ދެކުނުގެ ބަޣާވާތުގައި ގައްދުއަށް ލިބުނު ގެއްލުންތަކުގެ ޚުލާސާކޮޅެއް
ކޮންމެކަމެއް ވުމަށްވެސް ކޮންމެވެސް ސަބަބުތަކެއް ވާނެއެވެ. އެގޮތުން އައްޑުއަތޮޅުގައި ތިބި އިނގިރޭސިންގެ ދަލުގައި އައްޑޫއަފީފު ރަނގަޅަށް ޖެހިގަނެގެން ރާއްޖޭގެ އެންމެ ދެކުނުގެ 3 އަތޮޅާއި ރާއްޖޭގެ ސަރުކާރާއި ދެމެދުގެ ގުޅުންތައްވަނީ 1958ވަނަ އަހަރު ނިމުނުއިރު މާރަނގަޅު ގޮތަކަށް ނޫނެވެ. މީގެ ނަތީޖާއަކަށްވީ 1 ޖެނުއަރީ 1959 ވަނަ އަހަރު މި 3 އަތޮޅު ސަރުކާރާއި ވަކިވެގަތުމެވެ. ނަމަވެސް މިޚަބަރު ބައިނަލްއަގްވާމީ ޚަބަރަކަށްވެގެން ބޭރުގެ ރޭޑިއޯ ތަކުން ކިޔަންފެށީ 13 މާޗް 1959ގައެވެ.
އާދެ! ދެކުނުގެ ބަޣާވާތުގެ ތަފްސީލްގެ ތެރެއިން ގދ. ގައްދުއަށް ދިމާވި ހަގީގީ ގެއްލުންތައް ތަފްސީލް ކޮށްދެވޭތޯ ބަލާނަމެވެ.
5 ޖެނުއަރީ 1959 ވަނަ ދުވަހު ގދ. ތިނަދޫއިން ގދ. ގައްދުއަށް އައި ރިޔާނެގި މަސްދޯންޏެއް ގައި އައި 15 މީހުން ގައްދުއަށް އައިސް ގައްދޫގެ ރައްޔިތުން ސުވާދީބް ސަރުކާރު ގަބޫލްކުރުމަށް ރައްޔިތުންގެ މަދު ބަޔަކާއި ވާހަކަ ދައްކައި އެކަމަށް އެއްބަސްނުވުމުން ގައްދޫ ރައްޔިތު ފިރިހެނުން ބަނދެފައި އެއްތަނަކަށް ޖަމާކުރިއެވެ. ( އާދެ މިސަރަހައްދަކީ އަސަރިއާގެ ހުރި ބިމެވެ.)
16 ޖެނުއަރީ 1959 ގައި ގައްދޫގެ ކުރީގެ ރަށްވެހި ގޭގައި ސުވަލްދީބް ސަރުކާރުގެ ސިފައިންގެ މަރުކަޒެއް ގާއިމް ކުރިއެވެ. ސިފައިންގެ އަދަދަކީ 55 މީހުންނެވެ. މިފްލީޓްގައި ހިމެނެނީ މުޅި އަތޮޅަށް ނިސްބަތް ކޮށްގެންނެވެ. ސިފައިންގެ ވެރިޔަކީ ހަންޑި ހުސެއިންފުޅެވެ. ނާއިބަކީ ގދ. ފަރެސް އަހުމަދު ޒުހުރީއެވެ. ސެކްރެޓަރީ އަކީ ގދ. ފަރެސް އަބްދުލް ކަރީމެވެ.
މިމީހުންގެ މަސައްކަތަކީ ސުވަލްދީބް ސަރުކާރު ޕްރޮމޯޓް ކުރުމާއި ގައްދޫ ރައްޔިތުންގެ ހިތުގައި އަފީފްގެ ސަރުކާރުގެ ޝާނާއި ޝައުކަތު މަތިވެރި ކުރުމެވެ.
