ހުރިހާވެސް މައްސަލައަކީ ރައްޔިތުންގެ އުފަލުން މަހުރޫމް ކުރުމަށް ވެރިން މަސައްކަތް ކުރުން- ޒާހިރު އާދަމް
ޒާހިރު މިހެން ވިދާޅުވެފައިވަނީ ނޫރާނީގޭގައި ރޭގައި ބޭއްވި ޖަލްސާއެއްގައިވާހަކަ ދައްކަވަމުން.
ގައްދޫގައި ޒާހިރު އާދަމް އެޅުމަށް ބޭނުންވާ މިސްކިތް ނޭޅި ލަސްވަމުންދަނީ އެކަމަށް ބޭނުންވާ ބިން ސަރުކާރުންނާއި ރަށުއޮފީހުން ހަމަޖައްސައި ނުދިނުމުން ކަމަށާއި މިފަދަ މައްސަލަތައް ދިމާވަމުންދަނީ ވެރިން ރައްޔިތުންނަށް އިހްތިރާމް ނުކޮށް ރައްޔިތުންގެ އުފަލުން އެމީހުން މަހުރޫމް ކުރުމަށް މަސައްކަތްތައް ކުރަމުންދާތީކަމަށް ގދ. އަތޮޅުގެ އިއްޒަތްތެރި މެމްބަރ ޒާހިރު އާދަމް ވިދާޅުވެއްޖެއެވެ.
ޒާހިރު އާދަމް މިހެން ވިދާޅުވީ ރޭ ގައްދޫ ނޫރާނީގޭގައި އޭނާގެ ކެމްޕޭން ލޯންޗްކުރުމަށާއި ގދ. ގެ ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތަކާއި ބެހޭ ރިޕޯޓް ނެރެދެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. ޒާހިރުމިބައްދަލުވުމުގައި އިތުރަށް ތަފްސީލްކޮށްދެއްވަމުން ވިދާޅުވިގޮތުގައި އޭނާ ގައްދޫގައި 1000 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް 2007 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގައި މިސްކިތުގެ ކުރެހުމާއި އެކު ފޮނުވާފައިވާނެކަމަށެވެ. އޭގެ ފަހުން މިސްކިތުގެ ފްލޯޕްލޭނެއް ފޮނުވައިދިނުމަށް ގައްދޫ އޮފީހުގެ ފަރާތުން އެދުމުން އެޕްލޭންތައްވެސް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެކަމަށާއި މިކަމާއި ބެހޭގޮތުން ރަށު އޮފީހުން އެންމެ ފަހުން ޖަވާބު ދީފައިވަނީ ބިމުގެ ކަންތައް އަވަސް ކުރުމަށް އަތޮޅު އޮފީހުގައި ދަންނަވާފައިވާނެ ކަމަށެވެ. މި ޖަވާބު ލިބިފައި ވަނީވެސް މިކަމާއި ބެހޭ ގޮތުން ކަމާއިބެހޭ އެކި އެކި މުއައްސަސާތަކަށް އެތައް ފަހަރަކު ފޯނުން ގުޅުމަށްފަހުގައި 2008 ގެ ފެބްރުއަރީ މަހުގެތެރޭގައި ކަމަށްވެސް މި ޖަލްސާގައި ޒާހިރު ވިދާޅުވެފައިވެއެވެ.
