ރައީސުލް ޖުމްހޫރިއްޔާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުން އޮންނާނެ
1 މާޗްގެ ފަހުން މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހައިސިއްޔަތެއް ނޯންނާނެކަމަށް ގައުމީ ޕާޓީންވަނީ ބުނެފައި.
ގާނޫނު އަސާސީގެ 84 މާއްދާގައިވާގޮތުގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުން މާދަމާ ހެނދު 10 ޖަހާއިރު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮންނާނެއެވެ. މާދަމާގެ ޖަލްސާއަކީ 2009 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ.
7 އޮގަސްޓް 2008 ގައި އަމަލްކުރަން ފެށުނު ގާނޫން އަސާސީގެ 296 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބް 15 ފެބްރުއަރީ 2009 ގައި ބާއްވާ، 1 މާޗް 2009 (މިއަދު) ގެ ކުރިން އަލަށް އެކުލެވޭ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ބާއްވަން ޖެހޭނެކަމަށް ބުނެފައި ވީނަމަވެސް މާދަމާގެ ޖަލްސާ ކުރިއަށް ދާނީ މިހާރުގެ މަޖިލިސް ހިމެނޭ ގޮތަށެވެ.
މިމައްސަލައާއި ބެހޭގޮތުން ގާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މިދިޔަ ޖެނުއަރީ 13 ގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ގާނޫން އަސާސީގައި ބުނެފައިވާ ތާރީޚަށް އިންތިޚާބާއި ފުރަތަމަ ޖަލްސާ ބޭއްވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން މަޖިލީހަށް ލާޒިމް ކަމަށެވެ. އަދި ތާރީޚަށް އަމަލުނުކުރެވޭނެ ހަމައެކަނި އުޒުރެއްކަމަށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ގުދުރަތީ ހާދިސާއެއް ނުވަތަ ހަނގުރާމައެއް ފަދަ އިޚްތިޔާރުންބޭރުގައި ކަންތައްތަކެއް ކުރިމަތިވުމެވެ.



ކޮމެންޓްސް ފުނުއްވާ