Gadhdhoo Online: ޚިޔާނާތްތެރިވެފައިވާ ކަމަށްބުނެ ގައްދޫ ޗަނބޭލީގެ ޒިޔާދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި ޚިޔާނާތްތެރިވެފައިވާ ކަމަށްބުނެ ގައްދޫ ޗަނބޭލީގެ ޒިޔާދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި ================================================================================ fanditha on 11 February, 2009 11:36:00 ސަރުކާރުގެ މުދާގެންގުޅުމުގެ އުސޫލާ ޚިލާފްވެ ތަކެއްޗަށް ޚިޔާނާތްތެރިވެފައިވާ ކަމަށްބުނެ ފުލުހުންގެ ކޮންސްޓެބަލް އެއްގެ ވަޒީފާ އަދާކުރަމުންގެންދިޔަ ގައްދޫ ޗަނބޭލީގެ މުހައްމަދު ޒިޔާދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފިއެވެ. މިކަމާއި ބެހޭގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވެފައިވަނީ ފުލުހުންގެ ވަޒީފާއިން ޒިޔާދާއި ސ.މީދޫ އަބްލަޣީވާދީ އަހުމަދު ރަޝީދު ވަކިކުރި ސަބަބު އެފަރާތްތަކަށް އަނގަބަހުން މިހާރު އަންގާފައިވާނެކަމަށާއި އަދި މިނިސްޓަރު މެދުވެރިކޮށް ލިޔުމުންވެސް ވަރަށްއަވަހަށް އަންގަވާނެކަމަށެވެ. އަދި އެމީހުން ވަކިކޮށްފައިވަނީ ވަޒީފާ އަދާކުރުމުގައި ސަރުކާރުގެ މުދާބެލެހެއްޓުމުގެ އުސޫލާއި ޚިލާފްވުމުގެ ސަބަބުން ސަސްޕެންޑްކުރުމަށްފަހު ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށްފަހުގައި ކަމަށްވެއެވެ. މިމައްސަލައަކީ ފުލުހުންގެ އިމާރާތެއްގެތެރޭގައި ހުރި ބެޑްރޫމް ސެޓެއް ޕިކަޕަކަށް ލައިގެން ގެންދިޔަ ކަމުގެ މައްސަލައެއް ކަމަށް ޚަބަރުލިބިފައިވެއެވެ. ޒިޔާދު މައުލޫމަތު ދިން ގޮތުގައި މިބެޑްރޫމް ސެޓަކީ އަހުމަދު ރަޝީދުގެ އެއްޗެއްކަމަށާއި މި ބެޑްރޫމް ސެޓް އެއިމާރަތުގެ ތެރެއަށްވައްދާފައިވަނީ ސްޓާފް ސަރޖެންޓް މުހައްމަދު އިބްރާހިމް ގެ ހުއްދަލިބިގެން ކަމަށާއި އެހެންނަމަވެސް ފަހުން މުހައްމަދު އިބްރާހިމް އެމީހުންނާއި ބައްދަލުކޮށް ފުލުހުންގެ އިންޓަރނަލް އޮޑިޓެއް ކުރަން ހަމަޖެހިފައިވާ ކަމަށް ބުނިކަމަށެވެ. އެހެންކަމުން އެއިމާރާތުގެ ތެރޭގައި ހުރި ބައެއް ސާމާންތައް ބޭރުކުރުމަށް އޭނާ އެންގިކަމަށާއި އޭގެ ސަބަބަކީއިންޓަރނަލް އޮޑީޓެއް ކޮށްފިނަމަ މައްސަލަތަކެއް ކުރިމަތި ވާނެތީކަމަށެވެ. މީގެ އިތުރަށް ޒިޔާދު ގައްދޫ އޮންލައިނަށް މައުލޫމާތު ދެއްވި ގޮތުގައި އެދެމީހުން ވަޒީފާއިން ވަކިކުރުމުގެ މައިގަނޑު ބޭނުމަކީ އެމީހުންގެ ވެރީންނަށް ތިބި މީހުން ސަރުކާރުގެ ތަކެތީގައި ޖެހި ޚިޔާނާތް ވަމުންދާކަން އެމީހުންނަށް އެނގޭތީކަމަށެވެ. މިގޮތުން ފުލުހުންގެ ބައެއްމީހުން ހިންގާފައިވާ ބަދުއަޚްލާގީ މައްސަލަތަކާއި އަދި އެހެނިހެން މައްސަލަތައް ނުބަލައި އެދެމީހުންނާއި ދޭތެރޭގައި ފިޔަވަޅު އެޅުމަކީ ވަރަށްބޮޑު ބޭއިންސާފެއް ކަމަށެވެ. މީގެ އިތުރަށް ފުލުސް އޮފީހުގައި އޮންނަނީ މުއްސަނދިމީހުންނަށް މޮޅުގޮތްކަމަށާއި ދެރަމީހުންނަށް ދެރަގޮތްކަމަށެވެ. މިގޮތުން ފުލުހުންގެ ބައެއް މީހުން ގަވާއިދާ ޚިލާފަށް ކޮށްފައިވާ ބައެއްމީހުންގެ ނަންތަކާއި އެމީހުން ކުރި ކަންތައްތަކުގެ ތަފްސީލުވެސް ޒިޔާދު ގައްދޫ އޮންލައިނަށް ހާމަކޮށްފައިވެއެވެ. އަދި އެމީހުން ގަވާއިދާއި ޚިލާފަށް ގެންގޮސްފައިވާ ތަކެތި މިހާރުވެސް އެމީހުންގެ ގޭގޭގައި ހުންނާނެކަމަށާއި އެހެންނަމަވެސް މިކަމާއި މެދު ކުރެވޭނެކަމެއް ނެތްކަމަށާއި މައްސަލަ ޖައްސާނެ ތަނެއްވެސް ނެތްކަމަށެވެ. އަދި ފުލުހުން ގެ ޑިއުޓީގައި ތިބެ ބަދައަޚްލާގީ އަމަލު ހިންގާފައިވާ ބައެއް ފަރާތްތަކާއި ދޭތެރޭގައިވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތްކަމަށާއި މިގޮތުން ފުލުހުންގެ ލާންސް ކޯޕްރަލްގެ މަގާމްގައި ހުރި އަންހެންކުއްޖަކާއި ފުލުހުންގެ ކޯޕްރަލްއަކާއި ދެމީހުން މާފަންނުގެ ގެއެއްގައި ބަދުއަޚްލާގީ އަމަލްހިންގި މައްސަލައެއްގައި އެމީހުންނަގަން ފުލުހުންގެ އޮފިސަރުން ގޮސްފައިވާ ކަމަށާއި އަދި ގައްދޫ ޕޮލިސްސްޓޭޝަންގެ އިންޗާޖް އެތާގެ ކޮޓަރިއަކަށް އަންހެން ކުއްޖަކު ވައްދައިގެން އުޅުނު މައްސަލައިގައިވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާކަމަށެވެ. ޒިޔާދު މައުލޫމާތު ދިންގޮތުގައި އޭނާޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ވަޒީފާއިން ވަކިކޮށްފައިވާކަން އެންގީ ހަމައެކަނި އަނގަބަހުންކަމަށާއި، މިނިސްޓަރު ސޮއކުރުމުން ޗިޓް ހަވާލުކުރާނެކަމަށް އެންގިކަމަށެވެ.