ގަމުގެ ކާނުތައް ރަނގަޅުފެންވަރެއްގައި ހަދާގޮތަށް ހަމަޖެހިއްޖެ.
ގަމުގައި މިހާރު ހުރި ކާނުތައްވަނީ ފަސްލެވި ބޭނުންނުކުރެވޭގޮތް ވެފައި.
ގދ. ގަމުގައި ޒަމާނުއްސުރެން ފެށިގެން ހައްދަމުންދާ އޮޅުއަލަ ދަނޑުތަކުން ފެންބޭރުކުރުމަށް ޓަކައި ކާނު ތަކެއް ހަދާގޮތަށް ހަމަޖެހިއްޖެއެވެ. މިކާނުތައް ހެދުމަށް ހަމަޖެހިފައިވަނީ ކޮންކްރީޓުންނެވެ. ގަމުގައި ހެދުމަށް ހަމަޖެހިފައިވާ ކާނުތައް ޑިޒައިންކޮށްފައިވަނީ ޏ. ފޯއްމުލަކުގެ އަލަ ދަނޑުތަކުން ފެންބޭރުކުރުމަށް ހަދާދައިވާ ކާނުތަކާއި ދާދި އެއްގޮތަކަށެވެ. ގަމުގައި މިހާރުވެސް ދަނޑުތަކުން ފެންބޭރުކުރުމަށްޓަކައި ކާނުތަކެއް ހަދާފައިވެއެވެ. ނަމަވެސް މިކާނުތަކަކީ ހަމައެކަނި ކޮނެގެން ހަދާފައިވާ ކާނުތަކެއް ކަމުން މިކާނުތައް ނުބެލެހެއްޓި ގިނަދުވަސް ތަކެއް ވުމުގެ ސަބަބުންވަނީ ފަސްލެވި ބޭނުންނުކުރެވޭގޮތްވެފައެވެ. މިކާނުތައް ފަރުމާ ކޮށްފައިވަނީ ދަނޑުތަކުގައި އުފެދޭ ފެންތައް ކަނޑަށް ބޭރުވާ ގޮތަށް ކަމުގެ ސަބަބުން ކާނުތައް އިތުރަށް ނުބަލަހައްޓަނީ ރަށުގެ މީރު ފެން ކަނޑަށް ބޭރުކުރަން ދަނޑުވެރިން ބޭނުންނުވާތީކަމަށްވެސް ދަނޑުވެރިން މައުލޫމާތު ދެއްވާފައިވެއެވެ.
އަލަށް ގަމުގައި ހަދާ ކާނުތައް ޑިޒައިން ކުރުމަށްޓަކައި މިކަމާއިބެހޭ ކޮންސަލްޓެންޓާއި ގައްދޫގެ ދަނޑުވެރިންނާއި ރަށްކުރިއަރުވާ ކޮމިޓީއާއި އަދި ގައްދޫ ޕަރޓްނަރޝިޕް ގްރޫޕާއި ދެމެދު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. މިގޮތުން މިކާނުތައް ޑިޒައިން ކޮށްފައިވަނީ ފެންތައް ކަނޑަށް ބޭރުކޮށްލުމުގެ ބަދަލުގައި ދަނޑުތަކުގައި ބޮޑުވާ ފެންތައް ރަށުގެ ފަސްގަނޑަށް ހިންދާލެވޭނެ ގޮތަކަށެވެ.
ގަމުގައި ހެދުމަށް އެންމެ ރަނގަޅު ޑިޒައިނެއް ކަނޑައެޅުމުގެ ގޮތުން މިކަމާއިބެހޭ ބައެއް މައުލޫމާތުތައް ހޯދާލުމަށްޓަކައި ގައްދޫ ޕަރޓްނަރޝިޕް ގްރޫޕާއި ގައްދޫގެ ބައެއް ދަނޑުވެރިންވަނީ ފޯއްމުލަކަށް ގޮސް އެރަށުގެ ކާނުތައް ބަލައި އަދި ރަށުގެ ވެރިންނާއި، ދަނޑުވެރިންގެ ޚިޔާލުތައްވެސް ހޯދައިފައެވެ.
ގަމުގައި އަލަ ހެއްދަމުންދަނީ މައިގަނޑު ތިން ސަރަހައްދެއްގައެވެ. އެއީ "ހުޓުވަރުމައްތާ"، "ގަލެކޮނޑިޔާ" އަދި "ކަޓެމައްތާ" ގައެވެ. މިތިން ސަރަހައްދުގެ ތެރެއިން ކޮންމެ ސަރަހައްދެއްގައިވެސް ތިން ދިމާލަކުން މިކާނުތަކާއި ގުޅާލުމަށް ހަމަޖެހިފައިވެއެވެ. މިގޮތަށް ނިންމާފައިވަނީވެސް ގައްދޫ ރަށްކުރިއަރުވާ ކޮމިޓީއާއި އަދި ދަނޑުވެރިންނާއި މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.



ކޮމެންޓްސް ފުނުއްވާ