Gadhdhoo Online: ކަންކަން ބޮއްސުންލައި ރައްޔިތުންގެ ހިތުގައި ނާއުންމީދާއި ނަފްރަތު އުފެދެނީ ކަންތައް ކުރެވޭ ގޮތުގެ ސަބަބުންނެވެ. ކަންކަން ބޮއްސުންލައި ރައްޔިތުންގެ ހިތުގައި ނާއުންމީދާއި ނަފްރަތު އުފެދެނީ ކަންތައް ކުރެވޭ ގޮތުގެ ސަބަބުންނެވެ. ================================================================================ fanditha on 12 June, 2008 08:51:00 އެކި ކަންތައް ތަކާއި ގުޅިގެން ދޮގު ހެދުމާއި އޮޅުވާލުމުގެ މަންޒަރު ތައް ދައްކައިގެން ބޭނުންވާ މަގްސަދުތައް ހާސިލްކުރުމުގެ ސަގާފަތްއަޅުގަނޑުމެންގެ ތެރޭގައި އޮތުމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން ގިނަބަޔަކުވަނީ އެކަންކަމާއި ދޭތެރޭގައި މާޔޫސްވެ އެ މާޔޫސްވެރިކަން ނަފްރަތަށް ބަދަލުވެފައެވެ. ދާދި ފަހަކާއި ޖެހެންދެންވެސް ރިޔާސީ އިންތިޚާބަކަށް ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ނަމަވެސް ތަފާތު ފެންވަރުގެ ބޭފުޅުން ރައްޔިތުންގެ ކައިރިއަށް އައިސް ފުއްދައި ދިނުމަށް ނުކުޅެދިފައިވާ ތަފާތު ވައުދު ތަކާއި ފޮނި ހުވަފެންތައް ދައްކައި އެކަންކަމަށް އަމަލީ ސިފަ ނައުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންވަނީ މުޅިން އެކަންކަމާއި ދޭތެރޭގައި ފޫހިވެ މާޔޫސްވެފައެވެ. ކަނޑައެޅިގެން ނުވާނެ ކަންތައްތަކެއްކަން އެނގި ތިބެވެސް އެވަގުތުގައި އެދުންވެރިވެފައިވާ ކަމެއް ހާސިލް ކުރުމަށް ނުވަތަ ދިމާވެފައިވާ ނުތަނަވަސް ކަމަކުންފަސޭހައިން ބޯދަމައިގަތުމުގެ ބޭނުމުގައި ކޮށްފައިވާ ބައެއް ކަންތައް ތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އެފަދަ ކަންތައްތައް ކޮށްފައި ތިބި މީހުންގެ އިއްޒަތާއި އަބުރު ވަނީ ވެއްޔާއި މޮޑެވިފައެވެ. އެންމެ ފަހުން ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ގދ. އަތޮޅުގެ މެމްބަރެއްވަނީ މަޖިލީހަށް ކެމްޕޭން ކުރެއްވުމުގެ ތެރޭގައިވެސް މިފަދަ ވައުދުތަކާއި އަހުދު ތަކެއް ރައްޔިތުންގެ ތެރޭގައި ކޮށްފައެވެ. އޭގެ ތެރޭގައި އެފަރާތެއް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކޮށްފިނަމަ ގދ.