ގދ. ގަން ފަޅުވުން

ފޮންޓް ސައިޒް: Decrease font Enlarge font
image ތޯހައިދާލްގަމަށް ކުރެއްވި ޒިޔާރަތުގައި ހަވިއްތަ ކޮށައި ސާފްކޮށްފައި

ގަން ފަޅުވާން ދިމާވި ސަބަބެއް އަދި މިހާތަނަށްވަނީ ހޯދައި ނުގަނެވިފައި. އަދި ގަމުގެ އާއިލާގެ އެއްވެސް މީހެއް ރާއްޖޭގެ އެއްވެސް ހިސާބަކުން ފެންނާކަށްނެތް.

މިލިޔުމަކީ ފަތްތޫތައިގެ 158 ވަނަ އަދަދުގައި މުހައްމަދު އިބްރާހިމް ލުތުފީ ގދ. ގަމާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމެއް.

ގދ. ގަމާއިމެދު މަޤާލާއެއް ލިޔުމަށް އަޅުގަނޑު ގަސްދުކުރީ 1983 މ. ވަނަ އަހަރާ 1985މ. އަހަރާއިދެމެދު ދިވެހިރާއްޖެއަށް 3 ދަތުރުކުރައްވައި ދެކުނުގެ 3  އަތޮޅަކުން އާސާރީ 3 ތަނެއް ޓެސްޓް އެކްސްކަވޭޝަންގެ ހަމަތަކުން ބެލުމަށްފަހު އެދަތުރުތަކުގައި އެ 3 އަތޮޅުގެ ދުވަސްވީ މީހުންގެ ފަރާތުން ޕްރޮފެސަރ ތޯހައިދާލް ހޯއްދެވި ފްލޯކްވާހަކަ ތަކާއި އޭނާގެ މަޝްހޫރު ތިޔަރީގެ ޚިޔާލުތަކާއި މަސްހުނި ކުރައްވައިގެން 1966މ. ގައި ނެރުއްވި " The Maldive Mystery" މިފޮތުގެ ޗެޕްޓަރ 4 ގައި ޕްރޮފެސަރ ގދ. ގަމާއި ބެހޭގޮތުން ދެއްވާފައިވާ ބަޔާންތަކުންނެވެ. ގދ. ގަން ފަޅުވިގޮތާއިބެހޭ ވާހަކަ 1971މ. ގައި އަޅުގަނޑު އަޑުއެހުމާއި އެކު އެރަށާއި ބެހޭ މައުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތް އަޅުގަނޑު ފެށީމެވެ.

ގދ. ގަމަކީ "އިކްއޭޓޮރިއަލް" ކަނޑުގެ އުތުން ހުވަދުއަތޮޅުގެ ދެކުނު ދުނީގައި ހިމެނޭ ބޮޑެތި ރަށްތަކުގެ ތެރޭން އެއް ރަށެވެ. މިއަދު އެރަށަށް ގައްދޫގަން ކިޔުނު ނަމަވެސް އޭގެކުރިން ގަމަކީ ގައްދުއާ މާބޮޑު ގުޅުމެއްހުރި ރަށެއްނޫނެވެ. ގަމުގެ "ޗާލު" ދުވަސްވަރު ގައްދުއަކީ ވަރަށްކުޑަކުޑަ އާބާދީއެއްގެ މައްޗަށް އެކުލެވޭ އައު ރަށެކެވެ. ގަންފަދަ ގަދީމީ ރަށެއްނޫނެވެ. ގދ. ގަމަކީ ރާއްޖޭގައި "ގަން" މިނަންކިޔާ 3 ރަށުގެ ތެރެއިން އެއްރަށެވެ. އަނެއް 2 ގަން ފަދައިން ގދ. ގަމަކީ ބިންބޮޑު ޗަސްބިންއޮތް މާރަށެކެވެ. އެރަށުގައި ހައްދާ އޮޅުއަލައާއި އޮށްޓަރު ދަނޑުވެރިކަމުން ހުވަދުއަތޮޅުގެ 3 މަސްދުވަހުގެ "ކާޑު" ސަލާމަތް ކޮށްދިން ރަށެކެވެ. ކާށީގެ ރޮނގުން ރެޔާއި ދުވާލު 1000 ކާށި ބިންމަތީގައި ޖެހޭރަށެކެވެ. އަދި ގިނައިން ވެލާއަރާރަށެއްވެސް މެއެވެ.

