ފުރަތަމަ ސަފްހާ | ތާރީޚާއިސަގާފަތް | މިހިރީވެސް އިސްލާމްދީނުގެ ތެދުމަގުގައިތިބޭމީހުންނަށް ކަލާނގެދީލަތި ވަންތަކަމުގެ ބޮޑުކަމެވެ.

މިހިރީވެސް އިސްލާމްދީނުގެ ތެދުމަގުގައިތިބޭމީހުންނަށް ކަލާނގެދީލަތި ވަންތަކަމުގެ ބޮޑުކަމެވެ.

ފޮންޓް ސައިޒް: Decrease font Enlarge font

ގައްދޫ އަންދާ އަޅިޔަށްހަދަން އައިމީހުން އެބުރިދިޔައީ އެރަށުބޭރުން ދެމަނަވަރު ފެނިގެންނެވެ

ހަންޑި ދޮން ހުސައިންފުޅާއި އަދިވެސް ހަވަރުތިނަދޫ ސިފައިންގެ ތިންމީހުން ބޯޓަށް ގެނަސް ބިޑި އެޅުން ވީ، ގައްދޫގެ ގާތްގަޑަކަށް ހުރިހާބާރެއް ގެނެސް ބޯޓަށް ލުންކަމަށެވެ. މިދަންނަވާ 4 މީހުން ބޯޓުގެ ކޮޅުފަސްކޮޅާ ކާރިކުރިއިރު އެމީހުންގެ މޫނުމަތިން ފާޅުވަނީ މުޅިން ހިތާމައިގެ އަސަރު ތަކެއްނޫނެވެ. ލަދުވެތިކަމާއި ދެރަވުމުގެ އަސަރުތަކެވެ. ބިރާއި ނާއުއްމީދީ ގެ ކުލަތަކެވެ. ދިމާ މަތީގައި ޞ.ދ އަލްފާޟިލް އިބުރާހިމް ނާސިރު ހުންނެވިއެވެ.

އެމީހުންނާއި މުޚާތަބު ކުރައްވައި ދެތިންއެއްޗެއް ވިދާޅުވުމަށް ފަހު އެ 4 މީހުން އަވަހަށް ބިޑި އެޅުމަށް އަންގަވައިފިއެވެ. މިހާރު ގައްދޫ އަށް އަންގަވާފައިވަނީ ރަށުގައި ތިބިހާ ދެކޮޅުވެރިން އަވަހަށް ބަދެލައިގެން ބޯޓު ދޮށަށް ގެނައުމަށާއި، އަދި އޭގެފަހުން ކާޑު ބޭލުމަށްޓަކައި އަވަހަށް އައުމަށެވެ. ބޯޓްގައި ހިލޭ ދެއްވާ 2 މަސް ދުވަހުގެ ކާޑު އެބަހުރިކަމަށެވެ. އަދި ބާޢީންގެ ތެރެއިން އަރާ ތިބި ގޮހޮރު ސުލޭމާން އާއި، ޤަބުރު އާދަމް އާއި ރަންގު ޒަކަރިއްޔާ އަވަހަށް ބޯޓަށް އައުމަށެވެ. ނައިނަމަ އެމީހުންނަކީ ކުއްވެރިން ކަމަށް ބެލެވޭނެ ކަމަށެވެ. މި އެންގެވުމުގެ މަތިން، ރަށުގައި ތިބި ރަޢިއްޔަތުން އެރަށުގައި އުޅޭ ހަވަރުތިނަދޫ ސިފައިން ދޯނިދޯންޏަށް އަރުވައިގެން ބޯޓު ދޮށަށް ގެނެސްދޭން ފަށައިފިއެވެ. ގާތްގަޑަކަށް ސާޅީހަކަށް މީހުން ގެނެވުނެވެ. ނަމަވެސް ވަޒީރުއްދާޚިލިއްޔާ ގެ ދީލަތިފުޅުކަމުން އެމީހުންނަށް ދިވެހި ދަވްލަތުގެ ބާރާއި ތޫނުކަން ޤަބޫލުކުރެއްވުމަށްފަހު އޭގެތެރެއިން ބައެއްމީހުން ދޫކޮށްލެއްވީއެވެ. އަދި އެއްބަޔަކަށް އެންގެވީ ގައްދޫ މޫދަށް އެރިގެން އެރަށުގެ ކައިރީގައި އޮތް ރޮދުވަށްރެހާ ކިޔާ ކުޑަ ފަޅުރަށަށް ހިގާފައި އެދާ މީހަކު އަވަހަށް އަތުލައިގެން ގެންނާށެވެ. އަދި ވިދާޅުވިއެވެ. އެތައްސަތޭކަ އަހަރެއްވަންދެން ހިންގާ ދިވެހި ސަރުކާރާއި ދެކޮޅަށް ސަރުކާރެއް ހަދައިގެން ނޫޅެވޭނެއެވެ. މީގައި އެތައްރަށެއް ފޫއަޅުވާލާ ކަހަލަ ބަޑި އެބަހުއްޓެވެ. އޭގެ ބޭނުން ކޮށްފާނަމެވެ.

