ފުރަތަމަ ސަފްހާ | ތާރީޚާއިސަގާފަތް | ހަވަރުތިނަދޫ ސިފައިންގެ މުސާރައަކަށް ދީފައިވަނީ ގައްދޫގެ އަންހެންކުދިންގެ ޢިއްފަތާއި އަބުރެވެ.

ހަވަރުތިނަދޫ ސިފައިންގެ މުސާރައަކަށް ދީފައިވަނީ ގައްދޫގެ އަންހެންކުދިންގެ ޢިއްފަތާއި އަބުރެވެ.

ފޮންޓް ސައިޒް: Decrease font Enlarge font

މޯލްޑިވްސް ސްޓަރ ފެނުމުން އެއްބަސްވީ ބޯޓް ފައްތާލުމަށެވެ.

 ކުރީގެ ބަޔާއި ގުޅޭ.

ގައްދޫ އިސްމާޢީލް ކަލޭގެފާނުގެ ކާޑު ކޮޅު ބަހާލާފައި، ހުސައިންމަނިކުގެ ގެ އޮނިގަޑަކަށް ހަދާފައި ދިއުމަށްފަހު، ރަށުގެ ވެރިއަކަށް ހުރީ ސިފައިންގެ އޮފިސަރު އަލްމުޙުތަރަމް ހަންޑި ދޮން ހުސައިންފުޅު އެވެ. އަބުދުﷲ އަފީފަށާއި، އަބުދުﷲ ޚަތީބުއަށް އަދި ޚާއްސަކޮށް ސިފައިންގެ ވެރި ސައީދު އަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނެއް ވުމަށް ތައްޔާރުގައިހުރި، ހަންޑި ދޮން ހުސައިންފުޅު އެވެ. ދިވެހި ދަވްލަތުގެ ރަސްމީ ސިފައިންގެ ތެރޭގައި އުޅުމަށްފަހު ކުށެއްގެ ސަބަބުން އެތަނުން ވަކިކޮށްފާހުރި ހަންޑި ދޮން ހުސައިންފުޅެވެ. އެއްޒަމާނެއްގައި ދިވެހި ދަވްލަތަށް ޤުރުބާންވުމަށް ހުވާކޮށްގެން ހުރިމީހެކެވެ. ނަމަވެސް އަދު ދިވެހި ދަވްލަތަށް މަލާމާތްކޮށް ވެރިންނަށް އެއްޗެތިގޮވާ ހެދުމުގެ ސަބަބުން އެކިއެކި މެޑެލް ލިބިފައިވާ މީހެކެވެ.

ހަންޑި ދޮން ހުސައިންފުޅުގެ ވެރިކަމުގެ ދަށުގައި އެތާގެ ސިފައިން ގައްދޫގައި މަސައްކަތް ފަށައިގަތީ ވަރަށްވެސް ހޫނުކަމާއެކީގައެވެ. ސިފައިންނަށް ޚާއްސަ ވެފައިވާ ދެ ގެ ގައްދޫގެ ދެފަރާތު އަތިރިމަތީގައި ހުރޭއެވެ. މިއީ އެހުރިހާ ސިފައިންގެ މަރުކަޒެވެ. އަދި އެމީހުންގެ ހުރިހާ އެއްވުމަކާއި ސައްލާތަކެއް ކުރަނީ މި ދެގޭގައެވެ. ދަންނަވަންތޯ އެވެ. މިއިންގެއަކަށް 8 މީހުން ވަދެއްޖެނަމަ ދެން 9 ވަނަ މީހަކަށް އެތެރެއަށް ވަދެވޭހާ ތަނެއްނޯވެއެވެ. އެހާކުޑަވެފައި ތިރިއެވެ. މުޅިގެ ހަދާފައި ހުންނަނީ ފަނުންނެވެ. ބިތްކައިރީގައި ވަށައިގެން އަށި އަޅާފައި އަށީގައި ތިބޭއިރު ފެންނަހިސާބުގައި ކުޑަދޮރު ކަޑާފައި ހުރެއެވެ. މިދޮރުތަކުން އަބަދުވެސް ބޭރުބެލުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިދެގޭގައި ފޯރިމަރާ ސިފައިންގެ އެންމެ ޚާއްސަ ވާޖިބަކީ ހުވަދު އަތޮޅަށް ދުޝްމަނުންގެ ބަޔަކު ޔަޢުނީ ދިވެހި ދަވްލަތުގެ ބަޔަކު ވަދޭތޯބެލުމެވެ. އަދި ސާފް ކޮށް ދައްނަވާނަމަ އެމީހުންގެ ހުވަފެނީ ދަވްލަތް ހިމާޔަތްތެރިކުރުމެވެ.

