ގައުމުގެ އެންމެ މަތީ ވެރިޔަކު ހޮވުމަށް ވޯޓުލުމަކީ ކިހާ މުހިންމު ކަމެއް؟
ޒަމާނީ ޑިމޮކްރަސީ އޮންނަ ކޮންމެ ގައުމެއްގައިވެސް އެންމެ އިސްވެރިޔާ ހޮވަނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން، ރައްޔިތުންގެ ސިއްރު ވޯޓުންނެވެ. ރައްޔިތުން ވޯޓުލައިގެން ހޮވާ ވެރިޔަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް ދައުލަތް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އުފުލުމަށް ޒިއްމާވާންޖެހޭ ގޮތަށް ހުވާކޮށްގެން މަގާމާއި ޙަވާލުވާ މީހެކެވެ.
ރިޔާސީ ނިޒާމްގެ ވެރިކަން އޮންނަ ގައުމުތަކުގައި އެންމެ އިސްވެރިކަމަށް ހުންނަނީ ރައީސެވެ. ރައީސް ކަމުގެ މަގާމަށް މީހަކު އިންތިޚާބުކުރަނީ އާންމުކޮށް ހުޅުވާލާގެން ބާއްވާ އިންތިޚާބަކަށް ކުރިމަތިލާ އެތަކެއް ކެންޑިޑޭޓުންގެ ތެރެއިން އެކަމަށް އެންމެ ގާބިލު އެންމެ އެކަށީގެންވާކަމަށް ރައްޔިތުންނަށް ފެންނަ، ރައްޔިތުން ގަބޫލުކުރާ މީހެކެވެ.
ރައްޔިތުންގެ މަގުބޫލު މީހަކަށް ވުމަށް އިންތިޚާބަށް ކުރިމަތިލާފައި ތިބޭ ހުރިހާ މީހުން ކެމްޕެއިންކުރެއެވެ. ދުނިޔޭގެ ބޮޑެތި އަދި ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ރައީސްކަމަށް މީހުން ކުރިމަތިލުމުން ރައްޔިތުން އެމީހުންގެ ތެރެއިން އެކަމަށް އެންމެ ގާބިލު މީހަކީ ކޮބައިތޯ ބަލާ ހެދުމަށްފަހު އެމީހަކަށް އެންމެ ކަމުދާ މީހަކަށް ސަޕޯރޓްދޭން ފަށައެވެ. މިގޮތުން އެކިފެންވަރުގެ މީހުން ސަޕޯރޓްކުރަނީ އެކިގޮތަށެވެ. މުއްސަދި މީހުން އެތައް މިލިއަނުން ފައިސާގެ އެހީތަށްދެއެވެ. ކެމްޕެއިނުގައި ކުރަންޖެހޭ ކަންތައްކުރުމަށް ޚަރަދުކުރުމަށެވެ. އެހެން މީހުން އެމީހަކަށް ވީ މިންވަރަކަށް ތަފާތުގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ. ހަގީގަތުގައި އިންތިޚާބު ކުރެވޭ މަގާމްތަކަށް މީހުން ހޮވުމުގައި ކުރާ ކެމްޕެއިންކުރަނީ ރައްޔިތުންނެވެ.
ކުރިމަތިލާފައިތިބޭ މީހުންގެ ތެރެއިން ރައީސްކަމަށް ހޮވޭނީ ކުރިއަށް އޮންނަ ދައުރުގައި ގައުމު ހިންގުމަށް އެންމެ ފުރިހަމަ ހުށަހެޅުމެއް ހުށަހަޅާފައިވާ މީހެކެވެ.
މަތީގައި އަޅުގަނޑު ބަލާލާފައި ވަނީ ޑިމޮކްރަސީގެ ނަމޫނާ ގައުމުތަކުގައި ރައީސްކަމަށް މީހުން ހޮވިގެންދާގޮތެވެ. މިއުސޫލުތަކާއި ގޮތްތަކަކީ ދިވެހިންނަށް ވަރަށް އާގޮތްތަކަކަށް ވެދާނެއެވެ. ނަމަވެސް ރައްޔިތުން ވޯޓުދީގެން އިންތިޚާބުކުރާ މަގާމްތަކަށް މީހުންހޮވުމަށްކުރާ މަސައްކަތަކީ ރައްޔިތުން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.
ގައުމުގެ އެންމެ މަތީވެރިޔަކަށް ހުންނަ މީހަކީ ސީދާގޮތުންނާއި ނުސީދާގޮތުން ގައުމެއްގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މީހެކެވެ. އެމީހަކު ގައުމު ހިންގާގޮތަކުން ރައްޔިތުންނަށް އެކަމުގެ އަސަރުކުރާނެއެވެ.