ގަން ފަޅުވުމުގެ ކުރީގައިއެރަށުގެ އާބާދީ ގިނަކަމުގެ މައްޗަށް ހެކިލިބެއެވެ. އަދި އެރަށުމީހުންނަކީ އަމިއްލަ އޮޑިފަހަރުގައި ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރި ތަނަވަސް ބައެއްމެއެވެ. ނަމަވެސް މީގެ 200 ވަރަކަށް އަހަރުކުރިން އެރަށް ފަޅުވެދިޔަކީ ވަރަށްކުއްލި ހައިރާން ވަނިވިގޮތަކަށެވެ.

ރާއްޖެ އިސްލާމްދީނަށް އެނބުރުމުގެ ކުރީގައި ގަމުގައި އުޅުނީ ބުޑިސްޓުންނެވެ. ބުޑިސްޓް ތަފާތު މަޒުހަބުގެ ތެރޭންވެސް "ހިންދީ ބުޑިޒަމް" (ތަންތިރިޒަމް) ގެ މީހުންނެވެ. އެބައިމީހުން ގަމުގެ 8 އަވަށުގައި އުޅުނުކަން ފާހަގަކުރެވެއެވެ. ކޮންމެ އަވަށެއްގައި ހަވިއްތައެއް ނުވަތަ އުސްތޫޕާއެއް ނުވަތަ ވިހާރައެއް އެބަހުއްޓެވެ. ގަމުގައި ތިބި ބުޑިސްޓުން އިސްލާމްވުމަށްފަހު އެރަށު އިރު އުތުރު އަވަށުގައިހުރި ބޮޑު މޮނާސްޓްރީ ތަޅާލައި އެތާނގައި ހުކުރުމިސްކިތް ބިނާކުރިއެވެ. މިސްކިތުގެ ތަރާގަނޑަށް ބަލާއިރު އެއީ ބޮޑުމިސްކިތެކެވެ. މިސްކިތުގެ ގަބުރުސްތާނުވެސް އެހާބޮޑުމެއެވެ. އެރަށުގައި 40 މިސްކިތް ހުރިކަމަށް ބުނެވެއެވެ. ނަމަވެސް މިހާރު ފާހަގަކުރެވެނީ 8 މިސްކިތުގެ ތަރާގަނޑާއި 10 ގަބުރުސްތާނެވެ. ފަހަރެއްގައި ރަށްކޮށާ ސާފްކުރުމުން އިތުރު ތަންތަން ފެނުން އެކަށީގެންވެއެވެ. ގަމުގެ ހުކުރު މިސްކިތާއި މާދުރުނޫން ހިސާބެއްގައި ގަމުގެ ކަނޑުއޮޅި ފެންނަގޮތަށް "ގަމު ކިއްލާ" އޭކިޔާ ތަނެއް އޮވެއެވެ. އެތަން އެންމެ ވައްތަރީ ސ. ހިތަދޫ އިރުއުތު މުލީގައި އޮންނަ "ކޯއްޓޭއޭ" ކިޔާ ތަނާއެވެ. އަދި ގދ. ވާދޫގައިވެސް "ކާންޒީފާރޭ" ކިޔާ ތަނެއް އޮވެއެވެ. ފަހަރުގައި މިއީ ބުދު ދީނުގެ ޒަމާނުގެ ތަންތަނަށް ވެދާނެއެވެ. ނަމަވެސް ބައެއް މުސްކުޅިންގެ ބަހުގައި އެތަންތަން ހެއްދެވީ އުތީމް 3 ބެއިން ޕޯޗްގީޒުންގެ ލޯމަތިން ދުރަށްޖެހިވަޑައިގަތުމަށް ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅުގައެވެ. ކޮންމެއަކަސް މިވާހަކައަށް ރާއްޖޭގެ ތާރީޚް ހެއްކެއް ނުދެއެވެ. ގަމު ހުކުރު މިސްކިތުގެ ގަބުރުސްތާނުގެ ބައެއްކަމުގައިވާ ގަމު ތުނޑީ ޒިޔާރަތުގައިވަނީ "އަލްފަޤީހު ހުސައިން ބުނު އީސާ" އެވެ. މިޚަތީބް ހުސައިނަކީ މަތިމަތި ފުށުން އެއް އާއިލާއަކުން ގަމުގެ ޚަތީބުކަން ކުރެއްވި އެއާއިލާގެ 7 ވަނަ ޚަތީބްކަން މަހާނަ ގަލުގެ ލިޔުންތަކުން އެނގެއެވެ. އޭނާ ތައުލީމް ހާސިލްކުރެއްވީ ވާދޫ ދަންނަކަލޭފާނުގެ އަރިހުން ނެވެ. އެހެންވާއިރު މުހައްމަދު ތަކުރުފާނުލް އައުޒަމާއި އުތީމު ދަރިކޮޅުގެ ރަސްކަމުގައި 1103ހ. ގެނިޔަލަށް ގަމުގައި މީހުންއުޅުނެވެ.

