Gadhdhoo Online: ގައްދޫ ރައްޔިތުންނަށް ބެހުމަށްޓަކައި މޭވާގަސްތަކެއް ގައްދުއަށް ގެނެސްފި ގައްދޫ ރައްޔިތުންނަށް ބެހުމަށްޓަކައި މޭވާގަސްތަކެއް ގައްދުއަށް ގެނެސްފި ================================================================================ fanditha on 26 May, 2009 07:17:00 ރަފްޓާ ޕްރޮޖެކްޓްގައި ހިމެނޭ ބައެއް ކަމަށްވާ ގައްދޫ ފެހިކުރުމުގެ ޕްލޭންގެ ދަށުން ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ މޭވާގަސްތަކެއް ގދ. ގަމުން ގައްދުއަށް މިއަދު ގެނެސްފިއެވެ. މިމޭވާ ގަސްތައް، އިންދުމަށް ބޭނުންވާ ސައިޒަށް ބޮޑުވަންދެން މުޑުވައްކޮށްފައިވަނީ ގަމުގައި ތައްޔާރުކޮށްފައިވާ ނާސަރީއެއްގައެވެ. މިނާސަރީގައި މޭވާ ގަސްތަކުގެ އިތުރުން ތަފާތު އެކި ވައްތަރުގެ ގަސްތައް މުޑުވަށް ކޮށްފައިވެއެވެ. ނާސަރީގައި އިންދާފައިވާ ގަސްތަކުގެ ތެރޭގައި ހިމެނޭ ފިތިރޯނުގަސްތަކުގެ ތެރެއިން ބައެއް މިހާރުވަނީ ބަފަރޒޯން ނަމުގައި ހަމަޖައްސަވާފައިވާ ސަރަހައްދުގައި އިންދާފައެވެ. ގައްދޫގެ ގޭގެއަށް ބެހުމަށް ހަމަޖެހިފައިވާ މޭވާ ގަސްތައް ބަހާނެގޮތުގެ އިންތިޒާމް ގައްދޫ ޕަރޓްނަޝިޕް ގްރޫޕްގެ މެދުގައި މަޝްވަރާކުރުމަށްފަހު ވަރަށް އަވަހަށް ނިންމާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. ގޭގެއަށް ބެހުމަށް ހަމަޖެހިފައިވާ މޭވާ ގަސްތަކުގެ ތެރޭގައި އަނބާއި، ފޭރު އަދި އަތަގަސްފަދަ ބައެއް ގަސްތައް ހިމެނެއެވެ. ނާސަރީގައި މުޑުވައްކޮށްފައިވާ ގަސްތަކުގެ ތެރެއިން ބައެއް މޭވާ ގަސްތައް މަދުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.