ފުރަތަމަ ސަފްހާ | ތާރީޚާއިސަގާފަތް | އެމީހުން ތިބީ ހަވަރުތިނަދޫން ފޮނުވާފައިތިބި ސިފައިންގެ އަޅުވެތި ކަމުގެ ދަށުގައި

އެމީހުން ތިބީ ހަވަރުތިނަދޫން ފޮނުވާފައިތިބި ސިފައިންގެ އަޅުވެތި ކަމުގެ ދަށުގައި

ފޮންޓް ސައިޒް: Decrease font Enlarge font

ގައްދޫގެ ރައްޔަތުން ތިބީ ދިވެހިދަވްލަތުގެ ބަޔަކަށް މަރުޙަބާކިޔާނެ ފުރުސަތެއް ނުލިބިފައި

ކުރީގެ އަދަދާއި ގުޅޭ.

 ގައްދޫގެ ރައްޔަތުން ތިބީ ދިވެހި ދަވްލަތުގެ ބަޔަކަށް މަރުޙަބާ ކިޔާނެ ފުރުސަތެއް ނުލިބިފައެވެ. އެމީހުން ތިބީ ހަވަރުތިނަދޫން ފޮނުވާފައި ތިބި ސިފައިންގެ އަޅުވެތިކަމުގެ ދަށުގައެވެ. "މާދަމާ ހެނދުނު 6 ޖަހާ އިރު ބޯޓުގެ ކޮންމެ މީހަކު ހުންނަންވާނީ އެންގި ކޮންމެކަމެއް ކުރުމަށް ތައްޔާރުވެގެން ފޮށިތަންމަތި ބޯޓުގައި ބަހައްޓައިގެންނެވެ."

މަތީގައި އެވާ އިބާރާތަކީ އަޑުގަދަކުރާގެ ޒަރީއްޢާ އިން ބޯޓުގެ އެންމެންނަށް ވަޒީރުއްދާޚިލިއްޔާ އެންގެވި އެންގެވުމަކެވެ. މި އަޑު އިވުމާއި އެކު ބޯޓުގެ އެތަންމިތަނުން "އަޅުގަނޑުމެން ތައްޔާރު"ގޮވާލެވުނެވެ. 9

-1-1379 ހ ވަނަދުވަހުގެ ރޭ ފަތިސްވެގެން އައިއިރު ބޯޓުގެ އެންމެންތިބީ ހުވަދު އަތޮޅުގެ ރަށްރަށުގެ މަލަބަލާށެވެ. މާވާރުލާއި ގައްދޫ ވަރަށްރީތިކޮށް ނަގާ ބޮޑުކޮށްފާ އޮތެވެ. މި ވަގުތުކޮޅުގެ ތެރޭގައި އަޑުގަދަކުރާއިން ވަރަށްބޭނުންތެރި އިލްތިމާސެއް މުޅިބޯޓަށް ފޮނުއްވެވިއެވެ. " ފަހަރެއްގައި ދޯއްޏެއްފެނިގެން ގޮވީމާ އަޔަސް ނަޔަސް އަޑުގަދަކޮށްގެން ނުވާނެކަމާ، ވާހަކަދައްކާ ހަދާނީ އެކަމަށް ކަނޑައެޅިފައިވާ ބަޔެއްކަން އަދިފަހަރެއްގައި އެމީހުންނަށް ނުއިވުނަސް އަންގައިދޭން ބުނިއްޔާނޫނީ އެއްޗެއްބުނެގެން ނުވާނެކަމާއި، ކޮންމެކަހަލަ ކަމެއް ހިގިޔަސް ހިންގިޔަސް ައޑުގަދަކޮށްގެން ނުވާނެކަމާއި މިތަންވަޅު ބޭނުމީ ފުރިހަމަޔަށް އަމުރަށް ކިޔަމަންވުންކަން." މުޅިބޯޓަށް އެންގެވި އެވެ.

ކުރިމަތީގައިވަނީ ދެންނެވުމުގެ ބޭނުމެއްނުވާނޭފަދައިން ހުވަދު އަތޮޅުގެ ބައެއްރަށްރަށެވެ. އިރު އަރާ 6 ޖެހުމާއެކު މާވާރުލުގެ އެއްކޮޅުން އަލިފާން އަޅައިފިއެވެ. މި އަލިފާނަކީ ބޯޓުގެ މީހުން މާ ހައިރާން ކުރުވި އެއްޗަކަށް ނުވިއެވެ. ސަބަބަކީ ބޯޓެއް ފެނިއްޖެނަމަ އެއްރަށުން އަނެއް ރަށަށް މިކަހަލަ އަލިފާންޖެހުމުން ވާހަކަދެއްކުމަށް ބަޢާވާތްތެރިން ރާވައިފައިވާކަން އަޅުގަނޑުމެން އެންމެން ދެނެހުރިކަމެވެ. އަދި އިރުކޮޅަކުން ގަމުންވެސް މިހާބޮޑު އަލިފާންގަޑެއް ފެނުނެވެ.  

