ޓީޗަރުންގެ ޓާގެޓަކަށްވާން ޖެހޭނީ މަދުވެގެން 40% ކުދިން ފާސްވުން- އެޑިއުކޭޝަން މިނިސްޓަރ
ބައްދަލުވުމުގައި ސްކޫލްމެނޭޖްމެންޓާއި، ޕީޓީއޭ އަދި އާންމުންގެ ބައެއް ސުވާލުތަކަށް މިނިސްޓަރ ޖަވާބުދެއްވި.
ޓީޗަރުންގެ ޓާގެޓަކަށް ވާން ޖެހޭނީ މަދުވެގެން 40% ކުދިން ފާސްވުން ކަމަށާއި ޓީޗަރުންނަށް ތައުލީމީ ބަޖެޓުގެ ބޮޑުބައެއް ހޭދަކުރުމުގެ ބޭނުމަކީވެސް ކުދިންނަށް ރަނގަޅު ތައުލީމެއް ދިނުންކަމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވިރު ގދ. އަތޮޅުމަދަރުސާގެ ހޯލްގައި ސްކޫލްގެ ޕީޓީއޭ އާއި އަދި އާންމުންގެ ބައެއް ފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވިގޮތުގައި ތައުލީމީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ރަނގަޅުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަންތައްތަކަކީ ހަމަ ކުއްލިއަކަށް ރަނގަޅުކުރެވޭނެ ކަންތައްތަކެއް ނޫންކަމަށާއި އެކަމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޕީޓީއޭގެ ފަރާތުންނާއި ސްކޫލްގެ މެނޭޖްމެންޓުގެ ފަރާތުން ސްކޫލްގައި މިވަގުތު ހުރި ބައެއް ދަތިތަކާއިބެހޭގޮތުންނާއި އަދި އެފަރާތްތަކަށް ދިމާވެފައިވާ ބައެއް މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ. މިގޮތުން ސްކޫލްގެ ލައިބްރަރީއާއި، ކޮމްޕިއުޓަރ ލެބާއި އަދި ފާޚާނާގެ ދަތިކަމުގެ މައްސަލަ މިނިސްޓަރަށް ދެންނެވިއެވެ.
ސްކޫލަށް ސްޕަވައިޒަރުން ބޭނުންވާކަމަށް ސްކޫލްގެ ފަރާތުން ދެންނެވުމުން މިނިސްޓަރ ވިދާޅުވިގޮތުގައި ސަރުކާރުގެ މިހާރުގެ ޕޮލިސީއަކީ ސްކޫލްތަކުގައި ސުޕަވައިޒަރުން ނުބޭތިއްބުން ކަމަށެވެ. ސުޕަވައިޒަރުންގެ ބަދަލުގައި ލީޑިން ޓީޗަރސް ކިޔާ ބަޔަކު ހޮއްވަވާނެކަމަށާއި އެމީހުންނަށްވެސް ތިބެވޭނީ ކަނޑައެޅިފައިވާ ޓާމެއް ހަމަވަންދެން ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ފަހުން އަނެއްކާވެސް އެފަރާތްތަކުން ޖެހޭނީ އެކަމަށް އެދެންކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި އާންމުންގެ ބައެއް ފަރާތްތަކުން ހުށަހެޅި ސުވާލުތަކަށްވެސް މިނިސްޓަރ ޖަވާބު ދެއްވިއެވެ.



ކޮމެންޓްސް ފުނުއްވާ