ފުރަތަމަ ސަފްހާ | ތާރީޚާއިސަގާފަތް | މޯލްޑިވްސްޓަރ ގައްދޫ އާއި ވަކިވުން

މޯލްޑިވްސްޓަރ ގައްދޫ އާއި ވަކިވުން

ފޮންޓް ސައިޒް: Decrease font Enlarge font
image ހުވަދޫ ބަޣާވާތުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި ދިޔަ މޯލްޑިވްސްޓަރ

ގައްދޫގެ ޖާދުވީ ފަސްގަނޑުގައި އަޅުގަނޑުމެންގެ ފައި ޖެހުމުން އެކުރި އިސްލާމީ އަދި ޤަވްމީ އަސަރުތަކެއް ކޮންމެއަކަސް ފަސޭހައެއްކޮށް ހަނދާނެއް ނުނެތޭނެއެވެ. އެދުވަހު އަޅުގަނޑުމެން ގައްދޫން ބައްދަލުކުރި މީހުންގެ ހިތްހެޔޮކަމާއި އެމީހުންގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރި އަސަރުތަކެއް ފަސެހައެއްކޮށް ހަނދާނުން ފޮހެވިގެނެއް ނުދާނެއެވެ. އެމީހުންގެ ތެރޭގައި އަޅުގަނޑމެން މަސްހުނިވެގެން އުޅެންލިބުނު 2 ގަޑި އެއްހާއިރުގެ ތެރޭގައި ރައްޓެހިވެވުނު މީހުންގެ އަދަދު ގިނައެވެ. ބަދަލުކުރެވުނު ޚިޔާލުތައް މަތިވެރި އެވެ. ރަޙުމެއްނެތް އަނިޔާވެރިންގެ އަނިޔާތަކުން މެޔާއި ހިތް ތެޅިތެޅި ތިބި ދިވެހިޤަވްމުދެކެ ލޯބިވާ މަދު ރަޢިއްޔަތުންކޮޅު ތިބީ މަރުގެ ކައިރީގައި ހަށަން ބަނދެގެންނެވެ. އެފަދަހާލެއްގައި ތިއްބާ އަޅުގަނޑމެންގެ ދިވެހި ދަވްލަތުން ބަޔަކު، ނޫން! ޚޮދު ވަޒީރުއްދާޚިލިއްޔާ ވަޑައިގެން އެތަން ފަތަޙަ ކުރައްވައި އަނިޔާވެރިން އަތުލެއްވުމުން ރަށުގެ އާއްމު ރައިއްޔަތުންނަށް ލިބޭނެ އުފާވެރިކަން ދެންނެވުމުގެވެސް ބޭނުމެއްނެތެވެ. ކޮންމެއަކަސް އެދުވަހުގެ ހަވީރުވާން ކައިރިވެފައި ހުއްޓާ ބޯޓުގައި ހުރި އަޑުގަދަކުރާއިން ރަށަށް އެންގީ އަދުހަވީރު 5 ގަޑި 30 ހުގައި ބޯޓު ފުރައިގެން އަތޮޅުތެރެއަށް ދާން ނިންމައިފިކަމެވެ. އެއީ 9/1/1379 ވަނަ ދުވަހެވެ. އޭރުވެސް ބޯޓުން ކާޑުބޭލުމުގެ މަސައްކަތް ރަށުގެ ރަޢިއްޔަތުން އުފަލާއެކު ކުރަމުން ގެންދެއެވެ. ލަވަކިޔާފައި އަންބާކިޔާފައި ފަތްކޯޅިހިފައިގެން ނަށާފައި އެންމެން ކާޑުބާލަނީއެވެ.

