Gadhdhoo Online: ޒާހިރު އާދަމް މަޖިލަހަށް ކުރިމަތިލާކަން ރަސްމީކޮށް އިއުލާންކޮށްފި ޒާހިރު އާދަމް މަޖިލަހަށް ކުރިމަތިލާކަން ރަސްމީކޮށް އިއުލާންކޮށްފި ================================================================================ fanditha on 20 March, 2009 11:00:00 ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލައްވާ އިންތިޚާބް ކާމިޔާބު ކުރާނެކަމަށް މިހާރުވެސް ގދ. އަތޮޅުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ޒާހިރު އާދަމް ވިދާޅުވެއްޖެއެވެ. އޭނާ މިހެންވިދާޅުވީ ހުވަދު އަތޮޅުގެ ރައްޔިތުންނަށްޓަކައި ޒާހިރުގެ އަމިއްލަ ފައިސާއިންކޮށްދީފައިވާ ޚިދުމަތްތަކާއި އަތޮޅުގެ ތަރައްގީއަށްޓަކައި ސަރުކާރާއި އެކު ކުރައްވާފައިވާ މަސައްކަތްތައް ހާމަކޮށްއެކުލަވާލައްވާފައިވާ ފޮތް ނެރެދެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިފޮތް ނެރެދެއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް މުހައްމަދު ޝިހާބެވެ. ޒާހިރުގެ އުފަންރަށަކީ ގައްދޫ ކަމަށްވިޔަސް އަދި މިފަހަރު މަޖިލިހަށް ކުރިމަތި ލައްވާ ދާއިރާއަކީ ގައްދޫ/ވާދޫ ދާއިރާ ކަމުގައި ވިޔަސް ޒާހިރުގެ އަމިއްލަ ފައިސާއިން ގިނަ ޚަރަދުތައް ކުރައްވާފައިވަނީ މިދެރަށަށްވުރެ ބޮޑަށް އަތޮޅުގެ އެހެންރަށްތަކަށް ކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ގދ. ރަތަފަންދޫއަށް ގިނަގުނަ ޚަރަދުތަކެއް ކުރައްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މިދިޔަ ފަސް އަހަރުގެ މުއްދަތަކަށް "ރައްޔިތުންގެ ފުރިހަމަ ތާއީދާއި ހިތުގެ އިޚްލާސްތެރިކަމާއި އެކު" ގައި ޒާހިރު ހޮއްވަވައިފިނަމަ ގދ. އަތޮޅަށް ކުރައްވަވާނެކަމަށް ވައުދުވެފައިވާ 5 ވައުދު ފުއްދުމަށްޓަކައި ޒާހިރު ކުރައްވާފައިވާ މަސައްކަތްތަކުގެ ތަފްސީލު ވެސް މިރޭގެ ޖަލްސާގައި ޒާހިރު ހާމަކޮށްދީފައިވެއެވެ.މިގޮތުން ހުވަދު އަތޮޅަށް ބާނާ ގިނަ މަސްތައް ކަނޑަށް އުކާނުލާ ގަތުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުން އެފުރުސަތު ތަނަވަސް ކޮށްނުދީ އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ހޮރައިޒަން ފިޝަރީޒާއި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ރައްޔިތުންގެ ވެލްފެއަރއަށްޓަކައި ޚަރަދުކޮށްފައިވާ ފައިސާގެ އަދަދުވެސް ޒާހިރު މިޖަލްސާގައި ހާމަކޮށްދެއްވިއެވެ. ހަމައެއާއިއެކު އެކި މައްސަލަތަކުގައި ގާނޫނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ތަނަވަސްކޮށްދިނުމަށްޓަކައި އިންތިޒާމްތަކެއް ހަމަޖައްސަވައި ދެއްވާފައިވާނެކަމަށާއި އެހެންނަމަވެސް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިޚިދުމަތް ހޯދުމަތް އައީ ވަރަށް މަދުބައެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް "ހިތުގެ އިޚުލާސް ތެރިކަމާއިއެކުގައި" ޒާހިރުއަށް ވޯޓްދީ ހޮއްވަވައިފިނަމަ ގދ. ގެ ކޮންމެ ރަށެއްގައި އަޅުއްވަވައިދެއްވާނެކަމަށް ވިދާޅުވި ހަނދާނީ ބިނާތަކުގެ މަސައްކަތްތައްވެސް ކޮންމެވެސް ސިފައެއްގައި ކުރިއަށް މިހާރުވެސް ދާކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ރަތަފަންދޫއަށް ދީފައިވާ ޖެނެރޭޓަރާއި ބަނދަރަކީވެސް މިހަނދާނީ ބިނާގެގޮތުގައި އެރަށުގެ ރައްޔިތުންނަށް ބެލެވިދާނެކަމަށް ވިދާޅުވިއެވެ. ގައްދުއަށް ޒާހިރުގެ ޚިދުމަތްތައް އެކަށީގެންވާގޮތެއްގައި ނުލިބިފައި ވަނީ ރަށު އޮފީހުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމުގެ ސަބަބުންކަމަށް ދޭހަވާ ގޮތަށް ޒާހިރުގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ. މިގޮތުން ގައްދުއަށް 22500 އަކަފޫޓްގެ މިސްކިތެއް އެޅުމަށް ހުށަހަޅުއްވާފައިވާނެކަމަށާއި އެހެންނަމަވެސް އެކަމަށް ބޭނުންވާ ބިން ސަރުކާރުން އަދިވެސް ހަމަޖައްސަވާދީފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ވަރަށް ފަހުން މިބިން ހަމަޖެއްސުމުގެ ކަންތައް އަވަސް ކުރުމަށް އަތޮޅުއޮފީހަށް މިހާރު ފުނުވިފައިވާކަން ރަށުއޮފީހުން ޒާހިރަށް އަންގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިޖަލްސާގައި ޒާހިރުގެ ޚިދުމަތްތަކާއި ބެހޭ ފޮތް ނެރެދެއްވުމުގެ އިތތުރުން ޒާހިރުގެ ކެމްޕޭން ވެބް ސައިޓް ލޯންޗް ކޮށްދެއްވުންވެސް ހިމެނެއެވެ. މިސައިޓްގެ އެޑްރެހަކީ www.zahir2009.com އެވެ. ގައްދޫ ކަތީބުންގެ ގޮތުގައި ގިނަދުވަސްތަކެއް ވަންދެން ޒާހިރުއާއި ގާތްބޭފުޅުންތަކެއް ތިއްބެވި ކަމަށްވީއިރުގައާއި އަދި ރަށްކުރިއަރުވާ ކޮމިޓީގައި ވެސް ޒާހިރުއަށް ތާއީދުކުރާ ގިނަބަޔަކުއަބަދުވެސް ތިއްބަވާއިރު ގައްދުއަށްޓަކައި ޒާހިރު ކަންތައްތަކެއް ކުރައްވަން ބޭނުންފުޅުވާނަމަ އެކަމަށް ހުރަސްތަކެއް ކުރިމަތިވާންޖެހޭކަމަކީ ސުވާލުއުފެދޭކަމެކެވެ.