ކޮންމެއަކަސް އެމީހުންނަކީ އަދު ކުއްވެރިވެގެން ގެނައިނަމަވެސް ސަލާމަތްވީ ބައެއްކަމުން ވަރަށް އަވަހަށް ފިލަން އެދާ މީހަކު ހޯދުމަށްޓަކައި ދޯނި ޖަހައިގެންފިއެވެ. އިރުތަކެއްނުވެ ދެމީހަކުހިފައިގެން ގެނެސްފި އެވެ. އޭނާއަކީ ގައްދޫގައި ހުންނަ ހަވަރުތިނަދޫ ސިފައިންގެ އަޑެވެ. ބުނާގޮތުގައި މިއީ ވަރަށް އަޑުގަދަ އަދި ހުތުރު އެއްޗެތިގޮވުމަށް އަރާހުރި މީހެކެވެ އަދި ރަޢިއްޔަތުންނަށް އަނިޔާކުރުމުގައިވެސް ވަރަށް މަތީ މަޤާމް އެއް ލިބިފައިވާ މީހެކެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ ޢުމުރުން ފަސްދޮޅަސް އަހަރަށްވުރެ މަތިވެދާނެކަން ކަށަވަރެވެ. ހަށިގަނޑުގައިވަނީ ރޫޖެހިފައެވެ. މުޅިގައިގާ ވަނީ ނުރަފަޅާފައެވެ. މީހަކީ ތިޔަބޭފުޅުން މިހާރު އައްސަވާ ހިތްޕުޅުން ތިޔަ އުޅުއްވާ ގޮހޮރު ސުލޭމާނެވެ. މީނާ އެންމެ ކަންބޮޑުވީމާ ގަސްދުކުރީ ކަޑަށް އެރިގެން ނަމަވެސް އަވަހަށް ފިލާށެވެ. ހޯދަންދިޔަ މީހުން ގެނާއިރު މުޅިގައިވަނީ މެށި އަދި ބައެއްތަންތަން ދުޅަވެފައެވެ. ގެނައިބަޔަކު ގެނައީ ގާތަކުގައި ދަމާފައިކަމަށްވެސް ބުނެވެއެވެ. ދުވަހުގެ މިންދުރެއްހާ އިރު ގައްދޫގެ ހުރިހާ ކަމެއް ހަމަޖެހި އެރަށުގައި ތިބި ކުއްވެރިންގެ ތެރެއިން ވަރަށްގިނަ ބަޔަކު ބޯޓަށް ގެނެވިއްޖެ އެވެ. ގިނައިރު ތަކެއްނުވެ މޯލްޑިވްސްޓާރުގެ އިންޖީނު ބައްތެލީގައި ސިފައިންގެ 40 މީހުން މުގުރާއި އައްޑަނަ ހިފައިގެން ގައްދު އަށް ފައިބައިފިއެވެ. އަދި މީގެ އިތުރަށްވެސް ފައިބާން ބޭނުން އެންމެން ގައްދޫ އަށް ފޭބުމުގެ ހުއްދަ ދެއްވި އެވެ. އާދެ! މިހުއްދަ ލިބުމާއި އެކު ބޯޓުގެ ވަރަށް ގިނަ އަދަދެއްގެ މީހުން ގައްދޫ އަށް ފޭބިއެވެ.