ގެ ކޮންމެ ރަށެއްގައި ހަނދާނީ ބިނާ އެއް އެޅުމާއި، ގާނޫނީ ގޮތުން ގދ. ގެ ރައްޔިތުންނަށް ދިމާވާ ކަންތައްތަކުގައި އެހީވުމަށްޓަކައި ލީގަލް ސެކްޝަނެއް އެބޭފުޅާގެ އޮފިހުގައި ހެއްދެވުމާއި، ގދ. އަތޮޅަށް ބާނާ މަހުގެ ތެރެއިން ގިނައަދެއްގެ މަސް ގަތުން ހިމެނެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް މިފަދަ ހުވަފެންތައް ދެއްކުމަށް ފަހު އަދި މިއަދާއި ހަމައަށްވެސް މިކަންތައް ތައް ވަނީ ހަގިގަތަކަށް ނުވެފައެވެ. މިފަދަ އެހެންކަމެކެވެ. މީގެ އަހަރު ތަކެއް ކުރިން ގދ. އަތޮލުމަދަރުސާގެ ހޯލްގައި ބޭއްވި ބައްދަލުވުމެއްގައި އެއިރު ގދ. އަތޮޅުގެ އަތޮޅުވެރިޔަކަށް ހުންނެވި ބޭފުޅެއް ވަނީ ގައްދޫ ރައްޔިތުން ހިތްހަމަ ޖައްސައިދީގެން އެބޭފުޅާގެ މަގްސަދު ހާސިލްކުރުމުގެ ބޭނުމުގައި ޖެހިގެން އަންނަ އަހަރު ގައްދޫ އޮތް ސައިޒަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް ހިއްކުމަށް ނިމިފައިވާ ކަމަށް ބުނެ ރައްޔިތުން އޮޅުވާލާފައެވެ. މިފަދަ އެތައް ހާދިސާ ތަކެއްގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައިވަނީ ނުތަނަވަސްކަމާއި މާޔޫސްކަން ވެރިވެފައެވެ. ރިޔާސީ އިންތިޚާބްތަކާއި ރައްޔިތުންގެ މަޖްލިސް އިންތިޚާބްތައް ކައިރިވަމުން އަންނައިރު މިފަދަ ތަފާތު ހާދިސާތައް އަޅުގަނޑުމެންވަނީ ތަޖްރިބާ ކޮށްފައެވެ. އެހެންކަމުން ރައްޔިތުންގެ ވޯޓް އިންތިޚާބް ތަކުގައި ކާމިޔާބު ކުރުމަށްޓަކައި މިފަދަ އޮޅުވާލުންތަކާއި މަކަރުވެރިކަން ނިމުމަކަށް ގެނައުމަށް އެފަރާތް ތަކަށް ގޮވައިލަމެވެ. މިފަދަ ކަންތައް ތަކުގެ ސަބަބުން ނުކުންނަމުންދާ ނޭދެވޭ މައްސަލަތައް އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތިން މިހާރު މިދަނީ ފެންނަމުންނެވެ. އެއްވެސް ހާލެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދިރި އުޅޭ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ޖާހިލުންކަމުގައި ދެކިގެން މިފަދަ އަމަލުތައް ތަކުރާރު ކުރުމަށް ހިތްވަރު ލިބި ނުގެންނެވުން އެދެމެވެ. މިފަދަ ކަންތައްތައް ހިނގާފައި ނުވާނަމަ ރާއްޖޭގެ އެކި ސަރަހައްދު ތަކުން ފެންނަމުންދާ މިފަދަ މަންޒަރުތައް ފެނުމަކީ ނާދިރު ކަމެކެވެ. އެފަދައިން ދައްކާ ވާހަކަ ތައް ގަބޫލު ކޮށް ރައްޔިތުން އެފަރާތްތަކަށް ވޯޓް ދެނީ އެބޭފުޅުންގެ ގަމާރުކަމަކުންނެއް ނޫނެވެ. ރައްޔިތުން އެބޭފުޅުންގެ އިތުބާރާއި ޔަގީންކަން ވަކި ފަރާތަކާއި އެ ހަވާލު ކުރަނީ މުސްތަގްބަލަށްޓަކައި ކުރެވޭ ފޮނި އުންމީދު ތަކެއް ހާސިލްކުރުމުގެ މަތިވެރި މަގްސަދުގައެވެ. އެހެންކަމުން ރައްޔިތުންގެ އުންމީދު ތަކުގެ ނާޖާއިޒް ފައިދާ ތައް ނަގައިގެން އެބޭފުޅެއްގެ އަމިއްލަ މަގްސަދް ތަކެއް ހާސިލް ކުރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.