Gadhdhoo Online: ބޮޑެތި އަނިޔާތަކެއް ކުރުމުގެ ސަބަބުން އައިސީޔޫގައި ފަރުވާދެމުންދިޔަ 8 މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ ބޮޑެތި އަނިޔާތަކެއް ކުރުމުގެ ސަބަބުން އައިސީޔޫގައި ފަރުވާދެމުންދިޔަ 8 މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ ================================================================================ fanditha on 12 June, 2009 02:14:00 އުމުރުން އެންމެ 8 މަހުގެ ތުއްތު ކުއްޖެއްކަމަށްވާ މައުސޫމް މުހައްމަދު ނާފިއުއަށް އޭނާގެ މަންމައާއި އިތުރު ދެމީހުންވެގެންކޮށްފައިވާ ބޮޑެތި އަނިޔާތަކެއްގެ ސަބަބުން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ މެންދުރުފަހު އެކުއްޖާ ނިޔާވެއްޖެއެވެ. މިމައްސަލައާއި ބެހޭގޮތުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވިދާޅުވިގޮތުގައި މިމަހުގެ 9 ވަނަ ދުވަހުގެރޭ ފުލުހުންނަށް ހުށަހެޅުނު މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ އެކުއްޖާގެ މަންމަ ސ. ހިތަދޫ ސިލްވަރލީފް ޢުމުރުން 28 އަހަރުގެ ނޫރުޒާދާ ޢަލީ އާއި މިހާރު އެކުއްޖާގެ މަންމައާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ މ. ގޯލްވިޗް ޢުމުރުން 46 އަހަރުގެ މުޙައްމަދު ވަޙީދު އާއި އަދި އިތުރު ފިރިހެނެކެވެ. އެ ފިރިހެންމީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. މިކުއްޖާ ގޮވައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ މީގެ ތެރެއިން މުހައްމަދު ވަހީދު ކަމަށާއި މި 3 މީހުންވެސް ހައްޔަރުކޮށްފައިވަނީ އައިޖީއެމްއެޗްގެ ތެރެއިން ކަމަށްވެއެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މިތުއްތު ކުއްޖާގެ ބައްޕަ މިހާރު ގެންދަނީ ޖަލުހުކުމެއް ތަންފީޒް ކުރަމުންނެވެ. މިމައްސަލައިގައި ފުލުހުން މި 3 މީހުންހައްޔަރުކުރުމަށްފަހު މިމީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެތީގެބާވަތެއްކަމުގައިވާ މޯފިންއަށް މިމީހުންވަނީ ޕޮސިޓިވް ވެފައެވެ. މިކުއްޖާއަށް ލިބިފައިފާ އަނިޔާތަކުގެ ތެރޭގައި ކަރަށް އަނިޔާކުރުމުގެ ސަބަބުން ކަރު ނޫފައިގެންފައިވުމާއި، ފުރަގަސްފަރާތަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވުން ހިމެނެއެވެ. ބެލެވޭ ގޮތުގައި އެކުއްޖާގެ ފުރަގަސްފަރާތަށްލިބިފައިވާ މިއަނިޔާތަކަކީ މިކުއްޖާއަށް ޖިންސީ އަނިޔާތައް ކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކެކެވެ.މީގެ އިތުރަށް މިކުއްޖާގެ ލޮލަށް ލޭއަރާފައިވުމާއި، ސިކުނޑިއަށް ލޭގެ އަސަރުކޮށްފައިވުން ވެސް މިމީހުންގެ ފަރާތުން މިކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ހިމެނެއެވެ. މިއަނިޔާވެރި މަރާއި ގުޅިގެން މުޅިރާއްޖެއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.