ފުރަތަމަ ސަފްހާ | މައުލޫމާތް | ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިއުމަކީ ސުންނަތާ ދުރުގޮތެއް ހެއްޔެވެ؟

ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިއުމަކީ ސުންނަތާ ދުރުގޮތެއް ހެއްޔެވެ؟

ފޮންޓް ސައިޒް: Decrease font Enlarge font

بسم އަކީ سورة النمل ގެ ތިރީސް ވަނަ آية ގެ ބައެއްކަމުގައި ދީނުގެ ދަންނަބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.

بسم އަކީ سورة النمل ގެ30 ވަނަ آية ގެ ބައެއްކަމުގައި ދީނުގެ ދަންނަބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. ޤުރްއާނުގެ އެހެންތަންތަނުގައި ބިސްމި ވާރިދުވެފައިވުމާއި އަދި، ބިސްމިއަކީ އަލްޙަމްދު ސޫރަތުގެ އާޔަތެއްތޯ ނުވަތަ ނޫންތޯ އާމެދު ޢިލްމުވެރިންގެ މެދުގައި ރައުޔުތައް ތަފާތުވެފައިވެއެވެ. މިހެންކަމުން މިތަފާތުތަކާ ހުރެމެ ނަމާދުގައި އަޑުހަރުކޮށް ކިޔުމާއި ނުކިއުމުގެ ޚިލާފު އެބޭކަލުންގެ މެދުގައި ފުޅާވެގެންދިޔައެވެ.

މިޚިލާފުވުންތަށް އުފެދުމުގެ މައިގަނޑު ސަބަބަކީ ކީރިތި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުން މިމައްސަލައިގައި ސީދާ ޞަރީޙު ނައްޞެއް އައިސްފައި ނެތުމެވެ. މި މައްސަލައިގައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅު އެކި އެކި ޞަހާބީ ބޭކަލުން އެކި ގޮތް ގޮތައް ބަޔާންކުރައްވާފައިވެއެވެ. އަދި މި ދަލީލުތަކުގައި ވަރަށް ބޮޑަށް ތަޢާރުޟް ވުންވެސް އުފެދިފައިވެއެވެ. އަދި ބައެއް ބޭކަލުން ބައެއް ދަލީލުތައް ޟަޢީފުކުރައްވާފައިވެއެވެ. ނަމަވެސް އަޑުހަރުކޮށް ބިސްމި ކިޔަސް ސިއްރުން ކިޔަސް ނަމާދު ޞައްޙަވެގެންވާނޭ ކަމަށާއި، ދެގޮތުންކުރެ ގޮތަކަށް ޢަމަލުކުރުމަކުން ނަމާދަށް އުނިކަމެއް ނާންނާނޭ ކަމަށް އެންމެހައި ޢިލްމުވެރީން އިޖުމާޢުވެވަޑައިގެންފައިވެއެވެ. ޚިލާފު އުފެދިފައިވަނީ މޮޅުގޮތަކީ ކޮބައިކަމާމެދުގައެވެ. އެއީ ނަމާދުގައި ސިއްރުން ކިޔެވުމާއި އަޑުހަރުކޮށް ކިޔެވުމަކީ ނަމާދުގެ ހައިއާތު ސުއްނަތެއް ކަމުގައި ދަންނަބޭކަލުން ވިދާޅުވެފައިވާތީއެވެ.

މިއީ އަޅުގަނޑުމެންގެ މެދުގައި އާރާރުންވެ، އެއްބަޔަކު އަނެއް ބަޔަކަށް ޢައިބު ކިޔައި ކޮޅުގަދަކުރާންވީ ވަރުގެ ކަމެއްނޫނެވެ. އަޅުގަނޑުމެންނަށް ވުރެ މާމަތިވެރި މީހުންވަނީ މިކަމުގައި ތަފާތުންވުން އިޙްތިރާމާއެކު ދައްކަވާފައެވެ.

ކޮންމެ އަކަސް މިމައްސަލައިގައި ދަންނަބޭކަލުންގެ މަޝްހޫރު ތިންރައުޔެއްވެއެވެ. އެރައުޔުތައް މިތަނުގައި ބަޔާންކޮށްލުމަށް ޤަޞްދުކުރަމެވެ. އަޅުގަނޑު ޤަޞްދުކުރަނީ ކޮންމެ ރައުޔަކާ އެރައުޔުގެ ދަލީލު ބަޔާންކުރުމަށެވެ.

ފުރަތަމަ ރައުޔު

ފުރަތަމަ ރައުޔަކީ ، بسم އަކީ އެއީ الحمد ގެ އާޔަތެއް ކަމެވެ. އަދި ހުރިހާ سورة ގެ ވެސް އާޔަތެއް ކަމެވެ. ވީމާ އަލްޙަމްދުގައި بسم ކިއުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ސިއްރުން ކިޔަވާ ނަމާދުތަކުގައި ސިއްރުން، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަޑުހަރުކޮށެވެ. ބިސްމިއަކީ އަލްޙަމްދުގެ އާޔަތަކެވެ.

އިމާމު އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ރައުޔުތައް ބަޔާންކުރައްވަމުން މިރައުޔަށް ޢަމަލުކުރެއްވި އަޞްޙާބު ބޭކަލުންނާއި ތާބިޢީ އިމާމުންގެ ނަންފުޅުތަށް ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާއާއި، މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެފާނުންގެ ދަރިކަލުން ޢަބްދުﷲގެފާނާއި، މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނި ޢައްބާސްއާއި، މާތް ﷲ ރުއްސުންލެއްވި މުޢާވިޔަތު ބުނި އަބީ ސުފިޔާން ހިމެނިވަޑައިގަންނަވައެވެ.

ތާބިޢީ ބޭކަލުންގެ ތެރެއިން އިމާމު ސަޢީދު ބުނި ޖުބައިރާއި، އިމާމު ޢިކުރިމާއާއި، އިމާމު އަބީ ޤިލާބާއާއި، އިމާމު ޒުހުރީއާއި، އިމާމު ޢަލީ ބިން ޙުސައިންއާއި، އެކަލޭގެފާނުގެ ދަރިކަލުން އިމާމު މުޙައްމަދުއާއި، އިމާމު ނާފިޢު މައުލާ އިބުނު ޢުމަރު، އަދި އިމާމު ޒައިދު ބުނު އަސްލަމާއި، މުސްލިމުންގެ ފަސްވަނަ ޚަލީފާ އިމާމު ޢުމަރު ބިން ޢަބްދުލްޢަޒީޒާއި އަދިވެސް ވަރަށް ގިނަ ބޭކަލުންގެ ހިމެނިވަޑައިގަންނަވައެވެ. 

މިބޭކަލުން އިތުރަށް ވިދާޅުވަނީ ބިސްމިއަކީ އަލްޙަމްދުގެ ބައެއްކަމަށެވެ. އެ ސޫރަތުގެ އެހެން އާޔަތްތަކާ އެއްގޮތައް އަޑު ހަރުކޮށް ބިސްމި ވެސް ކިޔަވަންޖެހޭނެކަމަށެވެ. މިއީ އިމާމު ޝާފިޢީއާއި ޝާފިޢީ ފިޤްހީ މަދުރަސާގެ ދަންނަބޭކަލުންގެ އިޚްތިޔާރު ކުރި ރައުޔެވެ. އަދި އިމާމު އަޙްމަދުގެ މަޛްހަބަކީ ވެސް މިއީއެވެ. ނަމަވެސް ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއް ކަމުގައި ވިދާޅުވި ކަމުގައި ވިއަސް އިމާމު އަޙްމަދުގެ އަރިހުގައި ބިސްމި ކިއުން މޮޅިއިތުރު ވެގެންވަނީ ސިއްރުންނެވެ.