މިޖަލްސާ ކުރިއަށް ގެންދަވަމުން ޒާހިރު އިތުރަށް ވިދާޅުވިގޮތުގައި އޭނާ ގދ ގެ ރައްޔިތުންނާއި ދިމާލަށް ކަލަ ގޮވައިފިކަމަށް ބައެއް ނޫސްތަކުގައްޔާއި ވެބް ސައިޓްތަކުގައާއި އަދި ފާރުތަކުގައި ލިޔަމުންދާކަމަށާއި އެހެންނަމަވެސް އެފަދަ ފަރާތްތައް އެގޮތަށް ވާހަކަ ދައްކަމުންދަނީ ކަމުގެ ހަގީގަތް ބަލަންވާވަރަށް ނުބަލާތިބެގެން ކަމުގައެވެ. ޒާހިރު އާދަމް ދުވަހަކުވެސް މީހަކާއި ދިމާލަށް ކަލަ ގޮވާފައި ނޯންނާނެ ކަމަށާއި އަދި މުސްތަގްބަލުގައި ވެސް އެއްވެސް މީހަކާއި ދިމާލަށް އެމީހަކު ދެރަވެ އިސްޖެހޭކަހަލަ ވާހަކައެއް ނުބުނާނެކަމަށްވިދާޅުވިއެވެ. ހަމަ މިއާއެކު ކެމްޕޭނުގައި ޒާހިރުގެއަށް ވަޑައިގެން މަސައްކަތްކޮށްދެއްވާ މީހުންގެ ސަޔަށް ދޭ 30 ރުފިޔާއާއި މެދުގައިވެސް މިފަދަ ވަސީލަތްތަކުގައި ފާޑު ފާޑުގެ ވާހަކަ ފަތުރަމުންދާކަމަށާއި އެހެންނަމަވެސް އެކަމާއި މެދު އެއްގޮތަކަށްވެސް ވިސްނާ ވަޑައި ނުގެންނެވުމަށާއި ޒާހިރުގެ އަތުގައި ހުރި ފައިސާއަކީ ތިޔައެންމެ ބޭފުޅުންގެ އެއްޗެއް ކަމަށް މިއަދުން ފެށިގެން ބަލައިގަތުމަށް ބައިވެރިންނާއި މުޚާތަބުކޮށްއޭނާ ވިދާޅުވިއެވެ.
އަދި ހަމަ އެއާއި އެކު ރައްޔިތުންގެ އިޖްތިމާއީ އަދި އުމްރާނީ ކަންތައްތައް ކުރުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށާއި އެރިޕޯޓްގެ 3 ވަނަ ޗެޕްޓަރުގައާއި 4 ވަނަ ޗެޕްޓަރގައި އެކަން އެނގެން އޮންނާނެކަމަށެވެ. އެހެންނަމަވެސް މި ވޭތުވެ ދިޔަ 4 އަހަރުގެ ތެރޭގައި އުޅެންޖެހިފައި ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި ރެއާއި ދުވާލު ވަރަށް ބުރަކޮށް ކަމަށާއި އެހެންކަމުން އެދުވަސްވަރަކީ އެފަދަ ކަންކަން ކުރުމަށް މަގު ތަނަވަސް ވެގެން ދިޔަ ދުވަސްވަރެއް ނޫންކަމަށެވެ. މެމްބަރުން ކުރެއްވި މި ބުރަ މަސައްކަތުން ހެދިފައިވަނީ ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ރަނގަޅު ގާނޫނު އަސާސީއެއް ކަމަށާއި އެހެންކަމުން އެގާނޫ އަސާސީ ހެދުމުގައި ޒާހިރު ޝާމިލްވެފައިވާވަރުވެސް ކުޑައެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ގަބޫލު ކުރުމާއި ނުކުރުމަކީ ރައްޔިތުންގެ ކިބައިގައި އޮތް ކަމެއް ކަމަށް ޒާހިރު މި ބައްދަލުވުމުގައި ވިދާޅުވިއެވެ. މިގޮތަށް ޒާހިރު ވިދާޅުވިނަމަވެސް 2007 ވަނަ އަހަރުގެ ހާޒިރީ ރިޕޯޓްގައި ޒާހިރަކީ ތިންވަނަ އަށް އެންމެ މަދުން މަޖިލިސްގެ ޖަލްސާއަށް ހާޒިރުވި ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވެއެވެ.
މިޖަލްސާގައި ގައްދުއާއި ވާދޫގެ ގާތްގަނޑަކަށް 200 މީހުން ބައިވެރިވެފައިވެއެވެ. ކުރީގެ ދައުރާއި ޚިލާފަށް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަކަށް އިޚްލާސްތެރި ވޯޓަކުން ރައްޔިތުން ޒާހިރު ހޮއްވަވައިފިނަމަ ކޮށްދޭނޭ ކަންތަކެއް މިޖަލްސާގައި ހާމަކޮށްދީފައެއް ނުވެއެވެ. ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ ބައެއް ސުވާލުތަކަށް ޒާހިރު ޖަވާބުދެއްވެވިއެވެ.



ކޮމެންޓްސް ފުނުއްވާ