Gadhdhoo Online: ރޭގަނޑު ގަމުގައި ހުއްޓާފެނިއްޖެނަމަ އެއީ ކުށެއްކަމަށްބައްލަވާ މައްސަލަ ތަހުގީގްކުރާގޮތަށް ހަމަޖައްސަވައިފި ރޭގަނޑު ގަމުގައި ހުއްޓާފެނިއްޖެނަމަ އެއީ ކުށެއްކަމަށްބައްލަވާ މައްސަލަ ތަހުގީގްކުރާގޮތަށް ހަމަޖައްސަވައިފި ================================================================================ fanditha on 07 June, 2009 05:32:00 ގދ. ގަމުން ވެލާ، ކަހަނބު ކަތިލުމާއި އޭގެ ބިސްނެގުމާއި، ރަށުން ވެލިނެގުމާއި ރުއްގަސް ކެނޑުންފަދަ ކަންތައްތައް މިފަހަކަށް އައިސް އާންމުވެފައިވާތީ އެކަން ހުއްޓުވުމުގެ މަގްސަދުގައި ރަށު އޮފީހުން ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ. މިމައްސަލައާއި ބެހޭގޮތުން ރަށުއޮފީހުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މިފަދަ ކަންތައްތަކަކީ މިކަމުގެ ސަބަބުން މުޅި މުޖްތަމައަށްލިބޭ ފޫނުބެދޭ ބޮޑު ގެއްލުމެއް ކަމުގެ ސަބަބުން އެއްވެސް ފަރާތަކުން މިއަމަލު ހިންގާތޯ ބައްލަވާ ހިންގާނަމަ ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި މިއަދުގެ ފަހުން ގައްދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ގަން ޕެޓްރޯލް ކުރައްވަމުން ގެންދަވާނެކަމަށެވެ. "މީގެ ފަހުން އިރު އޮއްސުމާއި އިރު އެރުމާއި ދެމެދު ރޭގަނޑުގެ ހުރިހާ ވަގުތެއްގައި މިރަށަށް އެރުން މަނާކުރެވުނީ އެވެ. ވީމާ ރޭގަނޑުގެ ވަގުތެއްގައި އެއްވެސް މީހަކު ގަމަށް އަރާ ހުއްޓާ ފުލުހުންނަށް ފެނިއްޖެނަމަ އެއީ ކުށެއްކަމަށް ބައްލަވާ އެމީހެއްގެ މައްޗަށް ތަހުގީގް ހިންގާ ޝަރީއަތް މެދުވެރިކޮށްގެން އެމައްސަލަ ނިންމާލެވޭނެއެވެ." ރަށު އޮފީހުން މިއަދު އާންމުކުރި އިއުލާނުގައި ވެއެވެ. މީގެ އިތުރަށް މިއިއުލާންގައި ވާގޮތުން ކޮންމެ ހަފްތާއަކު ދަނޑުގޮވާން ކުރުމަށް ގައްދޫ ރައްޔިތުން ގަމަށްދާ 3 ދުވަސް ކަމުގައިވާ ހޮނިހިރު، އަންގާރަ، ބުރާސްފަތި މި 3 ދުވަސް ފިޔަވާ އެހެން ދުވަސް ދުވަހު ގަމަށް ދެވޭނީ ރަށުއޮފީހުން ހުއްދަ ލިބިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. މިކަން މިގޮތަށް ނިންމާފައިވަނީ އަޕަރ ސައުތް ޕްރޮވިންސްގެ ނައިބު މުހައްމަދު ޝަރީފް ގައްދުއަށް ވަޑައިގެން މިކަމާއި ބެހޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ފަހު އެމީހުންގެ ރުހުން ލިބުމަށްފަހުގައި ކަމަށްވެސް ގައްދޫ ކައުންސިލަރ އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދު ސޮއިކޮށް އާންމުކޮށްފައިވާ މިއިއުލާންގައި ހާމަކޮށްފައވެއެވެ.