ގަމުގައި ހަދަމުންދާ ފާޚާނާ ބަރީގެ މަސައްކަތާއި ދޭތެރޭގައި ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި
95660 ރުފިޔާއަށް މިމަސައްކަތް އެއް މަސްދުވަހު ތެރޭގައި ނިންމާގޮތަށް މަސައްކަތާއި ހަވާލުވެފައިވަނީ ގައްދޫ އަތިރީވިލާ މުހައްމަދު ނައީމް
އެފްއޭއޯގެ ފަރާތުން ގދ. ގައްދުއާއި ގަމުގައި ހިންގަމުންދާ ޕްރޮޖެކްޓެއް ކަމުގައިވާ "ރީޖަނަލް ޕްރޮގްރާމް ފޮރ ޕަރޓިސިޕޭޓްރީ އެންޑް އިންޓަގްރޭޓެޑް އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް ޑިވެލޮޕްމެންޓް ފޮރ ލޯންގޓަރމް ރިހެބިލިޓޭޝަން އެންޑް ޑިވެލޮޕްމެންޓް އިން ސުނާމީ އެފެކްޓެޑް އޭރިއާސް" )ރަފްޓާ) ޕްރޮޖެކްޓް ގެ ދަށުން ގދ. ގަމުގައި ހަދަމުންދާ ފާޚާނާ ބަރީގެ މަސައްކަތުގެ ފެންވަރާއި ދޭތެރޭގައި ބައެއް އާންމުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މިގޮތުން އެފަރާތްތަކުން ގައްދޫ އޮންލައިނަށް މައުލޫމާތު ދެއްވި ގޮތުގައި މަސައްކަތަށް ބޭނުންވާ ގަލުގެ ފެންވަރާއި ދޭތެރޭގައި އެމީހުން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ ކަމަށާއި ސަބަބަކީ މަސައްކަތާއި ހަވާލުވެފައިވާ ކޮންޓްރެކްޓަރ ސިމެންތި ބަސްތާއަކުން 100 އަށްވުރެ ގިނައިން ގާއަޅާފައިވާކަމަށް އެނގިފައިވާތީ ކަމަށެވެ. ނަމަވެސް ރަފްޓާ ޕްރޮޖެކްޓް މެނޭޖަރ މައުލޫމާތު ދެއްވިގޮތުގައި މިކަމަށް ބޭނުންވާ ގާ އަޅަމުންގެންދާ ނިސްބަތަކީ ކޮންމެ ސިމެންތި ބަސްތާ އަކުން 55 ގަލެވެ.
މީގެ އިތުރުން ފާޚާނާބަރިއަށް ބޭނުންވާ ފެން ރައްކާކުރުމަށް ބެހެއްޓުމަށް ހަމަޖެހިފައިވާ 1000 ލިޓަރުގެ ޓޭންކް ބެހެއްޓުމައްޓަކައި ހަދާ ސްޓްރަކްޗަރވެސް އެފަދަ ބަރުއެއްޗަކަށް އެކަށީގެން ނުވާކަމަށް ޚަބަރު ލިބިފައިވެއެވެ. މި ޓޭންކް ބެހެއްޓުމަށް ހަދަމުންދާ ސްޓްރަކްޗަރގެ ތަނބުތަކަށް ލައްވާފައިވަނީ އެންމެ 2 ދަގަނޑު ކަމަށާއި އެހެންކަމުން މިފަދަ ލޯޑެއް އެތަނބުތަކަކުން މާގިނަދުވަހަކު ހިފަހައްޓާނުލާނެކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ރަފްޓާ ޕްރޮޖެކްޓްގެ ފަރާތުން ކޮންޓްރެކްޓަރ އާއި އެކު ވެފައިވާ އެއްބަސްވުމުގައި ތަނބަށް ދަގަނޑު ލައްވަންޖެހޭ މިންވަރެއް އަދި މިކަމާއިބެހޭ ތަފްސީލް ކުރެހުމެއްވެސް ހުށަހަޅާފައި ނުވާކަމަށްވެސް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރަށް ފާޚާނާބަރިއަށް ފެންނެގުމަށްޓަކައި ބަހައްޓާފައިވާ ވަޅުގައި މަތިގަނޑެއް އަޅާގޮތަށްވެސް ހަމަޖެހިފައި ނުވާ ކަމަށާއި މިވަޅަކީ ފަޅުރަށެއްގައި ހަދާފައިވާ ވަޅެއްކަމުން މަތިގަނޑެއް ނާޅާ ބަހައްޓައިފިނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެންގަނޑު ހަޑިވެ ވަޅުގެ ބޭނުމެއް ނުކުރެވޭނެކަމަށް އެފަރާތްތަކުން ދެކެއެވެ. މިމަސައްކަތް ކޮންޓްރެކްޓަރ އާއި ހަވާލުކޮށްފައިވަނީ ގައްދޫ ޕަރޓްނަރޝިޕް ގުރޫޕާއި މަޝްވަރާކުރެވި އެފަރާތުން ބައްލެވުމަށްފަހުގައި ކަމަށްވެއެވެ.
ގަމުގައި ހަދާ ފާޚާނާބަރީގެ މަސައްކަތް 95،660 ރުފިޔާއަށް 1 މަސްދުވަހުގެ ތެރޭގައިހަދާ ނިންމާގޮތަށް މަސައްކަތާއި ހަވާލުވެފައިވާ ފަރާތަކީ ގައްދޫ އަތިރީވިލާ މުހައްމަދު ނައީމެވެ. މިފާޚާނާ ބަރީގައި ޖުމްލަ 3 ފާޚާނާ އާއި، 2 ފެންވަރާތަން އަދި ޕަމްޕް ސްޓޭޝަނެއް ހެދުމަށް ހަމަޖެހިފައި ވެއެވެ. ފާޚާނާބަރީގެ ބޮޑުމިނަކީ 21'*6.5' އެވެ.



ކޮމެންޓްސް ފުނުއްވާ