ފުޅާދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ތޯހާ އަލީއާއި ކޮށްފައިވާ އިންޓަވިއު
ދަނޑުވެރިކަން ކުރިޔަށް ގެންދެވޭނީ ކޮމެޓީ އާއި ރަށު އޮފީހުގެ އެއްބާރުލުން ލިބިގެން- ތޯހާ
ތިރީގައި މިވަނީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެއްކަމުގައިވާ ގައްދޫ އޮޅިތިރީގެ ތޯހާ އަލީއާއި ގައްދޫ އޮންލައިންގެ ފަރާތުން ސާލިހު އަހުމަދު ކޮށްފައިވާ އިންޓަވިއު އެކެވެ.
ރާއްޖޭގައި އިގުތިސާދީ ގޮތުން ކުރަން ރަނގަޅު ކަންތައްތަކެއް ހުއްޓާ ދަނޑުވެރިކަން ޚިޔާރު ކުރީ ކީއްވެގެންތޯ؟
އަސްލުގައި ދަނޑުވެރިކަން ފަށަން މިޖެހުނީ ގައްދޫ ގައ އެފް އޭ އޯ އާއި ފިޝަރީޒް މިނިސްޓަރީ ގުޅިގެން ހިންގާ ޕްރެޖެކްޓެއްގެ ދަށުން ވަރަށް ގިނަ ބަޔަކު ދަނޑުވެރިކަމަށް ޝައުގުވެރިވީ. އޭގެފަހުގައި ދަނޑުވެރިކަން ކުރަންފެށީ. ފެށީމާ އެނގިއްޖެ މިއީ ކުރަން ރަނގަޅުކަމެއްކަން.
ދަނޑުވެރިކަމުގައި ހަރަކާތްތެރިވަނީ ތޯހާ އެކަނިތޯ؟
ފުރަތަމަ މިކަން ފެށިއިރު އިސްކޮށް އުޅުނީ ދެމީހަކު. ފީރޯޒުގެ މުހަންމަދު ހަސަނާއި އަހަރެން. މިމަސައްކަތުގެ ފުރަތަމަ އަހަރު އެއްވެސް ފައިދާއެއްނުވޭ. ނަމަވެސް ޚަރަދު ދެމީހުން އަތުންވެސް ވަނީ ހިނގާފައި. އެއްވެސް ދެކޮޅުވެރިކަމެއްނެތި މުހަންމަދު މިހާރުވަނީ ދަނޑުވެރިކަމުން ދުރައްޖެހިފައި. މިހާރު މިކަން މިކުރަނީ އަހަރެން އެކަނި.
ދަނޑުވެރިކަމުން މިހާތަނަށް ލިބިފައިވާ ފައިދާއަކީ ކޮބައިތޯ؟
މިހާތަނަށް ލިބުނު ފައިދާ މިވަގުތު ކިޔާދިނުންދަތި. ސަބަބަކީ ވަރަށްގިނަ ފަރާތްތަކުން ދޭންޖެހޭ ފައިސާތަކެއް ނުލިބި އެބަހުރި. ބައެއްތަންތަނުން 15000ރ އަނެއްބައި ތަންތަނުން 10000ރ ލިބޭން އެބަޖެހޭ. ކުރީގައި ހިނގި ޚަރަދު ކަނޑާ ފައިދާވީ ކިހާވަރެއްކަމެއް ބެލިފަކާނެތް. ދަނޑުވެރިކަމުން އާމްދަނީއެއް ލިބެންފެށީ އެއްއަހަރުފަހުން.
ދަނޑުވެރިކަން މިހާރު ކިހާވަރަކަށް ފުޅާކުރެވިއްޖެތޯ؟
ފުރަތަމަ ދަނޑުވެރިކަން ފަށައިގަތީ 5000 އަކަފޫޓުގެ ބިމެއގައި. އެކަމަކު މިހާރު ދަނޑުގެ ބޮޑުމިނަކީ 50000 ހާސް އަކަފޫޓު. ރާއްޖޭގައި ހައްދާ ވަރަށްގިނަ ބާވަތުގެ ތަރުކާރީ މިހާރު ހައްދަމުން މިދަނީ.
ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ؟
ދަނޑުވެރިކަންކުރުމުގައި ދިމާވާ އެންމެބޮޑު ދައްޗަކީ ރ. ކ. ކޮމެޓީން ނިންމާފާއޮތް އަގު. މިހާރު އަކަފޫޓަކަށް އެބަނަގާ ދެލާރި. މިހެންވުމުން ކޮންމެމަހަކު 1000ރ ދަނޑުގެ ކޫލީގެ ގޮތުގައި ދައްކަން އެބަޖެހޭ. މިކަންފެށި އިރު މިކަމަކީ މާރކެޓް އޮވެގެން ކުރިކަމެއްނޫން. މާރކެޓް މިޖެހެނީ ހޯދަން. އަދި މިތާކާއިރީގައި ރިސޯޓެއް ހުޅުވިފައި އޮތީކީއެއްނޫން. ގަސްކާނާއާއި ބޭހަށް ވަރަށްގިނަ ޚަރަދުތަކެއް ކުރަން އެބަޖެހޭ. އަދި ވިއްސާރައެއްގައި ލިބޭ ގެއްލުން 20000ރ އާއި 50000ރ ދެމެދުގެ އަދަދަކަށް އެބައަރާ. މިހިރީ ހައްތާވެސް ފޫބައްދަން ދަތި ކަންތައްތައް.
މުސްތަގުބަލުގައި ދަނޑުވެރިކަން ފުޅާކުރުމަށް ޚިޔާލު ކުރެވިފައިވޭތޯ؟
މުސްތަގުބަލުގައި ދަނޑުވެރިކަން ފުޅާކުރުމަށް ޚިޔާލު ކުރެވިފައިވަނީ. އެކަމަކު ރަށު ކޮމެޓީއާއި ރަށު އޮފީހުން މިހާރު މިއޮތްގޮތަށްވުރެ ލުއި ގޮތެއް ރާއްވަވައިދެއްވައިފިއްޔާ މިކަންތައް ރަނގަޅަށް ކުރެވޭނީ.
ސަރުކާރުން ލުއި ލޯން ދޫކުރައްވާނަމަ ދަނޑުވެރިކަމުގެ އެހެންވައްތަރެއްގެ ދަނޑުވެރިކަމެއް(މިދެންނެވީ ހައިޑްރޯފޯނިކްސް ފަދަ) ކުރިޔަށް ގެންދަން ޚިޔާލު ކުރެވިފައިވޭތޯ؟
ހައިޑްރޯފޯނިކްސް ގެ މަސައްކަތް މިހާރުވެސް ކުރިޔަށް އެބަގެންދަން. މިއީ އަދި ހަމަ ދަސްކުރާ މަސައްކަތެއް. މިކަމުން ރަނގަޅު ތަޖުރިބާއެއް ލިބިއްޖެއްޔާ ގަމުގައިވެސް މިމަސައްކަތް ކުރިޔަށް ގެންދަން ރޭވިފައި އޮތީ.
މާރކެޓް ހޯދުމުގައި ދިމާވާ ދަތިތަކަކީ ކޮބާ؟
މާރކެޓް ލިބުމުގައި ދިމާވާ ދަތިތަކަކީ މިހާރު އެންމެ ބޮޑު މާކެޓެއް އޮތީ މާލޭގައި ކަމަށްވެފައި ދަތުރު ފަތުރު އޮންނަގޮތުން ބޯޓުފަހަރަށް ނާދެވި 15، ނުވަތަ 20 ދުވަސް އެބަދޭ. ކޮންމެ ދުވަހަކުވެސް ދަނޑުން މިރުސް ކިއުކަމްބާ ކަނޑަން އެބަޖެހޭ. މިހެން ދިމާވުމުން މާލެއަށްވެސް މާކެޓްކުރުމުގައި ދަތިތަކެއް އެބަހުރި. ރަށުގެ މާކެޓް ވަރަށްދަށް. ހަފްތާކު 10 ކިލޯ ތަރުކާރީ ރަށަށް ނުވިކޭ. މިހެންވުމުން ބައެއްފަހަރު މިއެއްޗެހި އެބަޖެހޭ އުކާލަން. މިތާކައިރީގައި ހަދަމުންދާ ރިސޯޓްތަކަށްވެސް ތަރުކާރީ ގެންދަން އެބަބޭނުންވޭ. އެކަމަކު ދެވޭނީވެސް ވަކިވަރަކަށް. މިހާރުވެސް މިތާގެކައިރި 3 ރިސޯޓަކަށް ތަރުކާރީ ގެންގޮސްފާ އެބަވޭ. މިހާރު ފައިސާ ނުދޭތާ 6 މަސްވެއްޖެ. މާރކެޓް ކުރުމުގައި ދިމާވާ އެންމެބޮޑު ހުރަހަކީ މިއީ.