ގަމުގައި މީހުންއުޅުނު ދުވަސްވަރު ގަމުގެ ދެކުނު އިރަށް އޮތް ގައްދުއަކީ 50 އަކަށް ފިރިހެނުން އުޅުނު ކުޑަރަށެކެވެ. ގައްދޫ މީހުންގިނަމީހުންތައް އެދުވަސްވަރުވެސް ފުއްދަމުން ދިޔައީ ގަމުންނެވެ.؛ މިއަދުވެސް އެކަންއޮތީ އެގޮތަށެވެ. މީގެ 200 ވަރަކަށް އަހަރުކުރިން ގައްދޫ އުތުރުކޮޅު ކުޑަމިސްކިތް ބިނާކުރުމުގެ މާވަޑިއަކީ "ގަމު އިސްމާއީލް" މާވަޑިއެވެ. މިކަން އެނގުނީ މީގެ އަހަރުތަކެއްކުރިން އެމިސްކިތް އާކުރުމަށް ރޫޅާލިއިރު ފެނނުނު ލިޔުމަކުންނެވެ. ގައްދޫގައި ފުރަތަމަ ފަހަރަށް ހުކުރުކުރެވުނީ1280ހ. ވަނަ އަހަރުގައެވެ. ހުކުރުކޮށްދެއްވުމަށް މާލޭން ވަޑައިގަތީ އަލްގާޒީ އިބްރާހީމް މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނެވެ. އެއީ އެމަނިކުފާނު އަވަހާރަވުމުގެ 7 އަހަރު ކުރިއެވެ. ރަށުގެ ފުރަތަމަ ޚަތީބަކީ އަލްޚަތީބު އިދްރީސްއެވެ. މިއިދްރީސްގެ މުދިމް އިބްރާހީމްގެ ގައްދޫ އަލްޚަތީބް ހުސައިން މަނިކެވެ. ހުސައިންމަނިކުގެ އަލްފާޟިލް ހަސަން ހުސައިން މަނިކެވެ.

