އެމީހުން ހީކޮށްގެންތިބީ ގާއުކާލަނިކޮށްވެސް ދިވެހި ދަވްލަތް ބިރުގަންފާނެކަމަށެވެ.
ދިވެހި ޤަވްމަށް އެންމެތެދުވެރި ދަރިންގެ ލިސްޓްގައި ގައްދޫ އަލިކަލޭގެ ފާނާއި ކަތީބު ހުސައިންމަނިކު ގެ ނަން ލިޔެވިއްޖެ.
މިލިޔުމަކީ 21 ޖުލައި 1959، – 14 މުހައްރަމް 1379 ވަނަ އަހަރު ވިޔަފާރި މިއަދުގައި ޝާއިއު ކޮށްފައިވާ ލިޔުމެކެވެ. މިލިޔުން ސައިޓްގައި ޝާއިއު ކުރުމުގެ މަގްސަދަކީ މިއީ ގައްދުގެ ތާރީޚް ގައި ހިނގާފައިވާ މުހިއްމު ހާދިސާ އެއްކަމުގައި ވުމުގެ ސަބަބުން މި ތާރީޚީ ހާދިސާ އަޅުގަނޑުމެންގެ މިހާރުގެ ޖީލަށް ފުރިހަމަ އަށް އެނގެން ޖެހޭ ކަމަށް ގަބޫލު ކުރެވޭތީއެވެ. ފަހަރެއްގައި ވެސް މިލިޔުން ޝާއިއު ކުރުމުގެ މަގްސަދަކީ ގައްދޫ އާއި ބަޣާވާތުގައި ބައިވެރިވި އެހެނިހެން ރަށްރަށުގެ ރައްޔިތުންގެ މެދުގައި އިތުރު ނުތަނަވަސް ކަމެއް އުފެއްދުމުގެ މަގްސަދެއްގައެއް ނޫނެވެ. އެހެންނަމަވެސް މިލިޔުން ކިޔުމަށްފަހު އެއްވެސް ކިޔުންތެރިޔަކަށް ނުތަނަވަސް ކަމެއް އިހްސާސްވާނަމަ އެކަމަށް މައާފަށް އެދޭވާހަކަ ދަންނަވާލަމެވެ.
އަފީފް އާއި އޭނާގެ ޕާޓީ ހީކުރީ އެމީހުންގެ ހުވަފެނީ ސަރުކާރުގެ ބާރުން އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްލާމް ދީން ހުވަދޫ ކަނޑުގެ ގަދަ އޮއިވަރާއެކު ރާއްޖޭން ބޭރަށް ނަގާލެވިދާނެކަމަށެވެ. އަދި ދެކުނުގެ 3 އަތޮޅުގެ އިތުރަށް ދުވާލަކު އަތޮޅެއް ހިފަމުން ގޮސް އަފީފުގެ އަމިއްލަ އެދުމުގެ ވަކިތަކުގެ އަޅެއްކަމަށް މުޅި ދިވެހިރާއްޖެ ހެދިދާނެ ކަމަށެވެ. އަފީފު ހީކުރީ ބޮޑުތަކުރުފާނާ ދޮންބަންޑާރައިންގެ ލޭފޮދު އޮހޮރުވައިގެން މިނިވަން ކުރެއްވި ދިވެހިރާއްޖެ ހިތަދޫ މީހެއްގެ ޖީބު ޚަރަދު ހަމަޖައްސާ ފަޅުރަށަކަށް ހަދާލެވިދާނެކަމަށެވެ. އަދި އޭނާ ހީކުރީ އަޅުގަނޑުމެންގެ ވަޒީރުއްދާޚިލިއްޔާ ހުންނެވީ އައިލެންޑްސްގެ ބާރުގަދަ ރައީސް އަބުދުﷲ އަފީފު އުކާ އޮއްގާ ދެކެ ބިރުފުޅުންކަމަށެވެ. ސިގިރެޓް ކޮޅަކަށް ދިވެހިރާއްޖެ އިގިރޭސީންނަށް