އާދެ! ގައްދޫ ރައްޔިތުން އަޅުވެތިކަމުގެ އިސްތިއުމާރީ ބާރުގެ ދަށުގައި ގެންގުޅެމުން ރައްޔިތުންނަށް ހިތުހުރި ގޮތެއް ހަދަން ފެއްޓިއްޖެއެވެ. އެގޮތުން ގައްދޫ ރައްޔިތުންނަށް ޖެއްސުންކުރުމާއި ރަށުގެ ޒުވާން އަންހެންކުދިންނާއި ބެހި އުޅުމަކީ އާދައެކެވެ. ރަށުގައި ތިބި ކަމުވޮށިވެގެންވާ ފިރިހެނުން ގދ ތިނަދުއާއި ކައިރި ރަށްރަށުގައި ބަންދުކުރިއެވެ. މިގޮތުން ދުވަސްތައް މާޒީއަށް ގުނެމުން ދަނިކޮށް 24 ޖުލައި 1959 ވަނަ ދުވަހު 06:30 ވީއިރު އެމްވީ މޯލްޑިވްސް ސްޓަރ އޮތީ ގައްދޫ ކައިރީގައި ބަނދަރުކޮށްފައެވެ. ހުވަދު އޮޅު ފަތަހަކޮށް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ އިއްޒަތްތެރި ވަޒީރުލް އައުޒަމް ސާހިބުއްދައުލާ އަލްފާޟިލް އިބްރާހިމް ނާސިރު ވަޑައިގެން ގައްދޫގައި ތިބި ސްވަލްދީބް ސަރުކާރުގެ ބާޣީން އަތުލައި މޯލްޑިވްސް ސްޓާރަށްލީ ގައްދޫ ރައްޔިތުންނާއި ދިވެހި ސިފައިންގެ މަސައްކަތުންނެވެ.
16 ޖޫން 1961 ވަނަ ދުވަހަކީ ގައްދޫ ރައްޔިތުންނަށް އެންމެ ހިތާމަވެރި ބިރުވެރި ހާދިސާ ކުރިމަތިވި ދުވަހެވެ. އާދެ! ތިނަދޫގފައި ތިބި ސްވަލްދީބް ސަރުކާރުގެ ބޮޑުންކަމަށްވާ އަސޭ ދޮންކަލޭފާނާއި ހަކީމް ހުސައިން އަފީފާއި އޮޅެބެއްޔާގެ ހަސަން ދީދިއާއި ތިނަދޫ މުހައްމަދު ހަމީދާއި ސައީދު ކަތީބާއި އިސްވެ ތިއްބަވައިގެން މުޅި އަތޮޅުގެ ރައްޔިތުންނަށް ހިތްވަރު ދީގެން ތިނަދޫގައި ސައްލާކޮށް ނިންމެވީ ގައްދޫން މީހުންބާލައި ހުޅުރޯކޮށް އަންދާލުމަށެވެ. މިގޮތުން ތިނަދޫގައި ސައްލާކުރީ ޖޫންމަހުގެ 1 ވަނަ ދުވަހުގައެވެ. އަތޮޅު ރަށްރަށަށްމިކަން އަންގާލީ ދަތުރުފަތުރުގެ ނިޒާމުންނެވެ. އާދެ! 15 ޖޫން 1961 ވަނަ ދުވަހު މުޅި އަތޮޅުގެ ރައްޔިތުން ގދ. ލޮނަދުއަށް ޖަމާވިއެވެ. މިރޭގައި މިމީހުން ލޮނަދޫގައި މަޑުކުރީއެވެ. 16 ޖޫން 1961 ވަނަ ދުވަހުގެ އިރު އުދަރެހުން އެރުމާއެކު ބާޣީ ފްލީޓްގެ ރައީސް ތިނަދޫ މުހައްމަދު ހަމީދު ހުވަދު އަތޮޅުގެ ރައްޔިތުންނަށް އޯޑަރު ދިނީ މިހާރު ގައްދުއަށް ދިއުމަށެވެ. މުޅި ގައްދޫ ލޫޓުވައި ހުޅުރޯކޮށް އަންދާލުމަށެވެ. އިސްކޮށްތިބި ގައްދޫ މީހުން ހިފާ ހައްޔަރުކޮށްގެން ތިނަދުއަށް ގެންނާށެވެ. މި އޯޑަރުދީފައި މުހައްމަދު ހަމީދު ރިޔާނެގި ބައްތެއްޔެއްގައި ގަންކަނޑުން ނުކުމެގެން އައްޑުއަށް ދަތުރު ފެއްޓީއެވެ.