ގަމުހުކުރުމިސްކިތް ގަބުރުސްތާނުގެ ގިނަ މަހާނުގަލުގައި ލިޔެފައިހުރީ ބިސްމިއާއި އާޔަތުލް ކުރުސިއެވެ. މިއީ ވަރަށްކުރީގެ މަހާނަގާތަކުން ފެންނަގޮތެކެވެ. މަހާނަގާތަކަށް ގިނަ ދުވަސްވުމާއި ރަށްފަޅުރަށަކަށް ވުމުން އެރަށުގެ ތަފާތުބޭނުންތަކަށް ގާބޭނުންކުރެވިފައި ވުމުންނާއި އެކު ގިނަ ގާހުރީ ނެތިގެންގޮސް ފަޔާއި ބިނދިފައެވެ. ސަލާމަތުންހުރި މަހާނަގާތަކުންފެނުނު މަހާނަގަލަކީ ގދ. ކުރެއްދޫ މިހާރު ފަޅުރަށެއް ޚަތީބްގެ އަންހެން ދަރިއެއްގެ މަހާނަގަލެވެ.އޭނަގެ ނަންއޮތްތަނާއި މަރުވި ތާރީޚް އޮތްތަންވަނީ ހަލާކުވެ ކިޔަން ނޭނގޭގޮތްވެފައެވެ. ކިޔަންއެނގުނީ އޭނާ މަރުވި އަދަދުގެ އެންމެ ފަހދެއަދަދެވެ. އެއީ 12އެވެ. ވުމާއެކު އޭނާ މަރުވީ 1200ހ. ގެ ކޮންމެވެސް އަހަރެއްގައިކަން ޔަގީންކުރެވެއެވެ. ގައްދޫ އުތުރުކޮޅު މިސްކިތް ބިނާކުރެވުނު ދުވަސްވަރާއި ކުރިން މިދެންނެވުނު މަހާނަގަލުގައިވާ އަހަރާއި ދާދި އެއްދުވަސްވަރަކަށް ދެއެވެ. މިހެންވުމުން އަޅުގަނޑު ލަފާކުރާގޮތުގައި ގދ. ގަން ފަޅުވެފައިވަނީ 1200ހ. ގެ ތެރޭގައެވެ. 1200 ގައި ރާއްޖޭގެ ތަޚުތުގައި ރެނދަލިކުރައްވާފައިވަނީ އައްސުލްތާން ހަސަން ނޫރައްދީން 1 ވަނަ އާއި އެރަދުންގެ ދަރިކަލުން މުހައްމަދު މުއީނުއްދީން 1 ވަނަ އާއި އައްސުލްތާން މުހައްމަދު އިމާދުއްދީން 4 ވަނައެވެ. (1250ހ.-1299ހ.1835މ-1882 ) އައްސުލްތާން ހަސަން ނޫރައްދީނުގެ ރަސްކަމާއި މުއީނުއްދީން 1 ގެ ރަސްކަމުގައި ހުވަދު އަތޮޅުން ފަޅުވިރަށްރަށުގެ ނަން އަލްގާޒީ ހަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައި ވެއެވެ. އެރަށްރަށުގެ ތެރޭގައި ގަމުގެ ނަން ހިމެނިފައެއް ނުވެއެވެ.

ރަށެއް ފަޅުވުމަށް މެދުވެރިވެފައި ހުރި ސަބަބުތަކުގެ ތެރޭގައި އެރަށެއްގައި މީހުން އާލާނުވުމާއި، ބަނޑުވޭން (ކޮލެރާ) ޖެހި ގިނަބަޔަކުމަރުވެ ރަށް ނާމާންވުމާއި، ކަށިވިދުރިޖެހި މީހުން މަރުވުމާއި ގުޅިގެން ބޮލުވާރު ދައްކަން ދަތިވުމާއި، ރަށްގިރަމުންގޮސް ރަށުގައި އުޅެވޭގޮތް ނެތުމާއި، ކުރީޒަމާނުގައި މަލާބާރީން އައިސް ފަސޭހައިން ލަފައިއުޅެވޭރަށްރަށް ލޫޓުވުމުންނާއި، އަދި މިނޫންވެސް ޝައިތާނީ ބާރުތަކުން ރަށްނާމާންވުމާއި، އެރަށަކަށް ކަނޑުން "ބޭރި" އެރުމާއި މިފަދަކަންކަމުންނެވެ. އެފަދަކަންކަން ދިމާވުމުން ވަގުތީގޮތުން ރަށްދޫކޮށް އެހެން ރަށަކަށް ހިޖްރަ ކުރުމަށްފަހު ދުވަސްގަނޑަކުން އެނބުރި ރަށަށް އަންނަގޮތްވެސް ވެފައި އެބަހުއްޓެވެ. އަނެއްބައި ފަހަރު އެހިޖްރަކުރިރަށް ދިރިއުޅުމަށް ފަސޭހަރަށަކަށް ވެއްޖެނަމަ ދާއިމީގޮތަކަށް އެރަށެއްގައި ދިރިއުޅެމުން ގޮސްފައިވޭމެއެވެ. މިސާލެއްގެ ގޮތުންނ ދަންނަވަނީނަމަ އިސްވެ ދެންނެވި ސަބަބު ތަކުން ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ސ. އަތޮޅު މަރަދޫ މީހުން އެއަތޮޅު "ހަންކެޑެ" އަށްގޮސް އެރަށުގައި އުޅެފައި އެރަށް ފަޅުކޮށްފައި އެނބުރި މަރަދުއަށް ދިޔައީ އައްސުލްތާން މުހައްމަދު މުއީނުއްދީން1 ގެ ރަސްކަމުގައެވެ. ހުވަދުއަތޮޅުން މީހުން ފޭބި އެއްވެސް ރަށަކަށް ފަހުން މީހުން އެނބުރި ގޮސްފައެއް ނެތެވެ. އެބައެއްގެ އަސްލު ރަށް ފަޅުކޮށްފައި އެހެން ރަށަކަށް ނުވަތަ ރަށްރަށަށް ހިޖްރަކުރި ނަމަވެސް އެބައެއްގެ ދަރިކޮޅު އެހެން ރަށްރަށުން ފާހަގަކުރެވެއެވެ. މިގޮތާ ޚިލާފަށް ގަން ފަޅުވި ހާދިސާގައި ގަމުން ފޭބި އެއްވެސް މީހެއްގެ ދަރިކޮޅު އެރަށާކައިރީގައިވާ އެއްވެސް ރަށެއްގައި އަދި އަތޮޅުގެ އެހެން ރަށެއްގައި ނެތްކަމަށްވެއެވެ. މިއީ ހައިރާން ވަނިވި ކަމެކެވެ.

