ގައްދޫގައި ތިބޭ ފުލުހުންގެ ކޮއްތު ފައިސާ ނުލިބިގެން ކާންދިނުން ހުއްޓާލައިފި
މިހާހިސާބަށް ތިންމަސްދުވަހުގެ ފައިސާ ލިބިފައިނުވާކަމަށް މައުލޫމާތުލިބިފައިވޭ.
ގައްދޫޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް ކެއުމުގެ ޚިދުމަތްދެމުން ގެންދާ ފަރާތަށް ލިބެންޖެހޭ ފައިސާނުލިބިގެން އިއްޔެއިން ފެށިގެން ފުލުހުންނަށް ކާންދިނުން ހުއްޓާލައިފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ. ކެއްކުމުގެ މަސައްކަތާއި ހަވާލުވެ ހުންނެވި ފަރާތުން ގައްދޫ އޮންލައިނަށް މައުލޫމާތު ދެއްވިގޮތުގައި އެފަރާތުން ބަރާބަރަށް ބިލްހުށަހަޅަމުން ދިޔަކަމުގައި ވީނަމަވެސް މިހާހިސާބަށް 3 މަސްދުވަހު ފައިސާ ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް މިފައިސާ މިއަދުގެ ވަގުތެއްގައި ބެންކަށް ޖަމާކޮށްދޭނެކަމަށް ފުލުހުން އަންގާފައިވާ ކަމަށާއި އެހެންކަމުން ލާރި ލިބުނުހާ އަވަހަކަށް ކެއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
ކެއްކުމުގެ މަސައްކަތާއި ހަވާލުވެހުންނެވި ފަރާތުން ކެއުމުގެ ޚިދުމަތް ދިނުން ހުއްޓާލިކަން ހާމަކޮށްފައިވަނީ ގައްދޫ އެންޓަރ އެގެއިން ފިހާރައަށް މަސައްކަތާއި ހަވާލުވެހުރި ފަރާތުން ދައްކަންޖެހޭ ފައިސާތަކެއް ގިނަދުވަސްތަކެއްވީއިރުގައިވެސް ދައްކައިފައިނުވާތީ އެލާރި ހޯދުމަށް ދިޔުމުންނެވެ.
އެހެންނަމަވެސް މިމައްސަލައާއިމެދު ފުލުހުންގެ ކޮމެންޓަކަށް އެދުމުން ކެއްކުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމެއް އެފަރާތުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ގައްދޫގެ އިތުރަށް ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ކެއުމުގެ ޚިދުމަތް ދެމުން އަންނަ ފަރަތަށް ދޭންޖެހޭ 7 މަހުގެ ފައިސާ ނުދެއްކުމުގެ ސަބަބުން މި މަހުގެތެރޭގައި ވަނީ ކެއުމުގެ ޚިދުމަތް ދިނުން ހުއްޓާލާފައެވެ.



ކޮމެންޓްސް ފުނުއްވާ