Gadhdhoo Online: މިއަދަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް މިއަދަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ================================================================================ fanditha on 08 June, 2009 11:45:00 އދ. ގެ ޖެނެރަލް އެސެމްބްލީން 2008 ވަނަ އަހަރު ނިންމާފައިވާގޮތުގައި 2009 ވަނަ އަހަރުގެ ޖޫންމަހުގެ 08 ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަ ކުރާ ދުވަހެވެ. އެހެންނަމަވެސް ކެނެޑާގެ ފަރާތުން 08 ޖޫން 1992 ގައި ބްރެޒިލްގެ ރިއޯޑި ޖެނެއިރޯގައި ބޭއްވި އާތް ސަމިޓްގައި ހުށަހެޅި މިހުށަހެޅުން މިދުވަހުގެ ފަހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ނުރަސްމީ ގޮތެއްގައި ދަނީ ފާހަގަކުރަމުންނެވެ. މިދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކަނޑުގެ ޒަރީއާއިން އަޅުގަނޑުމެންނަށް ކުރަމުންދާ ފައިދާތަކުގެ އަގު ވަޒަންކުރުމާއި ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ. މިދުވަހާއި ބެހޭގޮތުން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރެހުމުގެ މުބާރާތާއި، އެޑިއުކޭޝަނަލް ޕްރޮގްރާމްތަކާއި، ކަނޑުގެ ދިރުން ބޭނުންކޮށްގެން ކާބޯތަކެތީގެ މައުރަޒްފަދަ ކަންތައްތައް ރާވާލެއްވުމަކީވެސް ކުރެވިދާނެ ކަންތައްތަކެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި މިދުވަހާއިގުޅޭގޮތުން ބަނދަރުތަކާއި ފަޅުތައް ސާފްކުރުންފަދަ ތަފާތު ޕްރޮގްރާމްތައް ކުރިޔަށް ދިޔުމަށް ހަމަޖެހިފައި ވީނަމަވެސް ގައްދޫގައި މިދުވަހާއި ގުޅިގެން ވަކި ޚާއްސަ ޕްރޮގްރާމެއް ރާވާފައި ނުވާކަމުގައި ގައްދޫ އޮފީހުން މައުލޫމާތު ދެއްވެވިއެވެ. އދ. އިން ކަނޑައަޅާފައިވާ މިއަދުގެ ޝިއާރަކީ "އަޅުގަނޑުމެންގެ ކަނޑުތައް އަޅުގަނޑުމެންގެ ޒިންމާއެއް" މިއެވެ.