އާދެ!، އެތައްދުވަހަކު އަތޮޅުގެ މީހުން ނުކައި ތިބުމަށްފަހު ހިލޭލިބުނު އެތަކެއްބަސްތާ ހަނޑުލެވެ. 440 ބަސްތާ ހަނޑުލާއި 40 ބަސްތާ ހަކުރާއި 5 ފީފާ ކަރާސީންތެލެވެ. ކާޑުބޭލުމަށްފަހު ރަށަށްފޭބި ލާލޭގެ މީހުން އެކުގައި ބޯޓަށް އަރައިފިއެވެ. އެރަށުގެ އެތަންމިތަނުން ހޯދި ހަތިޔާރުތަކާއި ރަށުތެރޭން އަތުލި ކުށްވެރިންގެ ތެރެއިންވެސް ބަޔެއްމީހުން ބޯޓަށް ގެނެސްފިއެވެ. އެދުވަހުހު ގައްދޫ ބަނދަރުން ބޯޓުފުރުމުގެ ކުރީގައި، އައްނަބީލް މުޙަންމަދު ޢިމާދުއްދީން، ޞ.ސ އައްނަބީލް ހުސައިން ޙަބީބު، އަލްފާޟިލް އިބުރާހިމް ޒަކީ، އަލްފާޟިލް އަޙުމަދު އަލިދީދީ، އަލްފާޟިލް ބަންދު މުޙަންމަދު ކަލޭގެފާނު ގައްދޫ އަށް ވަޑައިގަތެވެ. މި ބޭފުޅުން ވަޑައިގެންނެވީ ވަޒީރުއްދާޚިލިއްޔާގެ ސިޓީފުޅެއް ހިއްޕަވައިގެންނެވެ. ވަޑައިގެން، ގައްދޫގެ ރަޢިއްޔަތުންނަށް އެސިޓީފުޅު އިއްވެވިއެވެ. އޭގައިވަނީ، ގައްދޫގެ ވެރިންކަމުގައި ހަސަން މަނިކާއި ހުސައިން މަނިކު އިސްކުރެއްވިވާހަކަ އާއި ހުވަދު އަތޮޅުގެ ވެރިންކަމުގައި އަލްފާޟިލް އިބުރާހިމް ދީދީ އާއި އަންނަބީލް އަޙުމަދު އަލިދީދީ އާއި، އައްނަބީލް މުޙަންމަދު ޢިމާދުއްދީން އާއި އަލްފާޟިލް ބަންދު މުޙަންމަދު ކަލޭގެ ފާނާއި އަލްމުޙުތަރަމް އާދަމް ޙަލީމް އިސްކުރައްވައިފިކަމާއި އާގުބޯޓު މިފުރަނީ އެބޭފުޅުން ހަވަރުތިނަދޫ އަށް ބާލުއްވަންކަމެވެ. އަދި މީގެފަހުން އަތޮޅުގެ ހުރިހާކަމެއް ހިނގަނުންދާނީ މިބޭފުޅުންގެ ވެރިކަމުގެ ދަށުގައިކަމެވެ. އެސިޓީގައި ގައްދޫ މީހުންނަކީ ދިވެހިދަވްލަތަށް ކިޔަމަންތެރި ބަޔެއްކަމަށް ދަވްލަތް ޔަޤީން ކުރައްވާކަމާއި ރަށުގެ ރަޢިއްޔަތުން ތިބެންވާނީ އެންގެވި ކޮންމެކަމެއްކުރުމަށް ތައްޔާރުގައިކަމާއި އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުވެ ތިބެންވާނެކަންވެސް އެންގެވިއެވެ. މިދެންނެވި ސިޓީ ރަޢިއްޔަތުންނަށް އެންގެވީ ދަތުރުގެ އެއްކާތިބު ކަމުގައިވާ އަލްމުޙުތަރަމް މުޙަންމަދު ސާދިޤު އެވެ. އަދިބޯޓު ފުރުމުގެ ކުރިން އަޑުގަދަކުރާއިން މުޅިބޯޓަށް ވަރަށް ޚާއްސަ އެންގެވުމެއް އެންގެވިއެވެ. މާލެއިން އައި ހުވަދު އަތޮޅުގެ މީހުންގެ ތެރެއިން އަތޮޅުގައި ތިބެންބޭނުން ބަޔަކު އަވަހަށް ފެބުމަށެވެ.

