Gadhdhoo Online: ޑީއަރޕީގެ ޒައީމް ގައްދުއަށް ވަޑައިގެންފި ޑީއަރޕީގެ ޒައީމް ގައްދުއަށް ވަޑައިގެންފި ================================================================================ fanditha on 23 August, 2008 06:31:00 ޑީއަރޕީގެ ޒައީމް އަލްއުސްތާޒް މައުމޫނު އަބުދުލްގައްޔޫމް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށްޓަކައި ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މިއަދު ގައްދުއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ ސަލާމަތީ ކަންތައް ތައް ވަނީ ވަރަށް ވަރުގަދަ ކުރެވިފައި ކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި އާންމުން ނަށް ނުވަދެވޭނެހެން ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފައި ވެއެވެ. ގައްދޫގައި މައުމޫނާއި އިދިކޮޅު ޝުއޫރުތައް ހާމަކޮށްފައިވާ ގިނަ ބެނާ ތަކަކާއި ބޯޑުތަކެއް ހަރުކޮށްފައިވާ އިރު އެމަނިކުފާނަށް ސަޕޯރޓްކޮށްފައިވާ ފޮތި ތަކެއް ވެސް ދަމާފައި ވެއެވެ. އަދި އެމަނިކުފާނު ގައްދުއަށް ފާބައި ވަޑައިގެންނެވުމުން އިދިކޮޅުފަރާތްތަކުން އެފަރާތްތަކުގެ ޝުއޫރުތައް ފާޅުކުރި މަންޒަރު ފެނިގެން ދިޔައިރު ގައި މައުމޫނަށް ތާއީދުކުރާފަރާތްތަކުންވެސް އެފަރާތްތަކުގެ ޝުއޫރުތައް ފާޅުކުރައްވަމުން ގެންދެވިއެވެ. ރައްޔިތުންގެ ޝުއޫރު ފާޅުކޮށް ދަމާފައިވާ ފޮތިތަކުގެ ތެރެއިން ފޮތިގަނޑެއްގައި " ނަރުދަމާ ލިސްޓުން ގައްދޫ ކަނޑާލީ ކީއްވެ؟ ހިއްކާފައިވާ ސަރަހައްދު ދަނީ ގިރެމުން. ނަޖިސްފެނުން ފެންވަރާނީ ކިހާ ދުވަހަކު؟" މިހެން ލިޔެފައިވެއެވެ. އަދި އެހެން ފޮތިގަނޑެއްގައި " ގައްދޫގެ ތައުލީމީ ހާލަރު ކަރުތާ ފެނުގައި. ޒިންމާވާނީ ކާކު؟" ލިޔެފައިވެއެވެ. ޑީއަރޕީގެ ޒައީމް ވަނީ ގައްދޫ ބައެއް އަންހެނުންނާއި، ޒުވާނުންނާއި އަދި ރަށުގެ ހަރުކުލައިގެ މީހުންނާއި ވަކިވަކިން ބައްދަލުވުންތަކެއް ބާއްވައިފައެވެ. މިބައްދަލުވުންތައް ބާއްވައިފައިވަނީ ގައްދޫ ކަލާފާނު މާލަމްގައެވެ. މިބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ބައެއް ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވެވިއެވެ. ރައްޔިތުން އެމަނިކުފާނަށް ހުށަހެޅިކަންތައްތަކުގެ ތެރޭގައި ހިމެނެނީ ގައްދޫގެ ނަރުދަމާ ނިޒާމްގެ މައްސަލައާއި، ގދ. އަތޮޅުމަދަރުސާގެ ތައުލީމީ ހާލަތު ދަށްވެފައިވާ ކަމުގެ މައްސަލައާއި، ގައްދޫގައި ބަނދަރުގެ ދަތިކަން ދިމާވެފައިވާ ކަމުގެ މައްސަލައާއި، ގައްދޫ ގައި ހިނގާ މުހިއްމު ޚަބަރުތައް ފޯރުކޮށްނުދެވޭ މައްސަލައާއި، ގައްދޫ ގައި ބޭންކެއްގެ ޚިދުމަތް ނެތުމުގެ މައްސަލަ އެވެ. އަދި މީގެ އިތުރަށް މައުމޫން ކުރީގެ ފަހަރެއްގައި ގައްދުއަށް ވަޑައިގެން ޖަމްއިއްޔާތަކާއި ބައްދަލުކުރެއްވުމުގައި ގައްދޫގެ ޖަމްއިއްޔާއަކުން ހުށަހެޅި ބައެއް ކަންތައްތަކުގެ ތެރެއިން ކުރުމަށްހަމަޖެހިފައިވާ ކަންތައްތައް ކަމަށް ގައްދޫ ރަށުއޮފީހުން އެފަރާތްތަކަށް އަންގާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އޭޓީއެމް މެޝިނެއްގެ ޚިދުމަތާއި ފެންވަރުރަނގަޅު މިސްކިތެއް އިމާރާތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތްތަކަށް އަންގާފައިވީނަމަވެސް އަދި މިއަދާއި ހަމައަށްވެސް އޭގެއެއްވެސް ކަމެއް ފެންނަން ނެތްކަމަށް ހާމަކުރެއްވިއެވެ. ފާޚާނާ ނިޒާމްގެ މައްސަލާއި ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ގައްދުއާއި ދާންދޫ އަދި ވިލިނގިލީގެ ނަރުދަމާ ނިޒާމް ގާއިމްކުރައްވާ ގޮތަށް އެމެރިކަން ރެޑްކްރޮސް އިން ނިންމާފައިވީނަމަވެސް އެންމެފަހުން އެފަރާތުން އެންގެވީ ތިންރަށުގެ މަސައްކަތް ކުރެވޭވަރަށް ބަޖެޓް ނެތް ކަމަށާއި އެފަރާތަށް ބަޖެޓް ލިބިފައިވަނީ ކުޑަރަށަކާއި ބޮޑު ރަށެއް ގައި މަސައްކަތް ކުރެވޭ ވަރަށް ކަމަށެވެ. މިގޮތުން މިކަމަށްޓަކައި ވިލިގިއްޔާއި ދާންދޫ ހަމަޖެއްސެވުމުގެ ސަބަބުން ގައްދޫ އުނިވެގެން ދިޔައީ ކަމަށެވެ. މިހެންމިކަންތައް ދިމާވުމުން ސަރުކާރުން މިހާރު ނިންމާފައިވަނީ ގައްދޫގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާ ގޮތަށް ކަމަށާއި މިގޮތުން ފާޚާނާގެ ނިޒާމް ގާއިމްކުރެއްވުމަށްޓަކައި ޚަރަދުވާ ޖުމްލަ 57 މިލިއަން ރުފިޔާގެތެރެއިން މިއަހަރު 10 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. ބަނދަރުގެ މައްސަލައާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްތަރ މައުރޫފް ޖަމީލް ވިދާޅުވީ ބަނދަރު މަރާމާތްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށެވެ. މިގޮތުން ދެބަނދަރު ގުޅުވާލުމުގެ މަސައްކަތް ވެސް މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ފެންވަރު ރަނގަޅު ބަނދަރެއް މިއަހަރު ހެދުމަށް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ. މީގެ އިތުރަށް މައުމޫނު ވިދާޅުވީ ގައްދޫގައި ބޭންކެއްގެ ޚިދުމަތް ތިނުމާއި އަދި މިސްކިތް އެޅުމާއި ބެހޭ ގޮތުން އެމަނިކުފާނު ކަމާއި ބެހޭ މިނިސްޓްރީއާއި ވާހަކަފުޅުދައްކަވައި އެކަންތައްތައް އޮޅިންފިލުއްވުމަށްފަހު އެކަންއޮތްގޮތެއް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށެވެ. ޑީއާރްޕީގެ ޒައީމް ގައްދޫން ފުރާވަޑައިގެންނެވީ މިއަދު މެންދުރުފަހު 14:00 އެހާކަންހާއިރުގައެވެ.