ސްޓެމް ސެލް ރިސަރޗް- ބޭސްފަރުވާގެ ދާއިރާގައި ހޯދިފައިވާ ބޮޑު ކާމިޔާބީއެއް
މިހޯދުމުގެ އަލީގައި ގުނަންތައް ނަކަލު ކޮށްލެވޭ
ސްޓެމް ސެލް ރިސަރޗަކީ 1998 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހޯދައިގަނެވުނު އެންމެ މުހިންމު އެއް ހޯދުމެވެ. މިހޯދުމުގައި ދެ ސައިންޓިސްޓަކު ވަނީ ދުވަސްނުފުރާ ވައްޓާލައިފައިވާ ކުދިންތަކެއްގެ ހަށިގަނޑުން ސްޓެމް ސެލް އޭކިޔާ މާއްދާ އެއް ވަކި ކޮށްފައެވެ. ސްޓެމް ސެލް ރިސަރޗްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ އެމްބްރިޔޯނިކް ސްޓެމް ސެލް ބޭނުންކޮށްގެން ތަހުލީލް ކުރުމާއި މެދުގައެވެ. ސަބަބަކީ މިވައްތަރުގެ ސެލްތަކުގެ ބޭނުންކޮށްގެން ކޮންމެ ބައްޔަކަށްވެސް ފަރުވާ ދިނުމުގެ ގާބިލްކަން ލިބިފައި ވާތީއެވެ. ސްޓެމް ސެލްތަކަށް ޚާއްސަ ސިގްނަލް ތަކެއް ދިނުމުން އެއެއްޗެހިތައް އެކިގޮތްގޮތަށް ނުވަތަ ތަފާތު ވައްތަރުގެ ސެލްތަކަށް ބައިވެ ދިރޭ އެއްޗެއްގެ ސިފަ ލިބިގަނެއެވެ. މިގޮތުން މިސެލް ތަކަށް އިންސާނާގެ ހަށިގަނޑުގައިވާ 210 ޓިޝޫ އަށް ބަދަލުވުމުގެ ގާބިލްކަން ލިބިފައިވެއެވެ. މިގޮތުން ކޮންމެފަދަ ބައްޔެއް ނުވަތަ ގެއްލުމެއް ލިބިފައިވިޔަސް މި ތަހްލީލުގެ އެހީގައި މަރުވެފައިވާ ސެލްތައް އަލުން މަރާމާތް ކޮށްލެވެއެވެ. ސްޓެމްސެލް ރިސަރޗް ހެދުމުގެ މައިގަނޑު ބޭނުން ތަކުގެ ތެރޭގައި ހިމެނެނީ ކުއްޖާ އުފެދި ބޮޑުވަމުންދާ ގޮތުގެ ސައިންޓިފިކް ތަހްލީލްތައް ކުރުމާއި، ތުރުތުރު އަޅާބަލި، ހަކުރު ބަލި، ކަށީގެ ބަލިތައް ، މައިއިބަދަ އަށް ލިބޭ ގެއްލުންތައް، ސިކުނޑި، އަދި ވާގިނެތުންފަދަ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. އެމްބްރޯނިކް ސްޓެމް ސެލް އަދި އެޑަލްޓް ސްޓެމް ސެލް ހޯދުންތަކުން ލިބޭ ބައެއް ފައިދާ ތަކުގެ ތެރޭގައި ހިމެނެނީ މިހާތަނަށް މާބޮޑު ފަރުވާ އެއް ދެވެން ނެތް ބަލިތައް އެއްކޮށް ރަނގަޅު ކޮށްލެވުމާއި، ތަދު ފިލުވުމަށް ބޭސް އުފެއްދުމާއި، ކްލޯން ކުރުމަށާއި އަދި މޮޅެތި ބޭސްތައް އުފެއްދުމަށެވެ. މިގޮތުން ހަށިގަނޑުގެ ކޮންމެ ގުނަވަނަކާއި އެއްގޮތް ނަމޫނާއެއް (ހިތާއި، ފުއްޕާމޭ މައިބަދަފަދަ) ސްޓެމްސެލް ރިސަރޗްގެ އެހީގައި އުފެއްދިދާނެއެވެ.ހަށިގަނޑުގެ ކޮންމެ ގުނަވަނަކާއި އެއްގޮތް ނަމޫނާ އެއް (ހިތާއި، ފުއަޕާމޭ މައިބަދަ ފަދަ) ސްޓެމް ސެލް ރިސަރޗް ގެ އެހީގައި އުފެއްދިދާނެއެވެ. މިގޮތުން މީހަކަށް މިސާލަކަށް ފުއްޕާމޭގަނޑެއް ބޭނުންވެއްޖެނަމަ ކޮންމެހެން އެހެންމީހެއްގެ ފުއްޕާމޭ ހޯދާ ކަށް ނުޖެހޭނެއެވެ. އެހެން ކަމުން ކްލޯން ކޮށްފައިވާ ފުއްޕާމޭގަނޑެއް ބޭނުން ކުރުމުން އޭތި