ވިއްކާލެވިދާނެ ކަމުގައެވެ. ހަށިގަނޑުގައި އެއްވެސް ޞިއްޙަތެއްނެތް ބަޢާވާތް ތެރިޔާއަށާ އޭނާގެ އެކުވެރިންނަށް މިހެން ހީކުރެވިފައި އޮތަސް ދިވެހި ޤަވްމުގެ އިއްޒަތްތެރި ވެރިންނަށް ޚާއްޞަކޮށް ޞ. ދ. އަލްފާޟިލް އިބުރާހިން ނާޞިރު އަށް ފިޑިފުޅުކަމާ ބިރުފުޅުގެ އެއްމެ އަސަރެއްވިޔަސް ކުރިކަމަކަށް ނުވިއެވެ. ޚޮދު ވަޒީރުއްދާޚިލިއްޔާ އެމަނިކުފާނުގެ ރައްޔަތުންގެ ތެރެއިން ޝަހީދަށް އެދިއެދި ތިބި އެތައްހާސް ބައެއްގެ ތެރެއިން 700 އެތަކެއްމީހުނާއެކު ބަޢާވާތްތެރިންގެ ސަރަހައްދަށް ވަޑައިގަތުން ހިމެނިގެން ދިޔައީ އެއްވެސް ފިކުރުފުޅެއް ނެތް ކަމެއްކަމުގައެވެ. ދިވެހި ތާރީޚުގެ އެންމެ ހަނގުރާމަވެރި ދުވަސްތައް ފަދައިން އަޅުގަނޑުމެންގެ ވަޒީރުއްދާޚިލިއްޔާ ބާޢީންނާއި ދިމާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ އަވަސްއަވަހަށް ދިވެހިތާރީޚުގައި ލިޔެލަން ލިބޭކަހަލަ ވާހަކައެއް ނޫނެވެ. އާދެ، އެމަނިކުފާނުގެ ހަށިކޮޅާއި ފުރާނަފުޅު ނެތިވެދިއުމަށްޓަކާ ސިހުރުހަދާ ދާއިރާގެ ތެރެއަށް ވެދެވަޑައިގަތެވެ. ބަޑިއާއި، ނޭޒާ، މުގުރާ، އޮއްގައު ތައްޔާރު ކޮއްގެންތިބި ރުޅިގަދަ އެއް ހެޑުކުއާޓާރ ކަމަށްވާ ހަވަރުތިނަދޫގެ ބޮޑެތި މަގުތަކުގައި ނާސިރު ހިންގެވިއެވެ. އެމަނިކުފާނު މަރާލުމަށްޓަކައި އަދި ވަޑައިގަންނަވާ ބޯޓުގެ ބުރަފަތީގައި ވާ އޮޅުމަށްޓަކައި ހުރިހާރޭވުމެއްރޭވި ބޮޑެތިމީހުންގެ ތެރެއަށް ވެސް ނާސިރު ވެދެވަޑައިގަތެވެ. ކޮންމެއަކަސް މިހިރީ ދިވެހި ޤަވްމުގެ ކަރާމާތެވެ. ކަލާނގެ ކުޅަދުންވަންތަ ކަމުގެ ނިހާޔަތެވެ. ރާއްޖެ ވަރަށް ނާދިރު ގޮތެއްގައި މެނުވީ ނުދެކޭނެ މިދަންނަވާ ތާރީޚީ ދެތިންދުވަހުގެ އިރުއަރާ އޮއްސެމުން ދިޔައިރު ދެކުނުގެ ބަޢާވާތްތެރިންގެ ހުޅުގަޑަށް ވަމުންދިޔަގޮތް އެ މަންޒަރު ލޮލުން ނުދެކޭމީހުންނަށްޓަކައި އަޅުގަނޑުމެން އުފަލާއެކު ވާހަކަ ލިޔެލުމަށް އަދި ކިޔާލަދިނުމަށް މިފުރުސަތުގެ ބޭނުން ކޮށްލާނަން އިގޭތޯއެވެ. އާދެ،ޢާއްމުކޮށް ދިވެހި ރާއްޖޭގެ ޚާއްސަކޮށް މުޅިމާލޭގެ އެންމެންގެ ނޭވާ އެދަތުރެއް ނިމެންދެން ހިފަހައްޓައިގެންތިބި މޯލްޑިވްސްޓާރުގެ ހުވަދޫ ދަތުރުގެ ވާހަކައެވެ. ވަރަށް ކުރުގޮތަކަށެވެ. އައްސަވާށެވެ. 