1- ވަނަ ދަލީލު: 

މިރައުޔުގެ ދަންނަބޭކަލުންގެ ދަލީލަކީ نعيم المجمر ގެ ޙަދީޘެވެ. އެކަލޭގެފާނު ރިވާކުރައްވާފައިވެއެވެ.    ( صليت وراء أبي هريرة فقرأ (بسم الله الرحمن الرحيم، ثم قرأ بأم القرآن) الحديث وفي آخره قال: والذي نفسي بيده أني لاشبهكم صلاة برسول الله صلى الله عليه وسلم.)  މާނައީ ނުޢައިމު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު، މާތްﷲ ރުއްސުންލެއްވި މާތް ޞަޙާބީ أبوهريرةގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރެއްވީމެވެ. ابوهريرة ގެފާނު  އަޑުހަރުކޮށް  بسم ވިދާޅުވިއެވެ. އެއަށް ފަހު الحمد ވިދާޅުވިއެވެ. ދެން ނަމާދުން ނިމިވަޑައިގެން، ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުންކުރެ رسول الله صلى الله عليه وسلم ނަމާދުފުޅުކުރެއްވި ގޮތާ އެންމެ ވައްތަރުކޮށް ނަމާދުކުރާ މީހަކީ ތިމަންކަލޭގެފާނީމެވެ." މިޙަދީޘް ރިވާކުރައްވާފައިވަނީ الإمام النسائي ، الإمام ابن خزيمة ، الإمام ابن حبان . އެވެ. الإمام الحافظ ابن حجر ބުޚާރީގެ ޝަރަޙަކުރައްވަމުން فتح الباري ގައި ވިދާޅުވެފައިވެއެވެ. " بسم އަޑުހަރުކޮށް ކިޔުމާމެދު އައިސްފައިވާ އެންމެ ޞައްޙަކަން ބޮޑު حديث އަކީ މިއީއެވެ. "

2- ވަނަ ދަލީލު: 

މިބޭކަލުންގެ ދެވަނަ ދަލީލަކީ އިމާމު ބުޚާރީ އަނަސްގެފާނުގެ އަރިހުން ރިވާކުރައްވާފައިވާ އަންނަނިވި ޙަދީޘެވެ. ( عن أنس بن مالك أنه سئل عن قراءة رسول الله صلى الله عليه وسلم فقال: كانت قراءته مدا، ثم قرأ بسم الله الرحمن الرحيم، يمد بسم الله، ويمد الرحمن، ويمد الرحيم ) މާނައީ : ( ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިޔަވާވިދާޅުވުމާމެދު އަނަސްބިން މާލިކަށް ސުވާލު ދެންނެވުނެވެ. އަނަސް ވިދާޅުވިއެވެ. އެކަލޭގެފާނު ކިޔަވާ ވިދާޅުވަނީ މިފަދައިން ކަލިމަތަކަށް ދަންމަވާފައެވެ. ދެން ބިސްމި ވިދާޅުވިއެވެ. ބިސްމިﷲ އަށް ދެންމެވިއެވެ. އަދި އައްރަޙްމާންއަށް ވެސް އައްރަޙީމް އަށް ވެސް ދެންމެވިއެވެ. " މިތަނުގައި ދެމުމުގެ މުރާދަކީ ޠަބީޢީ މައްދަށް ދެންމެވުމެވެ.

3- ވަނަ ދަލީލު: 

އަދި އިމާމު އަޙްމަދު އެކަލޭގެފާނުގެ  މުސްނަދުގައި، އަދި އިމާމު އަބޫ ދާވޫދު އެކަލޭގެފާނުގެ ސުނަނުގައި، އަދި އިމާމު އިބުނު ޚުޒައިމާ އެކަލޭގެފާނުގެ ޞަޙީޙުގައި، އަދި އިމާމު ޙާކިމު އެކަލޭގެފާނު މުސްތަދުރަކުގައި ކީރިތި ރަސޫލާގެ އަނބިކަނބަލުން އުއްމުލްމުއުމިނީން އުންމި ސަލަމާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.  كان رسول الله صلى الله عليه وسلم يقطع قراءته: بسم الله الرحمن الرحيم. الحمد لله رب العالمين. الرحمن الرحيم. مالك يوم الدين. ) وقال الدارقطني: إسناده صحيح

ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ކޮންމެ އާޔަތަކަށް ހުއްޓަވާފައި ކިޔަވާވިދާޅުވެއެވެ. بسم الله الرحمن الرحيم. އަށް ހުއްޓަވައެވެ. الحمد لله رب العالمين. އަށް ހުއްޓަވައެވެ. الرحمن الرحيم. އަށް ހުއްޓަވައެވެ. مالك يوم الدين. އަށް ހުއްޓަވައެވެ. އިމާމު ދާރުޤުޠްނީ ވިދާޅުވިއެވެ. މިޙަދީޘް ރިވާވެގެންވަނީ ޞައްޙަ ސަނަދަކުންނެވެ.


4-
ވަނަ ދަލީލު: 

އަދި އިމާމު ޝާފިޢީ، އަދި އިމާމު ޙާކިމު އަނަސްގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ( عن أنس: أن معاوية صلى بالمدينة، فترك البسملة، فأنكر عليه من حضره من المهاجرين ذلك، فلما صلى المرّة الثانية بسمل )  މާނައީ : އަނަސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. މުޢާވިޔަތުގެފާނު މަދީނާގެ މިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވިއެވެ. އެކަލޭގެފާނު ބިސްމި އަޑުހަރުކޮށް ވިދާޅުނުވެއެވެ. މިކަމާމެދު މުހާޖިރިއްޔަ ބޭކަލުން އެކަލޭގެފާނުގެ އަރިހުގައި ޝަކުވާ ދެންނެވުމުން ދެވަނަ ފަހަރަށް ނަމާދު ކުރެއްވި އިރު ބިސްމި ވިދާޅުވިއެވެ.

 
ދެވަނަ ރައުޔު

ދެވަނަ رأيކީ، بسم އަކީ ސޫރަތްތައް ވަކިކުރެއްވުމަށް ބާވާލެއްވިފައިވާ مستقل އާޔަތެކެވެ. އެހެންކަމުން الحمدއާ އެކު بسم ކިއުމަކީ مستحب ކަމެކެވެ. ނަމާދުގައި އަޑުހަރުކޮށް بسم ކިޔުން سنة ވެގެން ނުވެއެވެ. މިއީ ޚުލަފާއުއްރާޝިދޫންގެ އަރިހުން ޘާބިތުވެފައިވާ އެއް ރައުޔެވެ. އަދި އަޑު ހަރުކޮށް އެބޭކަލުން ބިސްމި ވިދާޅުވި ކަމަށް ވެސް ބައެއް ރިވާޔަތްތަކުން ސާބިތު ވެފައިވެއެވެ. ނަމަވެސް ބޮޑަށް ސާބިތުވަނީ މިގޮތެވެ. އަދި ސަލަފުންގެ ބައެއް ދަންނަބޭކަލުންނާއި ތާބިޢީ ބައެއް ދަންނަނަބޭކަލުންގެ މަޒުހަބަކީ މިއީއެވެ. އަދި މިއީ حنفي مذهب ގެ އިޚްތިޔާރެވެ. އަދި މިއީ އިމާމު އައުޒާޢީއާއި އިމާމު ޠަބަރީގެ ވެސް ރައުޔެވެ.

1- ވަނަ ދަލީލު: 

މިބޭކަލުންގެ دليل އަކީ أنس بن مالك رضي الله عنه ގެ ޙަދީޘެވެ. އަނަސް ވިދާޅުވެފައިވެއެވެ. (صليت خلف رسول الله صلى الله عليه وسلم وخلف أبي بكر وعمر وعثمان، وكانوا لا يجهرون ببسم الله الرحمن الرحيم) " ތިމަންކަލޭގެފާނު ސަލާމާއި ޞަލަވާތްލެއްވި ﷲގެ ނަބިއްޔާގެ ފަހަތްޕުޅުގައްޔާއި، އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރެއްވީމެވެ. އެބޭކަލުން ބިސްމި އަޑުހަރުކޮށް ވިދާޅުނުވެއެވެ." މިޙަދީޘް ރިވާކުރައްވާފައިވަނީ،  الإمام النسائي ، الإمام ابن حبان ، الإمام الطحاوي  އެވެ.