އޭރު ކާޑުބޭލުމުގެ މަސައްކަތް ކުރެވެމުންދެއެވެ. ސިފައިން ރަށަށް ފައިބާ އެންމެ ފުރަތަމަވެސް ރަށުތެރެ ހޯދުމަށް ފެއްޓިއެވެ. ވަރަށް ދަތި ދޭތެދޭތެރޭގައި ފިލައިތިބި ކުއްވެރިން އަތުލައިގަތެވެ. އަދި ޒާތްޒާތުގެ ބަސްބަސް ބުނެ އުޅުނުމީހުންވެސް ހިފައިގެ ރަށުގެ މަދުރަސާ ދޮށަށް ގެނެވުނެވެ. އަދި އެރަށުގައި ތިބި ތިނަދޫ މީހުން ތައްޔާރު ކޮށްފައިހުރި ހަތިޔާރުތައްވެސް އެތަނަށް ގެނަސް ދެއްކުނެވެ. އެއީ ބޮޑު ފުންޏެކެވެ. މުގުރާއި ތިލަލީ ދަނޑިއެވެ. އަދިވެސް ތަޅައިގަންނަށް ބޭނުންކުރާ ކަހަލަ ރަބަރު ހޮޅިބުރިން ހަދާފައިހުރި ޗާބޫކުވެސް ހުއްޓެވެ. މީގެ ރަބަރު ގަނޑުގެ ކޮޅުގައި ހުންނަނީ ގޮބެއް ލާފައެވެ. ދުނިއުކާފާޑަށް ހަދާފައިހުރި ހަތިޔާރުވެސް ހުއްޓެވެ. އަދި ކަރުދާހަށް އުވަ އަޅާފައި އަތަށް ހެޔޮވަރަށް ތައްޔާރުކޮށްފައިވާ އުވަ ހަތިޔާރުވެސް ވަރަށް ގިނައިން ހުއްޓެވެ. އެދުވަހު ގައްދޫގައި ތިބިމީހުންގެ ގެތޭގައި ހިމެނޭ ހަވަރުތިނަދޫ ސިފައިން އެހަތިޔާރުފުނި ކައިރިއަށް އެއްކޮށް އެތާގައި ބޭތިއްބީއެވެ. އަޅުގަނޑުމެންގެ ވަޒީރުއްދާޚިލިއްޔާ ގެ ދީލަތިފުޅުކަމުން އެތާގައި ތިބި މީހުންނަށް އަނިޔާނުކުރާ، ދިވެހި ދަވްލަތަށް ހުތުރު އެއްޗެތި ނޮގުވާ އެންމެން ދޫކޮށްލެއްވީއެވެ.

