ގައްދޫ ސިއްހީ މަރުކަޒުގައި ރަފްލް ބާސްކެޓެއް ބަހައްޓައިފި.
މިބާސްކެޓަކީ ނަރުހުންގެ ދުވަހުގެ ޕްރޮގްރާމް ތައް ކުރިޔަށް ގެންދިޔުމަށްބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ބެހެއްޓި އެއްޗެއް ކަމަށްވޭ.
ނަރުހުންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގުރާމްތައް ހިންގު މަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ގައްދޫ ސިއްހީ މަރުކަޒުން މިއަދު ފައްޓައިފި އެވެ. މިގޮތުން ބޭނުންވާ ފައިސާ ހޯދުމަށްޓަކާ މިއަދު ނުވައެއް ޖެހިއިރު ގައްދޫ ސިއްހީމަރުކަޒުގައި ވަނީ ރަފުލް ބާސްކެޓެއް ބަހައްޓާފައެވެ. މިރަފުލް ބާސްކެޓް ލިބިގަތުމަށްޓަކައި ކޮންމެ ބޭފުޅަކަށްވެސް 2 ރުފިޔާގެ ޓިކެޓެއް ބައްލަވައިގަނެވޭނެކަމަށް ގައްދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވައެވެ. މިއީ 1500 ރުފިޔާގެ އަގުހުރި ބާސްކެޓެކެވެ. ޑރ. ދިލާނީ އާއި ކޮމިއުނިޓީ ހެލްތު ވޯކަރ ގްރޭޑް 1 އަދީލާ ރަޝީދު ޝަރަފުވެރި ކޮށްދެއްވި މިރަފުލް ބާސްކެޓް ބެހެއްޓިފައި ހުންނާނީ މިއަދުން ފެށިގެން 17/05/2008 ދުވަހު ހަވީރު ފަހެއް ޖަހާއިރަށެވެ. އޭގެ ފަހުގައި ޓިކެޓް ގަތް ފަރާތްތަކުގެ މެދުގައި ގުރުއަތު ލުމަށްފަހު ހޮވޭ ފަރާތަށް މިބާސްކެޓް ހަވާލު ކުރުން އޮންނާނެއެވެ. މިރަފުލް ބާސްކެޓް ބެހެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްހީމަރުކަޒުގެ މެޑިކަލް އޮފިސަރ ޑރ ދިލާނީ ވިދާޅުވިގޮތުގައި މިޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ވެގެންދާނެ ކަމުގައި އޭނާ އުންމީދު ކުރައވައެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލް ދެއްވަމުން މަރުކަޒުގެ ނަރުސް ކުއްޖެއް ކަމުގައިވާ އާމިނަތު އަޒީނާ ވިދާޅުވިގޮތުގައި މިރަފްލް ބާސްކެޓްގެ އިތުރުން މިމަހު 18 ވަނަދުވަހުގެ ރޭ ޑިނަރ ނައިޓެއް ބާއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭއްވޭ ޑިނަރ ނައިޓަށް ވެސް ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކޮންމެ ޕްރޮގްރާމަކަށް ވެސް ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ނިހާޔަތަށް ބޭނުންވާ ކަމަށްވެސް ގައްދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވައެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