މިދެގެއަކީ ސިފައިންގެ މަރުކަޒުކަމަށްވިއަސް އެމީހުން ނިދާ، އަދި ފެންވަރާ، ނުވަތަ ދެންވެސް އާދައިގެ ދިރިއުޅުމާއި ބެހެގޮތުން ކުރަންބޭނުންވާ ޚާއްސަ ކަންތައްތަކާއި އާއްމުކަންތައް ކޮށްހަދަނީ، ފިރިން އަރުވާލާފައިވާ އެކަނިވެރި އަބިންގެ ގޭގޭގައެވެ. އެގޭގެ ކާޑުހުސްވުމުގެ ސަބަބުން ކާނެއެއްޗެއްނެތިގެން ކުޑަކުދިންނާއި މުސްކުޅިން އަދި ޒުވާނުން ވަރުދެރެ ވުމުގެ ސަބަބުން ކާނެ އެތިކޮޅަކަށް އެދި އާދެސްކުރަންޖެހެނީ ސިފައިން ނަށެވެ. އެތަކެއް އާދެސް ކުރުމަށްފަހުވެސް ކާއެއްޗެއްލިބެނީ އެ ގޭގޭގެ އަންހެންކުދިންގެ އަބުރު އެމީހުންގެ ކުރިމަތީގައި މަޖުބޫރުން ނަގާލައިގެންނެވެ. ސުބުޙާނަﷲ!! ޙާލުހުރީ މިދަރަޖައަށެވެ. މިހިރީ ދިވެހި ތާރީޚުގެ އަނދިރިއަނދިރިންގެ ވާހަކަ ލިޔެފައިވާ ދައުރުގައި ނުނީ ފެނިފައި ނެތްފަދަ އަސަރުގަދަ މަންޒަރު ތަކެވެ. ސާފްކޮށް ދަންނަވާނަމަ، މުޅި ގައްދޫގެ ހުރިހާ ރަޢިއްޔަތުން ތިބީ ދިވެހި ދަވްލަތާއި އެއްކޮޅަށެވެ. އެހެނަނަމަވެސް އޭރު ގައްދޫގައި ތިބީ ޖުމްލަކޮށްބަލާއިރު ކުރިންވެސް ދެންނެވިފަދައިން ގާތްގަނޑަކަށް ހުސް އަންހެނުންނާއި ކުޑަކުދިންނެވެ. އާދެ! އެއްވެސް ފަރާތަކުން އެހީތެރިއެއްނެތް އަދި ވަށާއިގެން އަނިޔާއާއި ބިރުން ފުރިފައިވާ އެކަނިވެރި އަންހެނުންތައް ތިބެނީ، ގޭ ގޭ ގައި ގުޅައަކަށެވެ. ގަންނާކުރައްވާބިރުންނާއި ލަދުން، ގޭންބެރަށް ނުކުންނާކަށް ނުކެރެއެވެ. ކިތައްމެ ބަނޑުހައިވިއަސް އަދިކާއެއްޗެއް ނުލިބިގެން މަރުވިނަމަވެސް އިސްލާމްދީނުގައި ތިބެ އެއަނިޔާވެރި ބާޢީން އެދޭގޮތަކަށް އެމީހުންގެ ޢިއްފަތާއި އަބުރު ނަގާލައިގެން ކާއެއްޗެއް ނުހޯދަންތިބިމީހުންގެ އަދަދުވެސް މަދެއްނޫނެވެ.

ރަށުގައި އަލިފާން ޖަހާނެކަމަށްޓަކައި ބިރުން ހުރިހާ ގެއެއްގެ ތަންމައްޗާއި މަދިރިގެ އަދިލާންގެންގުޅޭ ހެދުންތައް ހުންނަނީ އަންހެންވެރިން ފެންއަޅާ ތެއްމާފައެވެ. ބިއްބިތަށް ފެންޖަހާ ފޯކޮށްފައި ހުރި ގޭގެވެސް މަދެއްނޫނެވެ.ހަވަރުތިނަދޫ ސިފައިންގެ މީހުން އެރަށަށް ވެރިވެގަތުމާއި އެކު ދެން އެމީހުން ރަށުތެރޭގައި އުޅެމުންގެންދިޔައީ ހިތުހުރި ގޮތަކަށެވެ. މުޅުރަށުގައި ދުވުމާއި އެމީހުންގެ ބަޢާވާތްތެރިކަމަށް ނުހެއްލޭމީހުންނަށް ހާނިކަކުރުން އަބަދުވެސް ދެމިއޮވޭއެވެ. އަދި ގޭގެއަށް ވަދެ އަންހެނުންނާއި ދިމާކުރުން އެމީހުން ނުގަބޫލު ވުމުގެ ސަބަބުން ގޭ ގޭ ގެ ތަށިތައް ތަޅައި ތެލި ފުފޭ ހަލާކުކޮށް ދެންވެސް ހުރިނަމަ ހުރި ކާޑުކޮޅެއް ކާލާ ހެދުމަކީ އެމީހުންގެ ޢާއްމު އުފަލެކެވެ.