ކޮންމެއަކަސް އެދުވަހު ބޯޓުފުރަންވަންދެން ގައްދޫގައި މާލޭގެ ސިފައިން ރަށްބެލެހެއްޓުމަށް ކުރި މަސައްކަތްތަކަކީ އެމީހުންގެ ތާރީޚުގައި ފަޚުރުވެރި ކަމާއެކު ލިޔެލެވޭނެ މަސައްކަތްތަކެވެ. ގައްދޫގެ ޢާއްމު ޙާލަތު  ކޮންމެއަކަސް އެދުވަހު އަޅުގަނޑުމެންގެ 5 ދަތުރުވެރިން ރަށުތެރޭގައި ހިނގިހިގުމާއި މީހުންނާއި ދެއްކި ވާހަކަތަކުން އަޅުގަނޑުމެންނަށް ކިތައްމެހާވެސް ސާފެއްކޮށް އެރަށުގެ ޙާލުއެގުނެވެ. އެވާހަކަތަށް އެރަށުގެމީހުން ފެނަކަޅިފެފައިވާ ޙާލެއްގައި ކިޔާދިންގޮތަށް އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ދަންނަވައިދެވިއްޖެނަމަ ތިޔަބޭފުޅުންނަށްވެސް ކީރިތިފުޅު ކުރެއްވޭނެކަން ކަށްވްރެވެ. އަފީފުގެ ފަރާތުން ސިޓީކިޔަންއައި ވަފުދު ހައްޔަރުކުރުމަށް ފަހު އަލިކަލޭގެ ފާނުމެން މާލެ ދުރުވުމަށް ފުރުއްވި އިރު ގައްދޫ އަންދާ އަޅިޔަށް ހަދާލުމަސް ސައްބީހަކަށް ގަނޑެތި އައިސް އެތާނގެ ކައިރީގައި އޮތް ފަޅުރަށެއްގާ މަޑުކުރަނީއެވެ. އެރެއަކީ ގައްދޫގެ ނިކަމެތި ރަޢިއްޔަތުން އަޑުންއަޑުނަގާ ބިރުން ރޮނީއެވެ. ރަށް އަންދާލުމަށް އައި އަނިޔާވެރިންނަށް ގައްދޫގެ ދެކޮޅުން ފެނުނީ ދިއްލާ އަޅާފައި އޮތް ބޮޑު ދެ މަނަވަރުއެވެ. ކައިރީގައި އިނޖީނު ބައްތެލި ތައް ދުއްވާނަގާތީ އެހިސާބު ގަޑަށް އެކަކަށްވެސް ކައިރިކުރަން ކެރޭވަރެއް ނޫނެވެ.އެހެން ކަމުން މާތް ﷲ ގެ ދީލަތިވަންތަކަމުގެ ބޮޑުކަމުން އެރޭ ގައްދޫ ހަލާކު ކޮށްލުމަށް އައިމީހުން ބިރުން އެބުރި އެދިޔައީ ހަދާނެ އެއްވެސް ގޮތެއްނެތިގެންނެވެ. އެހެންނޫންނަމަ އާދެ! އެދެމަނަވަރާއި އިނޖީނުބައްތެލިތައް އެރެ ނުފެނުނުނަމަ އަޅުގަނޑުމެންނަށް ގައްދޫ އަށް ދެވުނުއިރު އެރަށުގައި ފުރާނަހުރި މީހުންނާއި ކޮޅަށްހުރި ގެދޮރު ވަރަށްމަދުވީސްކަން ކަށަވަރެވެ.

އާދެ! އެރެ އެމީހުން ގަތްބިރުން ބައެއް ދޯނި އަނބުރާލާފައި ދިޔައީއެވެ. އަނެއްބައި ދޯނި ހެނދުނު އެރަށަށް ގޮސް އެކަމަކު ރޭ ފެނުނު މަންޒަރުން ވަރަށް ބިރުންތިބެ ބަނދެފައި ތިބި ބާޢީންގެ މީހުން ސަލާމަތްކޮށް އެމީހުން އެރަށުން ދިޔައީ ގައްދޫ އިސްމާއީލް ކަލޭގެފާނުގެ ގެގައި ހުރި ކާޑުކޮޅު ފޭރިގަތުމަށް ފަހު ރަށުގެ ރަޢިއްޔަތުނަށް ވުރެ ގިނަ އަދަދަށް ސިފައިންގެ ނަމުގައި ބަޔަކު ބައިތިއްބާފައެވެ. ގައްދޫ ހުސައިން މަނިކުގެ ގެ ވެސް ހުސް އޮނިގަޑަކަށް ހަދާލާފައި ރަށުގައިތިބިނަމަ ތިބި ކަމުދާ ފިރިހެނުންކޮޅު އަތޮޅުގެ ރަށްރަށަށް އަރުވާލާފައެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  18 November, 2008 04:38:40
avatar
ތީވަރަށް އިހާނެތި ބައެއް. އެކަމަކު މައާފްކުރުމަކީ އޮންނަން ޖެހޭނެ ކަމެއް ދޯ . އެހެންވީމާ ތިނަދޫ މީހުންނަށް މައާފްކުރަން ވާނެ ދޯ. ވީކަމެއް ވެ ނިމުނީ. ދެން އަޅާނުލާ. އެމީހުންނަށް ވެސް މިހާރު ވިސްނިދާނެ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0