Gadhdhoo Online: މަގުއްދުވާގެ އެހީގައި ގައްދޫގެ ބަނދަރާއި ބިންހިއްކުމަށް ފަސްނެގި ސަރަހައްދު ގުޅުވާލާގޮތަށް ހަމަޖެހިއްޖެ މަގުއްދުވާގެ އެހީގައި ގައްދޫގެ ބަނދަރާއި ބިންހިއްކުމަށް ފަސްނެގި ސަރަހައްދު ގުޅުވާލާގޮތަށް ހަމަޖެހިއްޖެ ================================================================================ fanditha on 16 June, 2009 08:40:00 ގައްދޫގެ ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ވަގުތީގޮތުން ހައްލުކުރުމަށްޓަކައި ގައްދޫގެ ބަނދަރާއި ގައްދޫގެ ބިންހިއްކުމަށް ފަސްނެގި ސަރަހައްދު ގުޅުވާލާގޮތަށް ހަމަޖެހިއްޖެއެވެ. މިކަމަކީ ގައްދޫގެ ބައެއް މަސްވެރިންނާއި އަދި ރައްޔިތުންގެ ތެރެއިން ބައެއް މީހުން މިކަމުގެ ދަތިތައް ޕްރޮވިންސްގެ ނައިބު މުހައްމަދު ޝަރީފް އަށް ހުށަހެޅުމުން ގައްދޫގެ ކައިރީގައި ތަރައްގީކުރައްވަމުން ގެންދަވާ ރިޒޯޓެއް ކަމަށްވާ ގދ. މަގުއްދުވާގެ އެހީގެ ދަށުން ކުރުމަށް ހަމަޖެހފައިވާ މަސައްކަތެކެވެ. ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ބަނދަރުގެ މިސަރަހައްދު ބައްލަވާލެއްވުމަށް މަގުއްދުވާގެ ޕްރޮޖެކްޓް މެނޭޖަރ މރ. މުރާތް ވަނީ ގައްދުއަށް ވަޑައިގެން މިމަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ގދ. މަގުއްދުވާ އަކީ އެމްޓީޑީސީގެ ފަރާތުން ކުއްޔަށްދީގެން ތުރުކީގެ ކުންފުންޏެއްކަމަށްވާ އަހުމަދު އަޔަޑަނިޒް އިސާތު ކުންފުނިން ތަރައްގީކުރައްވަމުންދާ ރިޒޯޓެކެވެ. މިރިޒޯޓްގައި 200 އެނދު ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު ރިޒޯޓް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. މިރިޒޯޓް ހުޅުވޭނެކަމަށް ބަލާފައިވާ ތާރީޚަކީ 2010 ވަނައަހަރުގެ މާޗްމަހުގައެވެ.