Gadhdhoo Online: އެމްޑީޕީ ރިޔާސި ޕްރައިމަރީސްގެ ގައްދޫގެ ވޯޓް ފޮށި ގުނައި ނިމިއްޖެ އެމްޑީޕީ ރިޔާސި ޕްރައިމަރީސްގެ ގައްދޫގެ ވޯޓް ފޮށި ގުނައި ނިމިއްޖެ ================================================================================ fanditha on 25 April, 2008 03:13:00 މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއް ހޯދުމަށާއި ހުސްވެފައިވާ ޗެއަރ ޕަރސަން ކަމުގެ މަގާމަށްމީހަކު އިންތިޚާބު ކުރުމަށް ގައްދޫ ގައި ނެގި ވޯޓް ގައި ރިޔާސީ ކެންޑިޑޭޓަކަށް މުހައްމަދު ނަޝީދު (އަންނި) އަދި ޗެއަރ ޕަރސަން ކަމުގެ މަގާމަށް މާރިޔާ އަހުމަދު ދީދީ ހޮވިއްޖެއެވެ. މިގޮތުން ނެގި ވޯޓް ގައި ޖުމްލަ 81 މީހުން ވޯޓް ލާފައިވާ އިރު ވޯޓް ފޮށްޓަށް ޖުމްލަ 83 ގަނޑު އަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެމްޑީޕީ ގެ ފަރާތުން ވޯޓްގެ ކަންތައްތަކުގައި އެންމެ އިސްކޮށް ހުންނެވި ހަސަން އަހުމަދު ދީދީ ވިދާޅުވީ މިކަން ދިމާވި ސަބަބެއް ކަމުގައި ބެލެވެނީ ކޮންމެވެސް ދެ މީހަކަށް އޮޅިގެން އިތުރަށް ދެ ގަނޑު ދެވުމުން ކަމަށް ވެދާނެ ކަމަށެވެ. ގައްދު އަށް ވޯޓް ލުމަށްޓަކައި ފޮނުވި ކަރުދާހުގެ އަދަދަކި ކޮންމެ މަގާމަކަށް 300 ގަނޑެވެ. ވޯޓްގެ ނަތީޖާ ދައްކާ ގޮތުގައި އަންނި އަށް ލިބިފައިވަނީ ޖުމްލަ 49 ގަނޑެވެ. ދެވަނަ އަށް ދިޔަ މުނައްވަރަށް 27 ގަނޑު ވޯޓް ލިބުނު އިރު ރީކޯ މޫސާ މަނިކަށް ލިބިފައިވަނީ 7 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައި 7 ގަނޑު އަޅާފައި ވެއެވެ. މީގެ އިތުރަށް ޗެއަރޕަރސަން ކަމުގެ މަގާމަށް ހޮވުނު މާރިޔާ އަހުމަދު ދީދީ އަށް ލިބިފައިވަނީ 69 ގަނޑެވެ. މުހައްމަދު ނާޒިމަށް 11 ގަނޑު ވޯޓް ލިބުނު އިރު ބާތިލް 1 ގަނޑު އަޅާފައި ވެއެވެ. މީގެ އިތުރުން އެމްޑީޕީ ގެ ބައެއް މެމްބަރުން ވޯޓް ލާން ދިޔައިރު އެމީހުންގެ ނަން ވޯޓް ލިސްޓްގައި ނެތްކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރިކަންވެސް ފާހަގަ ކޮށްލެވެއެވެ.