6 މުހައްރަމް 1379 ހ 13 ޖުލައި 1959 މ ވީ ހޯމަދުވަހުގެ ހޫނުގަދަ މެންދުރު މާލޭގެ ގާތްގަޑަކަށް ހުރިހާ ފިރިހެނުންނާ ވަރަށްގިނަ އަދަދެއްގެ ޖިންސުއްލަތީފުން ނުކުމެތިބީ އެމީހުންގެ ލޯބިވާ ވަޒީރުއްދާޚިލިއްޔާ މާލެ ދޫކުރައްވައި ރާއްޖޭގެ ދެކުނުގެ ބަޢަވާތްތެރިންގެ ތެރެޔަށް ފުރާވަޑައިގެންނަވާ މަންޒަރު ލޮލުން ދުށުމަށެވެ. އެމަނިކުފާނު ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި އިސްލާމްދީނުގެ ޝަރަފަށްޓަކައި ޤަވްމުގެ ޙައްޤު ޖިހާދުކުރެއްވުމަށްޓަކައި ކުރަށްވާ ދަތުރުގައި ރޫޙީ ގޮތުން ބައިވެރިވުމަށެވެ. ގިނައިރުތަކެއްނުވެ މިދަތުރުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވުމަށް ތައްޔާރަށްތިބި ދިވެހި ޤަވްމުގެ ދަރިންތަކެއް "މޯލްޑިވްސްޓާރ" އަށް އަރާ ބޯޓް ފުރާލައިފިއެވެ. ދުވަހުގެ ހަވީރު ދެވިލާގަނޑެއްގެ ދޭތެރެއިން ވާރޭ ހުއްޓާލާފާ އޮތްވަގުތެއްގައި އަޅުގަނޑުމެންގެ ވަޒީރުއްދާޚިލިއްޔާ ސ.ދ އިބުރާހިމް ނާސިރު ވެސް ބޯޓަށް އަރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިހުގައި ޞ. ސ އަލްއުސްތާޒު އިބުރާހިމް ޝިހާބު، އައްޝޭޚު މުހަންމަދު ޖަމީލު އުއްތަމަ ފަޑިޔާރު މަނިކުފާނު ދަތުރުފުޅު އެރެހެއްޓުމަށްޓކައި ވަޑައިގެންނެވިއެވެ. އަދި މިދަތުރުގައި ވަޑައިގެންނަވާ ޞ.ސ އައްނަބީލް ހުސައިން ހަބީބު އާއި އަލްފާޟިލް އިބުރާހިމް ޒަކީ، އަލްފާޟިލް އިބުރާހިމް ރަޝީދު، އާއި އަލްފާޟިލް އަބުދުﷲ ޚަލީލު، އައްނަބީލް މުހަންމަދު އިމާދުއްދީން އާއި އައްނަބީލް އަހުމަދު އަލިދީދީ، އަލްމުހުތަރަމް ބަންދު މުހަންމަދު ކަލޭގެ ފާނާއި، އަލްމުހުތަރަމް އާދަމް ހަލީމު ވެސް ބޯޓުގެ ތެރެއިން އުއްމީދުން ފުރިގެންވާ މޫނުފުޅުތަކަކާއެކު ފެންނަމުން ދިޔެއެވެ.
