މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ކަމުގެ މަގާމަށް އުމަރު ޖަމާލް އައްޔަންކޮށްފި
މިމަގާމް އިއުލާން ކުރައްވާފައިވަނީ ރޭ ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި
މަތި ދެކުނު ޕްރޮވިންސް ކަމުގައިވާ (ގއ، ގދ) ގެ ސްޓޭޓް މިނިސްޓަ ކަމުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ ބޭފުޅަކު އިސްކުރައްވައިފިއެވެ. މިމަގާމަށް އައްޔަންކޮށްފައިވަނީ އަލްފާޟިލް އުމަރު ޖަމާލެވެ. ރައީސްގެ އާއިލާ ރޭ މުލީއާގެއަށް ބަދަލުވެވަޑައިގަތުމަށްފަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 4 ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ދެއްވާފައިވެއެވެ.
މިގޮތުން ސްޓޭޓް މިނިސްޓަރކަމުގެ މަގާމް ދެއްވި ބޭފުޅުންގެ ތެރެއިން އުތުރު ޕްރޮވިންސް ކަމުގައިވާ (މ،ރ،ބ،ޅ) ގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސަވާފައިވަނީ މ.ނޫހިރި ތިލްމީޒާ ހުސައިނެވެ. މެދުއުތުރު ޕްރޮވިންސް (ކ،އއ،އދ،ވ) ގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހަމަޖެއްސެވީ އަލްފާޟިލް މޮނާޒާ ނައީމެވެ. މެދު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހަމަޖެއްސެވީ ދ. ކުޑަހުވަދޫ ބޮޑުގެ ފާރޫގު މުހައްމަދު ހަސަނެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރައިގެ ގޮތުގައި 35000 ރުފިޔާއާއި 15000 ރުފިޔާގެ އެލަވަންސެއް ދެއްވާއިރު ސްޓޭޓް މިނިސްޓަރެއްގެ ނައިބެއްގެ މުސާރައިގެ ގޮތުގައި ހަމަޖައްސާއިވަނ 20500 ރުފިޔާއާއި 15000 ރުފިޔާގެ އެލަވަންސެކެވެ
މިމަގާމްތަކަށް ބޭފުޅުން ހަމަޖެއްސެވުމާއިއެކު މިހާރު ޖުމްލަ 7 ޕްރޮވިންސަށް ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްވަނީ ނިމިފައެވެ. މީގެކުރިން ސްޓޭޓް މިނިސްޓަރުން އިއުލާން ކުރައްވާފައިވާ ޕްރޮވިންސް ތަކަކީ، މަތި އުތުރު ޕްރޮވިންސް ކަމުގައިވާ ހއ، ހދ،ށ ގެ ސްޓޭޓް މިނސްޓަރ ކަމަށް އަލްފާޟިލް މުހައްމަދު ހުނަފާއި، މެދު ދެކުނު ޕްރޮވިންސް ކަމުގައިވާ ތ،ލ ގެ މިނިސްޓަރކަމަށް އަލްފާޟިލް އަހުމަދު މުޖުތަބާ އަދި ދެކުނު ޕްރޮވިންސް ކަމުގައިވާ ޏ،ސ ގެ ސްޓޭޓް މިނިސްޓަރކަމަށް އަލްފާޟިލް މުހައްމަދު ނަސީރެވެ.



ކޮމެންޓްސް ފުނުއްވާ