Gadhdhoo Online: ގދ. އަތޮޅުމަދަރަސާ އިން ދެބޭފުޅަކު މުސްކުޅި ކުރައްވައިފި ގދ. އަތޮޅުމަދަރަސާ އިން ދެބޭފުޅަކު މުސްކުޅި ކުރައްވައިފި ================================================================================ solih ahmed on 01 May, 2008 03:23:00 ގދ. އަތޮޅުމަދަރަސާއިން މުސްކުޅި ކުރެވުނު މުއައްޒަފުންގެ ޝަރަފުގައި ޚާއްސަ ޙަފްލާއެއް ރޭ އެ ސްކޫލްގައި ބާއްވައިފިއެވެ. މިޙަފްލާ އަކީ ސްކޫލްގެ ހުރިހާ މުއައްޒަފުން ގުޅިގެން ބޭއްވުނު ޙަފްލާއެކެވެ. މިފަދަ ޙަފްލާއެއް ބޭއްވުމުގެ މަޤުސަދަކީ ވަޒީފާއިން މުސްކުޅި ކުރެވޭ އުމުރުގެ މީހުންގެ އަގު ވަޒަންކޮށް އެމީހުންނަކީވެސް ޤަވްމަށް ބޭނުންތެރި ބަޔެއްކަން ވިސްނުވައިދިނުމުގެ ގޮތުންނާއި އެކުވެރި މަޖާ މާހައުލެއްގައި ވަޤުތުކޮޅެއް ހޭދަކުރުމެވެ. މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިވިލް ސާވިސް ކޮމިޝަނުގެ ޤާނޫނަށް އަމަލު ކުރަންފެށުނާއި ގުޅިގެން މިމަދަރަސާ އިން މުސްކުޅި ކުރެވިފައި ވަނީ މިމަދަރަސާގެ މަސައްކަތު މީހެއްގެ ވަޒީފާއަދާކުރަމުންދިޔަ ގދ. ގައްދޫ ކާރުނޭޝަންމާގެ މުޙަންމަދު ޒާހިރު އާއި ވޮޗަރެއްގެ ވަޒީފާ އަދާ ކުރަމުންދިޔެ ގައްދޫ ބިއްލޫރިޖެހި ގޭ މުޙަންމަދު ވަޙީދު ) ތުއްތުބެ( އެވެ. މިގޮތުން މުޙަންމަދު ޒާހިރު 16 އަހަރު ވަންދެން ސްކޫލްގައި މަސައްކަތްކޮށްފާވެއެވެ. އަދި މުޙަންމަދު ވަޙީދު ( ތުއްތުބެ) މަސަކަތް ކޮށްފައިވަނީ 8 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިދެބޭފުޅުންގެ ޝަރަފުގައި ބޭއްވި ޚާއްސަ ޙަފްލާގައި މުއައްޒަފުންގެ ފަރާތުން ވަނީ ދެބޭފުޅުންނަށް ވެސް ހަދިޔާ ދިނުމުގެ އިތުރުން ޚާއްސަ ކެއުމެއްވެސް ދެއްވާފައެވެ. ރޭގެ ޙަފްލާގައި ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް މިސްޓަރ ފްރެޑްރިކް ސޭމް ވިދާޅުވީ ވަޒީފާއިން މުސްކުޅިކުރެވުނު ދެބޭފުޅުންނަކީވެސް ސްކޫލަށް ވަރަށް ފުރިހަމަ އިޚުލާސްތެރި ޚިދުމަތެއް ކުރައްވާފައިވާ ދެބޭފުޅުންކަމުގަ އެވެ. ހަމަ އެހެންމެ ޙަވާލުކުރާ މަސައްކަތްތައް ހިނިތުންވުމާއެކު ވަރުބަލިކަމެއްނެތި ކުރައްވާފައިވާ ދެ ޚިދުމަތްތެރިންކަމުގައެވެ. އަދި މިޙަފްލާ ނިންމުމަށް ފަހު ޝަރަފުވެރި ކަމާއެކު ސްކޫލްގެ މުއައްޒަފުން ވަނީ މި ދެބޭފުޅުންގެ ގެއާއި ހަމަޔަށް ވެސް ގެންދަވާފައެވެ. މިޙަފްލާގައި މިދެބޭފުޅުން ވިދާޅުވީ މުސްކުޅި އުމުރުގެ ދެ މުއައްޒަފަކަށް ސްކޫލް ގެ ފަރާތުން މިފަދަ ޙަފްލާ އެއް ބޭއްވުމަކީ ދެބޭފުޅުންގެ މުސްކުޅި ހިތަށް ވަރަށްބޮޑު ހިތް ހަމަޖެހުމެއް ލިބިގެން ދިޔަ ކަމެއްކަމުގައެވެ. އަދި މިއީ މުޅި އުމުރަށްވެސް ހަނދާން ކުރާނެ ކަމެއްކަމުގައެވެ. މިރަސްމިއްޔާތު ގައި ގައްދޫ އޮފީހުގެ އިސްވެރީންނާއި؛ ޕޮލިސް ސްޓޭޝަނުގެ އިންޗާޖް؛ އަދި ޕީ. ޓީ. އޭ ގެ މެންބަރުންގެ އިތުރުން ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފައެވެ. މި ޙަފްލާގައި ބެލެނިވެރީންނާއި ޓީޗަރުންގެ ހިތުގައި މި ދެބޭފުޅުންނާއި މެދު އުފެދިފައިވާ ޝުޢޫރުތައް ފާޅުކުރެވުނެވެ. ކޮންމެ ބޭފުޅަކުވެސް ފާހަގަ ކުރަށްވާފައިވަނީ މި ދެބޭފުޅުންގެ އެކުވެރި ކަމާއި މަސައްކަތަށް ބަހައްޓަވާ ފަރުވާތެރިކަމުގެ ވާހަކަ އެވެ. މިއީ މުސްކުޅި ކުރެވޭ އުމުރުގެ މީހުންގެ ހަދާނުގައި ގައްދޫ ގައި ޤާއިމު ކުރެވިފައިވާ ސަރުކާރުގެ މުއައްސަސާ އަކުން ބޭއްވި ފުރަތަމަ ހަފްލާ އެވެ.