ދިވެހިރާއްޖޭގެ ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމުހޫރިއްޔާއެވެ. 7 އޯގަސްޓް 2008 ދުވަހު ތަސްދީގުކުރެވޭ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ އާ ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް މީހަކު އިންތިޚާބުކުރުން 10 އޮކްޓޯބަރ 2008 ދުވަހުގެ ކުރިން ނިންމަންޖެހެއެވެ. އެއިންތިޚާބަކީ ކުރީ އަހަރުތަކަކާއި ޚިލާފަށް ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓިތަކުން ކެންޑިޑޭޓުން ކުރިމަތިލާގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ އިންތިޚާބެކެވެ. މިތާރީޚީ އިންތިޚާބަށް މިހާރު ގާތްގަޑަކަށް 2 މަހެއްހާ ދުވަހަށްވީއިރު ރައީސްކަމަށް ކުރިމަތިލާނެކަމަށް ބުނާ ކެންޑިޑޭޓުންގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގެއެކޭ ނުދެންނެވޭނެވެ.
ކަންމިހެން އޮތްކަމުގައި ވިޔަސް އިންތިޚާބު އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭއްވޭނެކަމަށް ބެލެވެއެވެ. އެހެންކަމުން ރައްޔިތުންގެ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރެވޭ ރައީސަކު ހޮވުމަށް ވޯޓުލާއިރު ކެންޑިޑޭޓުންގެ މައުލޫމާތު ވީއެންމެ ބޮޑަށް ހޯދުމަކީ ރައްޔިތުން ކޮންމެހެން ކުރަންޖެހޭނެކަމެކެވެ.
ރައްޔިތުން ދޭވޯޓަކީ އާނބަސް ބުނުމެވެ. ތިމަންނާއަށް ފެންނަނީ މިވެނި ކެންޑިޑޭޓެއްކަމަށް ބުނެލާ ވޯޓަކީ ކުރިއަށް އޮތް 5 އަހަރަށް ގައުމުގެ މުސްތަގުބަލް ބައްޓަންކުރަން ބޭނުންވާ ގޮތަށް ދޭވޯޓެކެވެ. ތިމާގެ ދިރިއުޅުން ބައްޓަންކުރަންވީ ގޮތަށް ދޭވޯޓެކެވެ.
އެހެންކަމުން ކޮންމެ މީހަކުވެސް އެމީހަކު ދޭ ވޯޓަކީ އެންމެ ރަގަނޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ދޭ ވޯޓަކަށް ހެދުމަކީ ހުރިހާ ރައްޔިތުންގެ މުސްތަގުބަލް އުޖާލާވެގެން ދާނެކަމެއްކަމުގައި ނޫނީ ނުވާނެއެވެ. އަދި ކޮންމެ މީހަކު ވެސް ވޯޓްލުމުގައި ބައިވެރިވެ އެމީހަކު ހޯދާފައިވާ މައުލޫމާތުގެ އަލީގައި އެންމެ އެކަށީގެންވާ މީހަކަށް ވޯޓުދިނުމަކީ ކޮންމެ ރައްޔިތަކަށް ވާޖިބެކެވެ. އަދި ގައުމީ މަސްއޫލިއްޔަތެކެވެ. ވޯޓް ދޭންވާނީ އެއްވެސް މަޖުބޫރުކަމެއް ނެތި އެމީހަކަށް ފެންނަ މީހަކަށެވެ. ފައިސާގެ ދަލުގައިޖެހި ވޯޓްގެ މުހިންމުކަން ކުޑަކޮށް ހަދައިފިނަމަ އަދިރި ދުވަސްތަކެއް ފެނުމުގެ ފުރުސަތު ބޮޑެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ބޭނުންވާ ހުށަހެޅުން ނޫން އެހެން ހުށަހެޅުމަކަށް ގައުމު ފުރޮޅިގެން ދިއުމުގެ ފުރުސަތު ލިބިގެން ގޮސްފާނެކަމެވެ. އެހެންކަމުން ކޮންމެ ރައްޔިތެއްގެ ވޯޓްކީވެސް ގައުމުގެ އެންމެ އިސްވެރިޔާހޮވުމުގައި ވަރަށް މުހިންމު ވޯޓަކަށްވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.
އަޅުގަނޑު އިސްލާހަށް މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން، ޚާއްސަކޮށް ގައްދޫގެ އެންމެހާ ރައްޔިތުންނަށް އަދި ޖުމްލަކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވަން އޮތީ މިތާރީޚީ ފުރުސަތު ނަގާނުލެއްވުމަށެވެ. ތިޔަބޭފުޅުން ރަނގަޅަށް މައުލޫމާތު ހޯއްދަވާ އެބޭފުޅަކަށް ފެންނަ އެންމެ އެކަށީގެންވާ މީހަކަށް މިނިވަން ވޯޓެއް ދެއްވާށެވެ. މާތްﷲ ދިވެހިރާއްޖެއަށް އަދަށްވުރެ ފެހި މާދަމައެއް މިންވަރުކުރައްވާށިއެވެ. އާމީން. "ﷲ އެބައެއްގެ ޙާލަތު ބަދަލުކުރައްވާނީ އެބަޔަކު ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރާނަމައެވެ."



del.icio.us
Digg
ކޮމެންޓްސް ފުނުއްވާ