އެންމެ ފުރަތަމަ ހަމަލާދިނުމަށް ކަނޑައެޅިފައިވަނީ ހުވަދު އަތޮޅު ގައްދު އާއިއެވެ. އެހެންކަމުން ގަން ކަނޑުން ވަދެ ގައްދޫގެ ވަރަށް ކައިރީގައި ބޯޓު ޖައްސައިފިއެވެ. (ގަމުގެ ކައިރިން އައި އިރު ގަމުގައި ތިބިއެންމެން ގައްދު އަށް ދިޔުމަށާއި، މިއަމުރާއި ޚިލާފްވީ ކޮންމެމީހަކީ ދިވެހި ދަވްލަތަށް ކުއްވެރިއެއްކަމަށް ބެލެވޭކަމުގައި އެންގެވި އެވެ.)

އާދެ! ބޯޓާއި ގައްދޫ އާއި ދޭތެރޭ ހުންނާނީ، ވިއްސަކަށް ފޫޓެވެ. ގައްދޫމީހުން އުކާނީ ގާ ކަމެއް ނޫނީ ކުރާނީ އާދޭސްކަމެއް އަދިހަމަ އެނގޭ އެކަކުވެސް ނެތެވެ. ކޮންމެ އަކަސް ހާލު ހުރިވަރަކީ ބޯޓުގެ އަޑުގަދަކުރާއިން ކޮންމެވެސް އެއްޗެއް ބުނުމާއި އެކު ގައްދޫ އަތިރިމައްޗަށް އައްޔާ އައިހާ ބަޔަކު ބިރުން ފިލައިފިއެވެ.

9 ވަނަދުވަހު 6 ގަޑި 13 ގައި އަޑުގަދަކުރާއިން ގައްދޫ އަށް އެންގީ އަވަހަށް ބޯޓު ދޮށަށް ދޯއްޏެއް ގެނައުމަށެވެ. މި އެންގުން ބޮޑުގަލު އިބުރާހިން މަނިކު މާލެބަހުންނާއި ގައްދޫ އަލިކަލޭގެ ފާން ހުވަދޫބަހުން އެންގިއެވެ. މިނޫންވެސް ހުވަދޫ މީހުންނާއިބެހޭ ގިނައެންގެވުން ވަރަށް ގިނަފަހަރު އަލިކަލޭގެ ފާނު އެމީހުންގެ ބަހުން އެންގިއެވެ.

މިހާރު ކެނޑިނޭޅި ގައްދޫގެ ރައްޔަތުންނަށް ބޯޓުން އިލްތިމާސް ފޮނުވަމުންދަނީ ގައްދޫ އަތިރިމަތީޖަހާފައި ހުރި ފުޅައްގަނޑު ނެގުމަށާއި ދިވެހި ދަވްލަތަށް ކިޔަމަންތެރި ކަމުގައި ގައްދޫގެ ރައްޔަތުން ތިބިނަމަ އަތިރިމަތީގައި ދިވެހިދިދަ ނެގުމަށެވެ. ގިނަ އިރުތަކެއްނުވަނީސް ގޮޑުދޮށުގާ ދިވެހި ދިދައެއް ނަގައިފިއެވެ. ނެގީ 8 ގަޑި 45 ފަހެއްގައެވެ. މިފަޚުރުވެރި ޚިދުމަތް ގައްދޫގެ ރައްޔަތުންގެ ސަލާމަތަށްޓަކައި ކޮށްދިންމީހަކީ ގައްދޫ އަލިޔާގެ ހަސަންފުތާ އެވެ. ދިދަނެގިތާ ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ގައްދޫ ދޯންޏެއް ބޯޓުދޮށަށް އަތުވެއްޖެއެވެ. ދޯނީގައި ތިބީ ދިހަ މީހުންނެވެ. މިދޯނިން ގައްދޫ އަބުދުލް މަޖީދު އާއި ގައްދޫ ބަލަހައްޓަން ހަވަރުތިނަދޫން ފޮނުވާފައިހުރި އިބުރާހިމް ރުޝްދީ އައެވެ. މި މީހުންގެ ފަރާތުން ލިބުނު ޚަބަރަކީ ގައްދޫގެ މުޅިރައްޔަތުންތިބީ ދިވެހި ދަވްލަތާއި އެއްކޮޅަށެވެ. ނަމަވެސް އަފީފުގެ ސަރުކާރުން އެރަށް އޮބެހެއްޓުމަށް ފޮނުވާފައި ތިބި ހަވަރުތިނަދޫން ފޮނުވާފައިވާ ސިފައިންގެ އަނިޔާވެރި ކަމާއި އަމުރުގެ ގަދަފަދަކަމުން ރަށުގައި އަމަން އަމާންކަން ގާއިމުވިއަކަނުދޭއެވެ. ބޯޓު އައިކަން އެގުމުން ގޭގެއަށް ވަދެ އަންހެނުންނަށާ ފިރިހުންނަސް އަނިޔާކޮށް ރަށުގާހުރިނަމަ ހުރި ހަކުރެއްގައި ފަނިގިރުން ފަދަ ދެކޮޅުނުޖެހޭ ސޭކު ކަންތައްތަކެއް ހިންގިއެވެ. ކޮންމެ އަކަސް ބޯޓަށް އައި ހަވަރުތިނަދޫ ރުޝްދީގެ ފަރާތުން ރަށުގައިތިބި ބަޢާވާތްތެރިންގެ އެކިއެކި އަމަލުތައް ވަރަށްސާފުކޮށްފިލި އެވެ.