މިމައްސަލައާ މެދު އަޅުގަނޑު އެއްޗެއް ދަންނަވާއިރު ދެންނެވޭންއޮތީ ޙަޤީޤަތުގައި މިމައްސަލާގައި އަނަސްގެފާނުގެ އަރިހުން ވާރިދުވެފައިވާ ރިވާޔަތްތަކުގައި ފުށުއަރާފައިވާ ކަމަށެވެ. އެބަހީ ބިސްމީގެ މައްސަލައިގައި އަނަސްގެފާނުގެ އަރިހުންވާރިދުވެފައިވާ ޙަދީޘްފުޅުތަށް އެއް ޙަދީޘާއި އަނެއް ޙަދީޘު ފުށުއަރާ ވާހަކައެވެ. އެކަލޭގެފާނުގެ އަރިހުން ބައެއް ރިވާޔަތްތަކުގައި، ޚުލަފާއުއްރާޝީދޫންގެ ފަހަތްޕުޅުގައި ތިމަން ނަމާދު ކުރެއްވީމެވެ. އެބޭކަލުން ނަމާދު ފައްޓަވަނީ " އަލްޙަމްދުން"  ކަމުގައި ރިވާކުރައްވައެވެ. އަނެއް ރިވާޔަތްތަކުގައި އެބޭކަލުން "ބިސްމި ވިދާޅުނުވޭ"  ރިވާކުރައްވައެވެ. އަނެއްބައި ރިވާޔަތްތަކުގައި " އަޑުހަރުކޮށް ވިދާޅުނުވޭ " ރިވާކުރައްވައެވެ. އަނެއްބައި ރިވާޔަތްތަކުގައި " ސިއްރުން ބިސްމި ވިދާޅުވާ ކަމަށް " ރިވާކުރައްވާފައިވެއެވެ. އަނެއް ބައި ރިވާޔަތްތަކުގައި " ކީރިތި ރަސޫލާ ބިސްމި ވިދާޅުވާ " ކަމަށް އައިސްފައިވެއެވެ. އަދި އަނަސްގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅު ބިސްމި މައްސަލައިގައި ސުވާލު ކުރެއްވުނު ހިނދު، އެބޭކަލުން ޢަމަލުފުޅުކުރެއްވި ގޮތްކޮޅު އެހާބޮޑަށް ހަނދުމަފުޅު ނެތްކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިހުރިހާ ގޮތްތައް އެކަލޭގެފާނުގެ އަރިހުން ޞައްޙަމަގުން އިމާމު ނަވަވީއާއި އެނޫން ވެސް ބޭކަލުން ބަޔާންކުރައްވާފައި ވެއެވެ.

ހަދީޘް ޢިލްމުގައި އެއްބޭކަލެއްގެ އަރިހުން އެއްމައްސަލައެއްގައި ވާރިދުވާ ޙަދީޘްފުޅުތަކުގައި ތަޢާރުޟު އުފެދިފައިވާނަމަ އެޙަދީޘްފުޅުތަކަކުން އެއްވެސް ކޮޅަކަށް ޙުއްޖަތެއް ނުދެއްކޭނެކަމީ ދަންނަބޭކަލުން އެއްބަސްފުޅުވާ ދީނުގެ އުޞޫލެކެވެ. ބިސްމީގެ މައްސަލައިގައި އަނަސްގެފާނުގެ އަރިހުން ވާރިދުވެފައިވާ މިޙަދީޘްފުޅުތަކުގައި ތަޢާރުޟު އުފެދިފައިވާ ކަމަށް އިމާމު އިބުނު އަބްދުލްބައްރު ފަދަ ބޭކަލުން ބަޔާންކުރައްވާފައިވެއެވެ.

 
2-
ވަނަ ދަލީލު: 

މިބޭކަލުންގެ އެންމެ ވަރުގަދަ އަނެއް ދަލީ ލަކީ އަބޫ ހުރައިރަތުގެފާނުގެ އަރިހުން ބަޔާންވެގެންވާ މިޙަދީޘެވެ. މިއީ ޤުދުސީ ޙަދީސެކެވެ. قال رسول الله صلى الله عليه وسلم: " قال الله تعالى: قسمت الصلاة بيني وبين عبدي نصفين، وله ما سأل، فإذا قال العبد: { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } قال: حمدني عبدي، وإذا قال: { الرَّحْمَنِ الرَّحِيمِ } قال: أثنى علي عبدي....... )
މާނައީ : ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ތިމަން ﷲ އާއި ތިމަން ﷲގެ އަޅާއާ ދެމެދު ނަމާދު ދެބަޔަކަށް ބައިކުރެއްވީމެވެ. އޭނާ ތިމަން ﷲގެ ޙަޟްރަތުން އެދުނު ކޮންމެ ކަމެއް އޭނާއަށް ވެއެވެ. އަޅާ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } ކިޔެވުމުން ﷲ ވަޙީކުރައްވާނެއެވެ. ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޙަމްދުކޮށްފިއެވެ.  އަދި  { الرَّحْمَنِ الرَّحِيمِ } ކިޔެވުމުން ﷲ ވަޙީކުރައްވާނެއެވެ. ތިމަން ﷲގެ އަޅާ ތިމަން ﷲ އަށް ޘަނާ ދަންނަވައިވެއެވެ ...... ) މިއީ ދިގު ޙަދީޘެކެވެ.
މި ޙަދީޘުން ދަލީލު ގެންނަވާ ބޭކަލުން ވިދާޅުވަނީ މިޙަދީޘުގައި ބިސްމީގެ ވާހަކަ ބަޔާންވެގެން ނެތްކަމީ އަލްޙަމްދުގެ އާޔަތަކަށް ބިސްމި ނުވާ ކަމުގެ ހެއްކެކެވެ. އެއިން އެނގެނީ ނަމާދުގައި ބިސްމި ކިޔަން ނުޖެހޭ ކަމެވެ. އިސްވެ ދެންނެވުނީ މިރައުޔުގެ ދަންނަބޭކަލުންގެ ދަލީލު ތަކެވެ.


ތިންވަނަ ރައުޔު

ތިންވަނަ رأيކީ، ބިސްމިއަކީ الحمدގެ އާޔަތެއްއް ނޫނެވެ. އަދި އެހެން ސޫރަތެއްގެ އާޔަތެއް ވެސް ނޫނެވެ. ސިއްރުންވެސް އަޑުހަރުކޮށް ވެސް فرض ނަމާދުތަކުގައި ކިޔުމަކީ مكروه ކަމެކެވެ.

މިރައުޔުގެ އިޚްތިޔާރު ކުރެއްވި ބޭކަލުންގެ އެންމެ ވަރުގަދަ ދަލީލަކީ އަބޫ ހުރައިރަތުގެފާނުގެ އަރިހުން ބަޔާންވެގެންވާ ކުރީގައި ބަޔާންކުރެވުނު ޤުދުސީ ޙަދީސެކެވެ. قال رسول الله صلى الله عليه وسلم: " قال الله تعالى: قسمت الصلاة بيني وبين عبدي نصفين، وله ما سأل، فإذا قال العبد: { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } قال: حمدني عبدي، وإذا قال: { الرَّحْمَنِ الرَّحِيمِ } قال: أثنى علي عبدي....... )
މާނައީ : ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ތިމަން ﷲ އާއި ތިމަން ﷲގެ އަޅާއާ ދެމެދު ނަމާދު ބައިކުރެއްވީމެވެ. އޭނާ ތިމަން ﷲގެ ޙަޟްރަތުން އެދުނު ކޮންމެ ކަމެއް އޭނާ އަށް ވެއެވެ. އަޅާ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } ކިޔެވުމުން ﷲ ވަޙީކުރައްވާނެއެވެ. ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޙަމްދުކޮށްފިއެވެ.  އަދި  { الرَّحْمَنِ الرَّحِيمِ } ކިޔެވުމުން ﷲ ވަޙީކުރައްވާނެއެވެ. ތިމަން ﷲގެ އަޅާ ތިމަން ﷲ އަށް ޘަނާ ދަންނަވައިވެއެވެ ...... ) މިއީ ދިގު ޙަދީޘެކެވެ. އިސްވެ ދެންނެވުނީ މިރައުޔުގެ ދަންނަބޭކަލުންގެ ދަލީލެވެ.


މިއީ އިމާމު މާލިކުގެފާނާއި އެކަލޭގެފާނުގެ މަޒްހަބުގެ ދަންނަބޭކަލުން އިޚްތިޔާރުކުރެއްވި ގޮތެވެ. އެބައިމީހުންގެ ގާތުގައި ސުންނަތް ނަމާދުތަކުގައި އަޑުހަރުކޮށް ބިސްމި ކިޔުމަކީ ހުއްދަވެގެންވާ ކަމެކެވެ. ފަރުޟު ނަމާދުގައި ކިއުމެއް ނޯވެއެވެ.