މި އަނިޔާވެރި ސިފައިންގެ އަދަދު 200 އަށް ވުރެވެސް މައްޗަށް ދާނެކަމަށް އެރަށުގެ ރަޢިއްޔަތުން ބުނެއެވެ. އެމީހުންގެ ކޮންމެމީހަކީ ފުރިހަމަ އަނިޔާވެރިއެއްކަމަށް މުޅި ގައްދޫ އެއްދުލުން އެއްބަހެވެ. ގައްދޫގެ ވަށައިގެންވަނީ ފުޅައްއަޅައި އެތެރޭގައި ފަސްބާޑި ޖަހާފައެވެ. އަދި ވަށާ އަތިރިމަތީގައި ޖެހިޖެހިގެން ގާފުނިތައް ޖަހާފައެވެ. މިއީ ދިވެހި ދަވްލަތުގެ ބަޔަކު ހިގެއްޖެނަމަ އުކާންހުރިގަލެވެ. އެދާބައެއްގެ ހަމަލަތަކުން ރައްކާތެރިވުމަށް ޖަހާފައިވާ ފަސްބާޑިއެވެ. ދެންހުރިބަޔަކު ރަށަށް އަރައިފިނަމަ ވައްޓާލުމަށް ކޮނެފާހުރި އަނދަވަޅު ތަކެވެ. މި އަނދަވަޅުތަކާއި މި ގާފުނިތަކުގެ ސާފު ޚަބަރު މާކުރިންވަނީ އާގު ބޯޓަށް ލިބިފައެވެ. ރަށުގެ ވަށައިގެން 200 އަށް ވުރެ މަތީ އަދަދެއްގެ ގާފުނިތައް ހުއްޓެވެ. މިދަންނަވާ ހުރިހާ ގާފުނިތައް ޖެއްސީ ކޮންބަޔަކުލައްވާތޯއެވެ.؟ އާދެ! ރޮއިރޮއި ތިބި މައުސޫމް އަންހެނުންލައްވައެވެ. ގާ ހޮވައިގެން ގެނަސް ރަށްވަށައިގެން ފުނި ޖަހައިނުދީފިނަމަ މޫނުމަތިޗިސްކޮށްލުމަށްޓަކައި ކައިރީގާ މުގުރު ހިފައިގެން އަނިޔާވެރިން ތިބޭއެވެ.

އަޅުގަނޑުމެންގެ ދިވެހި ދަވްލަތުން ބަޔަކު ދާން އުޅޭ ޚަބަރު ލިބިގެން އެރަށުގައިތިބި އަނިޔާވެރި ސިފައިންގެ ވާޖިބެއްކަމަށް ދުށީ އެމީހުންގެ ކަރުހިއްކުން ފިލުވާލުމެއް(އާދެ! ފިނިބުއިމެއް) ރަށްމެދުގައި ބާއްވާލުމެވެ. ކޮންމެއަކަސް ފިނިބުއިމެއް ބޭއްވުމަށްޓަކައި ކުރި ތައްޔާރުގައި އޭގެ މީހުން ގަދަކަމުން އަނިޔާގެ ބޭނުން ކޮށްގެން ގޭގޭގައި ޅަދަރިންނަށް ދިނުމަށްޓަކައި ރައްކާކޮށްފާހުރި ހަކުރުކޮޅު ނެރެ އެއްކޮށްގެން ބޮޑު ފަނި ރުބައެއް ގިރާލައިގެން އެންމެބެކަލުން ބެއްލެވި ވާހަކަ ބައެއް އަންހެނުން ކިޔާދިނީ އަސަރާއެކުގައެވެ. ރަށުގައި ތިބި ރަޢިއްޔަތުން ތިންދުވަސް ވަންދެން ނުކައި ތިއްބެވެ. ކާނެއެއްވެސް އެއްޗެއްނެތީ އެވެ. ހޯދުމަށްޓަކައި ދާނެ ދިމާ އެއްވެސްނެތީއެވެ. ..........އަޅުގަނޑުމެންގެ މޯލްޑިވްސްޓަރ އަންނަން ފެށީމާ ގައްދޫގައިތިބި ސިފައިން ވަރަށް ފޮނިކެނޑިއެވެ. އެމީހުންގެ ފުރާނައިގެ އެންނެ ފަހުވަޤުތު ކަމަށްވާ ވަޤުތު ކައިރިވެގެން އައިއިރުވެސް ދިވެހި ދަވްލަތަށާއި ވަޒީރުލް އަޢްޟަމު ޞ.ދ އަލްފާޟިލް އިބުރާހިމް ނާސިރު އަށް އެއްޗެތި ގޮވުމުގައި ވަރަށް ގިނަބަޔަކު އަޑުގަދަކޮށް އުޅުނެވެ. އަދި މޯލްޑިވްސްޓަރ އައިސް ބަނދަރު ޖަހާއިރަށް ބޯޓު ފައްތާލުމަށް އެމީހުން ނުކުތެވެ. އެމީހުންނަށް ކަނޑައަޅަން އެގުނީ ބޯޓު ފައްތާލާފައި ބޮޑުންނަށް އައިމީހުން މަރާލައި ހުރިނަމަ ހުރި ހަތިޔާރެއް ހިފައިގެން މާލެ ގޮސް މާލެ ނިންމާލުންކަމަށް އެރަށުގެ ބައެއް އަންހެނުންގެ ފަރާތުން އެނގުނެވެ. އެމީހުން ބިރުން ގޭގޭގައި ތިބިއިރު ބޭރުން އެހެން ގޮވަމުން ހަޅޭލަވަމުން މީހުން ދުވާއަޑު އެހިމީހުން ވަރަށްގިނައެވެ.

