Gadhdhoo Online: ގައްދޫގެ ރައްޔިތުން ތާއަބަދު އެބޭފުޅަކަށް ޝުކުރުވެރިވާ އިބްރާހިމް ނާސިރު އަވަހާރަވެއްޖެ ގައްދޫގެ ރައްޔިތުން ތާއަބަދު އެބޭފުޅަކަށް ޝުކުރުވެރިވާ އިބްރާހިމް ނާސިރު އަވަހާރަވެއްޖެ ================================================================================ Lamer on 23 November, 2008 12:40:00 ހުވަދޫ ބަޣާވާތުގެ ދުވަސްވަރުގައި ހުވަދު އަތޮޅުގެ އެކި ރަށްރަށުގެ މީހުން ގައްދޫ ރައްޔިތުންނަށް ކުރި އަނިޔާވެރި އަމަލްތަކުން ރައްޔިތުން ސަލާމަތް ކޮށްދެއްވި ބަތަލް ކަމުގައިވާ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ދެމިއޮތުމުގެ އާލަމަށް ރޭ ދަތުރުކުރައްވައިފިއެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭ ސިންގަޕޫރު ގަޑިން 09:30 އެހާކަންހާއިރުގައި ސިންގަޕޫރުގެ މައުން އެލިޒަބަތު ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރެވެ. ހިޖްރައިން 09 ޖެނުއަރީ 1379 ގައި މަޝްހޫރު މޯލްޑިވްސްޓަރގައި ގައްދުއަށް ވަޑައިގެން ތިނަދޫ ހަންޑިދޮންހަސަންފުޅުގެ ވެރިކަމުގެ ތިބި 200 އެއްހާ ސިފައިންގެ ޝިކާރައަކަށް ވެފައިވާ ގައްދޫ ރައްޔިތުން އެމީހުންގެ އަނިޔާވެރި ވަކިތަކުގެ ދަށުން ސަލާމަތް ކުރުމާއި ހަމައަށް ގައްދޫގެ ރައްޔިތުން ތިބީ އަނިޔާވެރިކަމާއި އިންތިހާ ވޭނާއި ކެކުޅުން ތަހައްމަލް ކުރުމުގައި މަރުގެ ތުންފަތް މަތީގައެވެ. ކާއެތިކޮޅަކަށް ސަލާންޖެހުމުން ކާއެއްޗެއް ދިއްކޮށްލަނީ އާއިލާގެ ކުރިމަތީގައި އަންހެން ކުދިން ރޭޕްކުރުމަށްފަހުގައެވެ. ރަށުގައި ތިބި ފިރިހެނުން ރަށުންބޭރުކޮށްލުމަށްފަހު ރަށުގައި ތިބި އަންހެނުން ލައްވާ ބުރަމަސައްކަތް ކޮށްއެމީހުންލައްވައިގަދަކަމުން ރަށްވަށައިގެން 200 އެއްހާ ބޮޑެތި ގާފުނިތައް ޖެއްސުވިއެވެ. މި ގާތަކަކީ ދައުލަތުގެ ބަޔަކު ގޮސްފިނަމަ އެމީހުންނާއި ދިމާލަށް އުކާން ހުރި ގަލެވެ. ގާހޮވައިގެން ގެނެސް ރަށްވަށައިގެންފުނި ޖަހައި ނުދީފިނަމަ މުގުރުން ތަޅައި މޫނު ޗިސްކޮށްލުމަށްޓަކައި ވަށައިގެން އަނިޔާވެރިން ތިބެއެވެ. މީގެ އިތުރަށް އިބްރާހިމް ނާސިރު ގައްދުއަށް ވަޑައިގެންނެވި އިރު ރަށް އޮތީ ރޯކޮށްލަން ތައްޔާރުކޮށްފައެވެ. އެހެންކަމުން މިފަދަ އަނިޔާވެރި ބައެއްގެ އަތުން ގައްދޫ ރައްޔިތުން ސަލާމަތްކޮށްދެއްވި ބަތަލަކު އަވަހާރަވުމުން ގައްދޫގެ ރައްޔިތުންގެ ހިތްތަކަށް ވަނީ ވަރަށްބޮޑު މާޔޫސް ކަމެއް ވެރިވެފައެވެ. އެހެންކަމުން މިހިތާމައިގައި ބައިވެރިވުމުގެ ގޮތުން ގައްދޫގެ ބައެއް ގޭގޭގައި ގެންދަނީ ގުރުއާން ގެ އަޑު އިއްވަމުންނެވެ. މަރުހޫމް އިބްރާހިމް ނާސިރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށިއެވެ. އާމީން.