ހަށިގަނޑަށް ހޭނުމަށްޓަކައި ގިނަދުވަހަށް ބޭސް ކާކަށްވެސް ނުޖެހޭނެއެވެ. ސަބަބަކީ މިމޭގަނޑަކީ ސީދާ އަސްލު މޭގަނޑުގެ ނަކަލަކަށް ވުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ކުރީގެ މޭގަޑާއި އެއްފަދައިން އަލަށް ލެއްވި މޭގަނޑު ގަބޫލުކުރާތީއެވެ. އެހެންނަމަވެސް ސްޓެމް ސެލް ބޭނުންކުރުމުގައި ދިމާވާ ބައެއް ގެއްލުންތަކެއްވެސް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިރޭފުރާނަތަކެއް ގަސްދުގައި މަރާލުމާއި، އަދި ދިރޭތަކެތި އުފެދި ބޮޑުވަމުންދާ ނިޒާމަށް ބާރުފޯރުވުމެވެ. އެމްބްރޯނިކް ސްޓެމް ސެލް ތަހްލީލްތައް ކުރުމުގައި ބޭނުންކުރާ ލާއިންސާނީ ގޮތްތަކުގެ ސަބަބުން ދުނިޔޭގައި މިހޯދުމާއި ދޭތެރޭގައި ދަނީ ތަފާތު ގޮތް ގޮތަށް ބަހުސް ކުރެވެމުން ނެވެ. އެމްބްރޯނިކް ސްޓެމް ސެލްއާއި ދޭތެރޭ ޚިޔާލު ތަފާތު ވިޔަސް އެޑަލްޓް ސްޓެމް ސެލް ނުވަތަ ސޮމޭޓިކް ސްޓެމް ސެލް ތަކުގެ ބޭނުންކޮށް ގެން ކުރާ ތަހުލީލުތަކުން މާކަބޮޑު މައްސަލަތަކެއް ކުރިމައްޗެއް ނުވެއެވެ. ސަބަބަކީ މިވައްތަރުގެ ސެލްތައް ބޭނުންކޮށްގެންގެން ކުރާ ތަހުލީލް ތަކުގައި އިންސާނާގެ ފުރާނައަށް އެއްވެސް ގެއްލުމެއް ނުލިބޭތީއެވެ. މިވައްތަރުގެ ސެލް ތައް ބޯންމެރޯއިންނާއި ފޫޅު ދަނޑި، ފުރަމޭ، އަދި ގޮހޮރު ފަދަ ތަންތަނުން ފަސޭހައިން ލިބެއެވެ. އެހެންނަމަވެސް އެޑަލްޓް ސްޓެމް ސެލް ތަކަށް ވުރެ އެމްބްރިޔޯނިކް ސެލް ތަކުގެ ބޭނުން ބޮޑެވެ. ސަބަބަކީ އެމްބްރިޔޯނިކް ސެލް ތައް ހަށިގަނޑުގެ ގާތްގަނޑަކަށް ހުރިހާ ޓިޝޫތަކަށް ބަދަލުވުމުގެ ގާބިލްކަން ލިބިފައިވިޔަސް އެޑަލްޓް ސްޓެމް ސެލް އަކަށް މިހުރިހާ ވައްތަރުގެ ޓިޝޫތަކަކަށް ބަދަލުވުމުގެ ގާބިލް ކަމެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މިކަހަލަ ސެލްތަކުގެ ބޭނުން އެމްބްރިޔޯނިކް ސްޓެމް ސެލްތަކުގެ ބޭނުމަށްވުރެ ކުޑައެވެ. އެމްބްރޯނިކް ސްޓެމް ސެލް ރިސަރޗް ކުރުމުގައި މައްސަލަ އަކަށް ދިމާވަނީ ކުޑަކުޑަ ފުރާނައެއްގެ ގޮތުގައި ދަރިފުޅުވަނިކޮށް އޭތިން ސެލްތައް ނެގުމުގައި ލިބޭ ގެއްލުންތަކުގައި މައުސޫމް ފުރާނައެއް މަރުވުމުންނެވެ. ކިތަންމެ ގިނަބައަކަށް ފައިދާ ކުރިކަމުގައި ވިޔަސް އެއްވެސް ކުށެއްނެތް މައުސޫމް ކުއްޖެއް ގަސްދުގައި މަރާލުމަކީ އެއްވެސް ގާނޫނެއް ހުއްދަ ކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް އެމްބްރިޔޯނިކް ސްޓެމްސެލް ރިސަރޗް ހެދުމާއި އެއްކޮޅަށް ވަކާލާތު ކުރާމީހުންގެ ނަޒަރުގައި ގިނަބައަކަށް ފައިދާ ކުރާނަމަ މަދު ފުރާނައެއް ގުރުބާން ކޮށްލުމަކީ މާކަބޮޑު މައްސަލައެއް ނޫނެވެ.



ކޮމެންޓްސް ފުނުއްވާ