Gadhdhoo Online: މެމަރީކަޕް 2009 ގެ ޗެމްޕިއަންކަން އެސްވެންޓަރސް ޓީމް ހޯދައިފި މެމަރީކަޕް 2009 ގެ ޗެމްޕިއަންކަން އެސްވެންޓަރސް ޓީމް ހޯދައިފި ================================================================================ fanditha on 01 April, 2009 11:21:00 މަރުހޫމް އަހުމަދު އުޒައިރުގެ ހަނދާނުގައި މެމޮރީ ކަޕް 2009 ގެ ނަމުގައި ބޭއްވި ސިކްސަސައިޑް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެސްވެންޓަރސް ޓީމް ހޯދައިފިއެވެ. މިމަހުގެ 29 ވަނަ ދުވަހު ހަވީރު ގައްދޫ ހުޅަނގު ފަރާތު ހިއްކި ބިމުގައި ކުޅުނު މިމެޗް 1-2 ގެ ނަތީޖާއަކުން އެސްވެންޓަރްސް ޓީމް ކާމިޔާބު ކޮށްފައިވަނީ ޖޫނިއަރ ހަންޓަރސް އާއި ބައްދަލުކޮށް ވާދަވެރި ކުޅުމަކަށް ފަހުގައެވެ.މިމެޗް ޝަރަފްވެރިކޮށްދީފައިވަނީ ގައްދޫ ކަތީބު އަލްފާޟިލް އިސްމާއީލް ޝަމީމެވެ. މިމުބުރާތު ގެ މަގުސަދަކީ ގައްދޫގައި ކުޅިވަރުގެ ރޫހު އާލާކޮށް 21 އަހަރުން ދަށުގެ ކުދިންނަށް ކުޅިވަރު ވާދަވެރިގޮތެއްގައި ކުޅުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ. މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި 3 ޓީމް ހިމެނޭގޮތަށް ކުރިޔަށްގެންދިޔަ މިމުބާރާތުގެ ފައިނަލްގައި ކުޅެފައިވަނީ ކޮންމެ ގްރުޕަކުންވެސް ފައިނަލަށް ގޮސްފައިވާ ދެ ޓީމް ބައްދަލުކޮށްގެންނެވެ. ފައިނަލް މެޗަށްފަހުގައި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ވެދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި މުބާރާތުގައި ބައިވެރިވި ޓީމްތަކަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވެއެވެ. މިގޮތުން މިމުބާރާތަށް އެހީތެރި ވެފައިވާ ފަރާތްތަކުގެ ތެރޭގައި މާލިމީ މާޓް، ޖަމީލާގެ ޒާހިރު، ޑިޖިޓަލް ސްޓޫޑިއޯ، ޝަބީރު، މުހައްމަދު އަލީ، އަހުމަދު ފަޒްމީން އަދި އާމިރު އަބްދުﷲ ހިމެނެއެވެ. މިފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ގައްދޫ މާޖެހިގެ މުހައްމަދު އުޝަމް އެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗްތަކެއްގެ މޭން އޮފް ދަ މެޗްގެ މަގާމް ލިބުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ގައްދޫ އިރަމާގެ އަލީ ރަޝީދެވެ. މިމުބާރާތުގައި ބައިވެރިވި 6 ޓީމަކީ އެސްވެންޓަރ ޖޫނިއަރސް، އެސްވެންޓަރ، އެސްވެންޓަރ ކިޑްސް، ޓީ.ޑަބްލިއު. އެސް، ޖޫނިއަރ ހަންޓަރސް އަދި ގަސްދޮށު ޓީމެވެ. މި ޓީމްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ގައްދޫ މާޖެހިގެ ޖުނައިދު ޖައުފަރުއެވެ. މިމުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޖޫނިއަރ ހަންޓަރސްގެ މުހައްމަދު ޝަހުމީން ހޮވިފައިވާއިރު އެންމެ މޮޅު ޑިފެންޑަރުގެ މަގާމަށް ހޮވިފައިވަނީ އެސްވެންޓަރގެ އަބުދުﷲ ދީދީއެވެ. އެންމެ ގިނަ ގޯލް ޖެހިކުޅުންތެރިއަކަށް ހޮވިފައިވަނީ ހުސެއިން ހަމީދެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިބްރާހިމް މުހައްމަދެވެ. ފެއަރ ޕްލޭޔަރ ކަމުގެ މަގާމަށް ހޮވިފައިވަނީ ޓީޑަބްލިއު އެސްގެ އަލީ ޝުޖާއު އެވެ. މިމަގާމް ތަކުގެ އިތުރަށް މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންވެސް ހޮވާފައިވެއެވެ. މިގޮތުން ހޮވުނު 6 ކުޅުންތެރިންނަކީ އެސްވެންޓަރސްގެ އިބްރާހިމް މުހައްމަދު، ޓީޑަބްލިއުއެސްގެ އަލީ ނައީމް، ގަސްދޮށުގެ އިސްހާގް އަލީ، ޖޫނިއަރ ހަންޓަރސްގެ އަހުމަދު އާތިފް، ޖޫނިއަރސް ހަންޓަރސްގެ މުހައްމަދު ޝަހުމީމް އަދި ޓީޑަބްލިއުއެސްގެ އަލީ ޝުޖާއުއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނއަޕް ޓީމަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވާފައިވަނީ ގައްދޫ ކަތީބު އަލްފާޟިލް އިސްމާއީލް ޝަމީމެވެ.