މިހާރު ހައްދަމުންގެންދާ ދަނޑުތައް ފިޔަވައި އިތުރު ދަނޑެއް ނަގަން ޚިޔާލުކުރަންތޯ؟
އިތުރު ދަނޑެއްވެސް ހައްދަން އެބަ ޚިޔާލު ކުރެވޭ. އެކަމަކު މިހާރުވެސް އޮންނާނެ ރަށު އޮފީހަށް ސިޓީއެއްލާފައި. މިކަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށް މަގުފަހި ކޮށްދިނުމަށް އެސިޓީގައި އެދިފާ އޮންނާނީ. އެހެންމިބުނީ މިހާރުވެސް ދަނޑުވެރިންނާއެކު އެބައޮތް އެގްރީމެންޓް ހެދިފައި. ކޮންމެ މަހަކުވެސް 1000 ރުފިޔާ ދައްކަން. އެއާއެކު ހަމަ އެ އެގްރީމެންޓްގައި އެބައޮތް ދަނޑުވެރިންނަށް ގުދުރަތީ ގޮތުން ލިބޭ ގެއލުންތަކަށް ބަދަލުހޯދާދިނުމަށް މިނިސްޓްރީ އާއި ނުވަތަ އެނޫންވެސް ތަންތަނާއި ގުޅާއިގެން ބަދަލު ހޯދާދިނުމަށް މަސައްކަތް ކޮށްދޭނެކަމަށް. މިދިޔަ އަހަރު ކުރި ވިއްސާރާގައި އަހަރުމެންގެ މިރުސް ދަނޑަކާއި، 70 ގަހުގެ ފަޅޯ ދަނޑެއް، އަދި ކޮންމެވެސް ވަރަކަށް ބަށި ގަސް ހަލާކުވެގެން ދިޔަ. މިކަމާއި ގުޅިގެންވެސް ރަށު އޮފީހަށް ވާނީ ސިޓީއެއް ލިޔެފައި. އެލިބުނު ގެއްލުމުގެ އަގު 50000 ރުފިޔާ އަށްވުރެ އިތުރުވާނެ. ރަށު އޮފީހުން އެލިބުނު ގެއްލުންތައް ބެލި. އޮފީހުން ވިދާޅުވީ " ފިޝަރީޒް މިނިސްޓްރީ އަށް ވާނީ ސިޓީ ފޮނުވާފައޭ." ނަމަވެސް އެސިޓީހޯދަން އަހަރެއން ދިޔާމާ އެސިޓީއެއް ނުދެއްކި. ދަތިތަކާ އެކުވެސް ދަނޑުވެރިކަން ކުރެވޭނެ. މިއީވެސް ވަރަށް ހެއްވާކަމެއް. އޮޅުއަލަ ދަނޑަކުން މިހާރު އެއްވެސް އެއްޗެއް ނުނަގާ. އަހަރުމެންގެ އަތުން މިނަގާ 2 ލާރީގެ ބަދަލުގައި 1 ލާރި ނަގައިފިނަމަ އެއީ ވަރަށް ބޮޑު ލުޔަކަށް ވާނެ. އަހަރުނެންވެސް ގަބޫލް ކުރަން ކޮންމެވެސް އެއްޗެއް ނަގަން އެބަޖެހޭ. އެއްޗެއް ނަގައިގެން މިކަން ކުރެވޭނީވެސް. ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިޔަށް ގެންދެވޭނީ މިނަގާ އަގު ކުޑަކޮށްފާ ގިނަމީހުންނަށް ފުރުސަތު ދީގެން. އެހެން ވެއްޖެނަމަ ގިނަމީހުން މިކަން ކުރާހިތުން ކުރާނެ. އޮޅުއަލަ ހައްދާ މީހުން އެމީހުންގެ ދަނޑުތަކުގާ ކޮންމެ އެއްޗެއް ހައްދާއިގެން ވިއްކިއަސް އެމީހުން އަތުން އެންމެ ލާރި އެއްވެސް ނުނަގާ. އެއާއި ޚިލާފަށް އަހަރުމެންގެ ދަނޑުތަކުން ކުލި ނަގަން މިޖެހެނީ. ކޮމެޓީ އާއި ރަށު އޮފީހުން ދަނޑުވެރިންނަށް އެއްބާރުލުން ދޭނަމަ ދަޑުވެރިކަން ކުރިޔަށް ގެންދެވޭ.