އިސްވެދިޔަ ރައުޔުތަކަށް ތަޙްޤީޤީ ނަޒަރެއް:

އިސްވެދިޔަ ރައުޔުތަކަކީ ބިސްމީގެ މައްސަލައިގައި ދަންނަބޭކަލުން ރިވާކުރައްވާފައިވާ ބަސްފުޅުތަކެވެ. މީގެ ތަފްޞީލު ބޭނުންވެ ލައްވާ ބޭކަލުން އިސްލާމީ ބައެއް ޤައުމުތަކުގެ  " ޢިލްމީ މަޖްލިސްތަކު "ގެ ފަތުވާތަކަށް ރުޖޫޢަވުމުގެ ބަދަލުގައި ދަންނަބޭކަލުންގެ ފޮތްތަކަށް ވަޑައިގެން ބެއްލެވުން ވަރަށް މުހިންމެވެ. މިކަމުގައި އެއްވެސް ބަޔަކު އަނެއް ބަޔަކަށް ސުންނަތުން ބޭރުކޮށް ބިދުޢަވެރިކުރުވާފައިނުވެއެވެ.


މިމައްސަލައިގެ ތަފްޞީލު އިމާމު އިބުނު ކަޘީރުގެ ތަފްސީރުންނާއި އިމާމު ޝައުކާނީގެ ތަފްސީރުންނާއި އިބުނު ޢަބްދުލްބައްރުގެ އަލްއިސްތިޛުކާރުންނާއި، އަލްއުސްތާޛު ސައްޔިދު ސާބިޤުގެ ފިޤްހުއްސުއްނާއާއި އަދިވެސް ވަކި ފަރާތަކަށް ތަޢައްޞުބުވެ ނުލައްވާ މާތް ސަލަފުންގެ ދަންނަބޭކަލުންގެ ފޮތްތަކުން ބެއްލެވުން ރަނގަޅުވާނެއެވެ.


އިމާމު އިބުނު ކަޘީރު ސޫރަތުލްފާތިޙާގެ ތަފްސީރުގައި ބިސްމީގެ މައްސަލައިގައި ވާރިދުވެފައިވާ ރައުޔުތަށް ބަޔާންކުރައްވައި ވާހަކަ ދައްކަވައި ނިންމަވާފައި ވިދާޅުވެފައިވެއެވެ. ( فهذه مآخذ الأئمة، رحمهم الله، في هذه المسألة وهي قريبة؛ لأنهم أجمعوا على صحة صلاة من جهر بالبسملة ومن أسر، ولله الحمد والمنة ) " މިއީ މިކަމުގައި ދަންނަބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ގޮތްތަކެވެ. އެބޭކަލުންނަށް މާތް ﷲ ރަޙްމަތް ލައްވާށިއެވެ. އެބޭކަލުންގެ ރައުޔުތައް މިމައްސަލައިގައި ގާތެވެ. އެހެނީ ނަމާދުގައި ސިއްރުން ބިސްބި ކިޔަސް އަޑުހަރުކޮށް ބިސްމި ކިޔަސް ނަމާދު ޞައްޙަވާނޭ ކަމުގައި އެންމެހައި ދަންނަބޭކަލުންވަނީ އިޖުމާޢުވެވަޑައިގެންފައެވެ. މާތް ﷲ އަށް ޙަމްދު ހުއްޓެވެ" أ هـ .

އިސްވެ ދިޔަ ރައުޔުތަކުން ކުރެ ފުރަތަމަ ރައުޔާއި ދެވަނަ ރައުޔު ގާތްކުރައްވައި ޖަމަޢަކުރައްވައި މި މައްސަލަ ތަޙްޤީޤުކުރައްވައި އިސްލާމީ ތާރީޚުދުށް އެންމެ ވަރުގަދަ އެއް މުޖުތަހިދު ޢާލިމު ކަމުގައިވާ އިމާމު އިބުނު ޤައްޔިމު އެކަލޭގެފާނުގެ ފޮތް ޒާދުލްމަޢާދުގައި ވިދާޅުވެފައިވެއެވެ.  ( كان النبي صلى الله عليه وسلم يجهر (ببسم الله الرحمن الرحيم) تارة، ويخفيها أكثر مما يجهر بها، ولا ريب أنه لم يجهر بها دائما في كل يوم وليلة خمس مرات أبدا، حضرا وسفرا) މާނައީ: (ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު ( ނަމާދުތަކުގައި ) ބައެއް ފަހަރު އަޑުހަރުކޮށް ބިސްމި ކިޔަވާ ވިދާޅުވަތެވެ. ސިއްރުން ކިޔަވާ ވިދާޅުވެލައްވާ ފަހަރުތައް އަޑުހަރުކޮށް ކިޔަވާވިދާޅުވާ ފަހަރުތަކަށް ވުރެ ގިނައެވެ. ޝައްކެއްނެތް ގޮތުގައި ރެއާދުވާލުގެ ފަސްނަމާދުގައްޔާއި، ޙާޟިރުވެ ރަށުގައި ހުންނަވައިގެންނާއި ދަތުރުފުޅުތަކުގައި ދާއިމީ ގޮތެއްގައި އެކަލޭގެފާނު އަޑުހަރުކޮށް ބިސްމި ވިދާޅުވެފައިނެތެވެ."


އިސްލާމްދީނުގެ ވަރަށް ބޮޑު ޢާލިމަކު ކަމުގައިވާ އަލްއިމާމު ޝާހު ވަލިއްޔުﷲ އައްދިހްލަވީ އެކަލޭގެފާނުގެ ފޮތް ( އަލްއިންޞާފު ފީބަޔާނި އަސްބާބިލްއިޚްތިލާފި) ގައި ފިޤްހީ ކަންކަމުގައި އަޞްޙާބު ބޭކަލުންގެ ޚިލާފުތަކާމެދު ވާހަކަދައްކަވަމުން ޞަފްޙާ: 24- 25 – 71 ގައި ބަޔާންކުރައްވާފައި ވެއެވެ. " وقد كان في الصحابة والتابعين ومن بعدهم من يقرأ البسملة ومنهم من لا يقرأها ، ومنهم من يجهر بها ، ومنهم من لا يجهر بها ، وكان منهم من يقنت في الفجر ، ومنهم من لا يقنت في الفجر ، ....  ومع هذا ؛ فكان يصلي بعضهم يصلي خلف بعض ، مثل ما كان أبوحنيفة أو أصحابه ، والشافعي وغيرهم رضي الله عنهم يصلون خلف أئمة المدينة من المالكية وغيرهم ، وإن كانوا لا يقرؤون البسملة لا سراً ولا جهراً ) ." މާނައީ: ހަމަކަށަވަރުން އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި މާތް ދަންނަބޭކަލުންގެ ތެރޭގައި (ނަމާދުގައި ) " ބިސްމި " ކިޔަވާވިދާޅުވާ ބޭކަލުންނާއި، ސިއްރުންވެސް އަޑުހަރުކޮށްވެސް ބިސްމި ކިޔަވާވިދާޅުނުވާ ބޭކަލުން ތިއްބެވިއެވެ. އަދި އެބޭކަލުންގެ ތެރޭގައި އަޑުހަރުކޮށް ބިސްމި ވިދާޅުވާ ބޭކަލުން ވެސް ތިއްބެވިއެވެ. ހަމައެހެންމެ އެސިއްރުން ބިސްމި ކިޔަވާވިދާޅުވާ ބޭކަލުން ވެސް ތިއްބެވިއެވެ. އަދި ފަތިސް ނަމާދުގައި ޤުނޫތުވިދާޅުވާ ބޭކަލުންނާއި، ޤުނޫތުވިދާޅުނުވާ ބޭކަލުންވެސް ތިއްބެވިއެވެ. މިއާއެކުއެކީގައި އެބޭކަލުންގެ އެއްބަޔަކު އަނެއްބައެއްގެ ފަހަތުގައި ނަމާދުކުރައްވަތެވެ. މިސާލަކަށް: އިމާމު އަބޫޙަނީފާއާއި، އެކަލޭގެފާނުގެ އަޞްޙާބުންނާއި، އިމާމު ޝާފިޢީއާއި އެނޫންވެސް އިމާމުންނާއި ދަންނަބޭކަލުން މަދީނާގައި ( އޭރުގައި ) ތިއްބެވި މާލިކީ މަޒުހަބުގެ އިމާމުންގެ ފަހަތްޕުޅުގައި ނަމާދުކުރެއްވަތެވެ. އެއިމާމުން ސިއްރުންވެސް، އަޑުހަރުކޮށްވެސް "ބިސްމި" ވިދާޅުނުވަތެވެ.

