުޅުގައި ކޭކުޑެކަރޭޝަންކޯހުގެ ބައިވެރިންނަށް އައްތެރިބަހާއި ސާބަސް ރައްދުކުރެއްވިއެވެ. އަދި މިލިބުނު ތަމްރީނުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ބައިވެރިންނަށް އިރުޝާދު ދެއްވިއެވެ.