ފުރަތަމަ ސަފްހާ | ޚަބަރު | ކުއްލި ޚަބަރު: އަބްދު ﷲ ހަމީދުގެ ގައްދޫ ދަތުރުފުޅު ލަސްކުރައްވައިފި

ކުއްލި ޚަބަރު: އަބްދު ﷲ ހަމީދުގެ ގައްދޫ ދަތުރުފުޅު ލަސްކުރައްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font

ދަތުރު ލަސްކުރުރައްވަން ޖެހުނީ ގައްދު އަށް ވަޑައިގަތުމުން އެބޭފުޅުންނަށް ނަރުދަމާ ނިޒާމްގެ މައްސަލާގައި ހިތްހަމަ ނުޖެހިފައި ތިބި ރައްޔިތުންގެ ނުރުހުންތެރިކަން ކުރިމަތި ވާނެ ކަމުގެ ޚަބަރު ލިބުމުން ކަމަށްވޭ.

17:40- އަބުދު ﷲ ހަމީދާއި އެމަނިކުފާނާ އެކު ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވި ޓީމް ގައްދު އަށް ވަޑައިނުގެން ގދ. ވާދޫ އިން ސީދާ  ތިނަދު އަށް ވަޑައިގެންފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ގައްދޫ އޮފީހުން މައުލޫމާތު ލިބޭ ގޮތުގައި މިއަދު އެ ޓީމް ގައްދު އަށް ވަޑައިގަތުމަކަށް މިހާރު ހަމަޖެހިފައެއް ނުވެއެވެ. އަދި އެބޭފުޅުންގެ ދަތުރު ކުރިއަށް އޮތް ގޮތުގެ މައުލޫމާތު އިތުރަށް ލިބިވަޑައިގެންފައި ނުވާ ކަމަށާއި އަދި މާދަމާވެސް ގައްދުއަށް ދަތުރުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމެއް އެފަރާތަށް އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ރަށުއޮފީހުގެ ފަރާތުން މައުލޫމާތު ލިބިފައި ވެއެވެ. ގައްދޫ ގެ އިތުރުން ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ގއ. ދެއްވަދޫގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ކުރިމަތިވި ހިތްހަމަ ނުޖެހުންތަކުގެ ސަބަބުން އެރަށަށް ފައިބާވަޑައިނުގަންނަވާ ކަމަށްވެސް މިސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

16:43- ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަލްއުސްތާޒް އަބުދުﷲ ހަމީދު ގައްދު އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ގަޑި ލަސްކޮށްލެއްވުމަށްފަހު އިސްތިގްބާލަށް ވަޑައިގެން ތިއްބެވި ބޭފުޅުން އަނބުރާ ގެއަށް ވަޑައިގަތުމަށް ގައްދޫ އޮފީހުން އަންގަވައިފިއެވެ. މިގޮތަށް އަންގަވަން ޖެހުނީ ގައްދޫ ނަރުދަމާ ނިޒާމް ކެންސަލް ކުރެއްވުމާއި ގުޅިގެންއެކަމާއި ދޭތެރޭގައި ހިތްހަމަ ނުޖެހިފައި ތިބި ރައްޔިތުން އެބޭފުޅުންގެ އިހްތިޖާޖާއި ނުރުހުންތެރިކަން ފާޅު ކުރުމަށް މަސައްކަތް ކުރާ ކަމުގެ ޚަބަރު ލިބުމުން ކަމަށްވެއެވެ. ގައްދޫ އޮފީހުން ވިދާޅުވި ގޮތުގައި މި ބޭފުޅުން ގައްދު އަށް ވަޑައިގަންނަވާ ވަގުތު ފަހުގެ ވަގުތެއްގައި އިސްތިގްބާލަށް ވަޑައިގެންނެވި ބޭފުޅުންނަށް އަންގަވާނެކަމަށެވެ.

ގައްދޫގެ ރައްޔިތުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން މަގުމަތީގައި ކޮންމެވެސް ވަރަކަށް ފޮތިތައް ދެމުމުގެ އިތުރުން ފާޚާނާ ނިޒާމް ކަން ދައްކުވައިދޭ ބައެއް ތަކެތިވަނީ ގައްދޫ ޖެޓީ ސަރަހައްދު ގައި ބަހައްޓާފައެވެ. އެހެންނަމަވެސް އެބޭފުޅުންގެ ފަރާތުން ޚަބަރު ލިބޭގޮތުގައި އެއްވެސް ކަހަލަ ބޭ އަދަބީ ކަމެއް އެބޭފުޅުން ކުރައްވަން ބޭނުންނުވާ ކަމަށާއި ހަމަ އެކަނި ބޭނުންވަނީ މިކަމުގައި ރައްޔިތުންގެ ޝުއޫރު ހުރި ގޮތް ވަޑައިގަންނަވާ ޓީމަށް ހާމަކުރެއްވުން ކަމަށެވެ.

 

  

ދާދި ފަހުން ރައީސުލް ޖުމްހޫރިއްޔާގެ އެޑްވައިޒަރެއްގެ ގެ މަގާމުން ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ ކަމަށް ބަދަލު ކުރައްވާފައިވާ އަދި ކުރީގެ އެޓޮލްސް މިނިސްޓަރ އަލްއުސްތާޒް އަބްދުﷲ ހަމީދު ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ކުރަމުންދާ ދަތުރު ފުޅެއްގައި  މިއަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވަމުން  އެބަގެންދަވާކަމަށް ޚަބަރު ލިބިއްޖެއެވެ.

އެޓޮލްސް މިނިސްޓަރ ގެ މަގާމް ގައި އެމަނިކުފާނު ހުންނެވި އިރު ބައެއް ރަށްރަށަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ މިހާތަނަށް ނުކޮށްދެއްވިފައި ހުރި ބައެއް ކަންތައްތައް ހުރުމުގެ ސަބަބުން ބައެއް ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ނުރުހުންތެރިކަމާއި ހިތްހަމަނުޖެހުމުގެ ޝުއޫރުތަކާއި އެމަނިކުފާނަށް މިދަތުރުފުޅުގައި ކުރިމަތި ލައްވަން ޖެހުނު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މިގޮތުން ގއ. ގެމަނަފުށީގެ ރައްޔިތުން ގެ ފަރާތުން މިފަދަ ނުރުހުންތެރިކަމުގެ އަމަލު ތަކެއް ފެނިފައިވާ ކަމަށް މިސައިޓަށް މައުލޫމާތު ލިބިފައި ވެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ގދ. ގައްދު އަށް މިއަދުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރު ލިބިފައި ވެއެވެ. ގައްދު އަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ މެންދުރު ފަހު 14:00 އެހާ ކަންހާއިރު ކަމަށް ވީނަމަވެސް ދަތުރުފުޅުގައި ގދ.ގެ އިތުރު ރަށަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވުމުގެ ސަބަބުން ގައްދު އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ގަޑިއަށް ބަދަލު އައިސްފައިވާ ކަމަށްވެސް މިސައިޓަށް މައުލޫމާތު ލިބިފައި ވެއެވެ. 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0