ވަޒީރުއްދާޚިލިއްޔާ ބޯޓަށް އަރާވަޑައިގަތުމާއެކު ބޯޓުގެތެރެއަށް ވެރިވެގެން ދިޔައީ ބަރއކާތްތެރި ސަލަވާތުގެ ހަމަހިމޭންކަމެވެ. އިސްވެ ވިދާޅުވީ އުއްތަމަ ފަޑިޔާރުމަނިކުފާނެވެ. ބޯޓުގެ ކަފުގައި ސިންތިޔާ އާއި އެކު 15 ގަޑަތި ލައިގެން ލާލޭގެ ބަދަރުން ނައްޓާލީ 7-1 1379 ހ. ވަނަ ދުވަހުގެ ރޭ 7 ގަޑި 12 މިނުޓުގައެވެ. ކޮންމެއަކަސް ގާދޫކޮލުން ނުކުމެގެން ދެކުނަށް ނުކުތް ދަތުރުގެ މަގުމަތީގައި ވިއްސާރައިގެ އަސަރުތަކާއި ކުރިމަތިލާން ޖެހުނެވެ. ކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކަފުގައި ހުރި ދޯނި ތަކަށް ކެތްނުކުރެވިގެން އެތަކެއްފަހަރު މަޑުކުރަންޖެހުނެވެ. އަދިފަހުން އެރޭ އިރު އަރަންދެން މުޅިން މަޑުކޮށްފާ ބަހައްޓަންޖެހުނެވެ. އަޅުގަޑުމެންގެ ދަތުރަށް ފެށުނީ ކަފުގައިހުރި ހުރިހާ ދޯނިފަހަރު ލާލެ އާއި ހަވާލު ކުރުމަށްފަހު 7-1-1379 ހ ދުވަހު ހަވީރު ތިނެއް ޖެހިއިރު ބޮޑުކަޅީ ބޭރުންނެވެ. ޖެހިގެން އައިރެއަކީވެސް ހިސާބަކަށް ވިއްސާރަ ރެއެކެވެ. އަނެއްދުވަހުވެސް ވިއްސާރާއިގެ އަސަރުތައް ހިސާބަކަށް ހުރުމުގެ ސަބަބުން ދުވާލުގެ ހޫނުކަން އިހުސާސް ކުރަން އަޅުގަނޑުމެންނަކަށް ނުޖެހެއެވެ. ފިނިޖައްވެއްގައި ދަތުރު ކޮއްފައި އަޅުގަނޑުމެންގެ ބޯޓު މަޑުކޮށްލީ ލ. މާމެންދޫ ބޭރުގައި 8-1-1379 ހ. ވަނަ ދުވަހު 12 ގަޑި 10 މިނިޓު ގައެވެ. ފެނާއި ދެންވެސް ބޯޓަށް ބޭނުން ބައެއް އެއްޗެތި ހޯދުމަށްފަހު 4 ގަޑި 30 ހުގައި ފުރީ އެރަށުގައި އޮތް ފަތުހުއްސާލާމް ބޯޓުގެ ކަފަށްލައިގެންނެވެ. އޭރު އަޅުގަނޑުމެންގެ ޕާޓީއަށް 19 މީހުން އިތުރުވެއްޖެ އެވެ. ހައްދުންމަތީ މާމެންދޫގައި ތިބި ސިފައިންގެ 18 މީހުންނާއި ލ. ހިތަދޫން މިދަތުރުގައި ބައިވެރިވުމަށް އަމިއްލަ އަށް އެދިގެން ބައިވެރިވި ހިތަދޫ ނާއިބު ހުސައިން އިބުރާހީމް އެވެ. 9 ވަނަރޭ ވަރަށް ފަޑު ހަނދުވަރެއްގައި އަޅުގަނޑުމެންގެ ބޯޓު މޯލްޑިވްސްޓަރ ހުވަދޫ ކަނޑުގެ ގަދަ އޮޔާއި ރާޅު ކަފަމުން ސުވަލްދީބު އައިލެނޑްސްގެ ރަށްތަކާއި ދިމާއަށް ދުވަމުން ދިޔައީ އާދެޔާއި ޚިލާފު ބާރުމިއްގައެވެ. އަޅުގަނޑުމެންގެ ވަޒީރުއްދާޚިލިއްޔާ އޭނާގެ ކޮޓަރިކޮޅުން ވަރަށް ދަންވަންދެން މާދަމާގެ ޕްރޮގްރާމް ރާއްވަމުން ގެންދެވިއެވެ. ޝައްކެއްނެތެވެ. މި ތާރީޚީ ދަތުރުގެ ސަބަބުން ހުވަދޫ ބަޢާވާތްތެރިންގެ ފިތުނަވެރި ރޭވުންތައް މިހާ އޮމާން ގޮތެއްގައި އެކޮޅުކޮޅުން ޖެހުމުގެ ސިއްރަކީ އެރޭ މޯލްޑިވްސްޓަރު ގައި ރޭއްވެވި ޕްރޮގްރާމުގައި އެކުލެވިފައިވާ ސިޔާސަތުގެ މަތިވެރިކަމެވެ. ހުވަދޫ ކަނޑުގެ ރާޅުތަކުގައި ދިވެހިރާއްޖޭގެ "ތަރި" އަޅުގަނޑުމެން ގޮވައިގެން ބާޢީންގެ ހަތިޔާރުތަކުން ފުރިގެންވާ ރަށްތަކާއި ދިމާލަށް ދަތުރުކުރަމުން ދިޔަރޭގެ ވަގުތު ތަކަކީ އަޅުގަނޑުމެންގެ ޢުމްރުގެ އެއްވެސް ދުވަހެއްގައި ހަދާންނެތޭނެ ވަގުތެއްނޫނެވެ. މާދަމާގެ އިރުގެ ފުރަތަމަ ދޯދި ތަކުގެ ކުރީގައި ހުވަދު އަތޮޅުގެ ރަށްތައް ފެންނާނެ ކަމަށް އަޅުގަނޑުމެންގެ މާލިމީ މުޙަންމަދު ޙަސަން މަނިކު ވަނީ ޔަޤީން ކޮށްދެއްވާފައެވެ.
މާދަމާގެ ހެނދުނަކީ ދިވެހި ޤަވްމަށްޓަކައި އަޅޫގަނޑުމެންގެ 700 މީހުން ކޮންފަދަ ޤުރުބާން އެއްވާން ނުޖެހޭނެ ދުވަހެއްކަމެއް އަދިއެއްނޭގޭއެވެ. ފުންމާލަން ޖެހޭނީ ކަނޑަށް ކަމެއް ޒަޚަމް ކޮށްލަން ޖެހޭނީ ކޮންތަންތަނެއްކަމެއް އެކަކަށްވެސް ނޭގެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ މިހާގިނަމީހުންގެތެރޭގައި އުއްމީދު ކެނޑިފައި އިން ހަމަ އެއްމެ ފިރިހެނަކުވެސް ނެތެވެ. އެރޭ ހަމަޔަށް ނިދުނު، އަދިމީރުކޮށް ކާލައިގެން ބުރަކަށި ޖައްސާލި ހަމަ އެކަކާވެސް ދިމައެއްނުވެއެވެ. އަޅުގަނޑމެންގެ މި ޢިބާރާތުން ދަތުރުވެރިންގެ ފިނޑިކަން ހިތްޕުޅަށް ނުގެންނެވުން އެދެމެވެ. އެރޭ އަޅުގަނޑމެން އުޅުނީ މީރުކޮށް ކާއިގެން އަރާމުގައި ނިދޭފަދަ ދުނިޔެއްގައެއް ނޫނެވެ. ދެކެވޭ ވާހަކަ ތަކުގެ އަޑު އާދައިގެ ވަރަށްވުރެ ބާރެވެ. ހީގަންނަ އަޑު އިވޭ ފަރާތްތައް އަދަދު ނުކުރެވޭހާ ގިނައެވެ. ދެމީހުން،ތިންމީހުން ނުވަތަ ހަތަރުމީހުން، ފަސްމީހުން ކަހަލަ ގޮތަކަށް މުޅިބޯޓުގައިވަނީ ޕާޓީ ހަދާފައެވެ. ކޮންމެ މީހެއްގެ ޚިޔާލް އުދުހެނީ އައްޑޫ މައްސަލަ އާއި އެކުގައެވެ. މިވެނިމީހަކު އަތުޖެހިއްޖެނަމަ ހަދާނެ ގޮތަކާއި، އެވެނިމީހަކާއި ދިމާވެއްޖެނަމަ ބުނާނެ އެއްޗެއް ދަތުރުވެރިންގެ ތެރޭގައި އެކިމީހުން ވަކިވަކިން ރާވަނީއެވެ.
ނުނިމޭ
ދެން ފެނިވަޑައިގެން ނަވާނީ:
0 ގައްދޫ ފެނުން
0 އަލިފާނުގެ ސިގްނަލް
0 ޤަވްމީ ދިދަ ވީދާލުން
0 ގޮހޮރު ސުލޭމާން ފިލަން ދުވުން
0 ވަޒީރުއްދާޚިލިއްޔާގެ ވަރުގަދަ ސިޔާސަތު
މިބައިތަކެވެ.



ކޮމެންޓްސް ފުނުއްވާ