އެންމެބޮޑު ދައްޗަކަށް މިވަނީ ކަންތައްތައް ނިންމާއިރު ކޮމެޓީ އާއި އޮފީހުން ވިސްނާފަކާނޫން ނިންމަނީކީ. ދަނޑުތައް ފެށިއިރު ވަރަށް ގިނަކަންތައްތައް ކޮށްދޭން ބުނެފައިވޭ. އެކަމަކު ލިޔެކިޔުމުން އެއިން ކަމެއް ފެންނަންނެތީމާ އެއިންކަމެއް ފެންނާކަށް ނޯވޭ. އަދި އެހީތެރިކަމެއްވެސް ނުލިބޭ. ކުރިން މިދެންނެވި ގޮތަށް އޮޅުއަލަ ދަނޑުން ބަންޑާރަބައި ކަނޑާލިގޮތަށް ތަރުކާރީ ދަނޑު ހައްދާމީހުން އަތުންވެސް 1 ލާރި ކަނޑާލިނަމަ ރަނގަޅުވީސް. ގައްދޫގައި އޮޅުއަލަ ހައްދާ 50 މީހުން އެބައުޅޭ. މަހެއްގެ މައްޗަށް 100000 ރުފިޔާ އެމީހުންނަށް އެބަލިބޭ. ނަމަވެސް ތަރުކާރީ ހައްދަން 10 ވަރަކަށްމީހުން ދަނޑުނެގި. އެކަމަކު ދަނޑު ހައްދަނީ ޖުމްލަ 3 މީހުން. 50 މީހުންގެ ދަނޑުތަކުން އެއްވެސް ބެލުމެއްނެތި ކުލި ކަނޑާލީ. ތަރުކާރީ ހައްދާ 3 މީހުން އަތުން މަހަކަށް މިލިބެނީ 3000 ރުފިޔާ. މި 3000 ރުފިޔާއިން ގަމުގެ ވަރުވާދައްކާފައި އަދި އިތުރު ކަންތައްތައް ކުރަން މިއުޅެނީ. އެއްބައެއްގެ އަތުން ކުލި ކަނޑާފައި އަނެއްބައެއްގެ އަތުން ކުލި ނެގުން މިއީ އިންސާފެއްތޯ؟. މީގެ ޖަވާބުގައި ކަތީބު ވިދާޅުވީ އޮޅުއަލަ ދަނޑު ތަކަކީ ޒަމާނުއްސުރެ ގައްދޫގެ ރައްޔަތުން ކުރަމުންދާ މަސައްކަތަކަށްވުމުން އެމީހުން އަތުން ނަގާ ކުލި ކަނޑާލީކަމަށް. ލިބުނު ގެއްލުން ބަޔާންކޮށް މިހާރު ސިޓީއެއް ލިޔެފަ އޮންނަތާ 3 މަސްވެއްޖެ. އަދިވެސް އެމީހުންނަކަށް ޖަވާބެއް ނުދެވޭ. ޖަވާބު ހޯދަން ދިޔާމަ އެންމެ ފުރަތަމަވެސް ބުނުއްވީ ދަނޑަށް ފައިސާ ދައްކައިފިންހެއްޔޭ؟ އަހަރެން ދެންނެވިން ސިޓީއެއް ލާފައި އޮންނާނެއޭ މިއަށް ޖަވާބެއް ދީބަލާށޭ. މިހެންބުނުމުން އެމީހުންގެ ތެރޭ ޒުވާބެއް އުފެދި އަދިވެސް އެކަމެއްވަނީ ނުނިމި. ދެން މިހާރުވިދާޅުވާ އެއްޗަކީ ފިޝަރީޒް މިނިސްޓަރީން އެބަ ބާރުރު އަޅުއްވަޔޭ ތަރުކާރީ ދަނޑުތަކުން ވަކިއަދަދަކަށް ލާރިނަގަން. އަހަރެން މިނިސްޓްރީ އާއި ގުޅުމުން މިނިސްޓްރީން ވިދާޅުވީ ދަނޑުތަކުގެ އަގު ކުޑަކުރުމުގެ އިޚުތިޔާރު ލިބިފައިވަނީ ކޮމެޓީ އަށޭ. އެކަމަކު ކޮންމެވެސް އެއްޗެއް ލިބެންޖެހޭނެ. 10000 އަކަފޫޓުގެ ދަނޑެއް ކޮށާ ސާފު މިކުރެވެނީ 3 މަސްދުވަހުން. 50000 ހާސް އަކަފޫޓުގެ ދަ ކޮށާ ސާފު ކުރެވޭނީ 1 އަހަރު ދުވަހުން. އެކަމަކު ގްރެސް ޕީރިއަޑަކީ 6 މަސްދުވަސް. ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރަން ބޭނުންނަމަ މިހާރަށްވުރެ އިތުރަށް ކޮމެޓީއާއި ރަށު އޮފީހުގެ އެއްބާރުލުން ދީގެން ނޫނީ މިކަންތައް ކުރިޔަށް ގެންދެވިދާނެ ކަމެއްކަމަކަށް ނުފެނޭ.



ރަޓަށް ބީރައްޓެއްސަކުން އަރެއި ރަޓު ތަރައްގީ އައް ކަމެކެ ކޮއްދެން ނަޓެ ވޮންޑި އަސް ،ގައްދޫ އިސް ކޮޓެ ތިބެނެ މީހެންނަޓެ ނުވެގެއި އެކަމާ ބަލެއި ގަންނާޓެ.....ހަމަ ބޮނެންނޯ ފުޓްބޯޅަ ދަޑެކޭ ގަމުދަޑަކޭ ޑިފެންސް ކެރަންނަޓެ ހަމަ އެއްވަނަ......................
ކޮމެންޓްސް ފުނުއްވާ