ގައްދޫގެ މަގުތަކުގައި އަޅުގަނޑުމެން ހިގަމުންދިޔައީ ބައެއް ހިދުހިދަށް ދެލޯމަރައިގެންނެވެ. އެއީ އަނިޔާވެރި ބާޢީން އެރަށަށް އަރައި ހިތުހުރިގޮތެއް ހަދާލުމަށްފަހު ރަށަށް ޖެހިފައިވާޙާލު ފެންނަމުންދާތީއެވެ. ގޭގޭގެ ދޮރުމައްޗަށް އަރާއިރު ވަނދު ބަބުކެޔޮ ކޮށާލައިގެން ކައްކަނީ އެވެ. ނުވަތަ އެއަށްވުރެ ލިބޭމީހުން ގަބުޅިކިބައެއް ކޮށާލައިގެން ދަރިފުޅަށް ކާންދެނީއެވެ. ގަބުޅިވެސް މިހާރު ރަށުން ހުސްވެއްޖެއެވެ. ރަށުގައި އެމީހުންގެ އަމިއްލަ ރުއްހުއްޓެވެ. އެހެނަސް އެރުއްތަކުގައި ހުރި ތަކެތިވަނީ އަނިޔާވެރިން ކައި ހުސްކޮށްފައެވެ. އަދި ބޮޑެތި އަލައޮޅުތަކުގައި ހުރި އަލަތައްވެސް ސިފައިންގެ މީހުން ކައި އަވަދިކޮށްލާއިފިއެވެ. އަޅުގަނޑުމެންނަށް ދެވުނީ ގައްދޫގައި ތިބި ހުރިހާ އަންހެން ކުދިން ރަށުން ގެންގޮސްފައި ރަށް އަންދާލުމަށް ތައްޔާރު ކޮށްފައިވަނިކޮށެވެ. އެހެންކަމުން މީސްކޮޅުތިބީ ބިރުން ތުރުތުރު އަޅައަޅައެވެ. (އަދި ނުނިމޭ )ދެން ފެނިވަޑައިގެން ނަވާނީ:·        ގައްދޫ އާއި ވަކިވުން

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  22 July, 2009 01:52:47
avatar
ކޮމެންޓު ކުރި ފަރާތަށް ބުނެލަން އޮތީ މި އީ ހަގީގަތެވެ.އަސަރުން ފުރިގެންވާ އަޅުގަނޑުމެންގެ ކާބަފައިންނަށް ބަޔަކުމީހުން ގައުމުދެކެ ،ދިވެހި ދިދަ ދެކެ ލޯބިވީތީ ކޮށްފައި ހުރި،މިހާރުވެސް ދުނިޔޭގައި ތިބި އަޅުގަނޑުމެން ކާބަފައިން އަކުރުން އަކުރުން މިއީ ތެދުކަން ހާމަކޮށްދޭ ވޭނީ.ކެކުޅުން ތަކުގެ ހަގީގީ ތާރީޚެވެ.ގައްދޫގެ އަސަރު ގަދަ ތާރިޚެވެ.-އ.ފަހމް-
ބަރާބަރު ސަކަރާތް
0
  18 May, 2009 01:24:28
avatar
ތާރީޚް ރަގަނޅަށް ދިރާސާ ނުކޮށް މިފަދަ މަޒުމޫނު ލިޔުމުން އާމުންގެ މެދުގައި ޚިޔާލުތަފާތުވެ ރަށުގެ ތާރީޚް ގަނޑުބަޑުވޭ. މިހެންވުމުގެ ސަބަބުން ލިބޭގެއްލުންތަކަކީ އަގުނުކުރެވޭ ގެއްލުން. ކަންތައް އޮޅުވާނުލައި ރަނގަޅަށް ކުރިޔަށް ގެންދޭ
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
1.50