Gadhdhoo Online: ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ގައްދޫގެ ގޮނޑުދޮށް ސާފްކުރުމުގެ ޕްރޮގްރާމެއް ހިންގައިފި ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ގައްދޫގެ ގޮނޑުދޮށް ސާފްކުރުމުގެ ޕްރޮގްރާމެއް ހިންގައިފި ================================================================================ fanditha on 05 June, 2009 02:21:00 ދުނިޔޭގެ ތިމާވެށީގެ ދުވަހާއިގުޅިގެން ގައްދޫގެ ގޮނޑުދޮށް ސާފްކުރުމުގެ ޕްރޮގްރާމެއް މިއަދު ހެނދުނު ބާއްވައިފިއެވެ. މިއަދު ހެނދުނު 09:00 ގައި ފެށި މިޕްރޮގްރާމަށް ރައްޔިތުންގެ ފަރާތން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ސާފްކުރުމުގެ މިޕްރޮގްރާމްގައި ގައްދޫގައި ގާއިމްކޮށްފައިވާ ބައެއް މުއައްސަސާތަކުގެ ބައެއް މީހުންނާއި ޒުވާނުންގެ އިތުރުން ރައްޔިތުންގެ ތެރެއިން މަދުބައެއް ހަރަކާތްތެރިވިއެވެ. މި ޕްރޮގްރާމަށް އެއްބާރުލުން ހޯއްދެވުމުގެ މަގްސަދުގައި ގައްދޫ އޮފީހުންވަނީ އާންމުންގެ ގިނަ ބައަކާއި ބައްދަލުކުރުމުގެ އިތުރުން ލައުޑް ސްޕީކަރ ބޭނުންކޮށްގެން މުޅިރަށަށް މި އެންގުން އަންގާފައެވެ. ދުނިޔޭގެ ތިމާވެށި ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ 05 ވަނަ ދުވަހު ފާހަގަކުރަމުންދާ ދުވަހެކެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1972 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީގެ ފަރާތުން ތިމާވެއްޓާއި ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި "ސްޓޮކްހޯލްމް ކޮންފަރެންސް" ގެ ނަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މިއަހަރުގެ ތިމާވެށި ދުވަހުގެ ޝިއާރަކީ "ޔޯރ ޕްލެނެޓް ނީޑްސް ޔޫ ޔުނައިޓް ޓު ކޮމްބެޓް ކްލައިމެޓް ޗޭންޖް" މިއެވެ. 2009 ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި މިދުވަސް ފާހަގަކުރާގޮތަށް ހަމަޖެހިފައިވަނީ މެކްސިކޯގައެވެ.