އަދި ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ މަޖްމޫޢު ފަތާވާ މުޖައްލަދު 22 ، ޞަފްޙާ ނަމްބަރ 274 ގައި ވިދާޅުވެފައިވެއެވެ. ( وأما البسملة : فلا ريب أنه كان في الصحابة من يجهر بها وفيهم من كان لا يجهر بها، بل يقرؤها سرًا، أو لا يقرؤها . والذين كانوا يجهرون بها، أكثرهم كان يجهر بها تارة، ويخافت بها أخري ... ) މާނައީ : " ނަމާދުގައި ބިސްމި ކިޔުމާމެދު ދަންނާށެވެ! ޝައްކެތްނެތް ގޮތުގައި އަޞްޙާބު ބޭކަލުންގެ ތެރެއިން ބިސްމި އަޑުހަރުކޮށް ވިދާޅުވާ ބޭކަލުންނާއި އަޑުހަރުކޮށް ވިދާޅުނުވާ ބޭކަލުން ތިއްބެވިއެވެ. އަދި ކިއެއްތޯއެވެ! ސިއްރުން ވިދާޅުވާ ބޭކަލުން، ނުވަތަ އެއްގޮތަކަށް ވެސް ބިސްމި ވިދާޅު ނުވާ ބޭކަލުންވެސް ތިއްބެވިއެވެ. އަދި އަޑުހަރުކޮށް ބިސްމި ވިދާޅުވާ ބޭކަލުންގެ ތެރެއިން ގިނަބޭކަލުން ވެސް ބައެއް ފަހަރު އަޑުހަރުކޮށް ވިދާޅުވެ، އަނެއް ބައިފަހަރު ސިއްރުން ވިދާޅުވަތެވެ."

ބިސްމިއާމެދު އިސްވެދިޔަ ވާހަކަތަކުން އެނގިފާޅުވަނީ، އަޑުހަރުކޮށް ކިޔަސް، ސިއްރުން ކިޔަސް މިއިން ކޮންމެ ގޮތަކީ ވެސް ހަމަ ޢަމަލުކުރުން ރަނގަޅު ގޮތްތަކެއް ކަމުގައެވެ. މިއީ އެއިން އެއްގޮތް ރަނގަޅު ކުރެވި އަނެއް ގޮތް ގޯސް ނުކުރެވޭނޭ ކަމެކެވެ. އިސްވެދިޔައީ އަޞްޙާބު ބޭކަލުންގެ ދުވަސްވަރު އެބޭކަލުންގެ މުޖުތަމަޢު އޮތް ގޮތުގެ ވާހަކައެވެ. ވީމާ އަދުގެ މުސްލިމުންގެ ތެރޭގައި ބިސްމި އަޑުހަރުކޮށް ކިޔާ މުސްލިމުންނާއި ނުކިޔާ މުސްލިމުން ތިބުމުގައި މައްސަލައެއް އޮންނަން އެބަޖެހޭތޯއެވެ؟ އަދި ވަކި ގޮތަކަށް ޢަމަލުކުރާ މީހުން ސުންނަތުން ބޭރުކޮށް ފާސިޤު ކުރެވިދާނެތޯއެވެ؟


ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގިނަފަހަރު ސިއްރުން ވިދާޅުވެފައިވީތީވެ، ގިނައިން ސިއްރުން ކިޔުން އެއީ އެންމެ މާތް ގޮތްކަމުގައި ބައެއް ޢާލިމުން ވިދާޅުވެލައްވައެވެ. ނަމަވެސް އެބޭކަލުން އަނެއް ގޮތް އެއީ ސުންނަތާ ދުރުގޮތެއްކަމުގައި ވިދާޅުނުވެއެވެ. އެކަލޭގެފާނުވަނީ ދެ ގޮތަށް ވެސް ޢަމަލުފުޅު  ބަހައްޓަވާފައެވެ.

މުސްލިމު އަޚުންނޭވެ! އަޞްޙާބު ބޭކަލުންގެ ދަންނަބޭކަލުންނާއި މިއުންމަތުގެ ސަލަފުއްޞާލިހުން ސުންނަތާއި ދުރުގޮތަކަށް ޢަމަލުކޮށްފާނޭ ކަމަށް ތިޔަބޭފުޅުންނަށް ހީފުޅުކުރެއްވޭތޯއެވެ؟ އެހެން ހީފުޅުކުރެއްވޭނަމަ އިތުރަށް ތިޔަބޭފުޅުންގެ ގާތުގައި އަޅުގަނޑަށް ދެންނެވޭނޭ ހަމަ އެއްވެސް އެއްޗެއް ނެތެވެ. ހަމަކަށަވަރުން މިދެ ގޮތަށް ޢަމަލުކުރުމަކީ ވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ސަލަފުންގެ އަރިހުން ވާރިދުވެފައިވާ ކަމެކެވެ. ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއްކަމުގައި ޤަބޫލުކުރާ މީހަކު ބާރަށް ކިއުންހުއްޓެވެ. އެއީ މިމައްސަލައިގެ ޚިލާފުގެ އެއް އަސާސެވެ. ބިސްމި އަކީ އާޔަތެއްކަމުގައި ވިދާޅުވާ ބޭކަލުން ބިސްމިއާއި އަލްޙަމްދުގެ އާޔަތްތަށް ތަފާތު ނުކުރައްވައެވެ. އަޑުހަރުކޮށް ކިޔަންޏާ އަޑުހަރުކޮށް ކިއުމެވެ. ސިއްރުން ކިޔަންޏާ ސިއްރުންނެވެ. އަދި މިއީ ވެސް ސުންނަތެކެވެ. އަދި ބިސްމިއަކީ  އަލްޙަމްދުގެ އާޔަތެއްނޫންކަމަށް ވިދާޅުވާ ބޭކަލުން ބިސްމި ކިއުން ލާޒިމެއް ނުކުރެއެވެ. އެބޭކަލުން ވިދާލުވަނީ ބިސްމި ކިއުމީ ސުންނަތެއް ކަމަށެވެ.


ޖުމުހޫރު ދަންނަބޭކަލުންގެ ރައުޔަކީ ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއްކަމެވެ. އެއީ އަލްޙަމްދުގެ އެއްވަނަ އާޔަތްކަމުގައި ސަޢޫދީން ޗާޕުކުރަމުންދާ މަދީނާގެ މުޞްޙަފްގައި ވެސް އެއޮތީ ބަޔާންވެގެންނެވެ. މިއީ އަޅުގަނޑު އެޤިރާއަތަކަށް ކިޔަވާ ޙަފްޞު ޤިރާއަތައި އިމާމު ޢާޞިމުގެ ވެސް ރައުޔެވެ.


އަޑުހަރުކޮށް ބިސްމިކިއުމާމެދު ވާރިދުވެފައިވާ ބައެއް ޙަދީޘްތަށް ބައެއް ޢާލިމުން ޟަޢީފު ކުރައްވާފައިވެއެވެ. އަދި ސިއްރުން ކިޔުމާމެދު އައިސްފައިވާ ދަލީލުތައް އަނެއްބައި ޢާލިމުން ތައުވީލުކުރައްވާފައިވެއެވެ. މިހެން މިކަން ދިމާވެފައިވަނީ ހަދީޘް ޢިލްމުގެ ދަންނަބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލަކު ވެސް ގެންގުޅުއްވާފައިވަނީ މުސްތަޤިއްލު އުޞޫލުތަކެކެވެ. މިހެންކަމުން އެއްބޭކަލެއްގެ އަރިހުގައި ޟަޢީފް ވާޙަދީޘެއް އަނެއް ބޭކަލަކަށް ޞައްޙަ މަގުން ލިބިފައި އޮވެދާނެއެވެ. ބިސްމި އަޑު ހަރުކޮށް ކިއުމާމެދު މާތް ޞަޙާބީ އަބޫހުރައިރާ، އިބުނު އައްބާސް މެންފަދަ އަޞްޙާބު ބޭކަލުންގެ އަރިހުން އައިސްފައިވާ ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްފުޅުތަކެކެވެ. މިހެންކަމުން އެރައުޔަކީ ސުންނަތާ ދުރު ރައުޔެއްކަމުގައި ދެންނެވޭނީ ފަހެ ކޮންފަދައަކުންތޯއެވެ؟