އެއަށްފަހު އަޅުގަޑުމެން އެންމެން ތިބީ ގައްދޫ ގޮޑުދޮށުގައި ނަގާފައިހުރި ދިވެހިދިދައަށް ބަލަހައްޓައިގެންނެވެ. އާދެ! ގައްދޫގެ ރަޢިއްޔަތުންގެ ކިޔަމަންތެރިކަން ވަޒީރުއްދާޚިލިއްޔާ އަށް ދެއްކުމަށްޓަކައި ނެގިދިދަޔަށް ހުރެވުނީ ހައެއްކަ މިނުޓު ހާއިރުއެވެ. ފާލަންމަތީގައިހުރި ހަވަރުތިނަދޫގެ ސިފައިންގެ މީހަކު އެދިދަ ވައްޓާލައި އެރަށު ފާލަމުގެ ކޮޅުގައިހުރެގެން އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި އެދިދަ ވީދާ ކުދިކޮށް އުކާލައިފިއެވެ. ކޮންމެ އަކަސް އެރަށުން ފުރައިގެން އަންނަ ދޯނިފަހަރުން ޚަބަރުދެނީ ރަށުތެރެ ވަރަށްބޮޑަށް ނުރައްކާވެފައިވާ ކަމުގައެވެ. ރަށުގެ އަމަން އިނތިހާ އަށް ގެއްލިފައިވާކަމެވެ. އާގުބޯޓުން ގައްދޫގެ ރަޢިއްޔަތުންނަށް މިހާރު އެ އަންގަނީ ޖާނު ސަލާމަތްވުމަށް އަވަހަށް އެއްގަމަށް ދިއުމަށެވެ. އަނެއްކާވެސް ރަށުގެ ގޮޑުދޮށުގައި ދިވެހިރާއްޖޭގެ ކީރިތިކަމާއި މޫރިތިކަމުގެ ފަޚިރުވެރި ނިޝާން ދެވަނަފަހަރަށް އުފުލާލައިފިއެވެ. މިފަހަރު ދިދަނެގީ ގައްދޫ ޚަތީބު އަބުދުލް މަޖޭދު އެވެ. މިފަހަރު ދިދަނެގުމާއި އެކު ރަށުގެ އަތިރިމަތީގައި ބަޢާވާތްތެރިން ޖަހާފައިވާ ފުޅައްގަނޑު ރޫޅާލައި ދޯނިފަހަރުގައި ބޯޓުދޮށަށް އަންނަން ފަށައިފިއެވެ.

އެއްމެފުރަތަމަ ގައްދޫން ގެނައި ކުއްވެރިންގެ ތެރޭގައި ގައްދޫގައި ހުންނަ ހަވަރުތިނަދޫ ސިފައިންގެ ވެރިޔާ ހަންޑި ދޮން ހުސައިން ފުޅު ވެސް ބޯޓަށް ގެނެވުނެވެ. އެއިރު ގޮހޮރު ސުލޭމާން ވީތަނެއް ނުފެނޭއެވެ. ނުނިމޭ. 

  • ދެން ފެނިވަޑައިގެންނަވާނީ:
  • ގައްދޫގެ ރުއިން
  • ހަންޑި ދޮން ހުސައިންފުޅުގެ ހިންގުން
  •  ހުޅުޖަހަން އައިމީހުންނަށް ފެނުނު ކަރާމާތް

މިބައިތަކެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0