ގަންފަޅުވިގޮތާއިމެދު ގައްދުއާއި އަތޮޅުގެ އެހެން ރަށްރަށުގައި ދެކެވޭ ވާހަކައެއް އޮވެއެވެ. އެއީވެސް ހައިރާންކުރުވަނި ވާހަކައެކެވެ. އެވާހަކައަކީ " ގަން ފަޅުވީ އެއްރެއެއްގެ ދަންވަރު ރަށުގެ ފުށްޓަރު ފަރާތުން ރަށަށް އެރި ބޮޑެތި ބުޅާތަކެއް (ބުޅަލުގެ ރަސްކަމެއް) ރަށަށް އެރުމާއި އެކު ރަށުތެރެއަށް ފެތުރިގެން ދިޔައެވެ. އިރުއެރުމުގެ ކުރިން އެބުޅާތައް ރަށުގެ އަނެއްފަރާތުން ފައިބައިގެން ދިޔައިރު ރަށުގައި ދިރިހުރި އެކަކުވެސް ނެތެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑުވެސް ފެންނާކަށް ނެތެވެ. މިކަމުން ސަލާމަތްވީ ހަމައެންމެ މީހެކެވެ. އޭރުއޭނާހުރީ ދަތުރުވެރިއެއްގައި މާލެގޮސްފައެވެ."

ކުއްލިއަކަށް ގަންފަދަ މާރަށެއްގެ އެންމެން ނެތިގޮސް ރަށްފަޅުވީ ބުއްދިޔަށް ގަބޫލުކުރަން ދަތިގޮތަކަށެވެ. ފަހަރުގައި އެފަދަ ގޮތެއްވުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ. ގަމުގެ ރަށްވެރިޔާ އަލްފާޟިލް ހަސަން ހުސައިން މަނިކު ބުނުއްވި ގޮތުގައި "1975މ. ވަނަ އަހަރާ ހަމައަށް ގަމަށް ބުޅާގެންދިޔުމަކީ މަނާކަމެކެވެ". ގައްދޫގެ ވަރަށް ގިނަ ބަޔަކުވެސް އެވާހަކަ އެގޮތަށް ބުނެއެވެ. ރަށަށް ބުލާގެންގޮސްފިނަމަ "ދަރަ" ހިލި ރަށް ނާމާންވެއެވެ. ރޭގަނޑުގައި އުދުހޭ އަލިގުޅައާއި ރަށުގެ އަތިރިމަތީގައި ކޮޅުކޮޅަށް ހަރަކާތްތެރިވެކުޑަވެ ބޮޑުވާ އަލިގަނޑު ފެންނަކަމަށްބުނެވެއެވެ. ގަމުގައި ދަނޑުވެރިކަން ކުރުމަށް ގޮސްއުޅޭމީހުނަށް ރަށުތެރޭން ނާމާން އަޑުއިވުމާއި އަންހެނުންގެ ސިފައިގައި ތިބޭ "ކަޅު ހަންޑި" ފެންނަކަމަށް ބައެއްމީހުން ބުނެއެވެ.