މުސްލިމު އަޚާއެވެ! ޤައުމެއްގެ ބަޔަކު މި ދެގޮތުން ކުރެ، ވަކި ގޮތަކަށް ޢަމަލުކުރަމުން ދަނިކޮށް، މިއިން އެއްވެސް ގޮތަކީ ޤުރްއާނާއި ސުންނަތާ ކަނޑައެޅިގެން ތަޢާރުޟްވާ ގޮތަކަށް ނުވާހިނދު، އަދި މާތް ސަލަފުންގެ ކިބައިން އެގޮތުގައިވެސް ނަމޫނާ ފެންނަން އޮތް ހިދު، އަނެއް ގޮތް ފަތުރައި ޢާއްމުކުރުމުގެ ސަބަބުން އިސްލާމުންގެ ތެރޭގައި ފިތުނަވެރިކަން އުފެދި އިސްލާމީ ޖަމާޢަތުގެ މަޞްލަޙަތު ގެއްލޭނަމަ، ޢަމަލުކުރަމުންދާ ގޮތުގެ މަތީގައި ދެމިތިބުމީ ޝަރުޢީ ވަރަށް ބޮޑު މަޞްލަޙަތެއް އޮތްކަމެކެވެ. މުސްލިމުންގެ ޢާއްމު މަޞްލަޙަތު ޤާއިމުކުރުމަކީ ވާޖިބެކެވެ. މުސްތަޙައްބު ސުންނަތެއްގެ މައްޗަށް ވާޖިބު އިސްކުރުން ލާޒިމުވެގެންވެއެވެ.  މިއީ ހަމަ ގައިމު ހުރިޔާ ދަންނަބޭކަލުން އެއްބަސްފުޅުވާ އުޞޫލެކެވެ.

ޢިއްޒަތްތެރި އަޚާއެވެ. މުސްލިމުންގެ ޢާއްމު މަޞްލަޙަތަކީ ﷲގެ ޝަރީޢަތުގައި މުޢްތަބަރު އެއްޗެކެވެ. ހަމަ އެފަދައިން މުސްތަޙައްބު ކަންތައްތައް ދިރުވުމަކީ ވެސް އޮތް ކަމެކެމެވެ. އެންމެ ފަހަރަކު ނަމަވެސް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ކަމެއްގައި ވަކި ގޮތަކަށް ޢަމަލުފުޅު ކުރައްވާފައިވާ ނަމަ، އެކަމެއްވާނީ ހަމަ ސުންނަތަކަށެވެ. އަދި އެކަމެއް އެގޮތަށް ނުކުރުމަށް އުންމަތަށް އަމުރު ނުކުރަށްވާހާ ހިނދަކު އެގޮތެއްގެ މަތީގައި ތިބުންވާނީ ހަމަ ސުންނަތެއްގައި ހިފައިގެން ތިބުންކަމުގައެވެ.

މިހެންކަމުން އަޑުހަރުކޮށް ބިސްމިކިއުން އާދަކޮށްފައިވާ އިސްލާމީ ރައްޔިތަކު ދިރިއުޅޭ ތަނެއްގައި އިމާމުވެ ނަމާދުކުރާ މީހާއަށް އޮތް އެންމެ ހެޔޮކަން ބޮޑު ގޮތަކީ އޭނާގެ ފަހަތުގައި ނަމާދުކުރާ މީހުން ޤަބޫލުކުރާ ގޮތަށް އިމާމުވެ ކުރާހިނދު އެގޮތަށް ކުރުމެވެ. އެއީ އޭނާ ބުރަވާގޮތް ކަމުގައި ނުވިޔަސް މެއެވެ. ތިމާ ޤަބޫލުކުރާ ގޮތަށް ތިމާގެ ގޭތެރޭގައި ނުވަތަ އަނބިދަރީންނާއެކު ނުވަތަ އެފަދަ ބަޔަކު ދިރިއުޅޭ މާހައުލެއްގައި ނަމާދުކުރާއިރު ކުރާނީއެވެ.


އަދި ސިއްރުން ކިޔުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ޤަބޫލުކުރާ ބަޔަކު ދިރިއުޅޭ ތަނެއްގައި ހެޔޮކަން ބޮޑު ގޮތަކީ އެގޮތަށް އިމާމު ޢަމަލު ކުރުމެވެ. ވަކި މިސްކިތެއްގައި ސިއްރުން ކިއުން ނުވަތަ އަޑު ހަރުކޮށް ކިއުން އާދަވެފައި ވާނަމަ، އެކަމުގައި މީހުންގެ ޝަކުވާއެއް ނެތްނަމަ އެކަމުގައި ތިބުމަކުން މައްސަލައެއް ނެތެވެ.

ތަނުގެ ޢާއްމު މަޞްލަޙަތަށްޓަކައި ޤައުމުގެ ސަރުކާރުން ނުވަތަ މިސްކިތް ބަލަހައްޓައި ހިންގާ ފަރާތަކުން މިދެގޮތުން ކުރެ ވަކި ގޮތެއްގައި ހިފަން އަމުރުކޮށްފިނަމަ އެގޮތެއްގައި ހިފުމަކީ ވާޖިބުވެގެންވާނޭ ކަމެކެވެ. އެހެނީ މިފަދަ ޚިލާފީ ކަންކަމުގައި ޤައުމުގައި ޢަމަލުކުރެވޭނީ މިވެނި ގޮތެއްކަމުގައި ސަރުކާރުން ނިންމެވެމުން ޚިލާފު ނެތުނީއެވެ. ސަރުކާރުން ނިންމެވި ގޮތެއްގައި ހިފަންޖެހޭނެއެވެ. މިއީ އިސްލާމީ ފިޤްހާއި އުޞޫލުތައް ތަންދޭ ގޮތެވެ.

މިއީ ސަލަފުއްޞާލިޙުން މިފަދަ ކަންކަމާމެދު ބައްލަވާ ޢަމަލުކުރައްވާފައިވާ ގޮތެވެ. ސަލަފުންނަކީ ނުވަތަ ސަލަފުއްޞާލިޙުންނަކީ ލޮބުވެތި ރަސޫލާގެ މާތް އަޞްޙާބު ބޭކަލުންނާއި ތާބިޢީންނާއި ތަބާތާބިޢީންނާއި، މާތް ތިންޤަރުނުގެ އަހުލުވެރީންނާއި އެބޭކަލުންގެ މަންހަޖުގައި އިސްވެ ގޮސްފައިވާ އިހުގެ މީހުންނެވެ. ހަތަރު އިމާމުންނަކީ ސަލަފުގެ ދަންނަބޭކަލުންނެވެ. ހަތަރު މަޒުހަބަކީ ސުންނީ މަޒުހަބުތަކެވެ. މިއީ އުންމަތުގެ އިޖުމާޢުއެވެ. މަޒުހަބު އެކިޔަނީ ޢާލިމުން އިސްލާމްދީނުގެ ނުޞޫޞުތަށް ތަރުޖަމާކުރައްވާފައިވާ ގޮތަށެވެ. އެބޭކަލުންގެ ބަސްފުޅުތަކާއި ނުލައި ދީނެއް ނޭގޭނެއެވެ. އެންމެންނަކީ މުޖުތަހިދު ޢާލިމުންނޫންކަމުން ފިޤްހީ ކޮންމެވެސް މަދުރަސާއެއްގެ ފިޤުހަށް ޢާއްމު ރައްޔިތުން ތަބާވުމަކީ ދީން މަނާކުރާ ކަމެއްނޫނެވެ. އަދި އެގޮތަށް ހަދައިގެންނޫނީ އެމީހުންނަކަށް ދީނަށް އުޅޭކަށެއް ނޭނގޭނެއެވެ.

