ގަމުގައި ހެދުމަށް ހަމަޖެހިފައިވާ ފާޚާނާބަރި އާއި ފެރީ ބަނުން ބަޔަކާ ހަވާލުކޮށްފި
ފާޚާނާ ހެދުމުގެ ބިޑް ނައީމް ކާމިޔާބްކުރިއިރު އުޅަނދު ބަނުމުގެ ބިޑް ކާމިޔާބްކުރީ ޒާހިރު އުސްމާން.
ރަފްޓާ ޕްރޮޖެކްޓް ގެ ދަށުން ގދ. ގަމުގައި ހެދުމަށް ހަމަޖެހިފައިވާ ފާޚާނާ ބަރިއާއި ގައްދުއާއި ގަމާއި ދޭތެރޭގައި ދަތުރުކުރުމަށް ޓަކައި ބަނުމަށް ހަމަޖެހިފައިވާ އުޅަނދުބަނުމުގެ ބިޑް ކާމިޔާބް ކުރިފަރާތްތަކަށް އެމަސައްކަތްތައް ހަވާލުކޮށްފިއެވެ.
މިގޮތުން ފާޚާނާ ބަރި ތައްޔާރުކުރުމުގެ ބިޑް ގައްދޫ އަތިރީވިލާ މުހައްމަދު ނައީމް ކާމިޔާބްކުރެއްވި އިރު ގަމާއި ގައްދުއާއި ދޭތެރޭގައި ދަތުރުކުރުމަށް ފެރީއެއް ބަނުމުގެ ބިޑް ކާމިޔާބްކޮށްފައިވަނީ ގައްދޫ ނަދުވާ ޒާހިރު އުސްމާނެވެ.
އިންޖީނާއިއެކު 40 ފޫޓް ދިގުމިނަށް ފައިބަރުން ބަނުމަށް ހަމަޖެހިފައިވާ މިއުޅަނދު 80 ދުވަހުގެ ތެރޭގައި ނިންމާ ވެރިފަރާތާއި ހަވާލުކުރުމަށް ޒާހިރު އުސްމާން ހުށަހަޅާފައިވާ އަގަކީ 399،000 ރުފިޔާއެވެ. އަދި 21'*6.5' ބޮޑުމިނުގެ ފާޚާނާ ބަރި 1 މަސްދުވަހުގެ ތެރޭގައިހަދާ ނިންމާގޮތަށް ނައީމް ހުށަހަޅާފައިވާ އަގަކީ 95،660 ރުފިޔާއެވެ. މިފާޚާނާ ބަރީގައި ޖުމްލަ 3 ފާޚާނާ އާއި، 2 ފެންވަރާތަނާއި އަދި ޕަމްޕް ސްޓޭޝަނެއް ހެދުމަށް ހަމަޖެހިފައި ވެއެވެ. ފެރީދޯނި ބަނުމަށްޓަކައި 4 ފަރާތަކުން އެސްޓިމޭޓް ހުށަހެޅިއިރު ގަމުގައި ފާޚާނާ ބަރި ހެދުމަށްޓަކައި ޖުމްލަ 7 ފަރާތަކުން ކުރިމަތިލާފައިވެއެވެ.



ކޮމެންޓްސް ފުނުއްވާ