މި އެންގެވުމާއި އެއްގޮތްވާ ގޮތުގެމަތީން ގައްދޫ އަލްމުޙުތަރަމް އަލިކަލޭގެ ފާނު ނޫން އެންމެންދިޔައީ އެވެ. ޝައްކެތްނެތެވެ. ހުވަދު އަތޮޅުގެ މިދަންނަވާ ތެދުވެރި ދަރިން އަޅުގަނޑުމެންނާއި ވަކިވެގެން ދިޔަނަމަވެސް އެމީހުން ޤަވްމަށްޓަކައި ކޮށްދިން އަގުހުރި ޚިދުމަތައްޓަކައި މިދަނޑިވަޅުގައި ޝުކުރު އަދާކުރަމެވެ. އަދި ބޯޓުފުރުމުގެ ކުރިން ގެމަނަފުށީ ކަތީބު ތުއްތުދީދީ އާއި ގެމަނަފުށީ ހަސަން ކަތީބު އާއި ގެމަނަފުށީ ކަތީބު ދޮންމަނިކު އާއި ކަނޑުހުޅުދޫ ކަތީބު އިބުރާހިމް ދީދީ ގެ ޙަވާލުގައި ގެމަނަފުއްޓާއި ކަނޑުހުޅުދު އަށް 2 ބަސްތާ ހަޑު ފޮނުއްވިއެވެ. އެއީ އެމީހުންދިޔެ ދޯންޏަށް އެރުވެން އޮތް އެއްމެގިނަ އަދަދެވެ. އަދި މީގެ އިތުރަށްވެސް ދަތިވެގެން އައި ކޮންމެބަޔަކަށް ގައްދޫ އަށް ބޭލިކާޑުގެ ތެރެއިން ދިނުމަށް އެރަށުގެ ވެރިންނަށް ސިޓީއަކުން އެންގެވިއެވެ. މިދުވަހުގެ ހަވީރު ގައްދޫގެ މަޖާ ކުޑަކުދިންގެ ޕަޓީއެއް ބޯޓު ދޮށަށް އައެވެ. އަދި ވަޒީރުއްދާޚިލިއްޔާ ޞ.ދ އަލްފާޟިލް އިބުރާހިމް ނާސިރު އެކުދިންނާއި ބައްދަލުކުރައްވައި ވަރަށް އެކަށީގެންވާ ހަދިޔާތަކެއް ދެއްވުމުގެ މަޖާ ކުޅިވަރުތަކެއް އޮތެވެ. އެކުދިންނަށް ލިބިފައިވާ އުފާވެރިކަން އެވަގުތު މޫދުގައި ތިބެގެން ހަދިޔާތައް ހޮވިއިރު ބަލަންތިބިމީހުންނަށް ވިސްނޭނެއެވެ. އާދެ! ބޯޓުގެ ނަގިލިނަގަން ކައިރިވަނީ އެވެ. ގައްދޫގެ ރަޢިއްޔަތުންނާއިވަކިވާން ކައިރިވަނީއެވެ. އަޅުގަނޑުމެންވެސް އެމީހުންނާއި ވަކިވެގެން ބޯޓަށް ދިއުމުގެ ގަޑިދާދި ކައިރިވެއްޖެއެވެ. ނަމަވެސް އެވަގުތު އެމީހުންނާއި ވަކިވުންވީ ވަރަށްވެސް ދަތިކަމަކަށެވެ.

އެރަށު މީހުން އެވަގުތު ކިޔައިދިން ވާހަކަ ތަކުގެތެރެއިން އެންމެ އަސަރު ގަދަ އަދި އެންމެ ބިރުވެރި ވާހަކައަކީ ބާއީންގެ ހަރަކާތްތަށް އެންމެވަރުގަދަ އަށް ހިގަމުން ދިޔަދުވަސްވަރުގެ ތެރެއިން އެއްރެއެއްގެ ވާހަކައެވެ. އާދެ! މިދިޔަ ރަމްޟާން މަހުގެ މެދެއްހާ ހިސާބުގެ ކޮންމެވެސް ރެއެއްގެވާހަކައެކެވެ. އެރަށުގެ އުތުރުކޮޅުގައި ހުންނަ އުޅާޖެހިގެ އޭ ކިޔާގެއެއްގައި ދިއްލާފައިހުރި ބައްތިއެއްގެ ހުޅުގަނޑުން އިވިއިވި ހުރީ ހަމަބާރަށް ކީރިތި ޤުރުއާނުގެ އާޔަތްތަށް ކިޔާ އަޑެވެ. އަޑުއެހި ގިނަމީހުން ގަތްބިރު އަޅުގަނޑުމެންދިޔައިރުވެސް ނުފިލާކަހަލައެވެ. އެރޭ އެބައްތީގެ ހުޅުގަނޑުން ކިޔެވިކަމަށްވަނީ މަތީގައި އެވާ ދެއާޔަތެވެ. އާދެ! ނޫޙުސޫރަތުގެ ދެއާޔަތެވެ. މިދެއާޔަތް ކިޔެވި ކަމަށާއި އަދި އެމީހުން އެބުނަނީ ތެދުކަމަށް އަޅުގަނޑުމެންގެ ހުވަދޫ ދަތުރުގެ އާރުކާޓީ އަލްމުހުތަރަމް ގައްދޫ އަލިކަލޭގެ ފާނު ރަނގަޅަށް ހެކިވެލައްވައެވެ. މިދެއާޔަތުގައި ވަޙީކުރައްވަނީ ކީކޭތޯއެވެ. އާދެ! ނޫޙުގެ ފާނު ވިދާޅުވިއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. ބިންމަތީގައި ކާފަރުން ކުރެ އެކަކުވެސް ނުބަހައްތަވައިފާދޭވެ. އެހެނީ ހަމަކަށަވަރުން އިބަސުވާމީންގެ އެބައިމީހުން ބައިތިއްބަވައިފިނަމަ އިބަސުވާމީން އަޅުތަކުން މަގުފުރައްދާފާނެތެވެ. އަދިނުލަފާކާފިރަކު މެނުވީ އެބައިމީހުންނަކަށް ނުލިބޭނެތެވެ. ނިކަންވިސްނަވާށެވެ. ޢިލްމުވެރިން ލިޔުއްވާފައިވާގޮގައި ސަލާމްލެއްވި ނޫޙުގެ ފާނުންގެ ޤަވްމުގެ މީހުން ކާފިރުވެ އުނދަގޫތައް ކޮށް ނުލަފާކަންމަތީގައި އުޅުމުގެ ސަބަބުން ނޫޙުގެ ފާނުން ކެތްނުކުރެވިގެން މާތްﷲގެ ކިބަފުޅަށް އެކަލޭގެފާނުން ކުރެއްވި ދުޢާ އަކީ އެރޭ ބައްތި ހުޅުގަނޑުން އިވުނުކަމަށް މަތީގައި ލިޔެފައި އެވާ ދެ އާޔަތެވެ. މިދުޢާކުރެއްވުމުން ފުނުއްވި ވަރުގަދަ ޠޫފާން އަކީ ބިރުން ފިތްކަޑައިގެން ދާފަދަ ނުރައްކާތެރި ޠޫފާން އެކެވެ.