މުސްލިމު އަޚާއެވެ! ޙަދީޘް ޢިލްމުގައި ލިޔެވުނު އެންމެ ފުރަތަމަ ފޮތް ލިޔުއްވީ އިމާމު މާލިކެވެ. އިމާމު މާލިކު އެފޮތް ލިޔުއްވުމުން، ޚަލީފާ އަބޫޖަޢުފަރުލްމަންޞޫރު އެ ފޮތް ގެފުޅުގެ އުރަކޮޅުގައި ލިޔުއްވައި، މުޅި އުންމަތުގެ އަހުލުވެރިން އޭގައިވާ ގޮތަށް ޢަމަލުކުރަން މަޖްބޫރުކުރުމަށް އަންގަވަން، އިމާމު މާލިކާ މަޝްވަރާކުރެއްވިއެވެ. އަދި ޚަލީފާ ހާރޫންރަޝީދުގެ ދުވަސްވަރުވެސް މާލިކުގެފާނުގެ އަރިހުގައި މިވާހަކަ ދެންނެވުމުން އިމާމު މާލިކު ވިދާޅުވިއެވެ. (ޢިއްޒަތްތެރި ޚަލީފާއެވެ. މާތް ﷲގެ ނަބިއްޔާގެ އަޞްޙާބު ބޭކަލުންވަނީ އުންމަތުގެ ކަންކޮޅުތަކަށް ވަޑައިގެންފައެވެ. އެބޭކަލުންގެ ފަރާތްޕުޅުން ޢިލްމުފެތުރިފައިވެއެވެ. މިޞްރަށް ވަކި ބޭކަލުންތަކެކެވެ. ޢިރާޤަށް ވަކި  ބޭކަލުންތަކެކެވެ. ޔަމަނަށް ވަކިބޭކަލުންތަކެކެވެ. އެއްބަޔަކަށް ލިބިފައި ނެތް ޢިލްމެއް އަނެއް ބަޔަކަށް ލިބިފައިވެއެވެ. ﷲގެ ފޮތާއި ނަބިއްޔާގެ ސުންނަތުން ކަނޑައެޅި ބަޔާންވެގެންވާ ނައްޞަކާ ޚިލާފު ނުވާހާ ހިނދަކު، އެމީހުންގެ މައްޗަށް ވަކިގޮތެއް މަޖްބޫރު ނުކުރައްވައި އެބައިމީހުންތިބި ގޮތެއްގެ މަތީގައި ދޫކޮށްލައްވާށެވެ!) 

މުސްލިމު އަޚާއެވެ! ސަލަފީ މަންހަޖު ނުވަތަ ސަލަފުންގެ ގޮތަކީ ހަމަ އެކަނި ވަކި މަޒްހަބެއްގައި އޮތް ގޮތް ކަމުގައި ބެލެވިގެން ނުވާނެއެވެ. އަދި ވަކި ޤައުމެއްގެ މީހުން ޢަމަލުކުރާ ގޮތެއްވެސް ނޫނެވެ. އަނެއްކޮޅުން ބިސްމި އަޑުހަރުކޮށް ކިޔުމަކީ ސުންނަތާ ދުރުގޮތެއްކަމުގައި ސަލަފުންގެ އެއްވެސް މުޢްތަބަރު ދަންނަބޭކަލު ވިދާޅުވެފައިނެތެވެ. އެބޭކަލުންގެ މެދުގައި ޚިލާފެއް އޮތީ އަޑުހަރުކޮށް ކިޔުމާއި ސިއްރުން ކިޔުމާއި ދެގޮތުންކުރެ އެންމެ މާތް ގޮތަކީ ކޮބާއިތޯއާ މެދުގައެވެ. ސުންނީ ފިޤްހީ އެންމެހައި މަޒްހަބުތަކުގެ ފިޤްހު ނިސްބަތްވެގެންވަނީ ހަމަ ސަލަފުންނަށެވެ. ބައެއް ފިޤްހީ ފަރުޢީ މައްސަލަތަކުގައި މުސްލިމުންގެ މެދުގައި ޚިލާފު އުފެދިފައި ވުމަކުން މުސްލިމުން ސަލަފުންގެ މަންހަޖުން ނުމެ، ބޭރުވާނެއެވެ.

ސަލަފުން އަޅުގަނޑުމެންނަށް ވާރުތަކުރެއްވީ ފަރުޢީ ޚިލާފުވުންތަކެއްނޫނެވެ. އަދި ސުންނަތް ޖަމާޢަތުގެ ތެރެއިން ފަރުޢީ އިޖުތިހާދީ ޚިލާފުގެ ވަކި ކޮޅެއްގައި ތިބޭ މީހުން މަންހަޖުން ނެރެ، ސުންނަތުން ނެރެ، ބިދުޢަވެރިކުރުމަކީ އެއްވެސް ޙާލެއްގައި މިއުންމަތުގެ މާތް ސަލަފުން ކުރައްވާފައިވާ ކަމެއްނޫނެވެ. ފަހުން ވަޑައިގެންނެވި މާތް ޢާލިމުންކުރެ އިމާމު މުޙައްމަދު ބިން އަބްދުލްވައްހާބު ފަދަ ޢާލިމުން ވެސް ކުރައްވާފައިވާ ކަމެއްނޫނެވެ. އެބޭކަލުން އިންކާރުކުރައްވާފައިވަނީ ކަނޑައެޅި ބަޔާންވެގެންވާ މުންކަރާތްތަކަށެވެ. ޤަބުރަށް ނަދުރުބުނުމާއި ސިޙުރު ހެދުމާއި، ޝިރުކުގެ ކަންކަމާއި މިފަދަ ކަންކަން އިންކާރުކުރައްވާފައިވެއެވެ. އެބޭކަލުން މަސައްކަތްޕުޅު ކުރައްވާފައިވަނީ ﷲގެ ޝަރުޢު ބިންމަތީގައި ޤާއިމު ކުރުމަށާއި ޝައިޠާނުންގެ ކިބައިން އިންސާނިއްޔަތު ޠާހިރުކޮށް ސަލާމަތްކުރުމަށެވެ.

މުސްލިމު އަޚުންނޭވެ! އިސްލާމްދީނުގެ އެންމެ ރަނގަޅު ޢާލިމުން އެހާރާއި މިހާރުގައި ވެސް ތިބީ ވަކި ޤައުމެއްގައި ކަމަށް ބައްލަވައިގެންނުވާނެއެވެ. ދުނިޔޭގެ އެތަން މިތަނުގައި އެކިފެންވަރުގެ ޢިލްމުވެރިން އެބަތިއްބެވިއެވެ. އަޅުގަނޑުމެންނަށް ނޭގޭ އެތަށް ބޭކަލުން އެބަތިއްބެވިއެވެ. އެންމެހާ ދަންނަބޭކަލުންގެ ބަސްފުޅުތަށް ރިޢާޔަތްކުރަންވާނެއެވެ. އިސްލާމީ ވަކި ޤައުމެއްގައި ޢަމަލުކުރާ ގޮތަކީ ދަލީލެއްނޫނެވެ. ދަލީލަކީ ޤުރްއާނާއި ސުންނަތާއި އިޖުމާޢާއި ޤިޔާސެވެ. ޤައުމުތަކުން ފެންނަ ކަންކަމާއި ޤައުމުތަކުގައި ޢަމަލުކުރާ ގޮތްތަކަކީ ދީނުގެ މަޞްދަރުތަކެއްނޫނެވެ. ކޮންމެ ޤައުމުމަކުން ވެސް ފިޤްހީ މައްސަލަތަކުގައި ޢަމަލު ބަހައްޓަނީ އެޤައުމުގެ ރައްޔިތުންގެ ޙާލަތާ ގުޅޭ ގޮތަށް ނައްޞުތަކާ ތަޢާރުޟް ނުވާ ގޮތަށެވެ. ކޮންމެވެސް މަޒުހަބެއްގެ ގޮތަށެވެ. އެގޮތް އެހެން ޤައުމަކަށް ނުފެތި ހިނގައިދާނެއެވެ. ނަމަވެސް އުޞޫލުތަކުގައި އެންމެހައި މުސްލިމުން ހަމަހަމަވެގެންވެއެވެ. ދީނުގެ ރުކުންތަކާއި މައިގަނޑުކަންކަމުގައި ސުންނަތް ޖަމާޢަތުގެ އެންމެހައި މުސްލިމުން ހަމަހަމަވެގެންވެއެވެ.

