ގަމުން ވެލާ ސްޓޮކް ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ.
މީގެ އަހަރު ތަކެއް ކުރިން ރެއަކަށް 5 ނުވަތަ 6 ވެލާ ބިސްއަޅަން އެރިކަމުގައި ވިޔަސް މިހާރު ތިން ހަތަރު ރޭގެ މަތިން ވެސް ވެލައެއް ގަމުން ނުފެންނަކަމަށްވޭ.
ގދ. ގަމުންވެލާކަހަނބުގެ އާބާދީ އެއްކޮށް ހުސްވެދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ގަމުގެ ވެލާކަހަނބުގެ ހާލަތު ދިރާސާ ކުރެއްވުމަށް މިހާރު ވަޑައިގެން އުޅުއްވާ މެލޭޝިޔާގެ ކޮންސަލްޓަންޓް ވިދާޅުވެއްޖެއެވެ.
ގދ. ގަމަށް ވަޑައިގެން ވެލާކަހަނބުގެ ހާލަތު ދިރާސާ ކުރެއްވުމަށްފަހު އޭނާ ވިދާޅުވިގޮތުގައި ވެލައެއް އެކަށީގެންވާ ވަރަކަށް ބޮޑުވުމަށް ގާތްގަނޑަކަށް 30 އަހަރުނަގާނެކަމަށާއި ވެލާއާންމުކޮށް ބިސްއެޅުމަށް އަންނާނީ އޭތި އުފެދުނު ތަނަކަށް ކަމަށެވެ.
ގދ. ގަމަށް މީގެ އަހަރުތަކެއް ކުރިން ކޮންމެ ރެއަކު 5 ނުވަތަ 6 ވެލާ ބިސް އަޅަން އެރިކަމުގައި ވިޔަސް މިހާރު 4 ދުވަސް މަތިން މަސައްކަތް ކޮށްވެސް ގަމުން ވެލައެއް ނުފެންނަ ކަމަށް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިފައިވެއެވެ.
ގަމުން ވެލާކަތިލުމުގެ މަސައްކަތް ކުރަނީ ހަމައެކަނި ގައްދޫގެ ރައްޔިތުން އެކަނި ނޫންކަމަށާއި ހުވަދު އަތޮޅުގެ އެކިރަށްރަށުގެ މީހުން ގަމަށް ގޮސް މިއަމަލު ހިންގަމުން ގެންދާކަމަށް މައުލޫމާތުލިބިފައިވެއެވެ. ގަމުގެ ވެލާ ހިމާޔަތް ކުރުމަށްޓަކައި މަސައްކަތް ކުރުމަށް ރަފްޓާ ޕްރޮޖެކްޓްގައި މިއަހަރު ކޮމްޕޯނެންޓެއް ހިމަނާފައިވެއެވެ. މިގޮތުން ގައްދޫގައި އިންފޮމޭޝަން ސެންޓަރއެއް ގާއިމްކޮށް މިތަނުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވެއެވެ.
މިމައްސަލައަކީ ގައުމީ ފެންވަރުގައި އުފެދިފައިވާ ވަރަށް ސީރިއަސް މައްސަލައެކެވެ. އެހެންނަމަވެސް ވެލާ ކަހަނބުގެ އާބާދީ ހިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ގައުމީ ފެންވަރެއްގައި މިހާތަނަށް ކުރެވިފައިނެތްކަން ހިތާމައާއި އެކުފާހަގަ ކޮށްލަންޖެހެއެވެ. މިގޮތުން ގައުމީ ޓީވީ އިންނާއި އަދި އެހެނިހެންވެސް ތަފާތު މީޑިއާގެ ބޭނުން ކުރައްވައިގެން ވަރަށް ވަރުގަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ތަކެއް އަވަސް މުސްތަގްބަލެއްގައި ނުހިންގައިފިނަމަ ރާއްޖެއިން ވެލާކަހަނބުގެ އާބާދީ ކައިރިމުސްތަގްބަލެއްގައި އެއްކޮށް ހުސްވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.
ހުވަދުއަތޮޅަކީ ކައިރި މުސްތަގްބަލްގައި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ވަރުގަދަ އަތޮޅުކަމަށް ބެލެވޭ އިރު ގަމުގެ ވެލާގެ އާބާދީ މިމުހިއްމު ދަނޑިވަޅުގައި ހުސްވުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
ވެލާކަހަނބު ގަމުން ހުސްވުމުގެ ބިރު އުފެދިފައިވާއިރު މިކަމާއިބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ރޭ ގދ. އަތޮޅުމަދަރުސާގެ ހޯލުގައި ކުރިޔަށް ދިޔަ އެވެ. މިގޮތުން މިމުހިއްމު މައްސަލައާއި މެދު މި ސެޝަންގައި ބައިވެރިވި ފަރާތްތަކުގެ ވިސްނުން ސެޝަނަށްފަހު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ފެނިފައި ވެއެވެ.
އެހެންކަމުން ގައުމީ ފެންވަރުގައި މިފަދަ ޕްރޮގްރާމަތަކެއް ހިންގައިފިނަމަ ވެލާކަހަނބުގެ އާބާދީ މަޑުމަޑުން އިތުރުވާންފައްޓާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިކަމާއިމެދު އަވަސް ވިޔަވަޅުތަކެއް ނާޅައިފިނަމަ ވަރަށް ސީރިއަސް ހާލަތަކަށް މިކަންތައް ތައް ދިޔުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.



ކޮމެންޓްސް ފުނުއްވާ