ކޮންމެއަކަސް މިފަދަ އަޖާޢިބު ތައް ހުވަދު އަތޮޅުން ފެންނަމުން ދިޔަކަމަށް އެތާގެ ރަޢިއްޔަތުން އަޅުގަނޑެންނަށް ކިޔައިދިނެވެ. މިދެންނެވުނު ދެއާޔަތް އިވުނުވާހަކަ އަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ހަޔާތުގައި ވަރަށް އައު އަދި އެހާމަ ޚާއްސަކަމެއްކަން ކަށަވަރެވެ. ނަމަވެސް ދެންވެސް އެމީހުންނަކަށް ތަންދޮރު ވަތްކެއްނުވިއެވެ. ޢާފިލުކަމުގެ އަނދިރިގަޑުން ނުކުމެވޭގޮތް ނުވިއެވެ. އެދުވަގުގެ އިރު އޮއްސުނު އިރު ގައްދޫ އަށް އެންގެވީ އަހުރަމެންގެ ޕޮރޮގްރާމްގައިވާ ފަދައިން މިފުރަނީ އަތޮޅުތެރެއަށެވެ. ކަލޭމެންނާއި ދެކޮޅަށް އަންނަބަޔަކު ވީގޮތަކަށް ހައްޔަރު ކުރާށެވެ. އެމީހުންގެ މަރަކީ ކަލޭމެންނަށް އުފުލަންޖެހޭނެ އެއްޗެއްނޫނެވެ. ވީމާ ކަލޭމެންނަށް ވީގޮތަކުން އެމީހުން ހިފައި ހައްޔަރު ކުރާށެވެ. މިއެންގެވުން އަންގަވާފައި ގައްދޫ އަށް 50 މުގުރު ދެއްވި އެވެ. ނަމަވެސް ރަށް ދިފާޢު ކުރުމުގެ ގޮތުން އެއްވެސް މީހަކު އެރަށަކު ނުބަހައްޓަވައެވެ. ގަންދޫން ކުޑަ ދެދޯނި ބޯޓަށް ނެގިއެވެ. އެއީ ބޯޓުގައި ދޯނިނެތުމުގެ ސަބަބުން ގެންގުޅުމަށެވެ. އަޅުގަނޑުމެންގެ ބޯޓު ގައްދޫން ފުރައިގެން ގަން ކަނޑުން ނުކުތީ 10/1/1379 ވަނަރޭ އިރުއޮއްސި 6 ގަޑި 30 ގައެވެ. ނުނިމޭ .

އެޑް ކުރޭ : Add to your del.icio.us del.icio.us | Digg this story Digg

ކޮމެންޓްސް (1 ލިބިއްޖެ):

  08 June, 2008 07:08:59
avatar
"ނަމަވެސް ރަށް ދިފާޢު ކުރުމުގެ ގޮތުން އެއްވެސް މީހަކު އެރަށަކު ނުބަހައްޓަވައެވެ. " މި ޖުމްލައަށް ތަންކޮޅެއް ފުންކޮށް ވިސްނެވުން އެދެމެވެ. މިއީ މޮޅުލިއުންތެރިއަކު އިހުގައި ލިއުއްވާފައިވާ އެއްޗެއްނަމަ އެމީހަކީ ވަރަށް މޮޅުމީހެކެވެ.
0

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
2.50