ގައްދޫ ކަތިބު އިސްމާއީލް ޝަމީމް ތިނަދޫ ބިއުރޯއަށް ރޭޑިއޯ އިންޓަރވިއު ދިނުން ހުއްޓާލައިފި
އިންޓަރވިއު ދިނުން ހުއްޓާލާފައިވަނީ ގައްދޫގެ ޚަބަރުތައް ގެނެސްދިނުމަށް ބިއުރޯ އިން މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ވިދާޅުވެ.
ތިނަދޫ ބިއުރޯ އަށް ރޭޑިއޯ އިންޓަރވިއު ދިނުން ހުއްޓާލާފައިވާ ކަމަށް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ގައްދޫގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުމެއްގައި ގައްދޫ ކަތީބު އަލްފާޟިލް އިސްމާއީލް ޝަމީމް ވިދާޅުވެއްޖެއެވެ. އިންޓަރވިއު ދިނުން ހުއްޓާލާފައިވަނީ ގައްދޫގައި ހިނގާ އިވެންޓްތައް ގެނެސްދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ވިދާޅުވެފައެވެ.
ދާދި ފަހުން ގައްދޫގައި ކުރިއަށްދިޔަ ރަފްޓާޕްރޮޖެކްޓް އިފްތިތާހް ކުރުމުގެ ޖަލްސާ އާއި ގައްދޫ ޕަރޓްނަރ ޝިޕްގްރޫޕްގެ ފުރަތަމަ ބައްދަލުވުން ކަވަރު ކުރުމަށްޓަކައި ތިނަދޫ ބިއުރޯ އަށް ދައުވަތު ދެއްވާފައިވާ ކަމަށް ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް އަބޫބަކުރު މުހައްމަދާއި ސުވާލުކޮށްލުމުން ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް އިވެންޓެއް ބިއުރޯ އިން ވަނީ ކަވަރު ނުކޮށްފައެވެ.
ގައްދޫ ރައްޔިތުން ދެކޭ ގޮތުގައި ގައްދޫ ގައި ހިނގާ އިވެންޓްތައް ކަވަރު ކުރުމަށް ތިނަދޫ ބިއުރޯ އިން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އިވެންޓެއް ކަވަރުކުރާ މަދު ފަހަރެއްގައިވެސް ދައްކާފައިވަނީ ވަރަށް ކުޑަވަގުތު ކޮޅެއްގައި ނުވަތަ ނުބައި ވީޑިއޯއެކެވެ.
އެހެންކަމުނަ ގައްދޫއާއި ގައްދޫ ކައިރިރަށްރަށުގައި ހިނގާ މުހިއްމު އިވެންޓްތައް ގެނެސްދިނުމުގައި ހަމަހަމަ ގޮތެއްގައި އަމަލު ކުރަން ޖެހެއެވެ. މިފަދަ އިވެންޓްތައް ކަވަރު ކުރުމުގައި މައްސަލަ އަކަށް ދިމާވަނީ ދަތުރުފަތުރުގެ މައްސަލަ ކަމުގައިވަނީ ނަމަ ގދ. ގައި އިތުރު ބިއުރޯ އެއް ގާއިމް ކޮށްގެން ނަމަވެސް މިމައްސަލަ އަށް ހައްލެއް ހޯދަން އެބަޖެހެއެވެ.
ގައްދޫ ކަތީބު އިސްމާއީލް ޝަމީމް ވިދާޅުވިގޮތުގައި ގދ. ގައި އިތުރު ބިއުރޯ އެއް ގާއިމްކުރެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަޑު އިވިފައިވާ ކަމަށާއި އަދި މިބިއުރޯ ގައްދޫގައި ގާއިމްކުރުމަށްޓަކައި މަސައްކަތް ކުރައްވާ ކަމަށެވެ. އިތުރު ބިއުރޯއެއް ގާއިމްކުރައްވާނަމަ އެބިއުރޯއެއް ގާއިމްކުރެވެންދެން ނަމަވެސް ހަމަހަމަ ގޮތެއްގައި ގައްދު އާއި ގައްދޫގެ ކައިރި ރަށްރަށުގެ ޚަބަރުތަކާއި މައުލޫމާތުތައް ގެނެސްދެއްވުމަށް ބާރު އެޅުއްވުމަށްޓަކައި އިންފޮމޭޝަން މިނިސްޓްރީ އަށާއި ގދ. އަތޮލުވެރިޔާ އަލްފާޟިލް އަލީ ޝަރީފަށް ގައްދޫ ރައްޔިތުން އިލްތިމާސް ކުރަމެވެ.



ކޮމެންޓްސް ފުނުއްވާ