Gadhdhoo Online: ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި ބެހޭ ކޮންސަލްޓެންސީ ރިޕޯޓް އެކުލަވާލައިފި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި ބެހޭ ކޮންސަލްޓެންސީ ރިޕޯޓް އެކުލަވާލައިފި ================================================================================ fanditha on 22 March, 2009 09:21:00 ރަފްޓާ ޕްރޮޖެކްޓްގެ ދަށުން ގައްދޫގައި ކުރިޔަށް ގެންދާ ޕްރޮގްރާމްގައި ހިމެނޭ ކޮމްޕޯނެންޓެއް ކަމަށްވާ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރުމާއިބެހޭ ކޮންސަލްޓެންސީ ރިޕޯޓް އެކުލަވާލައްވައިފިއެވެ.މި ރިޕޯޓްގައި މަސްވެރިކަމާއި ބެހޭ ތަޖުރިބާކާރު ކޮންސަލްޓެންޓެއް ކަމަށްވާ ޑެރެކް ސްޓޭޕްލްސް ފާހަގަކޮށްފައިވާ ގޮތުގައި ގައްދުއާއި ހުވަދު އަތޮޅުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ދަށްވެފައިވަނީ ސީދާ 2004 ގައި ކުރިމަތިވި ސުނާމީގެ ސަބަބުންނެއް ނޫންކަމަށެވެ. ނަމަވެސް މިކަންތައް މެދުވެރި ވުމުގައި މަސްވެރިކަމާއި ބެހޭގޮތުން ކުރީ ޒަމާނުއްސުރެން ބޭނުންކުރަމުންއަންނަ ނުރަނގަޅު އާދަތަކެއް ހިމެނޭކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި އާންމުކޮށް ހުޅުވާލެވިފައިވާ ޕޮލިސީއެއްގެ ދަށުން އެއްވެސް ކޮންޓްރޯލެއް ނެތި ރިޔަލު ދޯނިފަހަރުގައި އިންޖީނު އެޅުމާއި، އެންމެ ޒަމާނީ ބޮޑެތި ފައިބަރ ގްލާސް އުޅަނދުތައް ތައާރަފް ކުރުމާއި، މަސްކަނދުފަތިތަކާއި، އެންމެފަހުފެ ފިޝް ފައިންޑަރާއި ނެވިގޭޝަން ސިސްޓަމް ތައާރަފް ކުރުންހިމެނެއެވެ. އަދި ހަމަ އެއާއިއެކު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ހުރިހާ ދިމާލެއްގައިވެސް ހާމަކޮށް ހުޅުވިފައި ވުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ފަރާތްތައް ނަހަގޮތގައި މަސްވެރިކަން ކުރަން ފުރުސަތު ލިބި ރާއްޖެ ސަރަހައްދުގައި ގަވާއިދާއި ޚިލފާށް މަސްވެރިކަން ކުރަމުންދާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް އިތުރުވެފައިވެއެވެ ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ ފަރާތުން 2009 ގައި މަސްވެރިކަމާއި ބެހޭގޮތުން ރާއްވަވާފައިވާ ކަންތައްތަގުގެ ތެރޭގައި އަންނަނިވި ކަންތައް ހިމެނެއެވެ. * ޒިންމާދާރުގޮތެއްގައި މަސްވެރިކަން ކުރުމާއި ބެހޭ ކަންތައްތައް ބެލުމާއި އެކަންތައްތައް ތަންފީޒުކުރުން. މީގެތެރޭގައި ހިމެނެނީ 1. މަސްވެރިކަމުގެ މިހާރުގެ ހާލަތު ދިރާސާ ކުރުމާއި ތަންފީޒީ ޕްލޭނެއް އެކުލަވާލުން 2. "ރިސޯސް ވޮޗް" ގެ ނަމުގައި ރައްޔިތުން ޝާމިލްވެހެން ކުރިޔަށް ގެންދާނެ ޕްރޮގްރާމެއް ހިންގުން. * މަހުން އުފައްދާ ތަކެއްޗާއިބެހޭ ހާލަތު ދެނެގަތުން 1. މަހުން މިހާރު އުފައްދަމުންދާ ތަކެއްޗާއި މަހުން ކުރެވެން ހުރި ކަންތައްތައް ދެނެގަތުމާއި މާކެޓް ކުރުމަށްހުރި ފުރުސަތު ތަކާއި، އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާއިބެހޭ އެކްޝަން ޕްލޭނެއް ކަނޑައެޅުން. * ފިޝް ޕްރޮސެސިންގ އާއިބޭ ޕައިލެޓް ޕްރޮގްރާމްތައް ހިންގުން. މީގެ ތެރޭގައި ހިމެނެނީ 1. އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތިން މަހުން ތަކެތި އުފައްދާނެފެސިލިޓީސްތައް ގާއިމް ކުރާނެތަންތަން ކަނޑައެޅުން. * ޓްރައިނިންގ މަހުން ތަކެތި އުފައްދާނެ ގޮތާއި ބެހޭގޮތުންނާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއިބެހޭ ތަމްރީނު ދިނުން. މިގޮތުން ތައްޔާރު ކުރެވިފައިވާ ކޮންސަލްޓެންސީ ރިޕޯޓްގައި މަތީގައި ފާހަގަކޮށްފައިވާ އެންމެހާ ކަންތައް ތަކުގެ އިތުރުން އަންނަނިވި ކަންތައް ހިމެނިފައިވާނެއެވެ. 1. ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަގޮތްތަކާއިބެހޭ ޕޮލިސީ ކަރުދާސް ތަކާއި ގަވާއިދު ތައްޔާރުކުރުން. 2. ހުވަދު އަތޮޅުގެ މަސްވެރިކަމާއިބެހޭ މިހާރުގެ ހާލަތު ދެނެގަތުން. 3. ގައްދޫ މަސްވެރިންގެ މަސްވެރިކަމުގެ ހާލަތު ދެނެގަތުން. 4. ހުވަދު އަތޮޅުގެ މަސްވެރިކަމުގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ބަލައިއެކަންތައްތައް އެކަށައެޅުން. "ރިސޯސް ވޮޗް" ގެނަމުގައި ގައްދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ އިންފޮމެޝަން ސެންޓަރ ބޭނުންކޮށްގެން ގައްދުއާއި ހުވަދު އަތޮޅުގެ މަސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ ކަންކަން އެކަށައެޅުން. 5. ބަޔާން ކުރެވުނު ރިސޯސް ޕްރޮގްރާމް ބޭނުންކޮށްގެން ކެޔޮޅުންނާއި މަސްވެރިންނަށް ތަމްރީން ޕްރޮގްރާމެއް ރާވައިދިނުން. މި ރިޕޯޓް ގައި ހުށަހަޅާފައިވާ ކަންތައްތަކުގެ މައިގަނޑު މަގުސަދަކީ ގައްދުއާއި ހުވަދު އަތޮޅުގެ މަސްވެރިކަމުގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި އާލާކޮށް ރަނގަޅުކުރުމެވެ. މީގެ ތެރޭގައި ހިމެނެނީ ދޮށީގެ މަސްވެރިކަން ކުރުމުގައި ޚަރަދު ކުޑަކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ތަމްރީން ޕްރޮގްރާމް ތައް ހިންގުން. ޕައިލްޓް ޕްރޮސަސިންގ ޕްލާންޓް އުފެދުމުގެ ކުރިން ގައްދޫގައި ހިކި ކަނޑުމަސް ތައްޔާރު ކޮށް މާކެޓް ކުރުމާއިބެހޭ ފީސިބިލިޓީ ސްޓަޑީ އެއް ހެދުން. ގައްދޫ ކައިރީގައި ހަދަމުންދާ އެއަރޕޯޓާއި ޓޫރިސްޓަށް ބޭނުންވާ ފަރުމަހުގެ ޑިމާންޑް އިތުރުވާނެ ކަމަށް ބަލައިގެން މިކަމަށްޓަކައި މަޝްވަރާކޮށް ތައްޔާރު ވުމަށްޓަކައި ކުޑަވަރެއްގެ ފަރުމަސްވެރިކަމާއި ބެހޭ ގްރޫޕެއް އުފެއްދުން. ގައްދޫގައިގާއިމްކުރުމަށް ހަމަޖެހިފައިވާ އިންފޮމޭޝަން ސެންޓަރ ބޭނުންކޮށްގެން އައިޓީގެ ޒަރީއާއިންނާއި އަދި އެނޫންވެސް ގޮތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަބަޔަކަށް ނުވަތަ ރަށްތަކަށް މަސްވެރިކަމާއި ބެހޭ މައުލޫމާތު ފެތުރުން. "ރިސޯސް ވޮޗް" ފަދަ ޕްރޮގްރާމެއް ގެ ދަށުން މަސްވެރިކަމާއިބެހޭ މައުލޫމާތ ގައްދޫ އިންފޮމޭޝަންސް ސެންޓަރ އަށް ފޯރުކޮށްދޭނެ ބަޔަކު ތައްޔާރުކުރުން. މިގްރޫޕްގެ މަސްއޫލިއްޔަތުގެ ތެރޭގައި ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރާފަރާތްތަކުގެ މައުލޫމާތު ގައްދޫ އިންފޮމޭޝަންސް ސެންޓަރ އަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ގަވާއިދާ ޚިލާފަށް ވެލާބިސް ނަގާ ފަރާތްތައް ހޯދައިގަތުމާއި އަދި އެހެނިހެންވެސް ޒިންމާދާރު މަސްވެރިކަންކުރުމާއި ބެހޭ ގޮތްތައް ކަނޑައެޅުން ހިމެނެއެވެ. ފުލް ރިޕޯޓް ވާތްފަރާތުގައިވާ އެޓޭޗްމެންޓްސް ބައިން ޑައުންލޯޑް ކުރައްވާ!