Gadhdhoo Online: ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ 3 ވަނަ ބައްދަލުވުން ބާއްވައިފި ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ 3 ވަނަ ބައްދަލުވުން ބާއްވައިފި ================================================================================ fanditha on 27 May, 2009 10:14:00 ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ 3 ވަނަ ބައްދަލުވުން މިއަދު ހެނދުނު 09:00 ގައި ގދ. އަތޮޅު މަދަރުސާގެ ހޯލްގައި ބާއްވައިފިއެވެ. މިބައްދަލުވުން ގުރުއާންގެ ބަރަކާތުން ފައްޓަވައި ދެއްވީ އަލްފާޟިލް އަހުމަދު ފަހުމީއެވެ. އެއަށްފަހު ޖަލްސާ ތައާރަފްކުރުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ގައްދޫ ކައުންސިލަރ އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދެވެ. އަޒީޒްގެ ފާހަކަފުޅުގައި މިފަދަ ޕްރޮޖެކްޓެއް ގައްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ދަނޑުވެރިކަމާއި ގުޅޭ މިފަދަ ޕްރޮޖެކްޓެއް ގައްދޫ ރައްޔިތުންނަށް ލިބުމުގެ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމުގައި ވިދާޅުވިއެވެ. އަދި ރަފްޓާ ޕްރޮޖެކްޓް ގައްދޫގައި ކުރިއަށް ގެންދާގޮތަށް ހަމަޖެއްސެވީތީވެ އެފްއޭއޯ އަށާއި ދިވެހި ސަރުކާރަށް އަދި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރެއްވެވިއެވެ. ކައުންސެލަރ އަޒީޒްގެ ވާހަކަފުޅަށްފަހު އެފްއޭއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ޓެކްނިކަލް އެޑްވައިޒަރ މރ. ވިންޝަން ރޫޑަރ ގެ ވާހަކަފުޅުދެއްކެވުން އޮތެވެ. ރޫޑަރގެ ވާހަކަފުޅުގައި ރަފްޓާ ޕްރޮޖެކްޓުގައި ކުރުމަށް ނިމިފައިވާ އެންމެހާ ކަންކަން ކާމިޔާބް ކަމާއިއެކު ހާސިލް ކުރުމަށްޓަކައި ގައްދޫ ޕަރޓްނަރޝިޕް ގްރޫޕާއި އެގްރިކަލްޗަރ މިނިސްޓްރީއާއި އަދި އެފްއޭއޯގެ ސްޓިއަރިންގ ޓީމާއި ގޅިގެންމަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ވިންޝަން ރޫޑަރގެ ވާހަކަފުޅަށްފަހު ގައްދޫ ޕަރޓްނަރޝިޕް ގްރޫޕްގެ 2008 ވަނަ އަހަރަށް ކަނޑައަޅައިފައިވާ ޗެއަރމަން އަބްދުﷲސާދިގުގެ ވާހަކަފުޅުދެއްކެވުން އޮތެވެ. ސާދިގްގެ ވާހަކަފުޅުގައި 2008 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ކާމިޔާބް ކަމާއި އެކީ ނިމްމާފައިވާ ކަންތައްތައްތަކަށް ބައްލަވާލެއްވިއެވެ. މިގޮތުން ގަމާއި ގައްދުއާއި ދެމެދު ދަތުރުކުރުމަށްޓަކާ އުޅަނދެއް