ކޮންމެއަކަސް މިހާރު ގަމުގައި ކޮންމެވެސް ވަރަކަށް ބުޅާ އުޅެއެވެ. 1985 ގައި އެރަށު ގޮއިގޭދޮށުގައި 2 ބުޅާ އޮއްވާ އަޅުގަނޑު ދުށީމެވެ.

ގަން ފަޅުވުމާއި ގުޅިގެން ގދ. ގައްދޫ ނާމާންވެ ރަށުގެ ފެހުނުން އުދުހިފައި އަންނަ އަލިގަނޑެއް ރަށަށް ތިރިކުރާ ވާހަކައާއި އެރަށުން މީހުން މަރުވާ ވާހަކައާއި އައްޑުއަތޮޅު މީދޫ ކުޑަރަނިޔަގެ މުހައްމަދު މަނިކުފާނު ( ކުދުރަނިޔަގެ ބެއްޔާ) އެރަށަށް ފަންޑިތަ ހަދަން ގެނައި ވާހަކައެއް 1971މ. ގައި ގައްދޫން އަޅުގަނޑު އަހާފައިވާތީ މުހައްމަދު މަނިކުފާނާއި އަޅުގަނޑު ސުވާލުކުރީމެވެ. ބުނުއްވީ "ތިޔަކަހަލަ ކަމެއް ހިނގާތީ ގައްދޫ އިސްމާއީލް ކަލޭފާނާއި ޚަތީބު ހުސައިން މަނިކު ތިމަން މިރަށަށް ގެންނަވައި ރައްޔިތުންގެ އެހީގައި ގެއެއް އަޅުއްވައި މިރަށުގައި (ގައްދޫގައި) ވަޒަންވެރިކުރުވީ އެސަބަބުތައް އެގޮތަށް އޮތުމުންނެވެ. އެކަމަކީ ހަގީގަތެކެވެ." ގައްދޫގެ ވަރަށް ގިނަބަޔަކު ރަށްވެހިކަމުގެ ތެރޭގައި ވެސް އެކަން ދުށްކަމަށް ބުނެއެވެ. ނަމަވެސް މުހައްމަދު މަނިކުފާނުގެ މަސައްކަތުން މިހާރު ގައްދުއަކީ އަމާންރަށަކަށް ވެއެވެ.

 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (7 ލިބިއްޖެ):

