ޒާހިރުގެ ކެމްޕޭން ލޯންޗަށް ނޭރުވި މައްސަލައެއްގައި މާރާމާރީ ހިންގައިފި
މިމީހުން ތަޅައިގަންނަން އުޅުނީ ޒާހިރުގެ ކުއްޖަކާއި އަދިވެސް އިތުރު އެހެންމީހެއްގެ ގައިގައި ކަމަށްވޭ.
ގދ. ގެ އިއްޒަތްތެރި މެމްބަރ ޒާހިރުއާދަމްއަށް ކެމްޕޭންކުރުމަށްޓަކައި ވާދުއަށް ދިޔަ ލޯންޗަކަށް ބަޔަކު ނޭރުވި މައްސަލައެއްގައި ބަޔަކު މާރާމާރީ ހިންގައިފިކަމަށް ޚަބަރު ލިބިއްޖެއެވެ.
މިދަތުރުގައި ވާދުއަށް ދިޔަ ކެމްޕޭން ޓީމްގައި ޒާހިރުގެ ކުއްޖެއް ބައިވެރިވިކަމަށާއި މިމީހުން އެކުއްޖާގެ ގައިގައި ތަޅައިގަންނަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ޒާހިރުއަށް ކެމްޕޭންކުރުމަށް އިސްކޮށްއުޅޭ މީހަކު މައުލޫމާތު ދިންގޮތުގައި މިހާދިސާއަކީ ބައެއްގެ ރޭވުމެއްގެ ދަށުން ހިންގާފައިވާ އަމަލެއްކަމަށް ވަރަށްބޮޑަށް ބެލެވެއެވެ. ސަބަބަކީ މިހާދިސާ ހިނގުމުގެ ދެ ތިން ދުވަސް ކުރިންވެސް މާރާމާރީ ހިންގާނެކަމުގެ އިންޒާރުތަކެއް ބައެއްގެ ފަރާތުން ލިބިފައި ވުމުން ކަމަށެވެ.
ގައްދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިމައްސަލައާއި ބެހޭގޮތުން މައުލޫމާތު ދީފައިވާ ގޮތުގައި މިމީހުން ނުގެންދިޔަ މައިގަނޑު ސަބަބެއް ކަމަށް އެނގިފައިވަނީ މިދަތުރުގައި މަސްތުވާ ތަކެތި ގެނައުމަށް މިމީހުން މަސައްކަތް ކުރާކަމުގެ ރިޕޯޓެއް ލިބިފައި ވުމުގެ ސަބަބުންނެވެ.
މިމާރާމާރީ ހުއްޓުވީ ގައްދޫގައި ތިބޭ ފުލުހުން އެތަނަށް ގޮސްގެންކަމަށާއި މާރާމާރީ ހުއްޓުވުމުގައި ފުލުހުންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.



ކޮމެންޓްސް ފުނުއްވާ