ބަނުމާއި ގަމުގައި ފާޚާނާ ބަރިއެއް ތައްޔާރުކުރުމާއި، ހައިޑްރޯޕޯނިކްސް ދަނޑުވެރިކަމާއި ބެހޭ ނިޒާމެއް ގާއިމްކޮށް އަދި އެކަމާއިބެހޭ ކޯހެއް ހިންގުން ހިމެނެއެވެ. މީގެ އިތުރުން ދަނޑުވެރިންނަށް އަމާޒްކޮށްގެން ތަފާތު ވައްތަރުގެ ދަނޑުވރިކަމާއި ބެހޭ ކޯސްތައްވެސް 2008 ވަނަ އަހަރު ހިންގައިފައިވާކަމަށް ވިދާޅުވިއެވެ. މިޕްރޮޖެކްޓްގައި 2009 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ކާށިން ތަކެތި އުފައްދާ ފެކްޓްރީއެއް ގައްދޫގައި ގާއިމް ކުރުމާއި، ގައްދޫ އިންފޮރމޭޝަން ސެންޓަރގެ ނަމުގައި ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި އިކޯޓޫރިޒަމްފަދަ ކަންތައްތަކާއިބެހޭ މައުލޫމާތު ފޯރކޮށްދިނުމަށް އިމާރާތެއް ގާއިމްކުރުމާއި، އޮޅުއަލަ ދަނޑުތަކުގައި ހެދޭ ފެންތައް ހިންދުމުގެ ގޮތުން ރަނގަޅުފެންވަރުގެ ކާނު ސިސްޓަމެއް ގާއިމްކުރުމާއި، ނަމޫނާ އޮޅުއަލަ ދަނޑެއް ގަމުގައި ގާއިމްކުރުމާއި، ގަމުގައި ޕޯލްޓްރީ ފާމެއް ހެދުމާއި، އަތްތެރިމަސައްކަތާއިބެހޭ ކޯހެއް ހިންގުމާއި، ކެޔޮޅުން ތަމްރީންކުރުމަށް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުންފަދަ ކަންކަން ހިމެނެއެވެ. މިއަދުގެ ބައްދަލުވުމުގައި ޕްރޮޖެކްޓް ހަރަކާތާއި ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހެޅުމާއި މިކަންކަމާއި ގުޅޭ ބައެއް މަޝްވަރާތައް ޕަރޓްނަރޝިޕް ގްރޫޕްގެ މެމްބަރުންގެ މެދުގައި ބޭއްވުނެވެ. ޕްރެޒެންޓޭޝަން ހުށަހެޅުއްވީ ޕްރޮޖެކްޓް މެނޭޖަރ މރ. ބްރަމެންދރަންއެވެ. އެއަށްފަހު 2009 ވަނަ އަހަރަށް ގައްދޫ ޕަރޓްނަރޝިޕްގްރޫޕްގެ ޗެއަރޕަސަން ހޮވުން އޮތެވެ. މިއަހަރުގެ ޗެއަރޕަރސަން ގެ މަގާމަށް ހޮވިފައިވަނީ އަލްފާޟިލް އަލީ އުޒައިރެވެ. ރަފްޓާޕްރޮޖެކްޓްގެ ދަށުން ބެހުމަށް ހަމަޖެހިފައިވާ މޭވާގަސްތައް ބެހުން މާދަމާ ހަވީރު ބާއްވާ ގޮތަށްވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވެއެވެ. މީގެ އިތުރުން ފެރީ އިފްތިތާހްކުރުމާއި ފާޚާނާ ނިޒާމް ރަށުއޮފީހާއި ހަވާލުކުރުމުގެ ރަސްމިއްޔާތުވެސް މާދަމާ ބާއްވާގޮތަށް ހަމަޖެހިފައިވެއެވެ. ބައެއް ސަބަބުތަކާއިހުރެ މިފަހަރުގެ ބައްދަލުވުމުގައި އެފްއޭއޯގެ ޗީފް ޓެކްނިކަލް އެޑްވައިޒަރ މރ. ޝިންގޯ ޝިބާޓާއާއި، ނެޝަނަލް ޕްރޮޖެކްޓް ކޯޑިނޭޓަރ އަލްފާޟިލް އިބްރާހިމް ޝަބާއު އަދި އަތޮޅު ކައުންސިލަރ މުހައްމަދު ނިޔާޒް ބައިވެރިވެވަޑައިނުގަންނަވައެވެ.