މުސްލިމު އަޚުންނޭވެ! ޢިލްމުވެރިން އިއްތިފާޤުވެފައިވާ ކަންތައްތަކަށް އިސްކަންދީގެން ކުރިއަށް ދިއުމުގައި ނޫނީ އުންމަތުގެ ވަޙުދަތާއި އެކުވެރިކަމެއް ނޯންނާނެއެވެ. އެއްހާސް ހަތަރު ސަތޭކަ އަހަރުވެގެން ދިޔައިރު ޙައްލުނުވެހުރި ފިޤްހީ ފަރުޢީ ކުދިކުދި ޚިލާފުތަށް މިއަދު ޙައްލުވާނެތޯއެވެ؟ އެޚިލާފުވުންތައް އުފެދިފައިވީ އަދުގެ މުސްލިމުންނަށް ވުރެ މާ މާތް ދަންނަބޭކަލުންގެ ތެރޭގައެވެ. އަޞްޙާބު ބޭކަލުންގެ ދަންނަބޭކަލުންގެ ތެރޭގައެވެ. މުހާޖިރުންނާއި އަންޞާރުންނެވެ. ޝަހީދުންނާއި ޞިއްދީޤުންނެވެ. ޚިލާފު އުފެދުނަސް އެކުވެރިވެއުޅުއްވިއެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އަޚުންނާމެދު އެލޯތްބެއް ނެތެވެ. އެސުންނަތެއް ނެތެވެ. ދީނީ ކަންކަމުގައި އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު އެއްގޮތް ނުވަންޏާ ސަލާމްވެސް ނުކުރެވޭ ހިސާބަށް މިވަނީ އަޅުގަނޑުމެންގެ ޢަމަލުތައް ގޮސްފައެވެ. އެކަކު އަނެކަކަށް ބަލާވެސް ނުލަނީއެވެ. ތިމާގެ ހިތުގައި ތިމާގެ މުސްލިމް އަޚާމެދު ލޯތްބެއް ނެތި ، ތިމާ ދެކޭ ގޮތަށް އޭނާ ނުހުއްނާތީވެ، އޭނާ ފާސިޤުކޮށް ފާޖިރުކޮށް ދުރުކޮށްފި ނަމަ އޭނާ މުއުމިނަކަށް ހަދާނީ ދެން ފަހެ ކާކު ހެއްޔެވެ؟

މާތްރަސޫލާގެ އަޚްލާޤާއި އަޞްޙާބު ބޭކަލުންގެ ތަރުބިޔަތު އޮތީ މިހިނަކުން ނޫނެވެ. ރަސޫލުﷲ އަށް ފުރައްސާރަކޮށް، ހިންގަވާ މަގުމައްޗަށް ކުނިއަޅައި އުޅުނު ޔަހޫދީ އަންހެންނާ ފަހުން ފެނިވަޑައި ނުގަންނަވާތީވެ އޭނާގެ ގެއަށް ރަޙްމަތުގެ މާތް ސާހިބާ ވަޑައިގެންނެވިއެވެ. އެކަނބުލޭގެ އޮތީ ބަލިޙާލުގައެވެ. އެކަނބުލޭގެ ބިރުން ސުވާލުދެންނެވިއެވެ. މުޙައްމަދު ( އެކަލޭގެފާނަށް ސަލާމްހުއްޓެވެ.) އަޅުގަނޑުގެ ގެއަށް ވަޑައިގެންނެވީ ކީއްވެތޯއެވެ؟ ރަޙުމަތުގެ މާތް ނަބިއްޔާ ރަޙުމަތުގެ ދޫފުޅުން ޙަދީޘްފުޅުކުރެއްވިއެވެ. މިހާރު މަގުމަތީން ކަނބުލޭގެ ފެނިވަޑައިނުގަންނަވާތީވެ ވީކިހިނެއްތޯ ބައްލަވާލެއްވުމަށް ވަޑައިގެންނެވީއެވެ. އެކަނބުލޭގެ ދިން ޖަވާބު ހާދަހާވާ ފުރިހަމައެވެ. ( أشهد ألا إله إلا الله و أشهد أن محمدا رسول الله ) މިއެވެ." މާތް ﷲގެ ނަބިއްޔާ އެދެއްކެވީ ކޮންފަދަ ރިވެތި މާތް އަޚްލާޤެއްތޯއެވެ؟ މުސްލިމަކާއެކު ވެސް ނޫނެވެ. ޔަހޫދީއަކާއެކުގައެވެ.

މުސްލިމު އަޚުންނޭވެ! މިފަދަ ސުންނަތްތައް ދިރުވުމަށް މިއަދު މުޖުތަމަޢުވަނީ އިންތިހާއަށް ބޭނުންވެފައެވެ. ޚިލާފުހުރި ކަންކަމުގެ ތެރެއަށް ނުވަދެ އުޞޫލުތަށް ދިރުވައި ސުންނަތަކަށް ނަޞްރު ދިނުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެލައްވާށެވެ! އަޅުގަނޑުމެން އެންމެންނަކީ މުސްލިމުންނީމެވެ. ބައެއް މީހުންގެ ޢަމަލުތަށް ވަނީ އިޞްލާޙުކުރަންޖެހިފައެވެ. މިކަމުގައި އޯގާތެރިވެލައްވާށެވެ! ނަރަކައިގެ އިންޒާރު ދެއްވާފަދައިން ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަވެސް ދައްކަވާށެވެ! އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ!

މަސްތުވާތަކެއްޗާއި، ޒިނޭއާއި، މުންކަރާތްތަކުގެ ޝިކާރައަކަށް ވެފައިވާ މުޖުތަމަޢުގެ މީހުންގެ ގާތަށް ގޮސް ރޮއި އާދޭސް ކޮށްގެން ނަމަވެސް އެއިން މީހަކު ރަނގަޅު ކުރުމުގައި އެތަށް ސަވާބާއި ދަރުމައެއް ލިބޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިސްކިތަށް ނަމާދަށް އަންނަ މީހުންނަށް ފާޑު ކިޔައި އެމީހުން ސުންނަތުން ދުރުކުރުމަށް ވުރެ ނަމާދަށް ނާންނަމީހުން ނަމާދަށް ގެނައުމަށް ބާރު އެޅުން މާތް ކަންބޮޑުވާނެއެވެ.

އަޚުންނޭވެ! ދީނަށް ދަޢުވަތު ދިނުމާއި މުންކަރާތްތަށް ނަހީކުރުމުގައި، ދަރަޖަތައް ތަފާތުކުރަންޖެހޭނެއެވެ. ވަކިން ޚާއްޞަކޮށް މުސްލިމުންގެ މުޖުތަމަޢުގައެވެ. އަޅުގަނޑުމެން ވަށައިގެންވަނީ މުސްލިމުންނެވެ. ޔަހޫދީންނެއްނޫނެވެ. ނަޞާރާއިންވެސް ނޫނެވެ. މުސްލިމުންނެވެ. ގިނައީ ދީނީ ތަޢުލީމު އެހާބޮޑަށް ނޭގި ތިބެ ދީން ދެކެ ލޯބިވާ މީހުންނެވެ. އެމީހުންގެ އިޙްސާސްތަށް ދަނެގަންނަން ޖެހޭނެއެވެ. އެންމެ މުހިންމު ކަންކަމާއި، މުސްތަހައްބު ކަންކަމާއި، ވާޖިބުކަންކަމާއި، ދީނުގެ ރުކުންތަކުގެ ހުރި ތަފާތު ދަނެގަންނަން ޖެހޭނެއެވެ.

މުހިންމު ކަމަށް ވުރެ އެންމެ މުހިންމު ކަމަށް އިސްކަން ދޭށެވެ. ސުންނަތް މަންދޫބު ކަންކަމަށް ވުރެ ވާޖިބަށް އިސްކަންދޭށެވެ. ވާޖިބަކަށް ވުރެ ރުކުނަށް އިސްކަންދޭށެވެ. އެންމެން ހެޔޮކަންކަމުގައި އެއްވަރު ނުވާނޭ ކަން ދަންނާށެވެ. އެހެން ނަމަ އެންމެހާ ޞަޙާބީންނަކީ އަބޫބަކުރުންނާއި ޢުމަރުންނާއި ޢުޘްމާނުންނާއި ޢަލީއިންނަށް ވީހެވެ. ނަމަވެސް ފުރަތަމަ އަބޫ ބަކުރެވެ. ދެން ޢުމަރެވެ. ދެން ޢުޘްމާނެވެ. ދެން ޢަލީއެވެ. ހަމަ މިމޭރުމުން ފުރަތަމަ މުހާޖިރުންނެވެ. ދެން އަންޞާރުންނެވެ. ދެން ޢާއްމު ޞަހާބީންނެވެ. އެބޭކަލުންގެ ދަރަޖަ ތަފާތުވީ ހެޔޮކަންކަމުގައި ތަފާތުވުމުގެ ސަބަބުންނެވެ. އަބޫބަކުރުއްޞިއްދީޤްގެ ހުރިހާ މުދަލެއް ﷲގެ މަގުގައި ހޭދަކުރެއްވި ހިނދު، ޢުމަރުގެފާނުގެ މުދަލުގައި ދެބައިކުޅައެއްބައި ހޭދަކުރެއްވިއެވެ. މިކަން ކަމުން ޢިބްރަތް ހޯއްދަވާށެވެ.


މާތް ﷲ އަޅުގަނޑުމެންނަށާއި މުސްލިމުންގެ އެންމެނަށް ހެޔޮ ތައުފީޤް ދެއްވާށިއެވެ. އާމީން.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00