  09 October, 2009 03:49:53
avatar
އެއްވެސް މީހަކު އެއްވެސް މިހަކަށް ބޮލުގަ ތުހުމަތު އަޅުވާނެ ކަމެއަ ނެތް. ވީ ކަމެއް ވީ، ދެން އޮތްތަން ރަނގަޅު ކުރަނ ވީ. ދެންއެފަދަ އަމަލެއަ ތަކުރާރު ވިޔަނުދޭނވީ........................
ބަރާބަރު ސަކަރާތް
0
  09 July, 2009 07:29:39
avatar
އަހަރުމެންނަކީ އަވަށްޓެރި ފިޔޯރީގައި އުޅުނު މީހުން، އަހަރުމެންވެސް އަޑުއަހަން ގަމަށް ބުޅާއެރިވާހަކަ.
ބަރާބަރު ސަކަރާތް
0
  21 June, 2009 08:46:23
avatar
މިމިސްކިތް ތަޅާލީ ޝަހީދު ކަމުގައިވިޔަސް ނޫންނަމަ އަހުމަދު ސައީދު ކަމުގައި ވިޔަސް މިކަމަށް ހުއްދަދިނީ ކާކުތޯއާއި މިކަންކުރަންޖެހުނީ ކިހިނެއްވެގެންކަން ރަށުއޮފީހުން ގައްދޫ ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަކީ މުހިއްމުކަމެއް ކަމުގައި ދެކެން. މިމިސްކިތުން ފެނުނުކަމަށްބުނާ މިލިޔުން މިހާރުވީ ކޮންތާކުތޯ ވެސް އެނގެން ބޭނުން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ތާރީޚަށް ޚިދުމަތް ކުރާ މަޖިލިހަކުން މިކަމަށް ހުއްދަ ދެއްވާނެހެން. އެމިސްކިތް ބަހައްޓާފަވެސް ދަނޑާދިމާލަށް އެއޮންނަ މަގު ފުޅާކޮށްލެވިދާނެ. މިމިސްކިތް ތަޅާލުންމީ ގައްދޫ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް. -ތަކުރު-
ބަރާބަރު ސަކަރާތް
1
  20 June, 2009 04:33:05
avatar
ދޮންބެއްޔާ މިސްކިތް ތަޅާލީ ޝަހީދެއްނޫން. ޕޫޅުމާ އަހްމަދު ސައީދު ގެ ވެރިކަމުގައި އެމިސްކިތް ތަޅައިލީ. ބޯޅަދަނޑު ގެ ހުޅަނގު ފަރާތު މަގުގެ މެދުގައި އެމިސްކިތް އެއިރުހުރީ.ހަގީގަތުގަވެސް އާސާރީ އަދި ތާރީޚީ މިފަދަ ބިނާ ތައް ހިމާޔަތްކުރުމުގެ މާކަބޮޑު ހޭލުންތެރިކަމެއް އެއިރަކުނެތް. އެ މިސްކިތް އެއީ މާލޭ ހުކުރުމިސްކިތުގެ މޮޑެލެއް. މިކަން ކުރެވިފައިވާ ގޮތް ބަލައި ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ގައްދޫ ކައުންސެލަރ އަޒީޒު އަށް ގޮވާލަން.
ބަރާބަރު ސަކަރާތް
-1
  18 June, 2009 01:03:08
avatar
އެމިސްކިތް ތަޅާލީ ޟަހީދުއެއް ނޫން.. އެގިގެން ވާހަކަދައްކަބަލަ
ބަރާބަރު ސަކަރާތް
0
  18 June, 2009 10:00:04
avatar
ގައްދޫ ދޮންބެއްޔާ މިސްކިތް ފަދަ އާސާރީ މިސްކިތެއް ތަޅައިލުމަކީ ވަރަށް ނުވިސްނަތި ތިބެ އެއިރު ގައްދޫގެ ވެރިކަންކުރެއްވި ޝަހީދު ކޮށްފައިވާ ވަރަށް ވިޔާނުދާ އަމަލެއް. އެތަން ހުރިނަމަ ހުވަދުއަތޮޅަށް އަންނަ ޓޫރިސްޓުންނަށް ދައްކައިގެން ރަނގަޅު އާމްދަނީއެއް ގައްދުއަށް ލިބޭނެ. އެހެންނަމަވެސް މިފަދަ ކަމަކަށް އެމީހުންވިސްނާފައެއް ނެތް. މިކަމަށް ތާރީޚާ އިބެހޭ މަރުކަޒުން ހުއްދަދެއްވާފައިވާނަމަ އެމީހުންވެސް ވަރަށްބޮޑަށް ކުށްވެރކުރަން. ގައްދޫގައި މިފަދަ ތާރީޚީތަނެއް މިނޫނީ ނެތް.
ބަރާބަރު ސަކަރާތް
1
  17 June, 2009 08:25:14
avatar
އިހައްދުވަހު މަގުއްދޫއިން ނެގި 200 ބަސްތާ ގަބުރު ހަގީގަތަކީ ކޮބައިކަން އެއްވެސް މީހަކަށް އެގޭބާ؟ މިވެސް ދިރާސާކޮށްލަން ރަގަޅުކަމެއް.
ބަރާބަރު ސަކަރާތް
1
ޖުމްލަ: 7 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 7

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
3.00