އާތް އަވާ 2009 ފާހަގަކުރުމުގެ ގޮތުން ގދ.އަތޮޅު މަދަރަސާއިން އިސްނަގައިގެން ހިނގާލުމެއް ބާއްވާއިފި
މިހިނގާލުމުގައި ގިނައިން ބައިވެރި ވެފައިވަނީ ސްކައުޓުން ނާއި ގައިޑު ކުދިން
އާތް އަވާ 2009 ފާހަގަ ކުރުމުގެ ގޮތުން ސްކޫލުގެ ފަރާތުން ހިނގާލުމެއް ހޮނިހިރު ދުވަހު ހަވީރު 4:30 ގައި ގައްދޫގެ ބޮޑެތި މަގުތަކުގައި ބާއްވާއިފިއެވެ.. މި ހިނގާލުމުގައި މައިގަނޑު ގޮތެއްގައި ބައިވެރިވެފައިވަނީ މިމަދަރަސާގެ ސްކައުޓް ކުދިންނާއި ގައިޑު ކުދިންގެ އިތުރުން މިމަދަރަސާގެ ސްޓާފުންނެވެ.
މި އަހަރުގެ އާތު އަވާ ފާހަގަކުރުމަށް ރާއްޖޭގައި ހިންގާ ޕްރޮގްރާމާއި ގުޅުވައިގެން ހޮނިހިރުދުވަހުގެ ހަވީރު 4:00 ން މެންދަމު 12:00 ށް ފައިމަގުގައި އުޅޭގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން މުޅި ގައްދޫ އަށް މެގަފޯނު މެދުވެރިކޮށް މިކަންވަނީ އަންގަވާފައެވެ. އެންވަޔަރްމެންޓް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ މެދު މީހުން ހޭލުންތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "އާތު އަވާ" އާއި ގުޅުވައިގެން ހޮނިހިރު ދުވަހުގެ އަށްގަޑިއިރު ފައިމަގުގައި އުޅޭގޮތަށްވަނީ ނިންމާފައިކަމަށެވެ.
ސްޓެލްކޯގެފަރާތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެއްގަޑިއިރުގެ މިންވަރަށް ކަރަންޓް ބޭނުންކުރުން މަދުކޮށްފިނަމަ މިކަމުގެ ސަބަބުން 2000 ކިލޯގެ ކާބަން ޖައްވުގެ ތެރެއަށް ބޭރުވިޔަނުދީ ހިފެހެއްޓޭނެކަމަށެވެ. އެކުންފުނީގެ އިންޖިނިއަރ އިބުރާހިމް ރައޫފް ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ގޮތުގައި އާތު އަވާ ފާހަގަ ކުރުމުގެ ގޮތުން ހޮނިހިރުދުވަހުގެ ރޭ ފާހަގަކުރާ އެއްގަޑިއިރުގެ ތެރޭގައި ކަރަންޓް ބޭނުންކުރުން މަދުކޮށްފިނަމަ 10،000 ލީޓަރުގެ ތެޔޮ ސަލާމަތްކުރެވިދާނެ ކަމަށެވެ.
"މިކަމަށް އަޅުގަނޑުމެން އެންމެންގެ އެއްބާރުލުން ބޭނުންވޭ އަދި އެކަމަށް ވީހާވެސް ބޮޑަށް ރައްޔަތުން ހޭލުންތެރިކުރަން މަސައްކަތްކުރަން އެބަޖެހޭ" އޭނާ ވިދާޅުވިއެވެ. ރައޫފް އިތުރަށް ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި ހުންނަ އެކުންފުނީގެ 27 އިންޖީނުގެއިން ދުވާލަކު 46،400 ކިލޯގުރާމުގެ ކާބަން ޖައްވުގެ ތެރެއަށް ބޭރުވާކަމަށާއި އަދި އެ އިންޖީނުތަކުން ދުވާލަކު 166،000 ލީޓަރުގެ ތެޔޮ އަނދާ ކަމަށެވެ.
ސަރުކާރުން ދެންނެވި ދެންނެވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ގައްދޫގެ ވަރަށް ގިނަގޭ ގެއިން މިރޭ 08:30 އިން ފެށިގެން 09:30 އާއި ދެމެދު ކަރަންޓްގެ ބޭނުންކުރުން ވަރަށްބޮޑަށް މަދުކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދުތައް ދުއްވުން މަނާ ގަޑިތަކުގައިވެސް ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލެއްވުމެއް މިކަމަށްޓަކައި ލިބިފައިވެއެވެ. ގައްދޫގެ މިހިނގާލުމުގައި ބައިވެރިވި ސްކައުޓް ކުދިން ގައުމީ ދިދަ އާއި ސްކައުޓް ދިދައިގެ އިތުރުން އާތް އަވާ 2009 ޖަހާފައިވާ ބެނާތަކާއި އަދި އޭގެ އިތުރުން ގައިޑް ކުދިން ތަފާތު އިބާރާތްތައް ލިޔެފައިވާ ޕޯސްޓަރުތައް ގެންގުޅެފައިވެއެވެ. ހަމައެއާއިއެކު އެޕޯސްޓަރު ތަކުގައިވާ މެސެޖް ތައް މެގަފޯން މެދުވެރިކޮށް ރައްޔަތުންނަށް އިއްވަމުންވެސް ގެންދެވިއެވެ. 05:30 ގައި ނިމުނު މި ހިނގާލުމުގައި ބައިވެރިވި ސްކައުޓް، ގައިޑް ، ޓީޗަރުން، އަދި އެންމެހާ ސްޓާފުން މި ހިނގާލުމަށް ދެއްވި ތަރުހީބަށް ޓަކައި ސްކޫލުގެ ޕްރިންސިޕަލް ފާތުމަތު ސައީދު ވަރަށް ޚާއްސަ ޝުކުރެއް އެބޭފުޅުންނަށް ދެންނެވިއެވެ.



ކޮމެންޓްސް ފުނުއްވާ