16 ޖޫން 1961 ވަނަ ދުވަހު ހެނދުނު 7 ޖެހިއިރު ގައްދޫ ހުޅަނގު ފަރާތުން މުޅި އަތޮޅުގެ ރައްޔިތުން އައި އުޅަނދުފަހަރު ގައްދޫ ފަޅުތެރެއަށް ވަދެ ގައްދޫގެ ރައްޔިތުންނާއި ދިމާކޮށް ކަނޑިއާއި ލޮންސިފަދަ ތަކެއްޗާއި ތެޅި ގަލާއި އުވަގޯނިން ހަމަލާދެމުންގޮސް އެދުވަހުގެ 11:30 އެހާކަންހާއިރު ގައްދޫ އިސްމާއިލް ވަތަބަނޑޭރި ކަލޭގެފާނުގެ އަރުމާޒު އޮޑި ރޯކޮށްލުމަށްފަހު އެހިސާބުގެ ގެތަކާއި ހުޅަނގު ފަރާތުގެ އަތިރިމަތީގައިވާ 17 ހަރުގެ އާއި އެ ހިސާބުގައިވާ މީހުން ދިރިއުޅޭގެތަށް ރޯކޮށްލައި ބާޣީން ރަށުގެ ތެރެއަށް ވަދެގެން ގެތައް ލޫޓުވާ، މުދާކޮޅު ޣަނީމާކޮށްލައިގެން ރަށުތެރޭގައި ވެސް މީހުން ޒަޚަމް ކޮށްފައިވާ ތަން ފެންނަމުންދެއެވެ. މިގޮތުން ޒަޚަމް ވެފައިވާ މީހުންގެ ތެރޭ ގައްދޫ އިސްމާއިލް ވަތަބަނޑޭރީ ކަލޭފާނާއި ދޯޅަނބުގެ ސަންފާގެ އާދަނާއި މަލުތެރޭގެ އަލިފުތާއާއި ސުވާސާގެ އަބުދުﷲ އާއި މީމް އިސްމާއިލް ކަލޭގެފާން ހިމެނެއެވެ. މިދުވަހު 12 ޖަހާ އެހާކަންހާއިރު މުޅި ރަށުގެ ރައްޔިތުން ރަށްދޫކޮށް ކައިރި ފަޅުރަށްރަށަށް ކަރުތާފެނަށް އެރިގެން ދިޔައީއެވެ. މިދުވަހުގެ ރޭ 08 ޖަހާ އެހާކަންހާއިރު ރަށުގެ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ރަށަށް އައިސް ޚަބަރު ބެލިއިރު ސުބުހާނަﷲ އެވެ. އެއްވެސް ގެއެއް ދޮރެއް މުދަލެއް ކާނެ ބޯނެ އެއްޗެއް ގެވެށި ކަންވާރެއް ނެތި ގައްދޫ އޮތީ ފިނޮޅެއްގެ މިސާލުގައެވެ. ގައްދޫ ރައްޔިތުނަށް މިހާލު ޖެއްސީ ގދ. ތިނަދޫ ރަށްޔިތުންނާއި ތިނަދޫ އިސްމީހުންގެ ބާރުގައި އެމީހުންކަން މުޅި އަތޮޅު ހެކި ވާނެއެވެ.



ކޮމެންޓްސް ފުނުއްވާ